ނޭނގި ހިތާ ކުޅެލީ-17

އެތައް ސުވާލުތަކުގެ ތެރެއިން އެންމެ ކުރިން ނަބީލާއަށް ޖަވާބު ދެވުނީ އޭނައަށް ލިބިފައިވާ ދަރިންގެ ވާހަކައިންނެވެ. އަންހެންކުއްޖަކު ދުނިޔޭގައި ހުރި ވާހަކަ އިވުމާއިއެކު އަރުޖަމަންދު ހީލާފައި ބުނީ އޭނަގެވެސް ހުސްހަށިބައި ސްމާޓް ފިރިހެންދަރިއަކު ހުރިކަމަށާއި ދެމީހުން ކުޑައިރު ވެފައިވާ ވައުދު ފުއްދަން އެންމެ ރަގަޅު ވަގުތު ޖެހުނީކަމުގައެވެ. ނަބީލާއަށް އިސްޖެހުނެވެ. ސަވާނާ އެހެން މީހަކާއި ކައިވެނި ކުރަން އުޅޭ ވާހަކަ އޭނަ ބުނަންވީބާވައެވެ. ނޫނެކެވެ. އޭނަ އެކަން ސިއްރުކުރާނެއެވެ. މަޖުބޫރުކޮށްގެންވެސް ސަވާނާގެ ކައިވެނި ކުރުވާނީ އަރުޖަމަންދުގެ ދަރިފުޅާއެވެ. ނޫނީ ރުގުޔާއެއްވެސް ކޮށްލެވިދާނެ ނޫންހެއްޔެވެ؟ ރަގަޅު ފަންޑިތަ އެންމެ ރަގަޅުވާނެއެވެ. އެހެން ހިތަށް އެރުމާއިއެކު މިވިސްނުނީ ރަގަޅަށް ނޫންކަން އެނގި އަމިއްލަ ނަފުސަށް މަލާމާތްކުރެވުނެވެ. "ވައިޓް މެޖިކް"އިންވެސް ޖިންނިންގެ އެހީތެރިކަން ހޯދާއިރު އެކަން ރަގަޅުވާންވީ އެއްވެސް ސަބަބެއްނެތެވެ. އިސްލާމްދީނުގައި ހުއްދަނޫންކަމެއް ކުރަން ހިތަށް އަރުވާކަށްވެސް ނުވާނެ ނޫންހެއްޔެވެ. މާބޮޑަށް މާޔޫސްވާވަގުތު ސިކުނޑިއާއި ކުޅެލަން ޝައިތާނާ ހުންނަނީ ފައިވިއްދާފައެވެ. ނަބީލާއަށް ވިސްނުނެވެ. ކުރަން އޮތީ ހަމައެކަނި ދުޢާއެވެ.

ގޭގެ ހުރިހާ ނޯކަރުން ޗުއްޓީނެގުމަށްފަހު ގޭގައި ޖެހޭހާ މަސައްކަތެއް އެއްވެސް ޝަކުވާއެއްނެތި މަންމަ ކުރާތަން ސަވާނާ ދެކެއެވެ. ދުވަހުގެ ތާވަލް އޮންނަނީ ވަކި ގޮތަކަށް ފައްތާފައެވެ. ފަތިސްނަމާދު ކުރުމަށްފަހު ގުރުއާން ކިޔަވާލާ ހަދާފައި ބަދިގެއަށް ވަންނަގޮތަށް ހެދުނުގެ ނާސްތާ ތައްޔާރުކޮށްލާފައި ތަށިތައްނަގައެވެ. ބައްޕައަށް ކަމުދާނީ ފަތުން މަސްހުނި މޮޑެ ރޮށިފިހެފައި ހުރީމައެވެ. ކާށި ގާނައިގެން އެމަސައްކަތް ނަބީލާ ކޮށްދެއެވެ. ގަސްތަކަށް ފެންދެއެވެ. މަންމަ އައިފަހުން ވީރާނާވެފައިވާ ގަސްގަހުގައި މާއަޅާ ބަރާވެފައިވެއެވެ. އެއޮތް ބޮޑު ގެ ސާފުކޮށް މޮޕްކުރުމަށްފަހު ކައްކާ ދޮވެ ހަދާ ނިމޭއިރު މަންމަ ވަރުބަލިވާނެބާވައޭ ސަވާނާގެ ހިތަށް އެރިއެވެ. މަންމަގެ މޫނުމަތިން ފެންނަން ހުރި ވަރުބަލިކަމާއި މާޔޫސީކަމުން އޭރު އަސަރެއްނުކުރިއެވެ. މަންމަކަހަލަ "ހައުސްވައިފް" ކުރާހިތުން ކުރަންޏާ އެއީ މައްސަލައެއް ނޫންތާއެވެ.

