މަޖިލިސް24: ލަދެއް ބިރެއް ނެތް، ރިޝްވަތު ބެހުން މެކުހަށް!

ވޯޓް ލުމަށްފަހު މީހަކު އިނގިލި ދައްކާލަނީ: ކުރިއަށް އޮތް އިންތިޚާބުގައި ރިޝްވަތުގެ މައްސަލަ ބޮޑު -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ބެޑްރޫމް ސެޓަކަށް ދެ ވޯޓެވެ. ކައިވެނި ޕާޓީ ބާއްވަން ފައިސާ ދީފިނަމަ މުޅި އާއިލާގެ ވޯޓެވެ. ބުނި ތާކުން ވަޒީފާއެއް ހޯދައިދީފިނަމަ ނުވަތަ ހުރި ވަޒީފާއަށް ޕްރޮމޯޝަނެއް ދީފިނަމަ އެ އާއިލާގެ ވޯޓެވެ. ފްލެޓް ޔަގީން ކޮށްދީފިނަމަ އަންހެނުންގެ އާއިލާއާ އެކު މުޅި ދެ އާއިލާގެ ވޯޓެވެ. ކޮންމެ އައިޑީ ކާޑަކަށް ވަކި އަދަދަކަށް ފައިސާއެވެ. މިހެންގޮސް އެތައް ކަމެކެވެ.

މިއީ އަންނަ އާދިއްތަ ދުވަހު ބާއްވާ 20 ވަނަ ރައްޔިތުންގެ މަޖިލީހުގައި ވާދަކުރާ ކެންޑިޑޭޓުންނަށް އެ ދާއިރާތަކުގެ ރައްޔިތުން ވޯޓުދިނުމަށް ކޮށްފައިހުރި ޝަރުތުތަކެވެ. މި އިންތިޚާބުގައި ރިޝްވަތު ދިނުމާއި ރިޝްވަތަށް އެދުމުގެ ކަންކަން ހުރި ގޮތް ބެލުމަށްޓަކައި ދެތިން ކެންޑިޑޭޓެއްގެ ކޯލް ސެންޓަރަށް ވަދެލީމެވެ. އެ ތަނުގެ ފޮތްތަކުގައި ނޯޓްކޮށްފައިވާ ކަންކަމާއި ކެންޑިޑޭޓުންގެ ފޯނުތަކަށް އައިސްފައިވާ މެސެޖްތައް ބެލުމުން ހާލަތު ގޯސްކަން ޔަގީންވެގެންދިޔައެވެ.

"ބޮޑު ޕަސެންޓެއްގެ މީހުން ފައިސާއަށް ނޫނީ ކޮންމެ ވެސް ކަމަކު ކިޔާ. ސީދާ ބުނޭ މިވެނި އަދަދެއް ދިނީމައޭ ވޯޓު ދޭނީ. އަނެއްބައި މީހުން ބުނަނީ ވޯޓެއް ނުލާނަމޭ،" ގއ. އަތޮޅުގެ ދާއިރާއަކަށް ވާދަކުރާ ކެންޑިޑޭޓެއްގެ ކޯލް ސެންޓަރާ ހަވާލުވެ ހުރި މީހަކު ބުންޏެވެ.

https://sun.mv/190886

ވޯޓު ވިއްކާ އަގުތަކަށް ބަލާއިރު އާއްމުކޮށް އުޅެނީ 5،000 ރުފިޔާއިން މަތީގައެވެ. ބައެއް ދާއިރާތަކުގެ ކެންޑިޑޭޓުން ބުނާގޮތުގައި އެންމެ ވޯޓަކަށް 25،000 ރުފިޔާ ވެސް ކިޔުން އާއްމެވެ. އަދި، ބައެއް ކެންޑިޑޭޓުންގެ ނޯޓު ފޮތްތަކަށް ބަލައިލުމުން ކައިވެނި ޕާޓީ ބާއްވަން 45،000 ރުފިޔާއާއި ކްރެޑިޓް ކާޑު ބިލު ދައްކަން 30،000 ރުފިޔާއަށް އެދިފައި ހުރިތަން ވެސް ފެނުނެވެ.

