ބްރެޒިލްގެ ވޯލްޑް ކަޕް ތަރި، ރޮނާލްޑީނިއޯ، ރަސްމީކޮށް ފުޓްބޯޅަ ކުޅުން ހުއްޓާލިކަން އިއުލާނުކުރުމާއެކު ދުނިޔޭގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރީން ޑީނިއޯއަށް ޝުކުރުގެ ޖިޒީތައް ފޮނުވަމުން އެބަދެއެވެ.
ރޮނާލްޑީނިއޯ ވަނީ ރަސްމީކޮށް ފުޓްބޯޅަ ކުޅުން ހުއްޓާލިކަން އޭނާގެ އޭޖެންޓް މެދުވެރިކޮށް ނިމިދިޔަ ހަފްތާގެ އަންގާރަ ދުވަހު އިއުލާނުކޮށްފައެވެ.
ޑީނިއޯ އިޓަލީގެ އޭސީ މިލާނަށް ބަދަލުވުމުގެ ކުރީން، އޭނާއާއެކު ބާސެލޯނާގައި ހަތަރު އަހަރު ދުވަސް ހޭދަކުރި އާޖެންޓީނާގެ ތަރި ލިއޮނަލް މެސީ ވަނީ އޭނާގެ އިންސްޓަގްރާމް ޕޭޖްގައި އެ ދެކުޅުންތެރީން އެކުގައި ނަގާފައިވާ ފޮޓޯއެއް ޕޯސްޓްކޮށްފައެވެ.

ބްރެޒިލްގެ ފުޓްބޯޅަ ލެޖެންޑް ރޮނާލްޑީނިއޯ ވަނީ، ރަސްމީކޮށް އޭނާ ފުޓްބޯޅަ ކުޅުން ހުއްޓާލިކަން އިއުލާނުކޮށްފައި.-- ފޮޓޯ: ގެޓީ
މެސީ އެ ފޮޓޯއާއެކު ކުރި ޕޯސްޓްގައި ލިޔެފައި ވަނީ، ރޮނާލްޑީނިއޯއެކު ހޭދަކުރި ދުވަސްތަކަކީ ދުވަހަކުވެސް ހަނދާނުން ނުފިލާނޭ ދުވަސްތަކެއް ކަމަށާއި، ޑީނިއޯގެ ފަރާތުން ދަސްވި ފުޓްބޯޅައިގެ ހުނަރުތަކާއި އަދި ލިބުނު އެނޫންވެސް އެކިއެކި އެހީތެރިކަމަކީ ޝުކުރުވެރިކަމާއެކު އަބަދުވެސް ހަނދާންކުރާނޭ ކަންތައްތަކެއް ކަމަށެވެ.
"އަހަރެން އަބަދުވެސް ބުނަމުން އައި ފަދައިން، އަހަންނަށް ތިބާގެ ފަރާތުން ވަރަށް ގިނަ ކަންތައްތަކެއް ދަސްވި. އަހަރެން އަބަދުވެސް ޝުކުރުވެރިކަމާއެކު ފާހަގަކުރާނަން ޑްރެސިންގް ރޫމްގައި އަހަންނަށް ތިބާގެ ފަރާތުން ފަސޭހަކަމާއެކު ލިބުނު އެހީތެރިކަން،" މެސީ ބުނެފައިވެއެވެ.
"ތިބާ ދުރަށްދާން ނިންމި ކަމުގައިވިޔަސް ފުޓްބޯޅައިގައި ތިޔަ ހިނިތުންވުން ފޮހެވިގެނެއް ނުދާނެ" ތާއަބަދަށް ރޮނީއަށް ހެޔޮއެދޭކަން ހާމަކުރަމުން މެސީ ލިޔެފައިވެއެވެ.
ޑީނިއޯއާއެކު އޭސީ މިލާންގައި ކުޅެފައިވާ އިނގިރޭސި ލެޖެންޑް ޑޭވިޑް ބެކަމްވެސް ވަނީ، މެސީ ފަދައިން ޑީނިއޯއާމެދު އޭނާގެ ހިތުގައިވާ ޝުއޫރުތައް ބަންޑުންކޮށްލައިފައެވެ.

