ވާތްތެރިންނަށް މީހުން އިތުބާރު ކުރާ މިންވަރު އިތުރު!

ވައަތްތެރިންނަށް މީހުން އިތުބާރު ކުރާ މިންވަރު އިތުރު---

ތަފާސްހިސާބުތައް ދައްކާ ގޮތުގައި ދުނިޔޭގެ އާބާދީގެ 10 އިންސައްތަ މީހުންނަކީ ވާތްތެރީންނެވެ. މިއީ ކިތަންމެ ކުޑަ ނިސްބަތެއް ނަމަވެސް ވާތްތެރިންނަކީ އެހެން މީހުންނާ ހިލާފަށް ވިސްނުން ތޫނު ބައެއްކަން ގިނަބަޔަކު ފާހަގަ ކުރެއެވެ.

ކަނާތްތެރިންނަށް ވުރެ ވާތްތެރިން ވިސްނުންތޫނުކަމަށް ވެއެވެ. ކަންކަމާ ވިސްނޭ މިންވަރުވެސް އެ ފަދަ މީހުންނަށް އިތުރެވެ. ވާތްތެރިންގެ ސިކުނޑި ހަމަހަމަކޮށް މަސައްކަތް ކުރާއިރު އެ މީހުންގެ ސިކުނޑިއަށް ތަފާތު އުފެއްދުންތެރި ހިޔާލުތައް އާދެއެވެ. ތަފާތު އެތައް ކަމެއް ތަޖުރިބާ ކޮށްލަންވެސް އެ މީހުން މާ ބޭނުންވެއެވެ.

'އޮކްސްފޯޑް ޔުނިވާސިޓީ' އިން ކުރިއަށް ގެންދިޔަ ދިރާސާއެއްގެ ނަތީޖާ ދައްކާ ގޮތުގައި ކަނާތްތެރީންނާ ޚިލާފަށް ވާތްތެރިންނަށް އެހެން މީހުން އިތުބާރުކުރާ މިންވަރުވެސް އިތުރެވެ. އެ ފަދަ މީހުންނަކީ ގިނައިން މީހުންނަށް އަޅާލާ، ކަމެއް ދިމާވެއްޖެނަމަ އަބަދުވެސް އެންމެ ގާތުގައި ތިބެން ބޭނުންވާ ބައެއްކަމަށް ވެއެވެ.

ވާތްތެރިންގެ ނިސްބަތް ދުނިޔޭގައި ވަރަށް މަދެވެ. ނަމަވެސް އެ މީހުންނަކީ ވަރަށް އާދަޔާ ހިލާފު ސިފަތަކެއް ލިބިފައިވާ ބައެކެވެ. މިފަދަ މީހުން، ކަންކަމުގައި އިސްނެގުން އިތުރެވެ. މި ސަބަބާ ހުރެ ވާތްތެރިންނަކީ މާ ކާމިޔާބު ބައެއްކަން ގަބޫލު ކުރެވި އެ ފަދަ މީހުންނަކީ ލީޑަރުން ކަމަށްވެސް ބެލެވެއެވެ. އަބަދުވެސް ކަންކަމާ ކެރިގެން ފަސް ނުޖެހި ކުރިމަތިލާ ބަޔަކަށް އެފަދަ މީހުން ވެއެވެ.

ބައެއް މީހުންނަކީ މަދުން ނަމަވެސް އެހެން މީހުންނަށް ބަރޯސާ ވެގެން ތިބޭ ބައެކެވެ. ނަމަވެސް ވާތްތެރިންނަކީ ވަކި ބަޔަކަށް ބަރޯސާވެގެން ތިބޭ ބައެއް ނޫންކަމަށް އެ ދިރާސާއިން ދައްކައެވެ. އަމިއްލައަށް ކަންތައްތަކާ ކުރިމަތިލާ، އަމިއްލަ މަސައްކަތުން އެ މީހުންގެ ދިރިއުޅުން ކާމިޔާބު ކުރެއެވެ.

ކެތްތެރިވުމަކީ އިންސާނާގެ ގައިގައި ހުންނަން ޖެހޭ އެންމެ މުހިއްމު އެއް ސިފައަށް ވާއިރު ވާތްތެރިންނަކީ ކަނާތްތެރިންނަށް ވުރެ ކެތްތެރި ބައެއް ކަމަށްވެސް އެ ދިރާސާގައި ބުނެފައިވެއެވެ.

މައުލޫމާތު: (ޔުނިވާސިޓީ އޮފް އޮކްސްފޯޑް) (އިންޑީ 100)

comment ކޮމެންޓް