ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނާ ބައްދަލުކުރަން ގޮނޑި ގެއްލުނު މެމްބަރުން އަނެއްކާވެސް އެދިއްޖެ

ގޮނޑިގެއްލުނު މެމްބަރުން ސުޕްރީމްކޯޓަށް ވަޑައިގެންނަވަނީ--ސަންފޮޓޯ/ ފަޔާޒު މޫސާ

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނާ ބައްދަލުކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވާ މެމްބަރުން ތިން ވަނަ ފަހަރަށް އެދިއްޖެއެވެ.

މަޖިލީހުގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވާ 12 މެމްބަރުންގެ ތެރެއިން ސުޕްރީމް ކޯޓަށް މިއަދު ވަޑައިގަތީ ތުލުސްދޫ ދާއިރާގެ ގޮނޑި ގެއްލިފައިވާ މުހައްމަދު ވަހީދު އިބްރާހީމް (ލޯޔަރު ވައްޑެ) އާއި މަޑުއްވަރީ ދާއިރާގެ ގޮނޑި ގެއްލިފައިވާ މުހައްމަދު އަމީތު އާއި ހަނިމާދޫ ދާއިރާގެ ގޮނޑި ގެއްލިފައިވާ ހުސައިން ޝަހުދީއާއި ދިއްދޫ ދާއިރާގެ ގޮނޑި ގެއްލިފައިވާ އަބްދުއްލަތީފް މުހައްމަދުގެ އިތުރުން ފުވައްމުލަކު އުތުރު ދާއިރާގެ ގޮނޑި ގެއްލިފައިވާ އަލީ ޝާހުއާއި، އިހަވަންދޫ ދާއިރާގެ ގޮނޑި ގެއްލިފައިވާ މުހައްމަދު އަބްދުﷲ (މުހައްމާ) އާއި ވިލިނގިލީ ދާއިރާގެ ގޮނޑި ގެއްލިފައިވާ ސައުދު ހުސައިނާއި އަދި ތިނަދޫ އުތުރު ދާއިރާގެ ގޮނޑި ގެއްލިފައިވާ ސައުދުﷲ ހިލްމީއެވެ.

އެބޭފުޅުންގެ ތެރެއިން ލަތީފް މިއަދު "ސަން" އަށް ވިދާޅުވީ އެބޭފުޅުންގެ ގޮނޑި ގެއްލިއްޖެކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައެޅީ ސުޕްރީމް ކޯޓުން ކުރި ހުކުމާ ޚިލާފަށް ކަމަށެވެ.
އެކަމާ ގުޅިގެން ފުރަތަމަ ފަހަރު އުއްތަމަ ފަނޑިޔާރާ ބައްދަލުކުރަން އާދިއްތަ ދުވަހު ސުޕްރީމްކޯޓަށް ދިޔުމުން ނަންނޯޓު ކުރި ކަަމަށާއި، ނަމަވެސް އެދުވަހު އުއްތަމަ ފަނޑިޔާރާ ބައްދަލުނުވި ކަމަށް ލަތީފް ވިދާޅުވިއެވެ.

ފަނޑިޔާރުންނާ ބައްދަލުކުރަން ދެވަނަ ފަހަރަށް އިއްޔެ ސުޕްރީމް ކޯޓަށް ދިޔުމުން ފޯމެއް ފުރަން އެ ކޯޓުން އެދުނު ކަމަށާއި ނަމަވެސް އޭގެ ފަހުން ވެސް ބައްދަލުވާނެ ގޮތެއް ހަމަނުޖެހުނު ކަމަށް އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މިއަދު ތިން ވަނަ ފަހަށް ސުޕްރީމް ކޯޓަށް ދިޔުމުން އެދުނީ ފަނޑިޔާރުންނާ ބައްދަލުކުރުމަށް އެދި ސިޓީއެއް ހުށަހެޅުމަށް ކަމަށެވެ. އެހެންދުވަސްތަކެކޭ އެއްގޮތަށް މިއަދުވެސް ފަނޑިޔާރުންނާ ބައްދަލުކުރެވޭ ގޮތެއްނުވި ކަމަށް ލަތީފް ވިދާޅުވިއެވެ.

ގޮނޑި ގެއްލިފައިވާ މައްސަލާގައި ބައެއް މެމްބަރުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލާގައި އެ ކޯޓުން ނިންމި ނިންމުމުގައި ވަނީ އިތުރަށް ނިންމަންޖެހޭ ނިންމުމެއް ނެތް ކަމަށާއި އެ ކޯޓުން ކުރިން ކޮށްފައިވާ ހުކުމުން އެކަން ސާފުވާނެ ކަމަށެވެ.

ނަމަވެސް އެކި ފަރާތްތަކުން އެ ހުކުމް މާނަކުރަނީ އެކި ގޮތަށެވެ.

އެއަށްފަހު އެ މެމްބަރުން ވަނީ ބައި އިލެކްޝަންތައް ހުއްޓުވުމަށް އެދި އިތުރު މައްސަލައެއް ސުޕްރީމް ކޯޓަށް ހުށަހަޅާފައެވެ. ނަމަވެސް އެ މައްސަލަ ބަލައިގަތްކަމެއް މިހާތަނަށް އަންގާފައިނުވާ ކަމަށް ލަތީފް ވިދާޅުވިއެވެ.

ލަތީފް ވިދާޅުވީ ގޮނޑި ގެއްލުނު މައްސަލައިގައި ހައްލެއް ފެންނަންދެން ފަނޑިޔާރުންނާ ބައްދަލުކުރުމަށް ސުޕްރީމްކޯޓަށް ވަޑައިގެންނަވާނެ ކަމަށެވެ.

މިއަދު ސުޕްރީމް ކޯޓަށް ވަޑައިގަތް ބޭފުޅުންގެ އިތުރުން މައްޗަންގޮޅީ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސިނާނާއި ދަގެނތީ ދާއިރާގެ މެމްބަރު އިލްހާމް އަހްމަދާއި ތިމަރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާގެ ގޮނޑި ގެއްލިފައިވާ ކަމަށް ވެސް އިލެކްޝަންސް ކޮމިޝަނުން ވަނީ ކަނޑައަޅާފައެވެ.

comment ކޮމެންޓް