އެދުމެއްގައި ގިނަ ބަޔަކު ކެންޑިޑޭޓުންގެ ފޫބުޑުގައި

އިންތިޚާބަށް ކުޑަތަންވެފައިވާއިރު ކެންޑިޑޭޓުންގެ ޖަގަހަތަކާއި ކެންޑިޑޭޓުގެ ފަސްފަހަތުން ހިނގާ މީހުން މިވަނީ ވަރަށް ގިނަވެފައެވެ. ޑިމޮކްރަސީގެ ރޫހާ އެއްގޮތަށް އެކަން ކުރާނަމަ އެއީ ވަރަށް ރަނގަޅު ކަމެކެވެ. ނަމަވެސް މިކަމުގައި ގޯސްވާ ހިސާބަކީ ގިނަ ބަޔަކު އެގޮތަށް ގޮސް އުޅެނީ ގިނަ ފަހަރަށް ކޮންމެ ވެސް އަމިއްލަ އެދުންތަކެއް އޮވެގެން ކަމަށްވާތީއެވެ.

ސަރުކާރު ތަމުސީލުކުރާ ބައެއް ކެންޑިޑޭޓުންނާ ވާހަކަދައްކާލުމުން އެނގުނު ގޮތުގައި ގިނަ ބަޔަކު އެދޭ ކަންތައްތަކުގެ ތެރެއިން އެންމެ އާއްމު އެއް ކަމަކީ މިދިޔަ ސަރުކާރުން އިއުލާނުކުރި 4000 ފްލެޓްގެ ތެރެއިން ފްލެޓެއް ކަށަވަރުކޮށްދިނުމެވެ. ލިސްޓްގައި ޝަރުތުހަމަވާ ކަމަށް އޮތް މީހުންނާއި ޝަރުތު ހަމަނުވާ ކަމަށް އޮތް މީހުން ޖަގަހައަށް އައިސް ވަގުތުތައް ހޭދަކޮށް އެކިއެކި ކެމްޕެއިން މަސައްކަތްތަކުގައި އުޅެދިނުމަށް ފަހު އޭގެން ފްލެޓެއް ޔަގީން ކޮށްދިނުމަށް ވަރަށް އެދޭ ކަމަށް ބައެއް ކެންޑިޑޭޓުން ބުނެއެވެ.

މީގެ އިތުރުން، މާލެއާއި އަތޮޅުތެރޭގެ ބައެއް ރަށްރަށުން ސަރުކާރު ކުންފުނިތައް މެދުވެރިކޮށް ވަޒީފާ ހޯދަން އެދުމަކީ ވެސް ވަރަށް އާއްމުކަމެކެވެ. 'ސަން'އިން ބެލިބެލުމުގައި މި ދުވަސްކޮޅާ ދިމާކޮށް ގިނަ އަދަދެއްގެ ވަޒީފާތައް ދަނީ ދެމުންނެވެ. ވަޒީފާ ހޯދުމުގެ އިތުރުން ހުރި ވަޒީފާއިން ޕްރޮމޯޝަން ހޯދުމަށް ވެސް ކެންޑިޑޭޓުންގެ ގާތަށް އާއްމުން އެބަދެއެވެ. ޕްރޮމޯޝަން ދީފިނަމަ މުޅި އާއިލާގެ ވޯޓު ހޯދައިދޭނެކަމުގެ ޔަގީންކަމާއެވެ. އަދި، ވަޒީފާގެ ނުފޫޒު ފޯރުވާނެކަން ޕޯޑިއަމްތަކުގައި ފާޅުގައި އެދަނީ ބުނަމުންނެވެ.