ސަވާނާ ހެދުނު ހޭލެވުނުއިރު ދިހައެއްޖަހާ ބޮޑުވެއްޖެއެވެ. މަންމަ ހުރީ ފިހިގަނޑު ހިފައިގެން މޮޕްކުރުމުގައި އަވަދިނެތިއެވެ. ނިތްކުރީގައި ދާތިކިތިތައް ވިދަވިދާ ހުއްޓެވެ.

"ދަރިފުޅާ ސައި ބޮއެފިންތަ؟ " މަންމަ އަހައިލިއެވެ.

"މިލްކް އެންޑް ކޯންފްލޭކްސް...." ސަވާނާ ބުނެލިއެވެ. ނަބީލާ ކުރަން ހުރި މަސައްކަތް ހުއްޓާލާފައި އަވަސްވެގަތީ ސަވާނާއަށް ޖޫސްހަދައިދިނުމަށެވެ. ކާކޮޓަރިއާއި ހަމަޔަށް ފޯރިއިރު މަންމަ ހޫނު ކިރުތަށްޓެއް ތައްޔާރުކޮށްލައިފިއެވެ. ލިވިއާވެސް މޭޒެއްގެ ކައިރީ ފޯނާއި ކުޅެކުޅެ އިނެވެ. ނަބީލާ ލިވިއާ ކައިރިން ޖޫސްބޯނަން ހެއްޔޭ އެހުމުން ކޮފީއަކާއި ބިސްގަނޑެއް އަޅާލަދޭން އެދުނެވެ. ނަބީލާ ކޮފީއެއް ތައްޔާރުކޮށްލަދިނުމުން ޝުކުރުގެ ބަހެއްވެސް ބުނެނުލިއެވެ. އެކަމާއި ކޮންމެވެސް ވަރަކަށް ސަވާނާ ހިތްހަމަނުޖެހުނެވެ. ލިވިއާ މަންމަ ލައްވާ މަސައްކަތްކުރުން ރަގަޅުކަމަކަށް ނުފެނުނެވެ. މަންމަ މިހިރީ މިގޭގައި ނޯކަރެއްގެ މަގާމުގައެއް ނޫނެވެ. ލިވިއާ ކުރިމަތީގައި ކޮފީތަށި ބަހައްޓާދިނުމުން ސަވާނާ އެހާ ވަރުން ލިވިއާ ޗެޓްކުރަނީ ބޯއިފްރެންޑެއް ނެގީހެއްޔޭވެސް ސުވާލުކުރިއެވެ. ލިވިއާ ލުއި ހިނިތުންވުމެއް ތުންފަތް މައްޗަށް ވެރިކުރިއެވެ.

"ރޮށްޓާއި މަސްހުނި ވެސް މިހިރީ...." ނަބީލާ ރޮށި އަޅާފައި ހުރި އެތި ދިއްކޮށްލުމުން ލިވިއާ ބޯ ހޫރައިލީ ފޫހިވެފައިވާގޮތަކަށެވެ. އޭނަ މިހާރުވަނީ ޕިއްޒާއާއި ބާގާ ކަހަލަ އެއްޗެހި ކާން އާދަވެފައެވެ. މަސްހުންޏާއި ރޮށްޓަކީ އާދައިގެ މީހުން ކާއެއްޗެހީގެ ގޮތުގައި އޭނަދެކުނެވެ.

