ފެލިދޫ ދާއިރާއަށް ވާދަކުރާ އަލީ ޒާހިރަށް އެމްޑީޕީގެ ތާއީދު

ރައީސް އޮފީހުގެ ކުރީގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރު -- ފޮޓޯ/ ރައީސް އޮފީސް

ކުރިއަށް އޮތް 20ވަނަ ރައްޔިތުންގެ މަޖިލީހުގައި ވ. ފެލިދޫ ދާއިރާއަށް އަމިއްލަގޮތުން ވާދަކުރައްވައި ކެންޑިޑޭޓް އަލީ ޒާހިރު (އަލިޕީ)އަށް އެމްޑީޕީން ތާއީދުކުރަން ނިންމައި، މިއަދު އެކަން އިއުލާނުކޮށްފިއެވެ.

އެމްޑީޕީން މިއަދު ނެރުނު ބަޔާނެއްގައި ވަނީ، އެ ޕާޓީން ވާދާނުކުރާ ދާއިރާއެއްކަމަށްވާ ވ. ފެލިދޫ ދާއިރާއަށް އަމިއްލަގޮތުން ކުރިމަތިލާފައިވާ ޢަލީ ޒާހިރު، މިސްކިތްމަގު. މާހާގެ / ޏ. ފުވައްމުލަކު (ކެންޑިޑޭޓް ނަންބަރު 2)ކަށް އެ ޕާޓީން ތާއީދުކުރަން ނިންމާފައިވާ ކަމަށެވެ.

އެހެންކަމުން، ފެލިދޫ ދާއިރާގެ އެމްޑީޕީ މެންބަރުންނާއި ޕާޓީއަށް ތާއީދުކުރާ ފަރާތްތަކުން އަލީ ޒާހިރަށް ތާއީދުކޮށް ވޯޓުދޭން އެމްޑީޕީން ވަނީ އެދިފައެވެ.

އެމްޑީޕީގެ މި ނިންމުމާ ގުޅިގެން އަލީ ޒާހިރު ވަނީ އެ ޕާޓީއަށް ޝުކުރު އަދަކޮށްފައެވެ. މީގެ ކުރިން އޭނާ ވަނީ އެމްޑީޕީގެ ތާއީދު ލިބޭނެކަމަށް އުންމީދު ކުރާކަމަށް ބުނެފައެވެ.

ނިމިދިޔަ އެމްޑީޕީ ސަރުކާރުގައި ކޯލިޝަން ޕާޓީއެއްގެ ގޮތުގައި އޮތް އަދާލަތު ޕާޓީއަށް ނިސްބަތްވާ އަލީ ޒާހިރު ވަނީ، ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފްގެ މަގާމު ފުރުއްވާފައެވެ. އޭނާއަކީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިޙާ ވަރަށް އަރިސްކޮށް މަސައްކަތް ކުރެއްވި ބޭފުޅެކެވެ.

އަލީ ޒާހިރުގެ އިތުރުން ވެސް ތިން ކެންޑިޑޭޓުން ފެލިދޫ ދާއިރާއަށް ވާދަކުރައްވައެވެ.

މި ފަހަރުގެ މަޖިލީސް އިންތިޚާބުގައި އެންމެ ގިނަ ދާއިރާތަކަށް ވާދަކުރަނީ އިދިކޮޅު އެމްޑީޕީންނާއި ސަރުކާރު ހިންގާ ޕީޕީއެމް/ޕީއެންސީ ކޯލިޝަނުންނެވެ.

comment ކޮމެންޓް