ކޮރަޕްޝަންގެ އަމަލުތަކަށް ފާރަވެރިވާ، ޓްރާންސްޕޭރެންސީ މޯލްޑިވްސްއިން ވެސް ބުނިގޮތުގައި ކުރިއަށް އޮތް މަޖިލިސް އިންތިޚާބަށް ވޯޓު ގަންނަ މައްސަލަ ވަނީ ބޮޑުވެފައެވެ. އެ ޖަމިއްޔާއިން ބުނީ ދިރާސާއެއް ކުރަން އިންޓަވިއުކުރި ބައެއް ކެންޑިޑޭޓުން ވޯޓުލާ މީހުން ސީދާ އެ މީހުންގެ ވޯޓުގެ ބަދަލުގައި ފައިސާއާއި އެހެނިހެން އިނާޔަތްތަކަށް އެދިފައިވާ ކަމަށް ބުނެފައިވާ ކަމަށެވެ.

ކުރިއަށް އޮތް މަޖިލިސް އިންތިޚާބުގައި ވާދަ ކުރައްވާ ބައެއް ކެންޑިޑޭޓުންގެ ޕޯސްޓަރުތައް ހަރުކޮށްފައި: ރައްޔިތުންގެ މަޖިލީހަށް ބޮޑެތި ތުހުމަތުތަކެއް ކުރެވޭއިރު ވޯޓްލުމުގައި ރައްޔިތުން ސަމާލުވަން ޖެހޭ-- ސަން ފޮޓޯ: މުޙައްމަދު މާވީ

ރިޝްވަތު ނެގުމަކީ މައްސަލައެއް ކަމަކަށް ވެސް ނުދެކޭ

ކިތަންމެ ވިޔާނުދާ ކަމެއް ވިޔަސް އެކަމެއް މާ ބޮޑަށް އާއްމުވުމުން އެއީ ކުށެއް ކަމަކަށް ގިނަ މީހުންނަށް ގަބޫލެއް ނުކުރެވެއެވެ. ސިޔާސީ ކަންކަމުގައި ރިޝްވަތަށް އެދުމާއި ރިޝްވަތު ދިނުމާއި ރިޝްވަތު ގަބޫލުކުރުމުގެ ކަންކަން ރާއްޖޭގައި މިހާރު މި އޮތީ މި ހިސާބަށް ގޮސްފައެވެ. ދީނީގޮތުން ވެސް ހުއްދަ ނޫން އަދި ޑިމޮކްރަސީއާ މުޅިން ހިލާފު މި ރިޝްވަތުގެ ކަންތައް މި ގައުމުގައި ކުށަކަށްނުވާ ހިސާބަށް މި ވަނީ ކަންކަން ގޮސްފައެވެ.

ވޯޓާ ގުޅޭގޮތުން ބައެއް އާއްމުންނާ ސުވާލު ކުރުމުން ފައިސާ ނުދެނީސް ވޯޓުލާން ނުދާނެ ކަމަށް ދޭ ޖަވާބު ވަރަށް އާއްމެވެ. އެ މީހުން ދެކޭގޮތުގައި މަޖިލީހަށް ހޮވާ މެންބަރެއްގެ ފަރާތުން ރައްޔިތުންނަށް ފައިދާއެއް ވާނީ އިންތިޚާބުގެ ކުރިންނެވެ. އެހެންކަމުން މި ދުވަސްވަރަކީ ބޭނުން ހުރިހާ ކަމެއްގައި އެދެންވީ ދުވަސް ކަމަށް ބައެއް އާއްމުން ގަބޫލުކުރެއެވެ.

"ހޮވުނީމައި ނުނަގާނެ ފޯނެއް. މިހާރު ނަގާނެ. މިސްކޯލެއް ދިނަސް ގުޅަން ވެސް ގުޅާނެ. އެހެންވީމައި މިހާރު ހޯދި އެއްޗެއް ލިބޭނީ. ނޫންތަ؟" ހުޅުމާލޭގައި ކެންޑިޑޭޓެއްގެ ޖަގަހަ ކައިރި ހުރި މީހަކާ ސުވާލުކޮށްލުމުން ބުންޏެވެ.

