ތެލަނގަ ހަޓް: ޒުވާނުންގެ ރީތި މަސައްކަތެއް

ކެނދިކުޅުދޫގެ "ވިންޑްވޯރިއާސް" އިން އެ ރަށުގެ އިތުރު ކޮޅުގެ އަތިިރިމަތީގައި ހަދާފައިވާ ކައިޓް ހަޓް --- ފޮޓޯ//ކެޕަޗާސް: މުހައްމަދު ތަހުލީލް

މި ފަހުން ސޯޝަލް މީޑިއާގައި ވައިރަލް ވެގެން ދިޔަ ކެނދިކުޅުދޫ ކުޅީގައި ހަދާފައިވާ، ކުޅި ޕާކުގެ ނަލަނަލަ ފޮޓޯތައް ދުށީމުހެއްޔެވެ؟ އެއީ ގުދުރަތީ ރީތިކަމުން މުއްސަނދިވެފައިވާ ނ. ކެނދިކުޅުދޫގެ ނުވަ ކުޅީގެ ތެރެއިން ދިމާފަޅުގައި އެ ރަށުގެ ޒުވާނުން އިސްނަގައިގެން ހެދި "ހިންނަ ބްރިޖު" ގެ ފޮޓޯތަކާއި އެ ރަށުގެ އުތުރު ފަރާތުގެ "ގާތުނޑީކޮޅު" ގުޅުވައިދޭ ފޮޓޯތަކެވެ. އެކަމަކު މިފަހަރު ދައްކަން މިއުޅެނީ އެ ރަށުފެ ކުޅިފަލުގެ ވާހަކައެއް ނޫނެވެ. ތަފާތު ގޮތަކަށް ފަރުމާކޮށްފައިވާ ކައިޓު ހަޓެއްގެ ވާހަކަ އެވެ.

ކޮވިޑް-19ގެ ބަލިމަޑުކަމާ އެކު ރާއްޖޭގެ ހުރިހާ ރަށެއްގެ ޒުވާނުންވެސް އެއްތަންވި ދަނޑިވަޅުގައި ރަށުގެ އިޖުތިމާއީ ކަންކަމުގައި އެކި ރަށުގައި ކުރީ އެކި މަސައްކަތެވެ. ބައެއް ރަށްރަށުގައި ކުޅިވަރު މުބާރާތްތައް ބޭއްވި އިރު، އެހެން ރަަށްރަށުގައި ވަރުގަދައަށް ދަނޑުވެރިކަމާ މަސްވެރިކަން ކުރިތަން ފެނުނެވެ. އެކަމަކު ރާއްޖޭގެ 10 ވަނައަށް އެންމެ ބިން ބޮޑު ކެނދިކުޅުދޫގެ ޒުވާނުންގެ ފަރާތުން ފެނުނީ މުޅިން ތަފާތު މަންޒަރެކެވެ. އަވަށުގެ ވާދައިގައި، ބީޗްތަކާއި ކުޅިފާތަކަށް ދިރުމެން ގެނެސް ރަށަށް އަންނަ މެހެމާނުންނަށް ފެންނާނެހެން ތަރައްގީ ކުރީ އެވެ.

އެ މަސައްކަތް ކޮންމެޔަކަސް ވަރަށް ފުރިހަމަކަމާ އެކު ނިންމާލިތަނާ މުޅި ރާއްޖޭގެ ސަމާލުކަން އެތަންތަނަށް ހުއްޓިގެން ދިޔަތަން ފެނުނެވެ. އެފަހުން އަނެއްކާވެސް މިހާރު އެ ރަށުގެ އުތުރު ކޮޅުގައި (ކުޅުދޫ އަވަށުގައި) ވަނީ ރަށުގެ ޒުވާނުން އިސްނަގައިގެން ބީޗެއް ތަރައްގީކޮށް، ރަށުގައި މިހާރު އެންމެ ބާރަށް ކުރިއަރަމުން އަންނަ މޫދު ކުޅިވަރުތައް ކުޅުމަށް ހާއްސަ ބީޗް ހަޓެއް ހަދައިފަ އެވެ. ތިން ބުރިއަށް ހަދާފައިވާ މި ހަޓަކީ ބިމުން އެންމެ މައްޗަށް ވެސް ބަލާ ފޫހިނުވާނޭ ފަދަ ގޮތަކަށް ފަރުމާކޮށްފައިވާ، ވަރަށް ވެސް ހިތްގައިމު ހަޓެކެވެ.

