ފަރޭ އެނބުރި ފުޓްބޯޅައަށް، މިފަހަރު ޔުނައިޓެޑް ވިކްޓަރީއަށް

ފަރުހާދު އިސްމާއިލް (ފަރޭ) ވަނީ ކުރިއަށް އޮތް ސީޒަނަށް ޔުނައިޓެޑް ވިކްޓަރީ (ޔޫވީ)އާ ގުޅިފައި -- ސަން ފޮޓޯ: ކިޔުންތެރިއެއް

މިދިޔަ ސީޒަންގައި ފުރަތަމަ ޑިވިޝަންގެ ގްރީން ސްޓްރީޓްސްއަށް ކުޅުމަށް ފަހު، ސީޒަންގެ ވަކި ހިސާބަކުން ފުޓްބޯޅައާ ދުރަށް ދިޔަ، ފަރުހާދު އިސްމާއިލް (ފަރޭ)، ކުރިއަށް އޮތް ސީޒަނަށް ޔުނައިޓެޑް ވިކްޓަރީ (ޔޫވީ)އާ ގުޅިއްޖެއެވެ.

ގްރީން ސްޓްރީޓްސްގެ ކުރީގެ ކެޕްޓަން ފަރޭ، ކުޅުން ހުއްޓާލީ، އެޓީމުގެ އޭރުގެ ކޯޗު، ސޮބާހު މުހައްމަދު (ސޮބާ) އާ ޖެހުނު މައްސަލައެއްގައެވެ. މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ ފަހު ކޮޅުގައި ގްރީންއަށް ކުޅުން ހުއްޓާލުމަށް ފަހު ދެން ފަރޭ ފެނިގެން ދިޔައީ ވޮލީބޯލް އެސޯސިއޭޝަން ކަޕްގައި ވާދަކުރި "އާއި ސްޕޯޓްސް" އިންނެވެ.

ސަން ސްޕޯޓްސްއަށް އެނގިފައިވާ ގޮތުގައި ފަރޭ ޔޫވީއާ ގުޅުނީ، އެއް އަހަރު ދުވަހުގެ އެއްބަސްވުމެއްގައެވެ. ޔޫވީއަކީ މީގެ ކުރިން، ވިކްޓަރީ، ވީބީ، ނިއުރޭޑިއަންޓް އަދި މާޒިޔާއިން ވެސް ފެނިގެން ދިޔަ ފަރޭ ކުޅޭ އަށްވަނަ ކްލަބެވެ.

ފަރޭ އަކީ ކުރިން ފުރަތަމަ ޑިވިޝަންގެ ގުޑީސް އަދި މެކާނޯއަށް ވެސް ވޮލީ ކުޅުނު ކުޅުންތެރިއެކެވެ. އޭނާ ވަނީ ހުސްވި އަހަރު ފ. ނިލަންދޫގައި ބޭއްވި، އެންވައިޖީ މެންސް ވޮލީބޯލް ޗެމްޕިއަންޝިޕް 2017ގައި ނިލަންދޫ ކަޒިންސް ޓީމަށް ކުޅެ އެޓީމަށް އެ މުބާރާތް ކާމިޔާބުކުރުމުގައި މުހިންމު ދައުރެއް އަދާކޮށްފައެވެ.

މިދިޔަ އަހަރު މާލޭ ލީގުގެ ފަހުކޮޅުގައި ޔޫވީއާ ހަވާލުވި ކޯޗު މުހައްމަދު ނަޒީހުގެ އިރުޝާދުގެ ދަށުން މިފަހަރު ވެސް އެޓީމު ވަރުގަދައަށް ތައްޔާރުވަމުން ދާއިރު، މިފަހަރުގެ ޓްރާންސްފަގައި ޔޫވީން ވަނީ، ބްރެޒިލްގެ ތަރި ނޭމާއާއެކު އެގައުމުގެ ސަންތޯސްގެ ޔޫތު ޓީމަށް ކުޅުނު މިޑްފީލްޑަރެއް ކަމަށްވާ ޕައުލޯ ހެލްބާ ވެސް އެޓީމަށް ގެނެސްފައެވެ.

އަންނަ ސީޒަނަށް ތައްޔާރުވަމުންދާ ޔޫވީން ދަނީ ޓީމަށް ގިނަ ކުޅުންތެރިންތަކެއްގެ ސޮއި ހޯދަމުންނެވެ. ޔޫވީއަށް މިހާތަނަށް ގެނައި އެންމެ މުހިންމު އެއް ލޯކަލް ކުޅުންތެރިޔަކީ މިދިޔަ އަހަރު ޓީސީ ސްޕޯޓްސް ކްލަބަށް ކުޅެމުންދިޔަ އަހްމަދު ސުހައިލް (ބަންބުޗް) އެވެ. އޭގެ އިތުރުން މާލޭ ލީގުގައި ޔޫވީއަށް ކުޅުނު އަބްދުލް ވާހިދު އިބްރާހިމް (ވާޑު) ޓީމާ އަލުން ގުޅިފައިވާ އިރު، ތިންވަނަ ޑިވިޝަންގައި ސީލައިފް ސްޕޯޓްސް ކުލަބާއެކު މޮޅު ކުޅުމެއް ދެއްކި ކީޕަރު ހަސަން ތޮލާލް (ޓޮޕްލަކް) ވެސް ވަނީ ޔޫވީއާ ގުޅިފައެވެ. އަދި މިދިޔަ ސީޒަންގައި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބަށް ކުޅުނު އަލީ ހައިޝަމް (ޗުމްޕު) ވެސް ވަނީ އަލުން އެނބުރި ޔޫވީއާ ގުޅިފައެވެ.

comment ކޮމެންޓް