އަނެއްބައި އާއްމުން ބުނާގޮތުގައި މަޖިލީހަށް ހޮވޭ މެންބަރުން އެ ގޮނޑީގެ ބޭނުންކޮށްގެން ހޯދަނީ ތަނަވަސްކަމެވެ. އެހެންކަމުން ރައްޔިތުން އެ މީހުންގެ ފަރާތުން ނެގެން އޮތް ފައިދާއެއް ނަގަންވީ މި ދުވަސްވަރު ކަމަށް އެ މީހުން ދެކެއެވެ.

"ހޮވުނީމަ ގޮނޑި ދޯ ވިއްކާނީ؟ ނޫންތަ؟ އޭރަށް އަހަރެމެން ކޮބައިތޯއެއް ނުބަލާނެ. އެހެންވީމަ މި ބުނަނީ މިހާރު ހޯދި އެއްޗެކޭ ލިބޭނީ،" ރިޝްވަތު މައްސަލައަކަށްނުވާ އެހެން އާއްމު މީހަކު ބުންޏެވެ.

މި ހުތުރު އަމަލު އާއްމުވެފައިވާތީ ގިނަ ކެންޑިޑޭޓުން ވެސް އިންތިޚާބަށް ކުރިމަތިލީ އެކަން ދަނެތިބެއެވެ. އެގޮތުން ބައެއް ކެންޑިޑޭޓުން ބުނާގޮތުގައި ގޮނޑި ކަށަވަރުކުރުމަށްޓަކައި 10 މިލިއަނެއްހާ ރުފިޔާ ހޭދަކުރަން ޖެހެއެވެ. ރާއްޖޭގެ އެކި ހިސާބުތަކުގައި އެ އަދަދު ތަފާތެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން --- ފޮޓޯ/ މަޖިލިސް

މިކަމުގެ ނަތީޖާއަކީ ކޮބާ؟

މަޖިލިސް މެންބަރަކަށް މަހަކު ލިބޭ 82،500 ރުފިޔާގެ ބޮޑު މުސާރައާ އެކު ވެސް ދައުރެއް ނިމޭއިރު ޖުމުލަ ލިބޭނީ 4,950,000 ރުފިޔާއެވެ. ނަމަވެސް ގޮނޑި ހޯދަން އޭގެ އެތައް ގުނައެއް އިތުރަށް ބޮޑެތި ހޭދަތައް ކެންޑިޑޭޓުން އެބަކުރެއެވެ. މިހާ ބޮޑު ހޭދައެއް ކޮށްފައި ގޮނޑި ލިބުމުން ކުރި އިންވެސްމަންޓް ހޯދަން ގިނަ ފަހަރަށް މިވަނީ ކޮރަޕްޓެވެ.

ވޭތުވެދިޔަ ދައުރުތަކާއި މި ހިނގާ މަޖިލީހުގެ ދައުރަށް ބެލިނަމަވެސް މަޖިލިސް ގިނަ ބަޔަކު ސިފަކުރަނީ ގަނެވިއްކާ ބާޒާރެއްގެ ގޮތުގައެވެ. އިއްޔެ ވަކި ގޮތަކަށް ވާހަކަ ދެއްކި މެންބަރު ޕާޓީ ބަދަލުކޮށް މާދަމާ އަނެއް ގޮތަށް ވާހަކަ ދައްކާ މަންޒަރު ފެނުން ވަރަށް އާއްމެވެ. އެއް ފަހަރާ އެތައް މެންބަރުންނެއް ހުރި ޕާޓީއާ ސީދާ އިދިކޮޅު ޕާޓީއަށް އެބަ ބަދަލުވެއެވެ. ކަޅުފައިސާ ހިފިކަމުގެ ތުހުމަތާ އެކުއެވެ. މި ހާލަތުގައި އޮތް މަޖިލީހަކަށް އާ މެންބަރުން އިންތިޚާބު ކުރާއިރު ރައްޔިތުން މިހާ ރިޝްވަތު ނަގާނަމަ ފަހަރަކަށް ފަހު ފަހަރެއް މަޖިލިސް ދާނީ ހަރާބުވެގެންނެވެ.