ކެނދިކުޅުދޫގެ "ވިންޑްވޯރިއާސް" އިން އެ ރަށުގެ އިތުރު ކޮޅުގެ އަތިިރިމަތީގައި ހަދާފައިވާ ކައިޓް ހަޓް --- ފޮޓޯ//ކެޕަޗާސް: މުހައްމަދު ތަހުލީލް

މުޅި ހަޓަށް ބަލާލުމުން ވެސް ފެންނަނީ ވަރަށް ތަފާތު މަންޒަރުތަކެކެވެ. ގޮނޑިތަކާ މޭޒުތައް ވެސް ހަދާފައިހުރީ މޫދު ކުޅިވަރުތައް ރަމްޒުކޮށްދޭ މަޅުބުރި ތަކާއި، ސާފްބޯޑުތަކުގެ ބައްޓަމަށެވެ. އިރު ގޮސް ފެނުގެ ތެރޭ ޖެހޭ ވަގުތުގެ ރީތިކަން ވެސް ބަލާލެވޭ ގޮތަށް ހަދާފައިވާ މި ހަޓަށް ނަޒަރު ހުއްޓާލުމުން ފެނިގެން ދަނީ މުޅިންވެސް ކެނދިކުޅުދޫގެ ޒުވާނުންގެ ހުނަރުވެރިކަން ނޫން އިތުރު އެއްޗެއް ނޫނެވެ.

"ބީޗާ އެކު މި ހަޓުގެ މަސައްކަތް ފެށިތާ ގާތްގަނޑަކަށް ހަތަރު މަސްތެރޭ މި ނިންމާލެވުނީ. މިއީ މި ރަށުގެ ޒުވާނުންގެ މިންނެތް މަސައްކަތް. ވަރަށް ފުރިހަމަ އަދި ރަށުގެ ރައްޔިތުންނަށާއި، ޒިޔާރަތް ކުރާ މެހެމާނުން ވެސް ބަލައިގެން މަސައްކަތެއް،" ކެނދިކުޅުދޫ ކައުންސިލުގެ ނައިބު ރައީސް މޫސާ ހަލީމް (މޫސަ) ވިދާޅުވި އެވެ.

މޫސަ ވިދާޅުވީ، ރަށުގައި އޮންނަ ދެ އަވަށުގައި ވެސް ބީޗެއް ތަރައްގީ ކުރުމަކީ ކައުންސިލުން އަބަދުވެސް ގެންގުޅެމުން އަންނަ ވިސްނުމެއް ކަމަށެވެ. އެކަމަކު އެކަންކަން ކުރާނެ ވަގުތާއި، ހަރަދުބަރަދުގެ ކަންކަމަށް އައި ދަތިތަކެއްގެ ސަބަބުން އެކަން ބިލާހެއްގެ ގޮތުގައި އޮއްވާ ޒުވާނުން އިސްނަގައިގެން މިފަދަ ކަމެއް ކުރުމަކީ އުފާކުރާ ކަމެއް ކަމަށް އޭނާ ބުންޏެވެ. އަދި ރިޒޯޓްތައް ބަންދު ކުރުމުން ގިނަ ޒުވާނުންތަކެއް ރަށުގައި ތިބި ވަގުތުގައި މުޖުތަމައަށް ފައިދާ ކުރުވަނި މަސައްކަތެއް ކުރުމަކީ ރަށުގެ މުސްތަގުބަލަށް ލިބުނު ކުރިއެރުމެއް ކަމަށް އެ މީހުން ދެކެ އެވެ.

"ވިންޑް ވޯރިއާސް ނަމަކަށް ކިޔާ ގުރޫޕެއް މިކަމުގައި އިސްވެ ހަރަކާތްތެރިވީ. އެކުދިން ބީޗްގައި ހަޓު ހަދައި، ޖޯލިތައް ހެދުމުގެ މަސައްކަތް ފެށުމުން ކައުންސިލުން ވެސް މީގެތެރެއަށް ވަދެ އެކުދިންނަށް ހުރިހާ ގޮތަކުން ވެސް އެއްބާރުލުން ދިނިން. އެހެންވެ އެކުދިން ބޭނުންވާ ގޮތަކަށް އެތަން ތަރައްގީ ކުރުމަށް އަޅުގަނޑުމެން ތިބީ ދޫކޮށްލައިގެން،" މޫސަ ވިދާޅުވި އެވެ.

ޒުވާނުން ނުކުމެ ރަށުގައި ކުރާ ހުރިހާ މަސައްކަތަކަށް ވެސް ރަށުގެ ދޮށީ އުމުރުފުރާގެ މީހުން އަބަދުވެސް ބޮޑު ހިތްވަރެއްދީ އެކަމުގައި އަމަލީ ގޮތުން ބައިވެރިވުމަކީ ކެނދިކުޅުދޫގައި ޒަމާންވީ ރީތި އާދައެކެވެ. ވުމާއެކު ޒުވާނުންގެ މި މަސައްކަތަށް ވެސް އިޖާބަދީ ބީޗަށް ދާން އޮންނަ މަގު ކޮށައި، ކުނިކަހާ މުޅި ސަރަހައްދަށް ހަގީގީ ދިރުން ގެނުވައިދިނީ އެ ރަށުގެ އަންހެންވެރިންނޭ ބުންޏަކަސް ދޮގަކަށް ނުވާނެ އެވެ. އެ މީހުން ގޮސް ކޮންމެ ދުވަހަކު މުޅިތަން ސާފުކުރުމުގައި އަވަދިނެތި އުޅޭ އިރު، ފިރިހެންވެރިން ނުކުމެ ސަރަހައްދުގައި އަށި އަށްޓާއި، ބާބަކިއު ގްރިލްތައް ބެހެއްޓުމުގައި އެހީތެރިވީ އެވެ.

