އޮޅުވާލައިގެން ހަތަރު މީހަކު ހައްޖަށް ގެންދިޔަ ކަމުގެ ތުހުމަތުގައި އަރަބިއްޔާ ސްކޫލްގެ ކުރީގެ ޕްރިންސިޕަލް ޝައިޚް ނަސްރުﷲ މުސްތަފާގެ މައްޗަށް ދައުވާ އުފުލައިފިއެވެ.
ޕީޖީ އޮފީހުގެ އޮފިޝަލަކު "ސަން" އަށް މިއަދު ވިދާޅުވީ މިދިޔަ ހަފްތާގެ ތެރޭގައި ނަސްރުﷲ ގެ މައްޗަށް ދެ ދައުވާއެއް އުފުލައި ކްރިމިނަލް ކޯޓަށް ފޮނުވާފައިވާ ކަމަށެވެ.
ނަސްރުﷲގެ މައްޗަށް އުފުލި ފުރަތަމަ ދައުވާ އަކީ ހުއްދަ ނަގައިގެން ކުރަންޖެހޭ ކަމެއް ހުއްދަ ނުނަގައި ކުރުމުގެ ދައުވާއެވެ. ދެވަނަ ދައުވާ އަކީ ސައްހަ ނޫން ލިޔުމެއް އުފެެއްދުމުގެ ދައުވާއެވެ.
އެ މައްސަލައާ ގުޅިގެން މިދިޔަ ނޮވެމްބަރު މަހުގެ 28 ވަނަ ދުވަހު ހައްޔަރުކުރުމަށްފަހު ޝަރުތުތަކަކާ އެކު ޖެހިގެން އައި ދުވަހު ކްރިމިނަލް ކޯޓުން ވަނީ އޭނާ ދޫކޮށްލާފައެވެ.
ސިސިލްފަރު ގްރޫޕްގެ ތައްގަނޑު ފޯޖު ކުރި ކަމުގެ ތުހުމަތު ވެސް ފުލުހުން އޭނާގެ މައްޗަށް ވަނީ ކޮށްފައެވެ.
އޭނާ ހައްޖަށް ގެންދިޔަ މީހުން ވަނީ މައްކާގައި މަގުމަތިވެފައެވެ. ނަމަވެސް ފަހުން އިސްލާމިކް މިނިސްޓްރީން ވަނީ އެމީހުންނާ ހަވާލުވެ ރާއްޖެ ގެނެސްފައެވެ.
އެ މައްސަލައާ ގުޅޭ ހެކި ހޯދުމަށްޓަކައި ކޯޓު އަމުރެއްގެ ދަށުން ފުލުހުން ވަނީ ނަސްރުﷲ ދިރިއުޅުއްވާ އެޕާޓްމަންޓާއި އަރަބިއްޔާ ސްކޫލް ވެސް ބަލައި ފާސްކޮށްފައެވެ.