ފާރޫގުވެސް މާޒިޔާއަށް، ޑުންގާގެ ކޮންޓްރެކްޓް އައުކޮށްފި

މިދޔައަހަރު އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި މާޒިޔާއާއި ގްރީން ބައްދަލުކުރި މެޗުގެ ތެރެއިން ޑުންގާ ބޯޅައާއެކު ކުރިއަށްދަނީ ---- ސަން ފައިލް ފޮޓޯ/ މުހައްމަދު އަފްރާހް

މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބަށް އެންމެ ގިނަ ދުވަހު ކުޅެދީފައިވާ ކުޅުންތެރިޔާ ހަސަން ޝިފާޒް (ޑުންގާ) އެޓީމާއެކު ކޮންޓްރެކްޓް އައުކޮށްފައިވާއިރު، ވޭތުވެދިޔަ ދެ ސީޒަންގައިވެސް ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބަށް ކުޅުނު ފާރޫގު އިސްމާއިލް މާޒިޔާއާ ގުޅިއްޖެއެވެ.

ކުރިއަށް އޮތް ސީޒަންގެ ނިޔަލަށް ޑުންގާގެ ކޮންޓްރެކްޓް އައުކޮށްފައިވާއިރު، އޭނާ އަންނަނީ 2011 ވަނަ އަހަރުން ފެށިގެން މާޒިޔާއަށް ކުޅެމުންނެވެ. އަދި ވޭތުވެދިޔަ ތިން ސީޒަންގައިވެސް ޑުންގާވަނީ މާޒިޔާގެ މުހިއްމު މެޗުތަކަކުން ފެނިގެން ގޮސްފައެވެ. ޑުންގާ ފާހަގަ ކޮށްލެވުނީ ވޭތުވެދިޔަ ސީޒަންގައި މާޒިޔާގެ ކެޕްޓަން އަސަދުﷲ އަބްދުﷲ (އަސައްކޮ) އަށް އަނިޔާވުމާއެކު މާޒިޔާގެ ކެޕްޓަން ބޭންޑްވެސް އެޅި ކުޅުންތެރިޔާގެ ގޮތުގައެވެ.

މާޒިޔާއާ މިއަދު ގުޅުނު ފާރޫގް އިސްމާއީލްއަކީ 23 އަހަރުން ދަށުގެ ގައުމީ ޓީމަށްވެސް ކުޅުނު ކުޅުންތެރިއެކެވެ. ބީޖީ ސްޕޯޓްސް ކްލަބަށްވެސް ކުޅެފައިވާ ފާރޫގް ވޭތުވެދިޔަ ދެ ސީޒަންގައިވެސް ފެނުނީ ނިއުރޭޑިއަންޓްގެ ޖާޒީގައެވެ. އޭނާވަނީ 2016 ވަނަ އަހަރުގެ ސީޒަންގައި ނިއުރޭޑިއަންޓަށް ގިނަ މެޗުތަކެއް ކުޅެދީފައެވެ. ނަމަވެސް ވޭތުވެދިޔަ ސީޒަންގައި އޭނާ ގިނަ މެޗުތަކުން ފެނިގެންދިޔައީ ބެންޗުންނެވެ.

ކުރިއަށް އޮތް ސީޒަނަށް މާޒިޔާއިން ވަރުގަދައަށް ތައްޔާރުވަމުންދާ އިރު، އެޓީމުން ވަނީ ބޮޑެތި ޓްރާންސްފާތަކެއް ކޮށްފައެވެ. އެގޮތުން ވޭތުވެދިޔަ ސީޒަންގައި ކްލަބު ގްރީން ސްޓްރީޓްސްއިން ފެނިގެންދިޔަ މުހައްމަދު ނިޒާމް (ނިޒާމްބެ)ގެ އިތުރުން ޓީސީގެ ތަރި ނާއިޒް ހަސަން (ދާދު) ވެސް އަންނަ ސީޒަންގައި ފެންނާނީ މާޒިޔާއިންނެވެ. މީގެ އިތުރުންވެސް އީގަލްސްގެ ފަހަތުން މިދިޔަ ސީޒަންގައި ފެނިގެންދިޔަ ޑިފެންޑަރު މުޖުތާޒް މުހައްމަދު (މުޖޭ) ވެސް ފެނިގެންދާނީ އެންމެ ފަހުގެ މާލޭ ލީގު ޗެމްޕިއަން މާޒިޔާއިންނެވެ.

މާޒިޔާއިން މިދިޔަ ސީޒަން ނިންމާލީ މާލޭ ލީގުގެ ޗެމްޕިއަނުންގެ ގޮތުގައެވެ. އަދި ދިވެހި ޕްރިމިއާ ލީގުގެ ތިންވަނަ ޓީމުގެ ގޮތުގައެވެ. މީގެ އިތުރުންވެސް މިދިޔަ އަހަރު އޭއެފްސީ ކަޕުގައިވެސް މާޒިޔާ ވަނީ ރަނގަޅު ކުޅުމެއް ދައްކައިފައެވެ.

comment ކޮމެންޓް