"ލިވީ މިއަދު އޮފީހަށް ނުދާ ދުވަހަކީތަ؟ " ސަވާނާ ކިރުތަށި ތުނބުގައި ޖެހުމުން ކިރު މަތީ ތުންފަތުގައި ހޭކިފައިހުރީ މަތިމަހެއްހެންނެވެ.

"ގޮއްސަ ސޮއި ކޮށްލާފައި މިއައީ. ތިމާގެ ކުއްޖަކު ކުއްލިއަކަށް މަރުވެގެން އުޅެނީ އެހެންވެ ކަޑަވީވަރުން އެތާވެސް ނުހުރެވިގެން ގެއަށް އައިގޮތަށް ދާހިތްނުވެފައި މިހިރީ. ބޮޑުދައިތަގެ ހުރި އެންމެ ފިރިހެންދަރި. ނޭޕާލުގައި މެޑިސިން ހަދާ ކުއްޖެއް. ޗުއްޓީގައި އައިސް ހުރެފައ ބާބެކިއު ހަދަން ފަޅުރަށަކަށް ގޮސް ވީނުވީއެއް ނޭގި މަރުވެފައި އޮތްވާ ފެނުނީ. އެކުދިން ޕާޓީކުރިޔަސް ޔަގީނުންވެސް ޕާޓީޑްރަގް ކަހަލަ އެއްޗެއް ބޭނުމެއްނުކުރާނެ. ދައްތައަށް އެ ޚަބަރުލިބުނުގޮތަށް އަދިވެސް ހޭ ނާރާ..........." ލިވިއާގެ ވާހަކަތައް އަޑުއަހަން ހުރެފައި ނަބީލާ އެކުއްޖާއަށް ރަހުމަތް ލެއްވުމަށް އެދި ދުޢާކުރިއެވެ. ދަރިފުޅު މަރުވުމުން މައިންބަފައިން ކަރުނައަޅާ ހިތާމަކުރާނެއެވެ. ނަމަވެސް ޕާޓީތަކަށާއި ދަތުރުތަކަށްގޮސް އެކުދިން އުފާކުރާއިރު އުޅޭނޫޅޭގޮތެއް ބަލާނެ މީހެއްނެތެވެ. އުމުރުން އެންމެ އެކާވީސްއަހަރަކީ އަދި ޒުވާންކަން ފެށޭއިރެވެ. ނަމަވެސް އަމިއްލަ ނަފުސާއިމެދު ވިސްނަނީ ކޮންބަޔެއް ހެއްޔެވެ؟ ނަމަވެސް މަރަކީ އެންމެ ކައިރީގައި އަބަދު ހަނާ އަޅާ ވާއެއްޗެއްކަން ހުރިހާ މަޚުލޫގުން ދަންނަންވާނެއެވެ. ތިމާ ހެއްދެވިފަރާތާއި ބައްދަލުކުރަން ކޮންމެ ވަގުތަކުވެސް މި ދުނިޔެއަށް އަލްވިދާއު ކިޔަންޖެހޭނެއެވެ. އަބަދަށް ތިބޭނެ ގޮވެތްޗެއްކަމަށް ހީކޮށް ދިރިއުޅުން ބައްޓަން ކޮށްފިނަމަ ނާކާމިޔާބު މީހުންގެތެރޭގައި ހިމެނިދާނެއެވެ.

ނަބީލާ އެގޮތަށް ވާހަކަދައްކަން ފެށުމުން ލިވިއާ ތުން ފިތައިލިއެވެ.

