އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ)، އަންނަ އަހަރު މޮރިޝަސްގައި ބޭއްވުމަށް ހަމަޖެހިފައިވާއިރު، މިފަހަރުގެ ގޭމްސްގައި ކައިޓް ސާފިން އަދި ވިންޑް ސާފިން މުޅިން އަލަށް ހިމެނޭނެއެވެ.
އައިއޯއައިޖީގައި އަންނަ އަހަރު ހޭންޑް ބޯލް އަދި އަންހެން ފުޓުބޯޅަ ނުހިމެނޭނެ ކަމަށްވެސް އައިއޯއައިޖީގެ ޓެކްނިކަލް ކޮމިޓީން ނިންމާފައިވާއިރު، މޫދު ކުޅިވަރިތައް އިތުރުވުމާއެކު ރާއްޖޭގެ މެޑަލް ޓާގެޓަށްވަނީ ހިތްވަރެއް ގެނެސްދީފައެވެ.
ރިޔޫނިއަން އައިލެންޑްސްގައި 2015 ބޭއްވި އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ރާއްޖެއިން ވާދަކުރި ކޮންޓިޖެންޓުން އަށް މެޑަލް ގެނެސްފައިވާއިރު، އެންމެ ފާހަގަކޮށްލެވުނީ ފިރިހެން 100 މީޓަރ ދުވުމުގެ ރަން މެޑަލް ރާއްޖެ ގެނައުމެވެ. އެ މެޑެލް ރާއްޖެ ގެނެސްދިނީ ބާރު ދުވުންތެރިޔާ ސާޖަންޓް ހަސަން ސާއިދެވެ.
އަންނަ އަހަރުގު މުބާރާތާ ގުޅިގެން ވާހަކަފުޅު ދައްކަވަމުން އޮލިމްޕިކް ކޮމިޓީގެ ޖެނެރަލް ސެކްރެޓަރީ އަހުމަދު މަރުޒޫގް (މަރޭ) ވިދާޅުވީ މިފަހަރުގެ މުބާރާތުގެ ޓާގެޓަކީ 15 މެޑަލް ކަމަށެވެ.
"މިފަހަރުގެ މުބާރާތަށް ދާނީ 15 މެޑަލްއަށް ޓާގެޓްކޮށްގެން. ވަރަށް ބޮޑު އުންމީދެއް އެބައޮތް މިފަހަރުގެ ޓާގެޓް ހާސިލްވާނެ ކަމަށް،" މަރޭ ވިދާޅުވިއެވެ.
މަރޭ ވިދާޅުވީ ވޭތުވެދިޔަ ފަސް އަހަރުވެސް ރާއްޖޭގެ ޒުވާނުންގެ ތެރޭގައި އެންމެ މަޝްހޫރުވި އެއް ކުޅިވަރަކީ ކައިޓް ސާފިން ކަމަށާއި، އެ ކުޅިވަރު އަންނަ އަހަރުގެ ގޭމްސްގައި ހިމެނުމަކީ ލިބޭނެ ވަރަށް ބޮޑު ފުރުސަތެއް ކަމަށެވެ.
"ކައިޓް ސާފިންއަކީ ވޭތުވެދިޔަ ފަސް އަހަރުވެސް ރާއްޖޭގެ ޒުވާނުންގެ މެދުގައި އެންމެ މަގުބޫލު ކުޅިވަރު. މި ފުރުސަތަކީ ހަންޓޭ ފަދަ އެތުލީޓުންނަށް ހުނަރު ދައްކާލަން ލިބޭނެ ވަރަށް ބޮޑު ފުރުސަތެއް،" މަރޭ ފާހަގަކުރެއްވިއެވެ.
ވޯޓާ ސްޕޯޓްސްގެ މަގުބޫލުކަން ރާއްޖޭގައި އިތުރުވެފައިވާއިރު، ދާދިފަހުން ބޭއްވި 'ރާޅު ގުޑި ޓުއާ'ގެ ހަރަކާތުގައިވެސް ކައިޓް ސާފުކުރާ ގާތް ގަނޑަކަށް 70 އެއްހާ އެތުލީޓުން ބައިވެރިވެފައިވެއެވެ. އެ ހަރަކާތުންވެސް ގިނަ ބައެއްގެ ހިތްތައް ދަމައިގަތީ ބ. ގޮއިދޫން ބައިވެރިވި ޓީމެވެ. އުމުރުން 14 އަހަރުގެ ބ. ގޮއިދޫ ހަސަން މާހިރު (ހަންޓޭ)އާއެކު އެ އުމުރުފުރާގެ އަށް އެތުލީޓަކު 'ރާޅު ގުޑި ޓުއާ'އިން ފެނިގެންދިޔައިރު، ބ. ގޮއިދޫ ފާހަގަކޮށްލެވެނީ ވޯޓާ ސްޕޯޓްސްގެ އެތުލީޓުން އުފައްދެމުގައި މުހިއްމު ރޯލެއް އަދާ ކުރާ ރަށެއްގެ ގޮތުގައެވެ.
'ސަން ސްޕޯޓްސް' އަށް ހަންޓޭ ދިން އިންޓަިއުގައި އޭނާ ބުނެފައިވަނީ ފުރުސަތުތަކަށް މަރުހަބާ ކިޔަން ތައްޔާރަށް ހުރި ކަމަށެވެ. ހަންޓޭވަނީ މީގެ ކުރިން ސްރީލަންކާގައި ބޭއްވި "ރެޑްބުލް ހީރޯ ޓުއާ"ގައިވެސް އޭނާގެ ހުނަރު ދައްކާލައިފައެވެ.
ރާއްޖޭގައި އެންމެ ބާރަށް ކުރިއަރަމުންދާ އެއް ކުޅިވަރު ކަމަށްވާ ކައިޓް ސާފިން، އައިއޯއައިޖީގައި ހެމެނުން ވެގެންދާނީ ރާއްޖޭގައި ކައިޓް ސާފް ކުރަމުން އަންނަ ޒުވާން ކުދިންނަށް ލިބޭނެ ވަރަށް ބޮޑު ހިތްވަރަކަށް ކަން ޔަގީނެވެ.