ކޭޕާކް ފުލެޓުތަކުގެ އެއްބަސްވުންތަކުގައި މައްސަލައެއް ނެތް ކަމަށް ފުލުހުން ބުނެފައިވޭ: ވަކީލް

ކޮރެއާގެ ހަމްބޯޓެކާއި ރާއްޖޭގެ ހަމްބޯ ކޮމްޕެނީ ގުޅިގެން ހުޅުމާލޭގައި އަޅާ "ކޭ-ޕާކް ރެސިޑެންސް"ގެ ކުރެހުމެއް: ފުލެޓު އެއްބަސްވުންތަކުގައި މައްސަލައެއް ނެތް ކަމަށް ފުލުހުން ބުނެފައިވާ ކަމަށް ވަކީލު ވިދާޅުވި ---- ފޮޓޯ: ކޭ ޕާކް ރެސިޑެންސް

ކޭޕާކް ފުލެޓުތަކުގެ އެއްބަސްވުންތަކުގެ ސައްހަކަމާ މެދު އެއްވެސް މައްސަލައެއް ނެތް ކަމަށް ފުލުހުން ބުނެފައިވާ ކަމަށް، ކޭޕާކުން ލަނޑު ލިބުނު ފަރާތްތަކުގެ ހައްގުގައި މަސައްކަތްކުރާ ވަކީލުންގެ ފަރާތުން މިއަދު ބުނެފިއެވެ.

ހެންވޭރު ފުލުހުންގެ އިދާރާއިން ނިކުމެވަޑައިގަތުމަށްފަހު 'ސަން'އަށް މައުލޫމާތު ދެއްވަމުން ގާނޫނީ ވަކީލު ޙަސަން ފަލާޙް ވިދާޅުވީ، އޭނާ ފުލުހަށް މިއަދު ވަޑައިގަތީ ކޭޕާކު ފްލެޓުތަކުގެ އެއްބަސްވުންތަކާ ގުޅޭ ގޮތުން ސިވިލް ކޯޓުން ނިންމި މައްސަލައިގައި، ކޭޕާކުގެ އެއްބަސްވުންތަކުގެ ސައްހަކަން ކަށަވަރުކުރުމުގެ މަސައްކަތް ފުލުހުން ކުރަމުން އަންނާތީ އެ މައްސަލަ ކުރިއަށް ގެންދެވޭނެ ތަނެއް ކަމަށް ބުނެ އިޖުރާއީ ގޮތުން ސިވިލް ކޯޓުން މައްސަލަ ބޭރުކޮށްފައިވާތީ ކަމަށެވެ.

"މިއަދު މައުލޫމާތު ދެއްވިއިރުގައި އެފަދަ މައްސަލައެއް ފާހަގަވެފައިނުވާ ކަމަށް ފުލުހުންގެ ފަރާޓުން މައުލޫމާތު ދެއްވައިފައިވޭ، އަދި ރަސްމީ ގޮތުން އެއަށް ޖަވާބެއް ލިބިގެންދާނެ ކަމަށްވެސް ވިދާޅުވި،" ފަލާޙް ވިދާޅުވިއެވެ.

ފަލާޙް ވިދާޅުވީ، ކޭޕާކް ފުލެޓުތަކުގެ މައްސަލައިގައި އެ ފުލެޓުތައް އިމާރާތްކުރާ ހަންބޯ ކުންފުންޏާއި ހުޅުމާލޭގެ ބެލެނިވެރި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ވާހަކަ ދައްކައިގެން މައްސަލަ ހައްލުކުރުމަށް އެއްވެސް މަސައްކަތެއް ކޮށްފައިނުވާ ކަމަށް ސިވިލް ކޯޓުން ފާހަގަކޮށްފައިވާތީ، ހަންބޯ ކުންފުންޏާ އެކީ ބައްދަލުވުމެއް ބާއްވައިދިނުމަށް އެޗްޑީސީގައި އެދިފައިވާނެ ކަމަށެވެ.

https://sun.mv/223001

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ން ކޮރެއާގެ ހަންބޯ ކޮމްޕެނީ ލިމިޓެޑާ އެކު ކޮށްފައިވާ މުޢާމަލާތްތަކުގައި އެޗްޑީސީން ވަރަށް ބޮޑަށް އިހުމާލުވެފައިވާ ކަމަށް ތުހުމަތުކުރެވޭ ލިޔެކިޔުންތަކެއް ވަނީ މީގެ މަހެއްކުރިން ހާމަވެފައެވެ.

މީގެ ސަބަބުން ހުޅުމާލޭގެ މިކްސްޑް-ޔޫސް ރެސިޑެންޝަލް ޕްރޮޖެކްޓްގެ މައްސަލައިގައި އެޗްޑީސީގެ ޒިންމާއާމެދު ބޮޑެތި ސުވާލުތަކެއް ވަނީ އުފެދިފައެވެ. މި ލިޔެކިޔުންތަކުގައި އެޗްޑީސީން ފަރުވާކުޑަކޮށްފައިވާ ކަމަށް ވަނީ ތުހުމަތުކުރެވިފައެވެ. އޭގެ ތެރޭގައި ޑިވެލޮޕަރުގެ ޤާނޫނީ ހައިސިއްޔަތު ކަށަވަރު ނުކުރުމުން ފެށިގެން ގޮސް އެއްބަސްވުމުގައިވާ މުހިންމު ސުންގަޑިތަކަށް އަޅާނުލުން ހިމެނެއެވެ.

ކޭޕާކް މަޝްރޫއު ފެށީ އޮކްޓޫބަރު 9، 2016 ގައެވެ. ހުޅުމާލޭގައި މިކްސްޑް-ޔޫސް ރެސިޑެންޝަލް ކޮމްޕްލެކްސްތަކެއް އެޅުމަށް ކޮރެއާގެ ކުންފުންޏެއް ކަމަށްވާ ހަންބޯ ކޮމްޕެނީ ލިމިޓެޑާ އެކު އެޗްޑީސީން ޑިވެލޮޕްމަންޓް އެއްބަސްވުމެއްގައި ސޮއިކުރިއެވެ.

ނަމަވެސް، 'ސަން'އަށް ލިބިފައިވާ ގާނޫނީ ދިރާސާއިން ދައްކާ ގޮތުގައި އެޗްޑީސީން ވަނީ އެންމެ އަސާސީ ޑިއު ޑިލިޖެންސް ހެދުމުގައި ވެސް އިހުމާލުވެފައެވެ. މިގޮތުން، އެއްބަސްވުމުގައި ޑިވެލޮޕަރުގެ ނަމެއްގެ ގޮތުގައި "ހަންބޯ ކޮމްޕެނީ ލިމިޓެޑް" އޮތް ނަމަވެސް، އެއްބަސްވުމުގައި ޖަހާފައިވާ ރަސްމީ ތައްގަނޑުގައި އޮތީ "ހަންބޯ ޓެކް ކޯ ލިމިޓެޑް"އެވެ.

comment ކޮމެންޓް