ރާޅު ގުޑި ރަސްމީކޮށް ނިންމާލައިފި، ކައިޓް ސާފަރުންގެ މޫނުމަތިން ހިނިތުންވުން!

ރާޅު ގުޑި ކައިޓް ބޯޑިން ޓުއާ ނިންމުމުގެ ރަސްމިއްޔާތުގައި މިނިސްޓަރު އިރުތިޝާމް، އެ ހަރަކާތުގައި ބައިވެރިވި އެތުލީޓުންތަކާއެކު ފޮޓޯއަކަށް ހުއްޓިލައިގެން --- ސަން ފޮޓޯ/ މުހައްމަދު ޝަމްއޫން

މިއަދު ކުރިއަށްދިޔަ "ރާޅު ގުޑި" ކައިޓް ބޯޑިން ޓުއާ ވެގެންދިޔައީ ކައިޓް ސާފަރުން ހެއްވާލި ހަރަކާތަކަށެވެ. އެއް ތަނަކުން ކައިޓް ސާފަރުން އެކަކު އަނެކަކާ ބައްދަލުކޮށްލުމަށް މަގުފަހިވެގެންދިޔަ ހަރަކާތަކަށެވެ. އެ ހަރަކާތަކަށް ބަދަލުތަކެއް ގެންނަން ޖެހުނު ނަމަވެސް، ކައިޓް ސާފަރުން ވަނީ ހެވިލާފައި ކުޅިވަރާ ބެހޭ ވަޒީރު އިރުތިޝާމް އާދަމްއާއެކު މިއަދު ހަވީރު އެ ހަރަކާތް ރަސްމީކޮށް ނިންމާލައިފައެވެ.

މިއަދު ހަވީރު ބޭއްވި ނިންމުމުގެ ރަސްމިއްޔާތުގައި ޝަރަފްވެރި މެހެމާން، މިނިސްޓަރު އިރުތިޝާމް ވަނީ އެ ހަރަކާތުގައި ބައިވެރިވި ހުރިހާ އެތުލީޓުންނަށް މެޑެލް ހަވާލުކޮށްދެއްވައިފައެވެ. އެ ރަސްމިއްޔާތުގައި ނަސީބުވެރި ސާފަރެއް ވެސް ވަނީ ހޮވައިފައެވެ. ނަސީބުވެރިއަކަށް ހޮވުނީ އަބްދުﷲ ޝާފީއެވެ.

މާފުށީ ޑައިވާސް އެންޑް ވޯޓާ ސްޕޯޓްސްއާއި ސްލޯޓޭޕް ޕްރޮޑަކްޝަން ގުޅިގެން ބޭއްވި އެ ހަރަކާތުގެ ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރު އިރުތިޝާމް ވިދާޅުވީ، ގިނަ އެތުލީޓުންތަކެއް މި ހަރަކާތުގައި ބައިވެރިވީތީ ވަރަށް އުފާކުރާ ކަމަށާއި ބ. ގޮއިދޫގެ ވަރަށް ޒުވާން ކައިޓް ސާފަރުން ބައިވެރިވީތީ އެކަން ފާހަގަކޮށް ޝުކުރު އަދާކުރާ ކަމަށެވެ.

ރާޅު ގުޑި ކައިޓް ބޯޑިން ޓުއާ ނިންމުމުގެ ރަސްމިއްޔާތުގައި މިނިސްޓަރު އިރުތިޝާމް، އެ ހަރަކާތުގައި ބައިވެރިވި ބައެއް އެތުލީޓުންނާއެކު ފޮޓޯއަކަށް ހުއްޓިލައިގެން --- ސަން ފޮޓޯ/ މުހައްމަދު ޝަމްއޫން

"އުމުރުން 12 އަހަރާއި 13 އަހަރުގެ ވަރަށް ހަގު ކުދިންތަކެއް މިކަމުގައި ބައިވެރިވީތީ އެކަން ފާހަގަކޮށް ޝުކުރު އަދާކުރަން. ޒުވާނުން ބައިވެރިކޮށްގެން މިފަދަ ކައިޓް ސާފިން އަދި ވޯޓަރ ސްޕޯޓްސް ހަރަކާތްތައް ކުރިއަށް އޮތްތަނުގައި ވެސް ފެނިގެންދާނެ ކަމަށް އުންމީދުކުރަން. ރާއްޖޭން ވޯޓަރ ސްޕޯޓްސްގައި ގިނަ މެޑެލްތަކެއް ހޯދާނެ ކަމަށް ވެސް އުންމީދުކުރަން،" މިނިސްޓަރު ވިދާޅުވިއެވެ.

