ހޮލީވުޑްގެތަރި އަދި ލަވަކިޔުންތެރިޔާ ސެލީނާ ގޯމޭޒް އަނެއްކާ ވެސް ޖަސްޓިން ބީބާ އާ ގުޅުމަކީ ހިތްހަމަ ޖެހޭ ކަމެއް ނޫން ކަމަށް ސެލީނާގެ މަންމަ މޭންޑީ ޓީފޭ ބުނެފި އެވެ.
ނޫސްވެރިންނާ ވާހަކަ ދައްކަމުން ސެލީނާގެ މަންމަ އިއްޔެ ބުނީ އެ ގުޅުމަށް މަންމަ ހިތްހަމަ ނުޖެހުނު ނަމަވެސް ސެލީނާގެ އަމިއްލަ ދިރިއުޅުމުގެ ކަންތައް ނިންމުމުގެ ހައްގު ސެލީނާ އަށް އޮންނާނެ ކަމަށެވެ.
"އެއީ މިހާރު ބޮޑުވެފައި ހުރި ހެޔޮ ނުބައި ވަކިވާ ވަރުގެ ކުއްޖެއް. އަމިއްލަ ދިރިއުޅުމުގެ ކަންތައް އަމިއްލަ އަށް ނިންމޭނެ،" ސެލީނާގެ މަންމަ ބުނީ އެނާ ޖސްޓިން އާ ވާހަކަ ނުދައްކާތާ އަހަރުތަކެއް ވެފައިވާ ކަމަށެވެ.
މަންމަ ހިތްހަމަ ނުޖެހޭނެތީ ދާދިފަހުން ބޭއްވި ފެމެލީ ޑިނާ އަކަށް ޖަސްޓިން ނުގެންދަން ސެލީނާ ވަނީ ނިންމައިފަ އެވެ.
ސެލީނާ އާ ޖަސްޓިން ބީބާ ރައްޓެހިވެގެން އުޅުމަށް ފަހު އެދެމީހުން ރުޅިވީ 2014 ވަނަ އަހަރު އެވެ. އޭގެ ފަހުން ސެލީނާ ވަނީ ލަވަކިޔުންތެރިޔާ ދަ ވީކެންޑަ ލޯބީގެ ގޮތުން ގުޅިފަ އެވެ.
އެދެމީހުންގެ މެދުގައި މައްސަލައެއް ޖެހުނުކަން މީޑިއާ އަށް އެނގިފައި ނުވި ނަމަވެސް ހުސްވި އަހަރުގެ އޮކްޓޯބަރު މަހު ވީކެންޑާ ވަކިވެ ސެލީނާ އަނެއްކާ ވަނީ ޖަސްޓިން އާ ރައްޓެހިވެފަ އެވެ.
ނަމަވެސް އެ ދެމީހުންގެ ގުޅުމާ މެދު ސެލީނާގެ އާއިލާ އިން ގަބޫލެއް ނޫނެވެ.
ސިއްހި މައްސަލަތަކެއް ދިމާވެ، މިދިޔަ ސެޕްޓެމްބަރު މަހު ސެލީނާ ވަނީ ކިޑްނީ ޓްރާންސްޕްލާންޓެއް ހަދައިފަ އެވެ. ސެލީނާއަށް ކިޑްނީ ހަދިޔާކުރީ އޭނާގެ އެކުވެރިޔާ އަދި ބަތަލާ ފްރޭންޝިއާ ރެއިޒާ އެވެ.