"ނޫހުގައި އެވާހަކަ އިންނާނެ ދޯ..." ސަވާނާ އަވަސްވެގަތީ އޮންލައިން ނޫހެއް ހުޅުވާލައިގެން ދުވަހުގެ ޚަބަރު ބަލައިލުމަށެވެ. ކުއްލި ޚަބަރުގޮތުގައި މ. ލައިލީ ވިލާ އިބްރާހިމް އަޔާދުގެ ވާހަކަ އޮތްއިރު ޒުވާން ފިރިހެންކުއްޖެއްގެ ފޮޓޯ ޖަހާލާފައިވާތަން ފެނުމުން ސަވާނާގެ ހިތަށްވެސް އަސަރުތަކެއްކުރިއެވެ. ލިވިއާގެ ދެބެންގެ ދެދަރިކުއްޖެއްކަން އެނގުމުން ވަކިން ބޮޑަށް ދެރަވެ ހިތާމައިގާ ބައިވެރިވިއެވެ. އަނެއްކާ ލުކުމާންގެ ކޮއްކޮއެއްބާވައެވެ. ނީދެވިގެން ސަވާނާ އެހެން އަހައިލުމުން ލިވިއާ ބުނީ ލުކުމާންގެވެސް ދެބެންގެ ދެދަރިކުއްޖެއްކަމުގައެވެ.

ވަގުތުން ސަވާނާ ލުކުމާންއަށް ވައިބާކުރިއެވެ.

"ކަޒިން އަޔާދުއޭ؟ " ލުކުމާން ޖަވާބުދިނެވެ.

"ލޫކްއަކަށް ނޭގޭތަ؟" ސަވާނާ އެލިންކް ފޮނުވުމުން އިރުކޮޅެއްވާންދެން ލުކުމާންގެ ޚަބަރެއްނުވުމުން ސަވާނާ ހީކުރީ ލުކުމާންއަށް އެ ޚަބަރު ދެވުނުގޮތަކުން މާބޮޑަށް އަސަރުކޮށް ކަމެއްވީކަމުގައެވެ. އެހާ ތިމާގެ ކުއްޖެއްގެ މަރުގެ ޚަބަރު ހަމަ ކުއްލިއަކަށް ދިނުމަށްވުރެ ދުރުދުރުން ގެންގޮސް އެވާހަކަ އިއްވުން ބުއްދިވެރިކަން ސަވާނާއަށް ނުވިސްނުނީއެވެ. ސަވާނާއަށް ދެން އަހައިލެވުނީ ލުކުމާން ހުރި ތަނަކާއި ބެހޭގޮތުންނެވެ.

"މިހިރީ ދުރުގައެއް ނޫން. މަގޭ ވާން އުޅޭ ވައިފް ކުރިމަތީގައި...." ލުކުމާންގެ ޖުމްލައާއިއެކު ސަވާނާ ބަލައިލިއިރު ދޮރުމަތީގައި ހިނިތުންވެފައި ހުރީ ލުކުމާން ފިޔަވާ ދެވަނަމީހެއްނޫނެވެ. ކަޅުފެހިކުލައިގެ އަތްދިގު ގަމީހަކާއި ޖިންސެއްލައިގެން އިސްތަށިގަނޑު ކުޑަކޮށް ތެތްކޮށް އޮތްއިރު ދެންމެ ޝަވަރުދަށުން ނުކުމެގެން އައިފަދައެވެ. އޭނަގެ ހިތް އޮބިނޯންނަވަރަށް ތެޅިގަތެވެ.

ދެފައި ގޮނޑިއަށް އަރުވާލައިގެން ސަވާނާއިންއިރު ތުނބުގައި ކިރުހޭކިފައި ހުރުމުން ކުޑަކުއްޖެކޭ ތަފާތެއްނެތެވެ. އެއްވެސް މޭކަޕެއްނެތެވެ. ތާޒާކަމުން ފިނިފެންމަލެއްފަދަ މޫނެކެވެ. ބޮޑުކޮށްލި ދެލޮލުގައިވި ހާސްކަމާއި ލަދުވެތިކަން ލުކުމާންއަށް މަޖާވިއިރު ލިވިއާވެސް ދިމާކުރިއެވެ.

