މަހާތީރާ ދެކޮޅަށް ކޮރަޕްޝަންގެ ބޮޑު މައްސަލައެއް! މިއީ ބަދަލު ހިފުމެއްބާ؟

މެލޭޝިއާގެ ކުރީގެ ބޮޑު ވަޒީރު ޑރ. މަހާތީރާއި މިހާރުގެ ބޮޑު ވަޒީރު އަންވަރު-

މެލޭޝިޔާގެ ކުރީގެ ބޮޑުވަޒީރު ޑރ. މަހާތީރު ބިން މުހައްމަދާ ދެކޮޅަށް ކޮރަޕްޝަނުގެ މައްސަލައެއް ފެންމަތިވެފައިވާތީ އެކަން ތަހުގީގު ކުރަމުން ގެންދާކަން އެ ގައުމުގެ އެންޓި ކޮރަޕްޝަން ކޮމިޝަނުން ދާދިފަހުންވަނީ ހާމަކޮށްފައެވެ.

މި މައްސަލައިގެ ތަހުގީގު ކުރިޔަށްގެންދާތީ ތަފްސީލު ދެވެން ނެތްކަން ހާމަކުރައްވަމުން މެލޭޝިއާގެ އެންޓި ކޮރަޕްޝަން ކޮމިޝަންގެ ވެރިޔާ އައްޒާމް ބަކީ ވިދާޅުވެފައިވަނީ މިއީ ޑރ. މަހާތީރާ ގުޅުންހުރި މައްސަލައަކަށް ވިޔަސް ކޮރަޕްޝަން ހިންގާފައިވާކަމަށް ތުހުމަތު ކުރެވެނީ މަހާތީރުގެ ދެ ފިރިހެން ދަރިން ކަމަށްވާ މިރްޒާން މަހާތީރާއި އަދި މޮޚްޒާނީ މަހާތީރުގެ މައްޗަށް ކަމަށެވެ.

މަހާތީރަށް ހަތް ބޭފުޅުން ލިބިވަޑައިގެންފައިވެއެވެ. އެއީ ހަތަރު ފިރިހެން ބޭފުޅުންނާއި ތިން އަންހެން ބޭފުޅުންނެވެ. ފިރިހެން ބޭފުޅުންނަކީ މުޚްރިޒް މަހާތީރު، މޮޚްޒާނީ މަހާތީރު، މިރްޒާން މަހާތީރު، އަދި މަޒްހަރު މަހާތީރެވެ. އަންހެން ތިންބޭފުޅުންނަކީ މަރީނާ މަހާތީރު، މެލިންދާ މަހާތީރު އަދި މައިޒުރާ މަހާތީރެވެ.

މޮޚްޒާނީ މަހާތީރު

ކޮރަޕްޝަންގެ ތުހުމަތު ކުރެވިފައިވަނީ މިރްޒާން އާއި މޮޚްޒާނީގެ މައްޗަށެވެ. މިއީ މަހާތީރުގެ ދޮށީ ދެދަރިކަލުންނެވެ. އެ ދެ ބޭފުޅުންގެ ކޮރަޕްޝަނާގުޅޭ މައްސަލަތައް އެންމެ ފުރަތަމަ ފެންމަތިވީ ލީކު ކޮށްލާފައިވާ ޕެންޑޯރާ އަދި ޕެނަމާ ޕޭޕަރު ތަކުންނެވެ. ޕެނަމާ ޕޭރުތަކަކީ 2016 ވަނަ އަހަރު ލީކުކޮށްލާފައިވާ ޕޭޕަރުތަކެކެވެ. ޕެންޑޯރާ ޕޭޕަރުތަކަކީ 2021 ވަނަ އަހަރު ލީކުކޮށްލާފައިވާ ޕޭޕަރުތަކެކެވެ.

