ސަރުކާރުގެ ވިސްނުމަކީ އަމިއްލަ ފަރާތްތަކުގެ ބިންތައް ބޯހިޔާވަހިކަން ނޫން އެހެން ބޭނުންތައް ވެސް ހިފޭނެ ގޮތް ހަދައިދީ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ދޭ ޚިދުމަތްތައް ފުޅާކުރުން ކަމަށް، ހައުސިން މިނިސްޓަރު ޑރ. ޢަބްދުالله މުއްޠަލިބު މިރޭ ވިދާޅުވެއްޖެއެވެ.
ހިޔާ ޓަވަރުތަކަށް ލިފްޓުތައް އިތުރުކުރުމުގެ މަޝްރޫއުގެ ނިމުން ފާހަގަކުރުމަށް ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މުއްޠަލިބު ވިދާޅުވީ، ހުޅުމާލޭގެ ބެލެނިވެރި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ބެލުމުގެ ދަށުގައި އެކަށީގެންވާ އަދަދަށް ބިންތަކެއް ނެތް ކަމަށެވެ.
ހުޅުމާލޭގެ ދެވަނަ ފިޔަވަހިންނާއި ތިންވަނަ ފިޔަވަހިން 2،000އަށް ވުރެ ގިނަ ގޯތި މާލޭ ރައްޔިތުންނަށް ދޫކޮށްފައި އެބަހުރި ކަމަށް މުއްޠަލިބު ވިދާޅުވިއެވެ،
"އެހެންވީމާ އަޅުގަނޑުމެންގެ މިވަގުތުގެ ވިސްނުމަކަށް ވާން ޖެހޭނީ ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ ކޮންމެ ޚިދުމަތަކީ އެޗްޑީސީގެ ބިމަކުން ފޯރުކޮށްދޭ ޚިދުމަތަކަށް ވާކަށް ނުޖެހެޔޭ،" އޭނާ ވިދާޅުވިއެވެ.
ރައްޔިތުންނަށް މިހާރު ހުއްދަ އޮންނަނީ ހުޅުމާލޭން ދޫކުރާ ބިންތައް ހަމައެކަނި ދިރިއުޅުމަށް ވަކި ގޮތަކަށް ތަރައްގީކުރުމަށްޓަކައި ކަން ފާހަގަކުރައްވައި މުއްޠަލިބު ވިދާޅުވިގޮތުގައި، ރައްޔިތުންނަށް ދޫކޮށްފައިވާ ބިންތަކުގައި ވިޔަފާރީގެ އުސޫލުން ބިންތައް ތަރައްގީކޮށް އެ ބިންތަކުން ފައިދާ ހޯދައި، ރައްޔިތުންނަށް އިތުރު ޚިދުމަތްތައް ދެވޭނެ މަގު ތަނަވަސްކޮށްދޭން އެބަ ޖެހެއެވެ.
"އެހެން ނަމަވެސް ސަރުކާރުގެ ވިސްނުމަކީ އަމިއްލަ ފަރާތްތަކުން އިންވެސްޓްކޮށްގެން ކުރާ ކަންތައްތަކުން އަމިއްލަ ފަރާތްތަކުގެ ބިންތައް ބޭނުންކޮށްގެން ހުޅުމާލޭގެ ފޭސް ދޭއްގައި އުޅޭ ރައްޔިތުންނަށް ބޭނުންވާ ޚިދުމަތްތައް އެއީ ޕްރީ ސްކޫލެއް ކަމުގައިވީނަމަވެސް، އެއީ ކްލިނިކްތަކެއް ކަމުގައިވީ ނަމަވެސް، އެއީ ޝޮޕިން ކޮމްޕްލެކްސްތައް ކަމުގައިވީ ނަމަވެސް، އެހެނިހެން ވިޔަފާރިތަކުގެ ކަންކަން ކަމުގައިވީ ނަމަވެސް، އެ ކަންތައްތައް އެބަޖެހެޔޭ ހޯދުމުގެ ފުރުސަތު ލިބެން،" މުއްޠަލިބު ވިދާޅުވިއެވެ.
މުއްޠަލިބު ވިދާޅުވީ، އަމިއްލަ ފަރާތްތަކުން ދޭން ޖެހޭ ޚިދުމަތްތައް ދިނުމަށްޓަކައި ހުޅުމާލޭގެ ދެވަނަ ފިޔަވަހިން ދޫކުރާ ބިންތައް ވިޔަފާރިއަށްވެސް ބޭނުންކުރެވޭނެ ގޮތް ހަދަންޖެހޭ ކަމަށެވެ.
ނަތީޖާއެއްގެ ގޮތުން ވިޔަފާރިތަކާއި ވަޒީފާތައް އުފެދި އިގުތިޞާދު ތަނަވަސްވެ، ޚިދުމަތްތައް ފުޅާކުރެވިގެން ދާނެ ކަމަށް މުއްޠަލިބު ވިދާޅުވިއެވެ.
އެހެންކަމުން އޭނާ ވިދާޅުވިގޮތުގައި ސަރުކާރުން މަސައްކަތްކުރާނީ ރައްޔިތުންނަށް ތަނަވަސްކަން ލިބޭ ގޮތަށް ބިންތައް ބޭނުންކުރެވޭނެ ފުރުސަތު ތަނަވަސްކޮށްދެވޭތޯއެވެ.