އަރަބި އިސްލާމީ ތައުލީމު ދިނުމުގައި އަޒްހަރުގެ ހިއްސާ ބޮޑު: އެޑިއުކޭޝަން މިނިސްޓަރ

އަޒްހަރު ޔުނިވާސިޓީގެ ޓީޗަރުންނާ ބައްދަލުކުރުމަށް މިއަދު ބޭއްވި ރަސްމިްޔާތުގެ ތެރެއިން-- ފޮޓޯ: އެޑިއުކޭޝަން މިނިސްޓްރީ

ރާއްޖޭގައި އަރަބި އިސްލާމީ ތައުލީމު ފުޅާކުރުމުގައި މިސްރުގެ އަޒްހަރު ޔުނިވަސިޓީގެ ހިއްސާ ވަރަށް ބޮޑު ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު ޝިހާމް ވިދާޅުވެއްޖެއެވެ.

މިސްރުގެ އަޒުހަރު ޔުނިވާސިޓީން މިއަހަރު ރާއްޖެއަށް ފޮނުވި 14 މުދައްރިސުންނާ އެކު މިއަދު މެންދުރު ބޭއްވި ބައްދަލުވުމެއްގައި މިނިސްޓަރު ޑރ. އައިޝަތު ޝިހާމް ވިދާޅުވީ ރާއްޖޭގައި އަރަބި އަދި އިސްލާމް ކިޔަވައިދިނުން ފުޅާކުރުމުގައި އަޒްހަރު ޔުނިވާސިޓީން ވަރަށް ބޮޑަށް އެހީތެރިވެދޭ ކަމަށެވެ.

"ރާއްޖޭގެ އިސްލާމީ ތައުލީމް ފުޅާކުރެއްވުމުގައި އަޅުގަނޑުމެންނަށް ވަރަށް ބޮޑެތި އެހީތަކެއް ވެދެއްވާ. އޭގެތެރޭގައި ރާއްޖޭގެ އުތުރާއި ދެކުނުގައި އަރަބި ތައުލީމު ފޯރުކޮށްދޭ ދެ ސްކޫލެއް އަޅުގަނޑުމެންގެ ބެލުމުގެ ދަށުން ހިންގާއިރު އެތަނުގެ ކަންތައްތައްތަކަށް ވަރަށް ބޮޑެތި އެޙީތެރިކަމެއް އެބަވެދެއްވާ،" މިނިސްޓަރު ވިދާޅުވިއެވެ.

އަޒްހަރު ޔުނިވާސިޓީގެ ޓީޗަރުންނާ ބައްދަލުކުރުމަށް މިއަދު ބޭއްވި ރަސްމިްޔާތުގެ ތެރެއިން-- ފޮޓޯ: އެޑިއުކޭޝަން މިނިސްޓްރީ

މިއަދުގެ ބައްދަލުވުމުގައި ޑރ. އައިޝަތު ވަނީ އަލް އަޒްހަރުން ރާއްޖޭގެ ތައުލީމަށް ވެދެމުންދާ އެހީތަކަށް ޝުކުރު އަދާކުރައްވައި އެ ޔުނިވާސިޓީގެ އިސްބޭފުޅުންނާއި އަދި މިސްރުގެ ރައީސް އަބްދުލްފައްތާހު އަލް ސީސީއަށް ޝުކުރު ދަންނަވައިފައެވެ.

މިނިސްޓަރު ވިދާޅުވީ އަޒްހަރުން ރާއްޖޭގެ ތައުލީމަށް ވެދެމުންދާ އެހީތައް ކުރިއަށް އޮތް ތަނުގައިވެސް ލިބެމުންދާނެ ކަމަށް އުންމީދުކުރައްވާ ކަމަށެވެ.

ރާއްޖޭގައި 65 ސްކޫލެއްގައި 10،000 އަށް ވުރެ ގިނަ ދަރިވަރުން ދަނީ އަރަބި ބަސް ކިޔަވަމުންނެވެ. އަޒްހަރުން ދަނީ 1983 ވަނަ އަހަރުއްސުރެ ރާއްޖެއަށް ޓީޗަރުން ފޯރުކޮށްދެމުންނެވެ.

comment ކޮމެންޓް