މި ޕޭޕަރުތަކަކީ ދުނިޔޭގެ އެތައް ގައުމެއްގެ އެތައް ސަތޭކަ އިސް ވެރިންގެ "ވަތުބަތާނަ" ހާމަކޮށްދޭ ހަގީގީ ޕޭޕަރުތަކެކެވެ. އެމެރިކާއާއި ޔޫރަޕް ވެސް ހިމެނޭގޮތަށް ދުނިޔޭގެ އެތައް ގައުމެއްގެ އިސްވެރިންނާ އެ ނޫން ވެސް ވެރިން އަދި އެ ފަރާތްތަކާ ގުޅުންހުރި ފަރާތްތަކުން ހިންގާފައިވާ ސިއްރު މުއާމަލާތްތަކާއި ޣައިރު ގާނޫނީ ކަންކަމާ އަދި ޚިޔާނާތާއި ކޮރަޕްޝަނުގެ މައްސަލަތައް ހާމަކޮށްދޭ ލިޔުންތަކެކެވެ.

ޑރ. މަހާތީރުގެ ދެ ފިރިހެން ދަރިންގެ ޚިޔާނާތުގެ މައްސަލަތައް ފެންމަތިވުމާ ގުޅިގެން މެލޭޝިއާގެ އެންޓި ކޮރަޕްޝަން ކޮމިޝަން (އެމް.އޭ.ސީ.ސީ.) ން މިދިޔަ ޖަނަވަރީ މަހު ވަނީ އެ ދެ ބޭފުޅުންގެ މުދަލާއި ފައިސާގެ ތަފްސީލު ހިއްސާ ކުރުމަށް އެ ދެ ބޭފުޅުންގެ މައްޗަށް އަމުރު ކޮށްފައެވެ.

މިދިޔަ މާޗް މަހު މިރްޒާނާއި މޮޚްޒާނީ ވިދާޅުވެފައިވާ ގޮތުގައި އެމް.އޭ.ސީ.ސީއިން ބަލައި ތަހުގީގު ކުރަމުން ގެންދަނީ އެ ދެ ބޭފުޅުންގެ ބައްޕާފުޅު ޑރ. މަހާތީރު ބިން މުހައްމަދަށް އަމާޒުކުރެވިފައިވާ މައްސަލައެކެވެ. އެ ދެ ބޭފުޅުންގެ ބައްޕާފުޅުގެ އަގުވައްޓާލުމުގެ ގޮތުން އުފައްދައިގެން އުޅޭ މައްސަލައެކެވެ. އެ މައްސަލާގައި އެ ދެ ބޭފުޅުންގެ ބައިވެރިވުމެއް ނޯންނާނެ ކަމުގައެވެ. ނަމަވެސް އެމް.އޭ.ސީ.ސީގެ ވެރިޔާ ވިދާޅުވެފައިވާ ގޮތުގައި މިއީ ޑރ. މަހާތީރަށްވުރެ ބޮޑަށް ސީދާ މިރްޒާނާއި މޮޚްޒާނީ އާ ގުޅިފައިވާ މައްސަލައެކެވެ.

މިރުޒާން މަހާތީރު

މި މައްސަލައާ ބެހޭ ގޮތުން އެއްވެސް ވަރަކަށް ވާހަކަ ދެއްކެވުމަށް ޑރ. މަހާތީރު ވަނީ ދެކޮޅު ހައްދަވާފައެވެ. މަހާތީރުގެ ތަރުޖަމާނަކު ތަންކޮޅެއް ކުރިން ވިދާޅުވެފައިވާ ގޮތުގައި މި މައްސަލަ ރަނގަޅަށް ތަހުގީގުކޮށްފިނަމަ މިއީ އަސާސެއް ނެތް އަދި ސިޔާސީ ބޭނުމެއްގައި ކުރިޔަށް ގެންދާ މައްސަލައެއްކަން މެލޭޝިއާގެ ރައްޔިތުންނަށް ރަނގަޅަށް ހާމަވެގެންދާނެއެވެ. އެހެންކަމުން މިކަމާ ގުޅިގެން ޑރ. މަހާތީރުގެ ކަންބޮޑުވުމެއް ނެތެވެ.

ޑރ. މަހާތީރަކީ މެލޭޝިއާގެ ތަރައްގީގެ ބާނީއެވެ. އެންމެ ކުޑަކޮށް ތަރައްގީ ވެފައިވާ ގައުމެއްގެ ހާލަތުން ތަރައްގީ ވެފައިވާ ގައުމެއްގެ އޮޅިގަނޑާ ހަމައަށް މެލޭޝިއާ ތަރައްގީ ކޮށްދެއްވި އިސް އަދި ހުޝިޔާރު މޭސްތިރިއާއެވެ. މެލޭޝިއާ މިއަދު މިދެކޭ ޒަމާނީ އިންފްރާސްޓްރަކްޗާ އާއި ސިނާއަތުގެ އަސާސްތައް ބިނާކޮށްދެއްވި ވަރުގަދަ ޝަޚްސިއްޔަތަކީ ޝައްކެތް ނެތްގޮތުގައި ޑރ. މަހާތީރެވެ.

