އަމީނީ މަގުގެ ފަހު ސެގްމަންޓުގައި އަލުން ތާރު އަޅަން ސަރުކާރުގެ ކުންފުނި، އެމްޓީސީސީއާ ހަވާލުކޮށްފައިވާ ކަމަށާއި އެ މަސައްކަތް ވީ އެންމެ އަވަހަށް ފެށުމަށް އެ ކުންފުނިން ތައްޔާރުވަމުން އަންނަ ކަމަށް ހައުސިން މިނިސްޓްރީން މިއަދު ބުނެފިއެވެ.
އެ ސަރަހައްދުގައި ތާރު އެޅީ، މީގެ ދެ އަހަރެއްހާ ދުވަސް ކުރިން މި ސަރުކާރު ވެރިކަމާ ހަވާލުވުމަށް ފަހުގައެވެ. އެކަމަކު، އެ ސަރަހައްދުގައި 'މުލިހިތަކެއް'ހެން ތާރުގަނޑު އުފުލުމުގެ މައްސަލަ ވަނީ ދިމާވެފައެވެ.
'ސަން'އިން އެ ކަން ރިޕޯޓުކުރި ފަހުން އެ ކަން ރަނގަޅުކުރުމުގެ މަސައްކަތް މިދިޔަ ސެޕްޓެމްބަރު މަހުގައި ވެސް ކުރިއެވެ. ނަމަވެސް، މިހާރު އަނެއްކާވެސް އެ ސަރަހައްދުގެ ބޮޑު ބައެއް ވަނީ ހަލާކުވެފައެވެ.
ކަން އެހެން އޮއްވައި، ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ)ގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ނަޒީމް މިދިޔަ އޭޕްރީލް މަހު ވަނީ، އަލުން އެ ސަރަހައްދުގައި ތާރުއަޅަން ނިންމާފައިވާކަން ހާމަކުރައްވާފައެވެ.

އަމީނީ މަގުގެ ތާރުގަނޑުން ބައެއް އުފުލިފައި: މި ސަރަހައްދުގައި އަލުން ތާރު އަޅަން ފަށަން އަންނަނީ ތައްޔާރުވަމުން --- ސަން ފޮޓޯ/ އަފުވާން ސޮލާހު
އޭރު އޭނާ ވިދާޅުވި ގޮތުގައި، އެ ސަރަހައްދުގައި ތާރު އެޅުމުގެ މަސައްކަތް ކުރަން ހަމަޖެހިފައި ވަނީ ރާއްޖޭން ބޭރުގެ ރޯޑް އިންޖިނިއަރެއް ގެނެސްގެންނެވެ.
އޭގެފަހުން، މިދިޔަ މަހުގެ އަށް ވަނަ ދުވަހު ނަޒީމް 'ސަން'އަށް ވިދާޅުވީ، އަމީނީމަގުގެ ހުޅަނގަށްވީ ސަރަހައްދުގައި ތާރު އެޅުން ލަސްވަނީ އެ މަސައްކަތުގެ ބައެއް ކަންކަމަށް ހައުސިން މިނިސްޓްރީން ބަދަލު ގެންނަމުންދާތީ ކަމަށެވެ.
'ސަން'އިން ސުވާލުކުރުމުން މިނިސްޓްރީން މިއަދު ބުނީ، އަމީނީމަގާއި އިއްޒުއްދީން މަގާއި ބޮޑުތަކުރުފާނު މަގު މަރާމާތު ކުރުމުގެ މަސައްކަތް މިދިޔަ ޖޫން މަހު 15ގައި އެމްޓީސީސީއާ ހަވާލުކޮށްފައިވާ ކަމަށެވެ.
މިގޮތުން، އެ މަސައްކަތް ވީ އެންމެ އަވަހަކަށް ފެށުމަށް އެމްޓީސީސީން ތައްޔާރު ވަމުން އަންނަ ކަމަށް ހައުސިން މިނިސްޓްރީން ބުންޏެވެ. ނަމަވެސް، ސީދާ ތާރީޚެއް ބުނެފައެއް ނުވެއެވެ.

އަމީނީ މަގު ތާރުގަނޑުގައި ހުރި މުލިހިތައް: މިކަމުގެ ސަބަބުން ގިނަ ނުރައްކާތަކާ ކުރިމަތިވޭ --- ސަން ފޮޓޯ/ އަހުމަދު އިނާހު
އެ މިނިސްޓްރީން ބުނި ގޮތުގައި، މި މަޝްރޫއުގެ ދަށުން މަގުތައް މަރާމާތު ކުރުމުގެ އިތުރަށް ބަސް ހުއްޓިތައް ހިމެނޭ ސަރަހައްދުތަކުގެ ޕޭމަންޓު ޑިޒައިނަށް ބަދަލުތަކެއް ގެންނަން ވަނީ ނިންމާފައެވެ.
ފާހަގަކުރެވޭ ގޮތުގައި، އަމީނީ މަގުގެ ދެ ފަރާތުން ވަރަށް ބޮޑަށް ތާރުގަނޑު އެކި ގޮތްގޮތަށް އުފުލި، އެ މަގުން ދުއްވާ ގިނަ ބަޔަކަށް އެ ކަމުގެ ނުރައްކަލާއި ތަކުލީފާ ވަނީ ކުރިމަތިލާންޖެހިފައެވެ.
ދުއްވަން ނުރައްކާތެރި ގޮތަކަށް އަމީނީމަގު އޮންނަތާ މިހާރު ގިނަ ދުވަސްތަކެއް ވެފައިވާއިރު، އެ ކަމާ ގުޅޭ ގޮތުން އާންމުން ގެންދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
އަމީނީމަގުގެ މި ސަރަހައްދުގެ ހާލަތު ވަރަށް ދަށްވެފައިވާއިރު، މާލެއާއި ވިލިމާލޭގެ މަގުތައް ޒަމާނީ ފެންވަރަކަށް ހެދުމަށް ސާވޭ ކުރުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.