ހަންޓޭ: ހަގު ނަމަވެސް، ކައިޓް ސާފަރުންނަށް ނަމޫނާއެއް

"ރެޑްބުލް ހީރޯ ޓުއާ"ގައި ހަންޓޭ --- ފޮޓޯ/ ބ. ގޮއިދޫ ވޯޓާ ސްޕޯޓްސް

އުމުރުން 14 އަހަރުގެ ބ. ގޮއިދޫ ހަސަން މާހިރު (ހަންޓޭ)، ފެނުނީ މަޑުމައިތިރި މިޒާޖުގެ ބަސްމަދު ކުއްޖެއްގެ ގޮތުގައެވެ. ވާހަކަ ދައްކާލުމުން އެކަން ޔަގީންވިއެވެ. ސުވާލުތަކަށް ކުރު ޖަވާބެއް ދިން ނަމަވެސް، އޭނާގެ އުންމީދުތައް އިންތިހާ ބޮޑުކަން އެނގުނެވެ. އަދި އޭނާގެ މިޒާޖުގައި މަޑުމައިތިރި ނަމަވެސް، މޫދު ކުޅިވަރަށް ހުންނަ ޝައުގު ވަރަށް ފުރިހަމައަށް ފެނިގެންދިޔައެވެ.

'ރާޅު ގުޑި' ޓުއާ، ހުކުރު ދުވަހުގެ ވައި ހުރިގޮތުން ފަސް ކޮށްފައިވާ އިރު، ހަންޓޭ ހުރީ އޭނާގެ ކައިޓް ވަޔަށް އަރުވާލުމަށް ކެތްމަދުވެފައިވާކަން އޭނާގެ ހަރަކާތްތަކުން އެނގުނެވެ. ވަޔަށް ކައިޓް އެރުވުމަށް ކައިޓް ޓެސްޓުކޮށްލި ފުރަތަމަ ގްރޫޕްގެ ތެރޭގައި ހަންޓޭ ހިމެނުނެވެ. އަދި ވައި ނެތުމުން ހަންޓޭ، ކައިޓްގެ ވައި ދުއްވާލީ މާޔޫސީ މޫނަކާ އެކުގައެވެ.

ފުރަތަމަވެސް ހަންޓޭ ކައިރިން ހާލު ކިހިނެއްތޯ އަހާލުމުން، "ވަރަށް ރަނގަޅޭ" އޭނާ ބުނީ މަޑުމަޑުންނެވެ. ރަނގަޅޭ ބުނުމާއެކު ވައި މަޑުވުމުން މުޅިން ސަކަރާތް ކަމަށް ބުނެލިއެވެ. އެ ހިސާބުންވެސް ރާޅު ގުޑި ޓުއާއަށް އޭނާ ކެތްމަދުވެފައިވާކަން އެނގުނެވެ.

"ރެޑްބުލް ހީރޯ ޓުއާ"ގައި ހަންޓޭ އޭނާގެ ބޯޑާއެކު --- ފޮޓޯ/ ބ. ގޮއިދޫ ވޯޓާ ސްޕޯޓްސް

'ސަން ސްޕޯޓްސް' އަށް ހަންޓޭ ދިން އިންޓަވިއުގައި އޭނާ މާގިނަ ވާހަކަތަކެއް ނުދެއްކި ނަމަވެސް އޭނާގެ އުންމީދާއި އޭނާ ކުރިއަށްދާން ބޭނުންވާ ރޮނގު ވަރަށް ރަނގަޅަށް ސާފުކޮށްދިނެވެ.

ހަންޓޭ ގާތުން ރާޅު ގުޑި އިވެންޓާ ދޭތެރޭ ދެކެނީ ކިހިނެތްތޯ އަހާލުމުން އޭނާ ބުނިގޮތުގައި މިއީ ކުރެވޭނެ ތަފާތު ތަޖުރިބާއެކެވެ. މިކަހަލަ ޗެލެންޖެއް އަދި ފުރިހަމަ ނުކުރާ ކަމަށެވެ.

ޗެލެންޖަކީ މުޅިން އާ ޗެލެންޖެއް ނަމަވެސް އޭނާގެ މޫނު މަތިން އެއްވެސް ކަހަލަ ފަސްޖެހުމެއް، ހާސްކަމެއް ނުފެންނާތީ އަހާލީ އެއްވެސް ވަރަކަށް ޖެހުލުން ނުވޭތޯއެވެ. ސުވާލު ނުނިމެނީސް އޭނާގެ ޖަވާބު ވަރަށް ކުރުކޮށް ފޮނިކޮށް ދިނެވެ. "ނުވޭ ޖެހިލުމެއް އެއްވެސް ވަރަކަށް، ވަރަށް ކޮންފިޑެންސް އެބައޮތް،" ހަންޓޭގެ ޖަވާބު ކުރުވެފައި ސާފެވެ. އިތުރަށް އޭނާ ބުނިހާވެސް އެއްޗަކީ އަދި މިކޮޅުގައި ނުދުއްވަމެވެ.