"ނަންނި އަނގަމަތި ނިކަން ފޮހެބަލަ....." ލިވިއާ ޓިޝޫ ފޮށި ދިއްކޮށްލައިފިއެވެ. ސަވާނާ ޓިޝޫއެއް ދަމައިގެންފާ އަނގަމަތީގައި ކާއްތާލިއިރު ލުކުމާން އިނީ ހީހީއެވެ. ގޮނޑިއެއް ދަމާލައިގެން އިށީނީ ލިވިއާގެ ކުރިމަތީގައެވެ. ސިއްރު ނަޒަރަކުން އޭނަގެ ލޯބިވާ އަންހެންކުއްޖާއަށް ބަލައިލުމާއިއެކު ހިތަށް ފިނިކަމެއްލިބުނެވެ. ލިވިއާގެ ރީތިކަން ފަނޑުވުމެއްނެތެވެ. އެފަރިކަމާއި ޖާދުވީ ރީތިކަމެވެ. ހިތްތައް ކަތިލައިލާފަދަ ސިހުރުވެރި ދެލޯ ލުކުމާންއާއި އަމާޒުކޮށްލަމުން ލިވިއާ އަޔާދު މަރުވީގޮތުގެ ތަފްސީލްދިންއިރު ލުކުމާން އިނީ ބުނާނެ އެއްޗެއް ނޭގިފައެވެ. ލިވިއާ އެކަހަލަ ކަންތައްތަކާ ދޮގުހެދުމުގެ މާނައެއް އޭނައަކަށް ނުވިސްނުނެވެ. ލިވިއާގެ ބައްޕަފަރާތު ދެބެންގެ ދެދަރިމީހެކޭ ބުނެ ނިންމާލިނަމަވެސް އެންމެ ރަގަޅެވެ. އަޔާދުއަކީ އޭނަ ދަންނަ މީހެއްނޫނެވެ. ފޮޓޯއެއްވެސް މިފެނުނީ އަލަށެވެ. ލިވިއާ އެހެން މީހުންގެ ކައިރީ ލުކުމާނަކީ ބޭބެއެކޭ ކިޔައިގެން އުޅެފައި ދޮގެއްގެ މައްޗަށް ދޮގުހަދަން ފެށުމަކީ ގަބޫލުކުރެވޭވަރުގެ ކަމެއްވެސް ނޫނެވެ.

އޭރު ނަބީލާ ހުރީ ސިންކު ކައިރީ ތަށިތައް ދޮންނާށެވެ. ލުކުމާން ހިތަށް އެރި ގަޑިއެއްގައި ސަލާމް ގޮވައިލުމެއްނެތި އަންހެންވެރިން އުޅޭ ބަޔަށް އައުމަކީ އެދެވިގެންވާ ކަމެއްނޫންކަން އެނގުނަސް މިގޭތެރޭގައި އޭނަގެ ބަސްނުވިކޭކަން އެނގި ހިމޭނުން ހުރިއިރު ކިތަންމެ އެއްޗެއް ހިތަށް އެރިއެވެ.

"ލޫކް ބްރޭކްފާސްޓް ނެގިންތަ؟ " ސަވާނާ އަހައިލީ ހިނިތުންވުމަކާއި އެކުގައެވެ.

އާނ ބްލެކް ކޮފީއަކާއި އެކު ގޮތެއް ހަދައިލީ. މިގޭގައި ކޯންޗެއްހުރީ..."

"ފްރިޖް ހުރީ ހުހަށް. މިހާ މުއްސަދި ގެއެއްގެ ފްރިޖަށް އެއްވެސް އެއްޗެއް ލާފައެއް ނުހުރޭ. އެހެންވެ އަހަރެން ކައިގެން އުޅެނީ ބޭރުން. ނަންނި އަހަރެން ހުރީމަ ފްރިޖް ފަޅުކޮށްލާފައި ހުރީ އަހަރެން މާ ގިނައިން ކާ މީހެކޭ ހީކޮށްކަމަށްވާނީ...." ލިވިއާގެ ކޮންމެ ޖުމްލައެއް އަމާޒުކުރީ ނަބީލާއަށެވެ. އޭނައަށް ކުރީކޮޅު ވީ ޝައްކެކެވެ. ފަހުން ކަންތައް ހިގިގޮތް ކިޔައިދިނީ އިމާދުއްދީންއެވެ. ނަބީލާގެ ދަހިކަމުން އޭނަ އެއްޗެއް ބޭނުންކޮށްފާނެތީ ފްރިޖަށް އެއްވެސް ކާ އެއްޗެއް ނުލާ ފޮރުވާފައި ބަހައްޓަނީއެވެ. ކުރިން ޗޮކްލެޓާއި އައިސްކްރީމްފަދަ އެއްޗެހިން ބަރާވެފައިވާކަން އޭނަ ދަނެއެވެ. މަދު ފަހަރެއްގައި ޒިޔާރަތްކޮށްފައި ފްރިޖް ހުޅުވާލުމުން ކުޅުދިޔާނުވާއިރެއް އޭރު ނުދެއެވެ.

