ކުރިއަށް އޮތް މަޖިލިސް އިންތިޚާބަށް ވޯޓު ގަންނަ މައްސަލަ ބޮޑުވެފައިވާ ކަމަށް ބުނެ ޓްރާންސްޕޭރެންސީ މޯލްޑިވްސްއިން ކަންބޮޑުވުން ފާޅުކޮށްފިއެވެ.
ޓްރާންސްޕޭރެންސީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އެ ޖަމިއްޔާއިން ހެދި ދިރާސާއެއްގައި އިންޓަވިއު ކުރި ހުރިހާ ފަރާތްތަކުން ވެސް ވަނީ މިހާރު ކުރިއަށްދާ ކެމްޕެއިންތަކުގައި ވޯޓު ގަތުމާމެދު ކަންބޮޑުވުން ފާޅުކޮށްފައިވާ ކަމަށެވެ.
ޓްރާންސްޕޭރެންސީން ބުނީ އިންޓަވިއު ކުރި ބައެއް ކެންޑިޑޭޓުން ވޯޓުލާ މީހުން ސީދާ އެމީހުންގެ ވޯޓުގެ ބަދަލުގައި ފައިސާ އާއި އެހެނިހެން އިނާޔަތްތަކަށް އެދިފައިވާ ކަމަށް ބުނެފައެވެ.
ނަމަވެސް ވޯޓު ގަތުން މޮނިޓާ ނުކުރުމާއި އަވަސް އަދި ކާމިޔާބު ތަހުގީގުތައް ކުރިއަށް ނުގެންދެވުމާއި ގުޅުންހުރި ގާނޫނުތައް ފުރިހަމައަށް ތަންފީޒު ނުކުރެވުމަކީ މިފަދަ އަމަލުތައް ހުއްޓުވުމަށް ހުރި ގޮންޖެހުންތަކެއް ކަމަށް ޓްރާންސްޕޭރެންސީން ބުންޏެވެ.
ހަމަމިއާއެކު އެ ޖަމިއްޔާއިން ވަނީ މަޖިލީހަށް ވާދަކުރާ އަންހެނުންގެ އަދަދު ދަށް ކަމާއި ރާއްޖެއަކީ ދެކުނު އޭޝިއާގައިވެސް މަޖިލީހުގައި ތިބޭ އަންހެނުން މެންބަރުންގެ އަދަދުން ރޭންކް ކުރާ އިރު އެންމެ ދަށް ގައުމުކަން ފާހަގަކޮށްފައެވެ.
ޓްރާންސްޕޭރެންސީން ބުނީ 2009 ވަނަ އަހަރު ބޭއްވި ފުރަތަމަ ގިނަ ޕާޓީތަކެއް ވާދަކުރި މަޖިލިސް އިންތިޚާބަށް ފަހު މައި ޕާޓީތަކުން މަޖިލިސް އިންތިޚާބުގައި ތަމްސީލު ކުރާ އަންހެނުންގެ އަދަދަށް ކުރިއެރުމެއް ލިބިފައި ނުވާ ކަމަށެވެ.
އެ ޖަމިއްޔާއިން ވަނީ ރައްޔިތުން ފުރިހަމައަށް ތަމްސީލު ނުކުރެވުމާ ގުޅުންހުރި މައްސަލަތައް ވެސް ފާހަގަކޮށްފައެވެ. މިގޮތުން ދާއިމީ އެޑްރެސްއަށް ބަލައި، ދާއިރާތަކަށް ވޯޓުލާ މީހުން ކަނޑައެޅުމުގެ ސަބަބުން، އާންމު ދިރިއުޅުން ބިނާވެފައިވާ ދާއިރާ ނޫން އެހެން ދާއިރާތަކަށް ވޯޓުލާ އެތައް ހާސް ފަރާތްތަކެއް ވާކަަމަށް ޓްރާންސްޕޭރެންސީ އިން ބުންޏެވެ.
އެ މައްސަލަތަކަށް ޓްރާންސްޕޭރެންސީން ހުށަހަޅާ ހައްލުތަކުގެ ތެރޭގައި:
- ސިޔާސީ ޕާޓީތަކާއި ކަމާބެހޭ އެހެން ފަރާތްތަކުން ސިޔާސީ ޕާޓީގެ ފެންވަރުގައި އަންހެނުންނަށް ކުރިމަތިވެދާނެ ހުރަސްތައް ދެނެގަނެ އެކަން ހައްލުކޮށް، އަމިއްލަ އިސްނެގުމުގެ މަތިން ކޯޓާ ނިޒާމެއް މެދުވެރިކޮށް އިންތިޚާބުތަކުގައއި ޕާޓީ ތަމްސީލުކުރާ އަންހެނުންގެ އަދަދު އިތުރުކުރުމަށް މަސައްކަތް ކުރުން
- އެންޓި-ކޮރަޕްޝަން ކޮމިޝަަން އާއި ދިވެހި ފުލުހުންގެ ޚިދުމަތް ހިމެނޭހެން ކަމާބެހޭ ފަރާތްތަކުން ވޯޓު ގަތުމާއި ދައުލަތުގެ ވަސީލަތްތައް ނަހަމަގޮތުގައި ބޭނުންކުުރުން މޮނިޓާކޮށް، ތަހުގީގުކޮށް ދައުވާކުރުމަށް ހުށަހެޅުން ހަރުދަނާކުރުން
- އިންތިޚާބުގެ މުއްދަތުގައި މިހާރުގެ ސަރުކާރުން ދައުލަތުގެ ވަސީލަތްތައް ބޭނުންކުރުމާ ބެހޭގޮތުން އެންޓި-ކޮރަޕްޝަން ކޮމިޝަންގެ ގައިޑްލައިންގައި ހިމެނޭ މާއްދާތައް ރައްޔިތުންގެ މަޖިލީހުން މުރާޖާކޮށް ގާނޫނުގައި ހިމެނުން
- ރައްޔިތުންގެ މަޖިލިސް ހިމެނޭހެން ކަމާބެހޭ ފަރާތްތަކުން ދާއިމީ އެޑްރެސް ނިޒާމަށް ބަހުސްކޮށް ދާއިރާތައް މިހާރު ބަހާގޮތް މުރާޖަޢާ ކުރުން.
- ރައްޔިތުންގެ މަޖިލީހުގައި ހިމެނޭ ދާއިރާތަކުގެ އަދަދު ކެޕް ކުރުމުގެ ވިސްނުމުގައި ދާއިރާތަކުގެ ބޮޑުމިނާއި އަދަދު ކަނޑައެޅުމަށް މިހާރު އަމަލުކުރަމުންދާ ފޯމިއުލާ ކަމާ ބެހޭ ފަރާތްތަކުން މުރާޖަޢާ ކުރުން
ގިނަ ޕާޓީތައް ހިމެނޭ ނިޒާމެއްގެ ތެރެއިން، 2008 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިޚާބުން ފެށިގެން މިހާތަނަށް ބާއްވާ ހުރިހާ އާންމު އިންތިޚާބުތައް ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން ވަނީ އޮބްޒާވްކޮށްފައެވެ.