'ރާޅު ގުޑި' އިވެންޓްގައި ބައިވެރިވި ގޮއިދޫ ވޯޓާ ސްޕޯޓްސްގެ ޒުވާން ޓީމު --- ސަން ފޮޓޯ

މީގެ ކުރިން ރާއްޖެއިން ބޭރުގައިވެސް ރާއްޖެ ތަމްސީލުކޮށް ބޭރުގެ ގިނަ ފަރާތްތަކެއްގެ ހިތް އަތުލާފާއިވާ ހަންޓޭއަށް މޫދުގެ އެއްވެސް ޗެލެންޖެއް ބީރައްޓެހި ނުވާނެކަން ޔަގީނެވެ. އޭނާއާއެކު ދެން 'ރާޅު ގުޑި' އިވެންޓުގައި ބައިވެރިވުމަށްދިޔަ ބ. ގޮއިދޫ ޒުވާން ޓީމުގެ ހުރިހާ އެތުލީޓުންވެސް ހަމަ މިފަދައެވެ. އެ ޓުއާގައި ބައިވެރިވުމަށްދިޔަ އެންމެ ޒުވާން އެތުލީޓު، އުމުރުން 13 އަހަރުގެ ހުސެން އަބާންގެވެސް ބިރެއްގެ ތަންފުކެއްވެސް ނެތެވެ.

'ރާޅު ގުޑި" ޓުއާގައި ބައިވެރިވި ގޮއިދޫގެ އެންމެ ޒުވާން އެތުލީޓު --- ފޮޓޯ/ ބ. ގޮއިދޫ ވޯޓާ ސްޕޯޓްސް

ހަންޓޭއާއި ޓީމު އެއްވެސް ޖެހިލުމެއްނެތި ތިބުމުގެ ސަބަބަކީ ފަރިތަކުރުމެވެ. ގޮއިދޫ ވޯޓާ ސްޕޯޓްސްގެ މޭސްތެރިޔާ މުހައްމަދު ޝުޖާއު (ކޮޗޭ)ގެ އިރުޝާދުގެ ފުރިހަމަ ކަމަށެވެ. ޒުވާން ކުދިންތަކެއް ގޮވައިގެން ވިލިމާލޭ ގޮނޑު ދޮށުގައި ހުރި ކޮޗޭ ހުރީ ފަހުރުވެރިކަމާއެކުގައެވެ. އޭނާގެ ދަރިވަރުންގެ އަހުލާގާއި، އުސޫލުތައް ޓުއާގައި ބައިވެރިވުމަށް އެއްވެ ތިބި 70 ވަރަކަށް ކައިޓް ސާފަރުންވެސް ވަނީ ވަރަށް ބޮޑަށް ބަލައިގަނެފައެވެ. އެކުދިންނަށް ދިން ލޯތްބާއި އިހުތިރާމުން އެކަން ސާފުވެއެވެ.

ހަންޓޭގެ 'ދުވަހުގެ ޑައިރީ"އަކީ ކޮބާތޯ އަހާލުމުން އޭނާ މަޑު ޖެހިލުމަށްފަހު ފެށިއެވެ. "ފަރިތަކުރުމުގެ ކަންތައް އަބަދުވެސް އޮންނާނީ، ކިޔަވާ ގަޑި ފިޔަވާ،" އޭނާ ބުންޏެވެ.

އެއީ ބ. ގޮއިދޫގެ މުޅި ޒުވާން ޖީލުގެވެސް ދިރިއުޅުމުގެ ވައްޓަފާޅިއެވެ. ވޯޓާ ސްޕޯޓްސްއާއެކު ޖޯލިތަކަށް ބިތް ޖެހުން ހުއްޓި މުޅިރަށް 'އެކްޓިވް" ވެއްޖެ ކަމަށް ކޮޗޭވެސް އުފާވެރިކަމާއެކު ފާހަގަކުރެއެވެ. އޭނާ ބުނިގޮތުގައި ޒުވާނުންގެ އެއްވެސް ކަމަކަށް ދަތިނުވެ މުޅި ރަށްވެސް އެކުވެރިވެއްޖެއެވެ.

"ރެޑްބުލް ހީރޯ ޓުއާ"ގައި ހަންޓޭއާއި ބައިވެރިން --- ފޮޓޯ/ ބ. ގޮއިދޫ ވޯޓާ ސްޕޯޓްސް

ވޭތުވެދިޔަ އަހަރު "ރެޑްބުލް ހީރޯ ޓުއާ"ގައި ވާދަކުރި ހަންޓޭ ބުނިގޮތުގައި އެ މުބާރާތުގައި ރާއްޖެ ތަމްސީލުކޮށްލެވުމަކީ އޭނާގެ ހުވަފެނެއް ހަގީގަތަކަށް ވުމެވެ. ޝުޖާގެ ބުރަ މަސައްކަތުން ހޯދި އެ ފުރުސަތުގައި ހަންޓޭއާއި ގޮއިދޫގެ އިތުރުން ދެ ބައިވެރިޔަކު މުޅި ރާއްޖެއަށް ރީތި ނަން ހޯދައިދިން އިރު، އެ ޓުއާގައި އޭނާގެ ޕާފޯމަންސް ދިޔައީ ކިހިނެތްތޯ އަހާލުމުން ހަންޓޭ އަނެއްކާވެސް ޖަވާބު ދިނީ ކުރުކޮށް ފޮނިކޮށެވެ. އޭނާ ބުނި ގޮތުގައި ޕާފޯމަންސް ދިޔައީ ވަރަށް ރަނގަޅަށެވެ. އަދި އޭނާގެ ޓާގެޓަކީ އެފަދަ ލެވެލްއެއްގައި ޕާފޯމްކޮށް ގަދަ މީހަކު ވައްޓާލުމެވެ.