"ނުވާނެ ތިހެނެއް..." ލުކުމާން ތެދުވެގެންގޮސް ފްރިޖްހުޅުވައިލާފައި އެއްލޯ މަރައިލިއެވެ.

"ނަންނި ހުރިހާ އެއްޗެއް ކާލީ ކަމަށްވާނީ. ބަލާލަ ބަލަ މިހިރަ ޗަބީ ޗީކްސް.........." ލުކުމާންގެ ޖުމްލައާއިއެކު ސަވާނާ ލަދުންގޮސް މޫނަށް އަނގުރު އަލިފާންކުލަ ވެރިވުމާއިއެކުވެސް އެކަން ފޮރުވަން ހިނިގަނޑެއްޖަހައިލިއެވެ. އޭނައަށް ފަލަކަން އިހުސާސްކޮށްދޭން ލުކުމާން ބުނާ ޖުމްލަތަކުން ހިތުގައި ޖެހުނަސް އެކަން ދައްކާކަށް ބޭނުމެއްނުވިއެވަ. ހަގީގަތުގައިވެސް މިހާރަކަށް އައިސް އަމިއްލަ ހަށިގަނޑާއިމެދު އޭނައަށް ތަފާތުކޮށް ވިސްނަން މަޖުބޫރުވެފައިވިއެވެ.

ނަބީލާ ލުކުމާންއާއި އަނގައިންވެސް ނުބުނެ އެތަނުން ނުކުތްކަމީ ސަވާނާ ގެ ހިތުގައި މަންމައާއިމެދު އުފެދުނު ހަމްދަރުދީ އެއްކޮށް ނައްތައިލިކަމެކެވެ. އެތައް ޝަކުވާއެއް އުފެދުނެވެ. ލުކުމާންއަށް މެހުމާންދާރީ ކުރުމެއްނެތި މަންމަ އެދިޔައީއެވެ. އަނގައިން ބުނެލިނަމަ މަންމަގެ ދީންވެރިކަމުން ބަޔެއް އުނިވާނީއެއްނޫނެވެ. މަންމަ ކަޅުހެދުން ނުލާ ހުއްޓާ ފެނުނަސް ލުކުމާން މަންމައަކާއި އަޅައިގަންނާނީއެއް ނޫނެވެ. ނަމަވެސް މަންމަ އެދިޔައީ ނުރުހުމުގެ ނަޒަރެއްދީފައި ސަވާނާ ލަދުގަންނަވާލާފައެވެ. ދުވަހަކު އޭނަ މާފެއްނުދޭނެއެވެ. ބައްޕަ ކިހާ ރަގަޅުހެއްޔެވެ؟ އޭނަގެ އުފަލާއިމެދު ވިސްނާ ރަގަޅު ބައްޕައެކެވެ.

"އަހަރެން ކޮފީއެއް ހަދާދީފާނަން..."ސަވާނާ ތެދުވާން އުޅުމުން ލުކުމާން އެކަން މަނާކުރިއެވެ.

