ރައްޔިތުންގެ މަޖިލީހުގެ އިދާރާ ތެރޭގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި އެވެ.
ދިވެހިރާއްޖޭގެ ގައުމީ ދިފާއީ ބާރު (އެމްއެންޑީއެފް)ގެ އިންފޮމޭޝަން އޮފިސަރު މޭޖަރ އަދުނާން މުޙައްމަދު ސަން އަށް ވިދާޅުވީ، ރައްޔިތުންގެ މަޖިލީސް ތެރޭން ދުން އަރާކަމަށް ބުނެ ހަވީރު 4:58 ކަންހާއިރު ލިބުނު ރިޕޯޓަކާ ގުޅިގެން އެތަނުގައި ސިފައިން މިހާރު ހަރަކާތްތެރިވަމުން އަނަން ކަމަށެވެ.
"އަދި އަޅުގަނޑުމެންނަށް ސާފުވާގޮތެއް ނުވޭ، މިއީ ކިހިނަކުން ހިނގައިގެން އުޅޭ ހާދިސާއެއްކަމެއް. މަޖިލީހުގެ އިދާރާގެ ތެރޭން ދުން އަރަމުންދާތީ 4:58 ކަންހާއިރު ލިބުނު ރިޕޯޓަކާ ގުޅިގެން 5:08 އިން ފެށިގެން ސިފައިން ދަނީ އެތަނުގައި ހަރަކާތްތެރިވަމުން،" މޭޖަރ އަދުނާން ވިދާޅުވިއެވެ.
މަންޒަރު ދުށް ބައެއް ފަރާތްތަކާ ހަވާލާދީ، މަޖިލިސް އިދާރާ ސަރަހައްދުގައި ހުރި ސަން އޮންލައިންގެ އެސިސްޓެންޓް އެޑިޓަރު އަހްމަދު އާޒިފް ބުނީ، "ބާރުގަދަ އަޑެއް ގޮވުމަށް ފަހު ދުން އަރަން ފެށީ ކަމަށް މިތާ ތިބި މީހުން އެބަބުނޭ. މިހާރުވެސް މަޖިލިސް ތެރޭގައި ކޮންމެވެސް ވަރަކަށް ދުމުގެ އަސަރު އެބަހުރި،" ކަމަށެވެ.
މޭޖަރ އަދުނާން ވިދާޅުވީ، މަޖިލިސް އިދާރާގެ ތެރޭގައި ދުމުގެ އަސަރު ހުރި ނަމަވެސް އަލިފާނުގެ އެއްވެސް އަސަރެއް އަދި ފެނިފައި ނުވާ ކަމަށާއި، އަދި އެއްޗެއް ގޮވިކަން ނުވަތަ ނޫންކަންވެސް އަދި ސާފުވާގޮތް ނުވާ ކަމަށެވެ.
"އަޅުގަނޑުމެންގެ ފަޔަމަނުން މިހާރުވެސް އެދަނީ އެތެރޭގައި ހަރަކާތްތެރިވަމުން. މިހާރު މަސައްކަތްކުރަމުން ދަނީ، މަޖިލީސް ތެރޭން ދުން ބޭރުކުރުމަށް،" މޭޖަރ އަދުނާން ވިދާޅުވިއެވެ.