"ރެޑްބުލް ހީރޯ ޓުއާ"ގައި ހަންޓޭއާއި ކޮޗޭ --- ފޮޓޯ/ ބ. ގޮއިދޫ ވޯޓާ ސްޕޯޓްސް

ޔަގީންނުންވެސް ހަންޓޭގެ މުސްތަގުބަލަށް އޭނާ ކުރިއަރަން ބޭނުންވާ ދާއިރާއަކީ މިއީ ކަމަށް އެނގިހުރެވެސް، މުސްތަގުބަލަށް ވިސްނަނީ ކިހިނެތްތޯ އަހަން ސުވާލު ކޮށްލިއިރަށް އޭނާ ދިން ޖަވާބަކީ "ކުރިމަގު އޮތީ މި ދާއިރާގަ" އެވެ.

އިންޓަވިއު ނިންމާލަމުން ހަންޓޭ ވަނީ އޭނާގެ ސްޕޮންސަރު 'ސީ ގިޔާ" އަދި މިކަމުގައި އެހީތެރިވެދޭ އެންމެނަށް ޝުކުރު އަދާކޮށްފައެވެ.

ވައި ހުރިގޮތުން ޓުއާ ފަސްކޮށް، ނިންމުމުގެ ރަސްމިއްޔާތަށް އެންމެން ކ. މާފުށްޓަށް ދިއުމަށްފަހު ދެން ފެނުނީ ހަންޓޭގެ ޗަރުކޭހެވެ. މާފުށީ ގޮނޑުދޮށް ފެނުމާއެކު އޭނާއަށް މަޑަކުން ނުހުރެވުނެވެ. އޭނާގެ އަވަސް ދުވެލީގައި ގޮސް ކަށިމަތި ފެނުގައި ޖައްސާލީ ޖެޓްސްކީގެ އެހީގައި ބޯޑު ދުއްވާ މަންޒަރު ބެލުމަށެވެ. ހަންޓޭގެ ޓީމާއެކު އޭނާ ހުރިގޮތުންވެސް ޗަރުކޭސް ދައްކާލަން ބޭނުންވެފައިވާ މިންވަރު އެނގުނެވެ.

"ރެޑްބުލް ހީރޯ ޓުއާ"ގައި ހަންޓޭ --- ފޮޓޯ/ ބ.ގޮއިދޫ ވޯޓާ ސްޕޯޓްސް

ޔޫތު މިނިސްޓަރު އިރުތިޝާމް އާދަމް ޝަރަފުވެރި ކޮށްދިން އިވެންޓުގައި ބައެއް ސާފަރުން ހުނަރުތައް ދައްކަމުން ގޮސް ހަންޓޭއަށް ފުރުސަތު ލިބުމާއެކު އޭނާ އެންމެން ހައިރާން ކޮށްލިއެވެ. އޭނާއަށްވުރެ އުމުރުން ދޮށީ މީހުންނަށްވުރެ އޭނާ މޫދަށް ތަޖުރިބާކާރެވެ.

ފަސޭހަ، ލުއި ގޮތަކަށް ނިންމާލި ޗަރުކޭސް ފެނި މިނިސްޓަރުވެސް ހަންޓޭއަށް ހާއްސަކަމެއް ދިންތަން ފެނިގެން ދިޔައެވެ. ގޮއިދޫ ޓީމާއެކު މިނިސްޓަރު ކުޑަ ވަގުތުކޮޅެއް ހޭދަކޮށްލައްވާފައިވާ އިރު، ޓީމުގެ ހުރިހާ އެންމެން އަދި މިނިސްޓަރުގެ މޫނުން ވެސް ފެނުނީ ހިނިތިންވުމެވެ.

ރާއްޖޭގެ މޫދު ކުޅިވަރު އުޖާލާއެވެ. ބ ގޮއިދޫ ޓީމުން އެކަން ސާބިތުކޮށްދީފިއެވެ. ހަންޓޭއާއި އޭނާގެ ޓީމަށް ސާބަހެވެ. އުމުރުގެ ގޮތުން ކުޑަ ނަމަވެސް، ހުނަރުގެ ގޮތުން ވަރަށް ކުޅަދާނައެވެ. އެ ކުދިންގެ ކުރިމަގު ވެސް ފެންނަނީ ވަރަށް އުޖާލާކޮށެވެ. އަހުލާގުގެ ގޮތުންވެސް ހަމަ އެއްވަނައެވެ.

comment ކޮމެންޓް