ބެކަމް، ޕިރްލޯ އަދި ރޮނާލްޑީނިއޯ --
ބެކަމް އޭނާގެ އިންސްޓަގްރާމްގައި ލިޔެފައިވަނީ "ރިޓަޔަމަންޓަށް މަރުހަބާ އަހަރެންގެ އެކުވެރިޔާ.... ތިބާއާއެކު، އަދި ތިބާއާ ދެކޮޅަށް ފުޓްބޯޅަ ކުޅުމުގެ ފުރްސަތު ލިބުނީތީ އަދި ފުޓްބޯޅައަށް ލޯބިކުރާ އެތައް ބައެއްގެ މޫނުމައްޗަށް ތިބާގެ ފަރާތުން އުފާގެނުވީތީ އުފާކުރަން،" ކަމަށެވެ.
މީގެ އިތުރުން މިވަގުތު ދުނިޔޭގެ އެންމެ އަގުބޮޑު ކުޅުންތެރިޔާގެ ގޮތުގައި، ފްރާންސްގެ ޕީއެސްޖީއަށް ކުޅެމުން އަންނަ، ބްރެޒިލް ތަރި ނޭމާ ޖޫނިއާރ އޭނާގެ އިންސްޓަގްރާމްގައި ލިޔެފައިވަނީ، ދަނޑުމަތީގައި ރޮނާލްޑީއޯގެ އުފާވެރި ހަނދާންތައް ދުވަހަކުވެސް ފޮހެވިގެން ނުދާނޭ ކަމަށެވެ. އަދި ފުޓްބޯޅައިގައި ޑީނިއޯ ގާއިމްކޮށްފައިވާ "ލެގަސީ"އަކީ ފަހަތަށް ޖައްސާލައި، ފުޓްބޯޅައިގައި އެއަށްވުރެ ވަކިންމޮޅު އާޓެއް ގެނައުމަކީ ވަރަށް އުނދަގޫ ކަމަކަށް ވާނޭކަމަށެވެ.
"ފުޓްބޯޅައަށް ލޯބިކުރާ ފަރާތްތަކަށް ތިބާކޮށްދިން ހުރިހާކަމަކަށް ޝުކުރުއަދާކުރަން،" ރޮނާލްޑީނިއޯ ފުޓްބޯޅަ ކުޅުން ރަސްމީކޮށް ހުއްޓާލުމާ ގުޅިގެން އޭނާއަށް ނޭމާ ފޮނުވި ޝުކުރުގެ ޖިޒީ ނިންމާލަމުން ލިޔެފައިވެއެވެ.

އޭސީ މިލާނާއި ރެއާލް މެޑްރިޑްގައި ވިދާލި ބްރެޒިލްގެ ވޯލްޑް ކަޕް ތަރި ކަކާވެސް ވަނީ އުމުރުން 35 އަހަރުގައި ފުޓްބޯޅަ ކުޅުން ހުއްޓާލިކަން އިއުލާނުކޮށްފައި -- ފޮޓޯ: ގެޓީ
މީގެ އިތުރުންވެސް ފުޓްބޯޅައިގެ ދުނިޔޭގެ މަޝްހޫރު އެތައް ތަރީންނެއް ދަނީ ރޮނާލްޑީނިއޯއަށް ޝުކުރުގެ ޖިޒީތައް ފޮނުވަމުންނެވެ. އޭގެ ތެރޭގައި، ކަކާ، ސަމުއެލް އެޓޫ، ކާލްސް ޕުޔޯލް، ޖިއާންލުކާ ޒަމްބްރޯޓާ، ޑެކޯ ފަދަ ޑީނިއޯއާއެކު އެކި ޓީމުތަކުގައި ކުޅެފައިވާ ކުޅުންތެރީން ހިމެނެއެވެ.