އަލްއުސްތާޒް އަޙްމަދު ޝާޒް ވިދާޅުވި ގޮތުގައި ވޯޓަށްޓަކައި ރިޝްވަތު ދިނުމާއި ރިޝްވަތު ހިފުމަކީ ވޯޓު ގަނެ ވިއްކުމެވެ. އޭރުން ވޯޓު އެ ބަދަލުވަނީ ގަނެ ވިއްކާ އެއްޗަކަށް ކަމަށާއި އެއްޗެއް ގަނެގެން ގެންދިޔައިމާ، އެ ގަތް މީހާ ބޭނުންގޮތަކަށް އޭގެ ބޭނުން ހިފާނެ ކަމަށް ޝާޒް ވިދާޅުވިއެވެ. އަދި، އެ ވިއްކި މީހާއަކަށް އެކަމާ ބެހޭގޮތުން ފަހުން އެއްޗެކޭ ބުނުމުގެ ބާރެއް، އިޚްތިޔާރެއް ނޯންނަ ކަމަށް ޝާޒް ވިދާޅުވިއެވެ.

"ރައްޔިތުންގެ ކަންކަމާގުޅޭ މަޤާމުތަކަށް ޢައްޔަނުކުރާ މީހުން ހޮވަން ވޯޓުލުމަކީ ވަރަށް ތަފާތު ކަމެއް. މަޤާމަށް ހޮވުމަށްފަހު އެ މީހުން ޢަމަލުކުރަންޖެހޭނީ ރައްޔިތުންގެ މަޞްލަޙަތާ އެއްގޮތަށް. ފަހަރެއްގައި ވެސް އެއީ އިންތިޚާބުވާ މީހާ ބޭނުންހާ ގޮތަކަށް ކަންކަން ކުރަންކުރަން އަންނަ މަޤާމެއްނޫން. ނަމަވެސް ކުރިން ބުނިހެން ވޯޓު ގަނެގެން އަންނަމީހާ ކޮންމެ ގޮތަކަށް އުޅުނަސް އެއްކަލަ ވޯޓު ދިން މީހުންނަކަށް ނޯންނާނެ ޗުއްޕެކޭ ވެސް ބުނެވޭކަށް. އެއީ ކީއްވެ؟ އެ މީހުން ވަނީ އެ މީހުންގެ ވޯޓު ވިއްކާލައި އެއަށް ކީ އަގު ލިބިގަނެފައި،" ކަމުގެ ނުރައްކާ ޝާޒް ވިދާޅުވެދެއްވިއެވެ.

ރައްޔިތުންގެ އެ އެއްޗެއްގެ މައްޗަށް އަމަލުކުރަން ޖެހޭ ގާނޫނު ހެދުމަކީ މެންބަރުންގެ ޒިންމާ ކަމަށްވާއިރު ޝާޒް ވިދާޅުވިގޮތުގައި ރިޝްވަތު މިހާ އާއްމުވުމުން އޮތް އަނެއް ބޮޑު ނުރައްކަލަކީ ފައިސާގެ ނުފޫޒު ބޭނުންކޮށްގެން ކޮންމެ ފަދަ މީހަކު ވެސް މަގާމަށް އަތުވެދާނެތީއެވެ. ގާބިލު މީހާއަށް ނުބަލައި ފައިސާ ދޭ މީހާއަށް ރައްޔިތުން ބެލުމުން މި ނުރައްކާ ބޮޑު ކަމަށް ޝާޒް ވިދާޅުވިއެވެ.

