ބްރެޒިލް ފުޓްބޯޅަ ތަރި ރޮނާލްޑޯނިއޯ ރަސްމީކޮށް ކުޅުން ހުއްޓާލައިފިއެވެ.
އުމުރުން 37 އަހަރުގެ ރޮނާލްޑީނިއޯ ރަސްމީކޮށް ކުޅުން ހުއްޓާލިކަން އޭނާގެ ފަރާތުން އިއުލާންކުރީ އޭނާގެ ބޭބެ އަދި އެޖެންޓް ރޮބާޓޯ އަސިސްއެވެ.
ބްރެޒިލް ކްލަބު ފްލުމިނެންސްއިން 2015 ވަނަ އަހަރު ފެނުމަށްފަހު، ރޮނާލްޑީނިއޯ ޕްރޮފެޝަނަލް ފުޓްބޯޅައިގެ ތެރެއިން ފެނިފައެއް ނުވެއެވެ. މިއަހަރުގެ ތެރޭގައި ރަސްމީކޮށް ކުޅުން ހުއްޓާލާނެކަން މިދިޔަ އަހަރު އޭނާ ވަނީ އިއުލާންކޮށްފައެވެ.
"ރޮނާލްޑީނިއޯ ކުޅުން ހުއްޓާލައިފި. އެކަން އެ ނިމުނީ. ދެން އޭނާގެ ފެއާވެލްއަށް ރަނގަޅު ކަމެއް ރާވަމާ ހިނގާ. އެކަން ވަރަށް ބޮޑުކޮށް ވޯލްޑް ކަޕަށްފަހު، ފަހަރެއްގައި އޮގަސްޓް މަހަށް ރާވާނަން. އަހަރެމެން ފެއާވެލްގެ ހަރަކާތްތައް ބްރެޒިލް، ޔޫރަޕް އަދި އޭޝިއާގައި ބާއްވާނަން. ބްރެޒިލް ގައުމީ ޓީމާއެކު ވެސް ކޮންމެވެސް ހަރަކާތެއް ރާވާލާނަން،" ރޮނާލްޑީނިއޯގެ ބޭބެ އަދި އޭނާގެ އެޖެންޓް އަސިސް ބުންޏެވެ.
އަސިސް ބުނީ ރޮނާލްޑީނިއޯގެ ދުވަސްވީ ސްޕޮންސަރެއް ކަމަށްވާ ނައިކީ ވެސް އެ ހަރަކާތްތަކުގައި ބައިވެރިވާނެ ކަމަށާއި، ބާސެލޯނާއިން ވެސް އެކަމުގައި އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށެވެ. އަދި މިހާރު ޕްރޮގްރާމެއް ރޭވުމުގެ ކަންތައް ކުރިއަށްގެންދާ ކަމަށް ވެސް ރޮނާލްޑީނިއޯގެ ބޭބެ ބުންޏެވެ.
ރޮނާލްޑީނިއޯ ވަނީ ބްރެޒިލް ގައުމީ ޓީމަށް 97 މެޗު ކުޅެ، 33 ލަނޑު ކާމިޔާބުކޮށްފައެވެ. ޖަޕާން އަދި ދެކުނު ކޮރެއާގައި 2002 ވަނަ އަހަރު ބޭއްވި ވޯލްޑް ކަޕް، ބްރެޒިލަށް ކާމިޔާބުކޮށްދިނުމަށް ރޮނާލްޑީނިއޯ ވަނީ އިސްދައުރެއް އަދާކޮށްފައިވެއެވެ.
ގްރެމިއޯއަށް ކުޅުމަށްފަހު ޕެރިސް ސެއިންޓް ޖާމައިން (ޕީއެސްޖީ)އަށް ބަދަލުވެ، ރޮނާލްޑީނިއޯ ވަނީ މުޅި ދުނިޔެއަށް އޭނާގެ އުކުޅުތައް ދައްކާލައިފައެވެ. އެއަށްފަހު 2003 އިން ފެށިގެން 2008 ގެ ނިޔަލަށް ބާސެލޯނާގައި އޭނާ ކާމިޔާބު ދުވަސްތަކެއް ހޭދަކުރިއެވެ. ބާސާއާއެކު 05-2004 އަދި 06-2005 ސީޒަނުގެ ލަލީގާ ކާމިޔާބުކުރުމަށްފަހު، ރޮނާލްޑީނިއޯ ވަނީ ޗެމްޕިއަންސް ލީގު ވެސް ކާމިޔާބުކޮށްފައެވެ.
ރޮނާލްޑީނިއޯގެ މޮޅު ކުޅުމާއެކު އޭނާ ވަނީ 2005 ވަނަ އަހަރުގެ ބެލޮންޑިއޯ ކާމިޔާބުކޮށްފައެވެ. ބާސާގައި ހޭދަކުރި ކާމިޔާބު ދުވަސްތަކަށްފަހު އޭސީ މިލާނުގައި ރޮނާލްޑީނިއޯ ތިން އަހަރު ހޭދަކުރިއެވެ. އޭނާ ވަނީ މިލާންއާއެކު ޕައުލޯ މަލްޑިނީ، ކަކާ އަދި ޑޭވިޑް ބެކަމް ފަދަ ތަރިންނާއެކު ކުޅެފައެވެ.
މިލާންއާއެކު 11-2010 ސީޒަނުގެ އިޓާލިއަން ސެރީއާ ކާމިޔާބުކުރުމަށްފަހު ރޮނާލްޑީނިއޯ ވަނީ އެނބުރި އޭނާގެ އަމިއްލަ ގައުމު ބްރެޒިލަށް ގޮސް ފްލެމެންގޯއާ ގުޅިފައެވެ. ފްލުމިނެންސްއަށް ކުޅުމުގެ ކުރިން އޭނާ ވަނީ އެތުލެޓިކޯ މިނޭރޯ އާއި މެކްސިކޯގެ ގުއެރެޓާރޯއަށް ވެސް ކުޅެފައެވެ.