މުޒާހަރާތަކާ ގުޅިގެން ތޫނިސްއަށް އިސްލާހު ގެންނާނެ ކަމުގެ ޔަގީންކަން ސަރުކާރުން ދީފި

ތޫނިސްގެ ގިނަ އަދަދެއްގެ މީހުން ވަނީ ގައުމުގައި ތަކެތީގެ އަގު މަތިވުމުގެ ސަބަބުން މުޒާހަރާކޮށްފައި -- ފޮޓޯ: އީޕީއޭ

ތޫނިސް (ޖެނުއަރީ 14): ތޫނިސްގައި ވަޒީފާގެ ފުރުސަތުތައް މަދު ވުމާއި ފަގީރުކަން އިތުރުވުމުގެ ސަބަބުން އެގައުމުގައި ފާއިތުވި ހަފްތާ ތެރޭގައި ކުރިއަށް ގެންދިޔަ މުޒާހަރާތަކާ ގުޅިގެން އިޖުތިމާއީ އިސްލާހުތައް ގެނައުމަށް ސަރުކާރުން ނިންމައިފި އެވެ.

މި މަހުގެ ހަތެއްގައި ތޫނިސްގައި މުޒާހަރާތައް ފެށުނީ ގައުމުގައި ތަކެތީގެ އަގު މަތިވެފައި ވަނިކޮށް ސަރުކާރުން ޓެކްސް ނަގާ މިންވަރު އިތުރުކުރަން ނިންމުމުންނެވެ. އެމުޒާހަރާތައް ކުރިއަށް ގެންދިޔަ ދެ ވަނަ ދުވަހު މުޒާހަރާގެ ބައިވެރިއަކު ވަނީ މަރުވެފައި އެވެ.

އަދި އެމުޒާހަރާތަކުގައި ހަމަނުޖެހުން ހިންގައި، ވައްކަންކޮށް، ލޫޓުވި ކަމަށް ތުހުމަތު ކުރެވޭ 803 މީހަކު މިހާތަނަށް ހައްޔަރުކޮށްފައިވާ ކަމަށް ތޫނިސްގެ އިންޓީރިއާ މިނިސްޓްރީގެ ތަރުޖަމާނު ޚަލީފާ ޗިބާނީ ވިދާޅުވި އެވެ.

އެމުޒާހަރާތަކާ ގުޅިގެން ތޫނިސްގެ ސަރުކާރުގެ އިސްވެރިން އިއްޔެ ބޭއްވި ބައްދަލުވުމަކަށް ފަހު އެގައުމުގެ ސޯޝަލް އެފެއާސް މިނިސްޓަރު މުހައްމަދު ޓްރަބެލްސީ ވަނީ ސަރުކާރުން ފަގީރު އާއިލާތަކަށް ކޮންމެ މަހަކު ދޭ އެހީ 150 ދީނާރު (61 ޑޮލަރު)ން 180 އާއި 210 ދީނާރާ (84 ޑޮލަރު) ދެމެދުގެ އަދަދަކަށް އިތުރު ކުރާނެ ކަމަށް ވިދާޅުވެފައި އެވެ.

މީގެ އިތުރުން، މީގެ މަސްތަކެއް ކުރިން ސަރުކާރުން ގެނައި އިސްލާހުތަކުގެ ދަށުން ތޫނިސްގެ ހުރިހާ ރައްޔިތުންނަށް އަގުހެޔޮކޮށް ސިއްހީ ފަރުވާ ލިބޭނެ ކަމަށާއި ފަގީރު އާއިލާތަކަށް ގެދޮރު ފޯރުކޮށްދެވޭނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ތޫނިސްއަށް 2015 ވަނަ އަހަރު ދިން ޓެރަރިސްޓު ހަމަލާތަކާ ގުޅިގެން އެ ގައުމުގެ ފަތުރުވެރިކަން ވަނީ ވަރަށް ބޮޑަށް ދަށްވެފަ އެވެ. އޭގެ ސަބަބުން ގައުމުގެ އިގުތިސާދަށް އެރި ލޮޅުމުން ތޫނިސްއަށް އަދި އަރައިގަނެވިފައެއް ނުވެ އެވެ. (ގާޑިއަން)

ގުޅޭ ޓެގު
comment ކޮމެންޓް