މެލޭޝިއާގައި އޮތް ފަގީރު ހާލަތު ބަދަލުކުރައްވައި އެ ގައުމަކީ އަޕަ މިޑްލް އިންކަމް ގައުމަކަށް ބަދަލުކޮށް ތައުލީމާއި ތަމްރީން ލިބިފައިވާ ރައްޔިތަކު ތިބި ގައުމަކަށް މެލޭޝިއާ ހައްދަވައި ދެއްވި ވަރުގަދަ ބަތަލަކީ ޑރ. މަހާތީރެވެ.

މެލޭޝިއާގެ ރަށްފުށުގެ ސަރަހައްދުތައް އެ ގައުމުގެ ސިޓީތަކުގެ ފެންވަރަށް ތަރައްގީ ކުރެވިއްޖެނަމަ ތަރައްގީވެފައިވާ ގައުމަކަށް ނުވަތަ ޑިވެލޮޕްޑް ކަންޓްރީއަކަށް މެލޭޝިއާ ވެގެންދާނެއެވެ. މެލޭޝިއާގެ ގިނަ ސިޓީތައް މިހާރު ވެސް ވަނީ ޒަމާނީ އިންފްރާސްޓްރަކްޗާގެ ގޮތުންނާއި އިންސާނީ ތަރައްގީގެ ގޮތުން ޑިވެލޮޕްޑް ކަންޓްރީ އެއްގެ ފެންވަރުގައެވެ. ނަމަވެސް ރަށްފުށުގެ ސަރަހައްދުތައް ތަރައްގީވެފައިވާ ގައުމެއްގެ ހާލަތަށް ތަރައްގީ ކުރުމަކީ މެލޭޝިއާއަށް ކުރިމަތިވެފައިވާ ބޮޑު ގޮންޖެހުމެކެވެ.

ޑރ. މަހާތީރު މެލޭޝިއާގައި ވެރިކަން ކުރައްވާފައިވަނީ 1981 އަހަރުން ފެށިގެން 2003 ވަނަ އަހަރާ ދެމެދުގައެވެ. ނަމަވެސް ބޮޑު މެދުކެނޑުމަކަށްފަހު މުސްކުޅި އުރުމުގައި 2018 ން 2020 އަށް ވެސް މަހާތީރު މެލޭޝިއާގެ ވެރިކަން ކުރު މުއްދަތަކަށް ކުރައްވާފައިވެއެވެ.

އަންވަރު އާއި މަހާތީރު: މަހާތީރުގެ ވެރިކަމުގެ ކުރީކޮޅު ދެބޭފުޅުންގެ ގާތްކަން އެންމެ ބޮޑު ދުވަސްވަރުގެ ފޮޓޯއެއް، އޭރު އަންވަރަކީ މަހާތީރުގެ ނައިބު---

ނަވާރަ ސަތޭކަ އަށްޑިހަ އެއް ވަނަ އަހަރުން ފެށިގެން 2003 ވަނަ އަހަރާ ދެމެދު މަހާތީރު މެލޭޝިއާއަށް ގެންނެވި އަވަސްމިނުގެ ޒަމާނީ ތަރައްގީއަކީ ދުނިޔޭގެ އެތައް ގައުމަކުން އެކަމާމެދު ހައިރާންކޮށްލި ތަރައްގީގެ އަވަސް ފިޔަވަޅުތަކެކެވެ. މެލޭޝިއާގެ ހާލަތުގައި އޮތް އެ ފެންވަރުގެ އެތައް ގައުމަކަށް ތަރައްގީގައި މާބޮޑު ކަމެއް ނުކުރެވި އޮއްވައި ޑރ. މަހާތީރުގެ ޒައާމަތުގައި މެލޭޝިއާ ވަނީ އުމްރާނީ ތަރައްގީއާއި ސިނާއީ ތަރައްގީގެ އުސް މިންތަކަކަށް ކުރުމުއްދަތެއްގެ ތެރޭގައި މެލޭޝިއާ ގެންދަވާފައެވެ.