"ނޫނޭ އަދި ބަލި އެނދުން ތެދުވެގެން އުޅޭ ކުއްޖަކު އަހަންނަށްޓަކާ ބުރަ އުފުލާނެކަމެއްނެތް. އަހަރެން އަމިއްލައަށްވެސް އެވަރުކަމެއްކޮށްލެވިދާނެ. ކީކޭ ބުނާނީ. އައި ޑޯންޓް ދިޒާވް ދިސް." ލުކުމާން އެންމެ ފަހު ޖުމްލަ ބުނެލީ އަމިއްލަ ނަފުސަށް އިވޭވަރަށެވެ. އަދި ކަބަޑްތައް ހުޅުވަންފެށިއެވެ. މިގޭގެ ހާލަތު ދަށަށްދާކަން ކަބަޑްތައް ހެކިދިނުމުން ފާޑެއްގެ އުފަލެއްވެސް ލިބުނެވެ. އިމާދުއްދީންގެ ނުބައިކަމާއި ނުލަފާކަމާއިއެކު އޭނަ ކުރި ކުށުގެ ނަތީޖާއަކަށް އޭނަގެ ނިމުން އައުމަކީ ލުކުމާންދެކޭ ހުވަފެނެވެ. ކޮފީދަޅުގެ ފުލުގައި އޮތް އެތިކޮޅު އަޅައިގެން ކޮފީއެއް ހަދާލުމަށްފަހު ލުކުމާން އިށީނެވެ.

"މަންމަ ތުންކޮޅު އޫކޮށްގެން އެދިޔައީ އަހަރެން އައީމަދޯ......" ލުކުމާން ސަވާނާގެ މޫނަށް ބަލައިލިއެވެ.

"ނޫނޭ މަންމަ....."ސަވާނާ އެއްޗެކޭ ބުނަން އުޅުނެވެ.

"ނަބީލާ ދައްތަ އަހަންނާއި ޖައްސާލާފައި ހުންނަނީ. ލޫކް އައުމުގެ ކުރިންވެސް ނަބީލާއްތަގެ މޫނު ކަޅުފޮއިރެއެކޭ ތަފާތެއްނެތް. އަހަންނަށް ކުރެވުނީ ކޮންކުށެއްބާވައޭ ހިތަށް އަރާ. އަހަރެމެންގެ ނިކަމެތިކަމުން ނަންނިއާއި އެކަށީގެންނުވާ ކަމަށް ދެކެނީ ކަން ނޭގޭ....." ލިވިއާ އިނީ ނުލަފާ ހިންޏެއް އައިސްފައެވެ. ނަބީލާ މިގެއިން ފޮނުވާނުލައިފިއްޔާ އޭނަގެ ނަމަކަށް ލިވިއާ ނުކިޔާނެއެވެ. އެންމެ ކުރިން އޭނަ އިމާދުއްދީންގެ ފަރާތުން ފައިދާތަކެއް ހޯދަން ރޭވިޔަސް ނަބީލާއަށް ދެރަގޮތެއް ހަދާކަށް ހިތަކަށް ނާރައެވެ.

"އަހަރެން ހާ މުއްސަދި މީހެއް މި ރާއްޖެއަކު ނެތް. ސަވާނާ މަންމަ ކައިރީ އެހެން ބުނެބަލަ..." ލުކުމާން މާނަވީ ޖުމްލައެއް ބުނެލިއެވެ.

"ވޭޓަރުކަން ކޮށްގެންތަ ؟ " ލިވިއާ ޖެއްސުންކޮށްލިއެވެ.

"ތިބުނީ..." ސަވާނާ ހައިރާންވިއެވެ.

"މިބުނީ ޑޮކްޓަރ އިޒިކް ކުރީ ދުވަހު ބުނި ދޯ ލޫކް އެމީހުންނަށް ސާވްކުރި ވާހަކަ. ލޫކްއަށް އެންމެން މަލާމާތްކުރާއިރު ދެން އެއްޗެއް ވިސްނެން ވެއްޖެއެއްނު. އެހެން އެންމެންގެ ދޫތައް ބަންދުވާކަހަލަ މުއްސަންޖަކަށްވެ ބަލަ. ނުވާނެ އެކަމެއް. ކޮންމެވެސް މީހެއްގެ އުލާމުކަމުގައި އަބަދު ހުންނާނީ. ވޭޓަރުކަން ކީއްކުރަން މީހަކު ބުނެފިއްޔާ ފާޚާނާ ސާފުކުރަންވެސް ލޫކް ދާނެ.........." ލިވިއާ މަލާމާތުން ހިތްވަރު ދިނެވެ. ހައަހަރު ވާންދެން ރާއްޖެއިން ބޭރުގައި ހުރެފައި ލުކުމާން އައުމަށްފަހު އޭނަ ޑޮކްޓަރަކަށްވި ވާހަކަ ބުނިކަމުގައި ވިޔަސް ސެޓްފިކެޓްތައް ދައްކަން އުޅުނީމަ އެކަމެއް ނުކުރެވުނެވެ. ލިވިއާ ބޭނުންވީ ލުކުމާން ފަޚުރުވެރި ފައިސާލިބޭ ވަޒީފާއެއްގައި ހުރުމެވެ. އާދޭސްކޮށްގެން ލުކުމާން ކިޔަވަން ގޮސްފައި އައުމަށްފަހު ވަޒީފާ ނުލިބިގެން އުޅޭކަމަށް ބުނުމުން އޭނައަށް ޝައްކުވާންފެށީއެވެ.

