އެމެރިކާގައި ޓިކްޓޮކް މަނާކުރުމާ ގުޅިގެން ޓިކްޓޮކް އަޅާފައިވާ ފޯނުތައް ބޮޑު އަގުގައި ވިއްކަން އޮންލައިން ބާޒާރުތަކަށް ލައިފިއެވެ.
މި މަހުގެ 19 ވީ އާދިއްތަ ދުވަހު އެމެރިކާގެ ސަރުކާރުން ވަނީ ޓިކްޓޮކް މަނާކޮށްފައެވެ. ޖުމްލަ 14 ގަޑިއިރަށް ބޭން ދެމިގެން ދިޔަ ނަމަވެސް އެ ދަނޑިވަޅުގައި އެތައް ބަޔަކު ވަނީ ޓިކްޓޮކް އެޕްލިކޭޝަން ފޯނުން ޑިލިޓްކޮށްލާފައެވެ. އެންމެ ފަހުން ޓިކްޓޮކް އަނެއްކާ ވެސް ލައިވް ވިއިރު އެޕް އިންސްޓޯލްކުރަން ގިނަ ބަޔަކު އުޅުނެވެ.
ނަމަވެސް، އެޕް ސްޓޯއިން ޓިކްޓޮކް ޑައުންލޯޑު ކުރިޔަކަ ނުދިނެވެ.
ނަތީޖާއެއްގެ ގޮތުން އެތައް ބަޔަކު ބޮޑު އަގުގައި ސްމާޓްފޯނުތައް ވިއްކަން އީބޭ ކަހަލަ ޕްލެޓްފޯމުތަކަށް ލާން ފެށިއެވެ. ފޯނުތައް ވިއްކަން ފަށާފައިވަނީ ޓިކްޓޮކް އެއަށް އިންސްޓޯލުކޮށް އަދި ޓިކްޓޮކާ އެކު ބޭނުންކުރާ އެޕްލިކޭޝަން ކަމަށްވާ ކެޕްކަޓް ވެސް ބޭނުން ކުރެވޭ ގޮތަށް ކަމަށް ބުނެއެވެ.
މި ފޯނުތައް ޕްލެޓްފޯމުތަކަށް ވިއްކަން ލާފައިވަނީ އެތައް ގުނައެއް އަގުބޮޑު ކޮށެވެ.
އޭގެ ތެރެއިން ޓިކްޓޮކް އަޅާފައިވާ އައިފޯނެއް 15 ޕްރޯއެއް 4.9 މިލިއަން ޑޮލަރަށް ވިއްކަން ލިސްޓުކޮށްފައިވެއެވެ. އެތައް ކުރީ ޖެނެރޭޝަންގެ އައިފޯނުތަކުގެ އަގު ވެސް އެއް މިލިއަން ޑޮލަރުގައި ހުއްޓެވެ. މި ފޯނުތައް ޚާއްސަވަނީ އެންމެ ސަބަބަކާ ގުޅިގެންނެވެ. އެއީ، ޓިކްޓޮކް އިންސްޓޯލުކޮށްފައިވާތީއެވެ.
ބައެއް ފޯނުތައް ގަތުމަށް ބިޑަށް ހުޅުވާލާފައިވާއިރު އޭގެ އަގުތައް ވެސް ބައެއް ފޯނުތައް 3،000 ޑޮލަރުން މަތީގައި އުޅެއެވެ. މި ފޯނުތައް ވަގުތުން ގަންނަ ނަމަ 6،000 ޑޮލަރަށްވުރެ އަގުބޮޑުވެއެވެ.
އެމެރިކާގެ ނޫހެއް ކަމަށްވާ ނިއުސްވީކްއިން ބުނާގޮތުގައި 14،000 ޑޮލަރަށް ލިސްޓު ކޮށްފައިވާ އައިފޯނެއް ވަނީ މި ހަފުތާގެ ތެރޭގައި ވިކިފައެވެ. އެހެންވީމާ ޓިކްޓޮކް ބޭނުންވެގެން އެތައް ހާސް ޑޮލަރެއް ހަރަދު ކުރަން ވެސް މީހުން ތައްޔާރަށް ތިބިކަން އެނގިގެން ގޮސްފައިވެއެވެ.