ލިވިންގް އެކްސްޕޯގެ މީޑިއާ ޕާޓްނަރަކަށް ސަން

ހަވަނަ މޯލްޑިވްސް ލިވިންގް އެކްސްޕޯ 2018ގެ މީޑިއާ ޕާޓްނަރަކަށް ސަން އޮންލައިން ހަމަޖެއްސުން --- ސަން ފޮޓޯ/ ފަޔާޒު މޫސާ

ހައިރައިޒްއިން އިންތިޒާމުކޮށްގެން ބާއްވާ މޯލްޑިވްސް ލިވިންގް އެކްސްޕޯގެ ހަވަނަ އެޑިޝަންގެ އޮންލައިން މީޑިއާ ޕާޓްނަރަކަށް ސަން އޮންލައިން ހަމަޖައްސައިފިއެވެ.

ލިވިންގް އެކްސްޕޯ 2018 އޮންނާނީ އަންނަ މަހުގެ 15 އިން 17 އަށް، ނޭޝަނަލް އާޓް ގެލެރީގައެވެ.

ހަވަނަ ލިވިންގް އެކްސްޕޯގެ ސްޕޮންސަރުންނާއި ޕާޓްނަރުންނާއެކު ސޮއިކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި، އެ މައުރަޒުގެ އޮންލައިން މީޑިއާ ޕާޓްނަރުކަމަށް ސަން އޮންލައިން ހަމަޖެއްސުމުގެ އެއްބަސްވުމުގައި ސޮއިކުރެއްވީ ސަން މީޑިއާ ގްރޫޕުގެ ޗީފް އޮޕަރޭޓިންގް އޮފިސަރ މިންހާ ފާއިޒާއި، ހައިރައިޒްގެ ސޭލްސް އެންޑް މާކެޓިންގް މެނޭޖަރ މާއިޝާ ޝުޖާއުއެވެ.

މިއަހަރުގެ ލިވިންގް އެކްސްޕޯގެ މެއިން ސްޕޮންސަރަކީ ސްރީލަންކާގެ މިކްސްޑް ޑިވެލޮޕްމެންޓް ޕްރޮޕަޓީ "ކޮލޮމްބޯ ސިޓީ ސެންޓަރ"އެވެ. ކޯ ސްޕޮންސަރުންނަކީ މާލޭ ރަސްފަންނުގައި ތަރައްގީކުރާ ކޮރަލް ބޮލެވާޑާއި، ސްރީލަންކާގައި ތަރައްގީކުރާ ލަގްޒަރީ އެޕާޓްމެންޓް ޕްރޮޕަޓީ "އަލްޓެއާ"އެވެ. މީގެ އިތުރުންވެސް މިއަހަރުގެ ލިވިންގް އެކްސްޕޯގެ އެހެނިހެން ޕާޓްނަރުންނާއެކު މިއަދު ސޮއިކުރެވިގެން ދިޔައެވެ.

ހައިރައިޒްގެ ޖެނެރަލް މެނޭޖަރ މުހައްމަދު ޝާމިން --- ސަން ފޮޓޯ/ ފަޔާޒު މޫސާ

މި މައުރަޒުގައި ރައްޖޭގެ އިތުރުން ބޭރުގެ ގިނަ ކުންފުނިތަކަކުން އެފަރާތްތަކުގެ ޕްރޮޕަޓީތަކުގެ މައުލޫމާތު ދިނުމަށް ބައިވެރިވާނެއެވެ. ހައިރައިޒްގެ ޖެނެރަލް މެނޭޖަރ މުހައްމަދު ޝާމިން ވިދާޅުވި ގޮތުގައި، ރާއްޖެއާއި ބޭރުން 28 އަށް ވުރެ ގިނަ ފަރާތުން މި އެކްސްޕޯގައި އެގްޒިބިޓަރުންގެ ގޮތުގައި ބައިވެރިވާނެއެވެ.

ހަވަނަ މޯލްޑިވްސް ލިވިންގް އެކްސްޕޯވެސް ބާއްވާނީ، އެތަނަށް ޒިޔާރަތްކުރާ މީހުންގެ ތެރެއިން ގުރުއަތުން ހޮވޭ ފަރާތްތަކަށް ޚާއްސަ އިނާމުތަކެއްވެސް ލިބޭ ގޮތަކަށެވެ.

comment ކޮމެންޓް