ކެނދިކުޅުދޫގެ "ވިންޑްވޯރިއާސް" އިން އެ ރަށުގެ އިތުރު ކޮޅުގެ އަތިިރިމަތީގައި ހަދާފައިވާ ކައިޓް ހަޓް --- ފޮޓޯ//ކެޕަޗާސް: މުހައްމަދު ތަހުލީލް

"އަޅުގަނޑުމެން މިހާރު މަސައްކަތް ކުރަމުން މިދަނީ މިތަނުގެ ބޭނުން ފުޅާކުރުމަށް. އެގޮތުން މި ބީޗަކީ ކަސްރަތު ކުރުމާއި، ފަތަން ދަސްކޮށްދޭ ޕްރޮގުރާމްތައް ވެސް ބޭއްވިގެންދާ ތަނެއްގެ ގޮތުގައި ހެދުމަށް ކަމާ ބެހޭ ފަރާތްތަކާ އެކު މަޝްވަރާ އެބަ ކުރެވޭ. މިހާރުވެސް ބޮޑެތި ޕާޓީތަކާއި، ޕިކްނިކްތަކުން ސަރަހައްދު ފުރިފައި އޮންނަ ދުވަހެއް ނޫނީ ނުދާނެ،" މޫސަ ވިދާޅުވި އެވެ.

މޫސަ އިތުރަށް ވިދާޅުވީ، ރަށުގައި ޒުވާނުން އިސްވެ ހަދާފައި މިވާ ކައިޓް ހަޓާއި، ކުޅި ޕާކުތަކުގެ ފުރިހަމަ މަންފާ ރަށަށް ލިބިގެންދާނީ އެތަންތަނަކީ ވިޔަފާރި މޮޑެލްއަކަށް ހިންގޭ ތަންތަނަށް ވުމުން ކަމަށެވެ. އަދި އެތަންތަނުގެ ރީތިކަން ދެމެހެއްޓެނިވި ގޮތެއްގައި ބޭއްވުމަށާއި، ރަށުގެ އާއްމުދަނީ އިތުރު ކުރުމަށް އެއީ މުހިއްމު ކަމެއްގެ ގޮތުގައި ދެކޭ ކަމަށް މޫސަ ވިދާޅުވި އެވެ.

"ކައުންސިލުން މިކަމަށް އޮތް ޕްލޭނަކީ މިފަދަ ތަންތަން ތަރައްގީ ކުރުމުގައި އުސޫލެއް ކަނޑައެޅުން. އެހެންވީމަ ކޮންމެ ބަޔަކު ކަމެއް ކުރިޔަސް އެ އުސޫލުތަކާ އެއްގޮތަަށް ކަންކަން ކުރަން ޖެހޭނީ. އެ އުސޫލުތައް އެކުލަވާލުމަށް ކޮމިޓީއެއް ހެދުމުގެ މަރުހަލާ މިހާރު ކުރިއަށް އެބަދޭ. މިކަންކަމުގެ ހަގީގީ މިސްރާބަކީ އެކޯ ޓުއަރިޒަމް ތަރައްގީކޮށް ގެސްޓްހައުސްގެ ވިޔަފާރި ރަށުގައި ފުޅާކުރުން." މޫސަ ވިދާޅުވި އެވެ.

ކެނދިކުޅުދޫގެ "ވިންޑްވޯރިއާސް" އިން އެ ރަށުގެ އިތުރު ކޮޅުގެ އަތިިރިމަތީގައި ހަދާފައިވާ ކައިޓް ހަޓް --- ފޮޓޯ//ކެޕަޗާސް: މުހައްމަދު ތަހުލީލް

ތަނެއްގެ ރީތިކަން އިނގޭނީ އެތަނަކަށް ގޮސް އެކަމެއް ތަޖުރިބާކޮށްގެންނޭ ބުނާ އަޑު އިވެ އެވެ. އެހެން ނަމަވެސް ކެނދިކުޅުދޫއިން ފެނިގެން މިދާ ހުނަރުވެރި ފަރުމާތައް ފެނިފައި އަޖައިބުނުވާނެ މީހަކު މަދުވާނެ އެވެ. އެކަމުގެ ނަތީޖާއަކީ ރަށަށް މިތަންތަން ބަލަން ޒިޔާރަތް ކުރާ މީހުން އިންތިހާއަށް ގިނަވުމެވެ. އަދި ގިނަ މީހުން ރަށަށް ޒިޔާރަތް ކުރުމުގައި ރަށަށް ވަންނަ އާމުދަނީ ވެސް ދެގުނަ އިތުރުވުމަކީ ރަށުގެ ރައްޔިތުން އުފާކުރާ ކަމެކެވެ.