ރިޝްވަތަކީ ބަދަލެއް ދިނުމަކާނުލައި ކުރަން އޮންނަ ކަމެއް މީހަކު ލައްވައި ކުރުވުމުގައި ތިމާ ބޭނުންވާ ގޮތަށް އެކަން ކުރުވުމަށްޓަކައި އެއްޗެއް ދިނުން ނުވަތަ މަންފާހުރި ކޮންމެ ވެސް ކަމެއް ކޮށްދިނުމެވެ.

ޝާޒް ވިދާޅުވިގޮތުގައި ވޯޓު ހޯދަން އެދޭ މީހާ ވޯޓު ދޭ މީހާއަށް އެއްވެސް އެއްޗެއް ހުށަހަޅައިގެން ނުވާނެއެވެ. އަދި، ވޯޓު ދޭ މީހާ، ވޯޓު ހޯދަން އެދޭ މީހާގެ ކިބައިން އެއްވެސް އެއްޗަކަށް އެދިގެންވެސްނުވާނެއެވެ. އެއީ، ރިޝްވަތު ދިނުމާއި ރިޝްވަތު ހިފުން ވެސް އިސްލާމްދީނުގައި ވަނީ ޙަރާމްކުރައްވާފައި ކަމަށްވާތީ ކަމަށް ޝާޒް ވިދާޅުވިއެވެ.

"އެކަމާބެހޭގޮތުން އޮންނަނީ "ރިޝްވަތު ދޭ މީހާއާއި ރިޝްވަތު ހިފާ މީހާއަށް ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ލަޢުނަތް ލެއްވި" ކަމަށް (ތިރުމިޛީ: 1337) ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ލަޢުނަތް ހުރިކަމަށް އަންގަވާނީ ﷲ ގެ ލަޢުނަތް އެ މީހަކަށް ހުރީމައި. ﷲ ލަޢުނަތް ލެއްވިއޭ ބުނެވޭ ބަހުގެ މާނައަކީ އެ އިލާހުގެ ރަޙުމަތުން ބޭރުކުރެއްވުންކަމަށް ޢިލްމުވެރިން ވިދާޅުވޭ. އަދި، މިވެނި ކަމަކީ ﷲ ގެ ނުވަތަ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ލަޢުނަތް ހުރި ކަމެކޭ އޮވެއްޖެނަމަ އެއީ ބޮޑު ފާފައެއްކަން އެނގޭ ދަލީލެއްކަމަށް ޢިލްމުވެރިން ވިދާޅުވޭ. އަދި، މީގެ ތެރޭގައި ތިންވަނަ މީހެއްގެ ވާހަކަވެސް އަންނާނެ. އެއީ، ރިޝްވަތުގެ މުޢާމަލާތެއްގައި މެދުވެރިއަކަށް އުޅޭ މީހާ،" ޝާޒް ވިދާޅުވިއެވެ.

"ވޯޓާ ގުޅުވައިގެން ދަންނަވާނަމަ، ވޯޓު ހޯދުމަށްޓަކައި އޭޖެންޓުންގެ ގޮތުގައި މަސައްކަތްކުރާ މީހުން. އޭނާއަކީ ވެސް ފާފަވެރިވާނެ މީހެއް. ސަބަބަކީ އޭނާ ޙަރާމްކަމަކަށް އެހީތެރިވެދޭތީ. މާއިދާ ސޫރަތުގެ ދެވަނަ އާޔަތުގެ މާނައިގައި އޮންނަނީ 'ތިޔަބައިމީހުން ހެޔޮކަންތަކުގައި އެކަކު އަނެކަކަށް އެހީތެރިވެ އުޅޭށެވެ. އަދި، ނުބައިކަންތަކުގައި އެކަކު އަނެކަކަށް އެހީތެރިވެ ނޫޅޭށެވެ،'"