އެކަށީގެންވާ ވަރަށް ވައި ނުޖެހޭތީ ރާޅު ގުޑި ކައިޓް ބޯޑިން ޓުއާއަށް ބަދަލުތަކެއް ވަނީ ބަދަލުތަކެއް ވެސް ގެނެސްފައިވެއެވެ. ރަސްމީކޮށް މިއަދު އެ އިވެންޓް ނިންމާލި ނަމަވެސް، އެ އިވެންޓުގެ އެންމެ މުހިންމު ހަރަކާތް ކަމަށްވާ ކައިޓް ސާފިންގައި ވިލިމާލެއިން ކ. މާފުށްޓަށް ކުރާ ދަތުރު އެހެން ދުވަހަކަށް ތާވަލުކުރުމަށް ވަނީ ނިންމައިފައެވެ. މިއަދު ބޭއްވި ހަރަކާތުގައި 70 އެއްހާ ކައިޓް ސާފަރުން ވަނީ ރަޖިސްޓަރީވެފައެވެ.

އެ ހަރަކާތުގައި ބައިވެރިވި ވަރަށް ހަގު ކައިޓް ސާފަރެއް ބުނީ، މިއީ ކައިޓް ސާފަރުން އެކަކު އަނެކަކާ ބައްދަލުކޮށްލަން ލިބުނު ރަނުގެ ފުރުސަތެއް ކަމަށާއި މިފަދަ ހަރަކާތްތައް ކުރިއަށްއޮތް ތަނުގައި އިތުރުވެގެންދާނެ ކަމަށް އުންމީދުކުރާ ކަމަށެވެ.

ރާޅު ގުޑި ކައިޓް ބޯޑިން ޓުއާ ނިންމުމުގެ ރަސްމިއްޔާތުގައި މިނިސްޓަރު އިރުތިޝާމް، އެ ހަރަކާތުގައި ބައިވެރިވި ބައެއް އެތުލީޓުންނާއެކު ފޮޓޯއަކަށް ހުއްޓިލައިގެން --- ސަން ފޮޓޯ/ މުހައްމަދު ޝަމްއޫން

"ވަރަށް އުފާވެއްޖެ. މިކަމުގައި ބައިވެރިވާ އެކި އުމުރުފުރާތަކުގައި މީހުންނާ ބައްދަލުކޮށްލެވިއްޖެ. މިކަމުގެ ސަބަބުން އަޅުގަނޑުމެންނަށް އާ ކަންތައްތަކެއް ވެސް ދަސްވެގެންދާނެ. ތަޖުރިބާކާރު ކައިޓް ސާފަރުންގެ ހިޔާލުތަކެއް ވެސް ލިބޭނެ. އެންމެ މުހިންމު ހަރަކާތް އެހެން ތާރީހަކަށް ފަސްކުރި ނަމަވެސް، އިރާދަކުރެއްވިއްޔާ އަޅުގަނޑު އެ ހަރަކާތުގައި ބައިވެރިވާން އަންނާނަން. މިކަން ނިމިގެންމިދިޔައީ ވަރަށް ބޮޑު ހިތްހަމަޖެހުމަކާއެކު،" އުމުރުން ހަގު ނަމަވެސް، ހުނަރުގައި ދޮށީ ކައިޓް ސާފަރަކު ބުންޏެވެ.

މިއަދުގެ ހަރަކާތުގައި ގިނަ އަދަދެއްގެ ޒުވާން އެތުލީޓުންތަކެއް ފެނިގެންދިޔައެވެ. އެގޮތުން ވޯޓާ ސްޕޯޓްސްގެ ގިނަ އެތުލީޓުންތަކެއް ސިއްސުވާލި ހަސަން މާހިރު (ހަންޓޭ)ވެސް ބައިވެރިވިއެވެ. ހަންޓޭގެ އިތުރުން އޭނާ ތައާރަފްކޮށްދިން ބ. ގޮއިދޫ ވޯޓާ ސްޕޯޓްސްގެ ނުވަ އެތުލީޓަކު ބައިވެރިވިއެވެ. އޭގެ ތެރޭގައި ގިނައިން ފާހަގަކޮށްލެވޭ ވަރަށް ހަގު އެތުލީޓުންތަކެވެ.

comment ކޮމެންޓް