"ވަރަށް އުފާވޭ ގިނަބަޔަކު ރަށަށް މިހެން ޒިޔާރަތްކޮށް މިތަންތަން ބަލަން އަންނާތީ. މިއީ ހަމަ ވަރަށް ބުރަ މަސައްކަތްތަކެއް. ހަގީގަތުގައި މިކަންކަމަށް މިވަރުގެ ތަރުހީބެއް ލިބޭނެ ކަމަކަށް އުންމީދެއް ވެސް ނުކުރަން. ހަތަރު މީހުންގެ ޖާގައިގެ ޖޯއްޔަކުން ފެށި ބީޗް މިހާރު އެ ފެންނަނީ މުޅި ރަށުގެ އެންމެން މަޖާކޮށް ބޭނުންކުރާ ތަނެއްގެ ގޮތުގައި،" ކެނދިކުޅުދޫގެ ވިންޑް ވޯރިއާސް ގުރޫޕުގެ މެމްބަރަކު ބުންޏެވެ.

މީގެ ދެތިން އަހަރު ކުރިން ރަށުގައި މޫދުކުޅިވަރަށް ލޯބިކުރާ ޒުވާނުންތަކެއް ރަށުގައި ރާޅަށް ގޮސް، ކައިޓް ސާފް ކުރާ މަންޒަރުތައް ފޮޓޯނަގައިގެން ސޯޝަލް މީޑިއާއަށް ދޫކުރުމަށް ހެދި ގްރޫޕެއް ކަމަށްވާ ވިންޑް ވޯރިއާސް އަކީ މިހާރު ރާއްޖޭގެ މޫދު ކުޅިވަރުތަކުގައި ވެސް އަރަމުން އަންނަ ތަރިންތަކެއް ހިމެނޭ ގްރޫޕެކެވެ. ރަށުގައި މުޅިން އަލަށް މޫދުކުޅިވަރުގެ ފޯރިގެނައި ބަޔަކީ ވެސް އެއީ އެވެ. މިހާރު އެ ގުރޫޕުގެ އުންމީދުތައް ގުޅިފައިވާ ކައިޓް ހަޓަކީ ބޮޑު ޕްލޭނެއްގެ ފެށުން ކަމަށް އެ ގުރޫޕުން ވަނީ ބުނެފަ އެވެ.

"ގާތްގަނޑަކަށް 12 ކައިޓް ސާފަރުން އެބައުޅޭ ގުރޫޕުގައި. އެހެންވެ މި ހަޓު ހަދާފައި މީންދީ މިކަން ކުރުމަށް އެންމެ ސޭފް އަދި އެންމެ ރީތި ލޮކޭޝަނުގައި. ކޮފީތަކުގައި ދެކެވުނު ވާހަކައަކުން އައި ވިސްނުމެއް ތަރައްގީވެގެން މިހިސާބަށް މިއައީ. މިއީ އަދި ފެށުން. ކޮވިޑްގެ ކަންކަން ނިމުމާ އެކު މުބާރާތްތަކާއި، އިވެންޓުތައް ވެސް ބޭއްވުމަށް މަސައްކަތް ފަށާނަން." އެ ގްރޫޕުގެ މެންބަރަކު ބުންޏެވެ.

ޒުވާނުންގެ މިހުރިހާ މަޝްރޫއުތަކަކީ ވެސް ތަނުގެ ވެއްޓަށް ލިބޭ ގެއްލުން ވީހާވެސް ކުޑަކޮށް، އީޕީއޭގެ ވެސް ހުއްދަތައް ހޯދައިގެން ހަދަމުންދާ ތަންތަނެވެ. އަދި ކޮވިޑްގެ ހާލަތު ރަނގަޅުވުމުން ވީހާވެސް ގިނަބަޔަކު އައިސް މިތަންތަނަށް ޒިޔާރަތް ކުރުމަށް އަންނަން ބޭނުން ކޮންމެ މީހަކަށް ވެސް ފުރިހަމަ މަރުހަބާއެއް ކެނދިކުޅުދޫއިން އަބަދުވެސް ކިޔާނެ ކަމަށް ކައުންސިލުން ބުނެ އެވެ.

comment ކޮމެންޓް