ޑރ. މަހާތީރަށް ފަހު މެލޭޝިގައި ވެރިކަން ކުރެއްވި އެއްވެސް ލީޑަރެއްގެ ވެރިކަމުގައި މިފަދަ ހައިރާންކުރަނިވި އަވަސް ތަރައްގީ ފެނިފައެއް ނުވެއެވެ.

މެލޭޝިޔާގެ މިހާރުގެ ބޮޑުވަޒީރު އަންވަރު އިބްރާހީމަކީ މަހާތީރާ ވަރަށް ބޮޑަށް ދުޝްމަން ބޭފުޅެކެވެ. ހަތުރެކެވެ. މަހާތީރުގެ ވެރިކަމުގެ ކުރީކޮޅުގައި އަންވަރަކީ އޭނާގެ އެންމެ އަރިސް ޝަޚްސިއްޔަތު ކަމަށްވިޔަސް މަހާތީރުގެ ވެރިކަމުގެ ފަހުކޮޅުގައި ދެބޭފުޅުން ބޮޑު ދެ ހަތުރުންނަށް ވެގެން ދިޔައެވެ. ޑރ. މަހާތީރުގެ ވެރިކަމުގެ ފަހުކޮޅުގައި އަންވަރު ޖަލަށްލައި ބޮޑެތި އަދަބުތަކެއް އޭނާއަށް ދީފައިވެއެވެ.

ދެހާސް ބާވީސް ވަނަ އަހަރު އަންވަރު މެލޭޝިއާގެ ވެރިކަމަށް ވަޑައިގެންނެވީ ކޮރަޕްޝަނާ ދެކޮޅަށް ހަނގުރާމަ ކުރައްވާނެކަމުގެ ވައުދާއެކުގައެވެ. ނަމަވެސް ޑރ. މަހާތީރު ތުހުމަތު ކުރައްވާގޮތުގައި ޚިޔާނާތާއި ކޮރަޕްޝަނުގެ މައްސަލަތައް ބަލައި އެކަން ހުއްޓުވަން އަންވަރު މަސައްކަތް ކުރައްވަނީ ސިޔާސީ އެޖެންޑާއެއްގެ ދަށުންނެވެ. ސިޔާސީ ގޮތުން އޭނާގެ ވާދަވެރިންނަށް ކެހިދީ އެ މީހުން ސައިޒް ކޮށް އެ މީހުންގެ މުސްތަގްބަލް ބަނަކޮށްލުމުގެ ބަދަލު ހިފުމުގެ ރޫހުގައެވެ. ސިޔާސީ ވާދަވެރިން ޖަލަށްލުމުގެ ރޭވުމުގެ ދަށުންނެވެ. ހެޔޮ ނިޔަތުގައެއް ނޫނެވެ.

ނަމަވެސް އަންވަރު ވިދާޅުވާގޮތުގައި މަހާތީރާ ދެކޮޅަށްވެސް އަދި ސިޔާސީ އެހެން ލީޑަރަކާ ދެކޮޅަށްވެސް ބަދަލު ހިފުމުގެ އެއްވެސް ވިސްނުމެއް އަދި ރޫހެއް އޭނާގެ ނެތެވެ. ކޮރަޕްޝަން ހުއްޓުވާނީ ދެފުށް ފެންނަ ގޮތަށެވެ. ހަގީގަތާ އެއްގޮތަށެވެ. ސިޔާސީ މަގްސަދެއް ނެތި ނަޒާހަތްތެރިކަމާއެކުގައެވެ.

އަންވަރު މިހެން ވިދާޅުވިނަމަވެސް މިކަމާބެހޭ ބައެއް ރިޕޯޓްތައް ބުނާގޮތުން މެލޭޝިއާގެ އެންޓި ކޮރަޕްޝަން ކޮމިޝަން މަހާތީރުގެ ދެ ދަރިކަލުންނަށް އަމާޒުކޮށްގެން ކުރަމުންގެންދާ ކޮރަޕްޝަނާބެހޭ ތަހުގީގުތަކަކީ ސީދާ ޑރ. މަހާތީރަށް އަމާޒުކޮށްގެން ހިންގާ ތަހުގީގުތަކެކެވެ.

comment ކޮމެންޓް