ރަނގަޅުކުރަން ލިބުނު ފުރުސަތު ވެސް ނަގާލަނީ

ޓްރާންސްޕޭރަންސީ މޯލްޑިވްސްއިން 2013 ވަނަ އަހަރު ހެދި ގްލޯބަލް ކޮރަޕްޝަން ބެރޮމޯޓާ (ޖީސީބީ) ސާވޭއިން ދައްކާގޮތުން ސާވޭގެ ބައިވެރިންގެ ތެރެއިން 62 ޕަސަންޓް މީހުން ބުނެފައިވަނީ ރާއްޖޭގައި ކޮރަޕްޝަނަކީ ވަރަށް ބޮޑު އަދި ސީރިއަސް މައްސަލައެކެވެ. ވަކިވަކި މުއައްސަސާތަކަށް ބަލާއިރު، އެންމެ ކޮރަޕްޓްކަމަށް ގިނަ މީހުން ދެކެނީ ރައްޔިތުންގެ މަޖިލީހެވެ. ސާވޭގެ ބައިވެރިންގެ ތެރެއިން 60 ޕަސަންޓް މީހުން ބުނެފައިވަނީ ރައްޔިތުންގެ މަޖިލީހަކީ ވަރަށް ބޮޑަށް ކޮރަޕްޓްވެފައިވާ ތަނެއް ކަމަށެވެ. ފަންސާސް ހަތް ޕަސަންޓް މީހުން އެއްބަސްވާ ގޮތުގައި ސިޔާސީ ޕާޓީތައް ވަނީ ވަރަށް ބޮޑަށް ކޮރަޕްޓްވެފައެވެ. އަދި، 55 ޕަސަންޓް މީހުން ބުނެފައިވަނީ އަދުލު އިންސާފު ގާއިމުކުރުމުގެ ބާރު ނުވަތަ ޖުޑީޝަރީ ވަރަށް ބޮޑަށް ކޮރަޕްޓްވެފައިވާ ކަމަށެވެ.

މިހާ ކޮރަޕްޓް ވެފައިވާ އޮތް މަޖިލިސް އިދާރާ އިސްލާހު ކުރުމަށް މިއީ ރަނގަޅު ފުރުސަތެކެވެ. އެކަން ވާނީ ގާބިލު މީހުން މަޖިލީހަށް ހޮވައިގެންނެވެ. އެ ބާރު އޮތީ ރައްޔިތުންގެ އަތްމަތީގައެވެ. ނަމަވެސް ގިނަ ރައްޔިތުންގެ ފަރާތުން މި ފެންނަނީ އެ މަންޒަރެއް ނޫނެވެ. ކޮރަޕްޝަންގެ މައްޗަށް ކޮރަޕްޝަން ހިންގާތަނެވެ. އަދި, މި ކުށް އެހާ އާއްމު ވެފައިވާއިރު މިކަން ހުއްޓުވުމަށް ކަމާ ބެހޭ އިދާރާތަކުން ވެސް އެވަރުގެ ސަމާލުކަމެއް ދޭ މަންޒަރެއް ނުފެއެވެ.

މަޖިލިސް އިންތިޚާބަށް ހަފުތާއަކަށް ވުރެ ކުޑަތަން ވެފައިވާއިރު މުޅި ރާއްޖޭން ވެސް ފެންނަނީ ހުތުރު އަދި ބިރުވެރި މަންޒަރެކެވެ. ކޮރަޕްޝަނާއި ނުފޫޒު ބޭނުންކުރުމާއި ރިޝްވަތު ބެހުން އިންތިހާއަށް އާއްމުވެފައިވުމެވެ. މި ހާލަތުގައި އޮވެގެން ހޮވާ މަޖިލީހެއްގެ މެންބަރުން އުޅޭނެ ގޮތް ވަރަށް ސާފެވެ. ފެންނަ މަންޒަރަކީ މަޖިލިސް އިސްލާހުކުރުމަށް ވުރެ އަމިއްލަ އެދުން އިސްކޮށްގެން ރައްޔިތުން ވެސް އުޅޭ މަންޒަރެވެ. މިކަމުގެ ނަތީޖާ ހިތިވާނެއެވެ.

comment ކޮމެންޓް