ލުކުމާން ހީލުމަކުން ފުއްދައިލީއެވެ.

"ހޫމް ވަރަށް ފޫހިވޭ. އަދި ލޫކް ނުބުނާނެ ތިމަންނަ ހަރުދަނާވާން މަސައްކަތްކުރާނަމޭ......." ލިވިއާ ބުނެލިއެވެ.

ލިވިއާ ވާހަކަދައްކާގޮތުން ސަވާނާ އިނީ ލަދުންނެނެވެ. އެއްވެސް އިހުތިރާމް ކުރުމެއްވެސް ހަމަނެތީއެވެ. ލިވިއާ ބިސްގަނޑާއި ކޮފީ ތަށި ހުސްކޮށްލިއިރު އިރުއިރުކޮޅާ ޓިޝޫއިން އަނގަކައިރި ފޮހެލައެވެ. ލިވިއާ އަބަދު ހުންނަނީ ހާދަ ފުރިހަމަކޮށޭ ސަވާނާގެ ހިތަށްއެރިއެވެ. އޭނަވެސް އެހާ ރީތިވާނެނަމައެވެ. ފުރަތަމަ ފަހަރަށް ލިވިއާގެ ރީތިކަމަށް ހިތް އެދުނީ ލުކުމާންއަށްޓަކައެވެ. ލުކުމާންއާއި ސަވާނާ އެކަނިކޮށްލާފައި ލިވިއާ ދިޔައީ މުހިއްމު ފޯންކޯލެއް އައިކަމަށް ބުނެފައެވެ. ލުކުމާންވެސް އިނީ މޫޑު ޚަރާބުވެފައެވެ. އެއީ ކީއްވެކަމެއް ސަވާނާއަކަށް ނޭގި ސުވާލުކުރުމުން ބުނީ އެކުއްޖާ މަރުވެގެން އުޅެންޏާވެސް އެހެންވެދާނެކަމުގައެވެ. ލުކުމާން ދިޔުމުން ހުސްކަމެއް އިހުސާސްކުރެވުނެވެ. ކުރިމަތީގައި ލުކުމާން އިނުމުންވެސް އެހެން ކަހަލަ އުފަލެއް ލިބެއެވެ.

ސަވާނާ ނުކތްއިރު މަންމަ ހުރީ ގަސްމުށިތަކަށް ޖަގުން ފެންދޭށެވެ. ހިތްހަމަނުޖެހިފައި ހުރިވަރުން ސަވާނާ ރުޅިގަދަވެފައި ހުރެ މަންމައާއި ޒުވާބުކުރިއެވެ. އޭނަގެ އެކުވެރިން އެގެއަށް އައުމުން މަންމަ ކުނިމޫނު ދައްކައިގެން ހުރުމުން އޭނަ ލަދުގަންނަކަމަށާއި ދޮންމަންމައެއް މާ ރަގަޅުކަމަށް ބުނުމުން މަންމަގެ ދެލޮލުން ކަރުނަ ވިދައިލިތަން ސަވާނާއަށް ފެނުނެވެ. ނުވީތާކަށް ސަވާނާ ދިޔައީ ގަސްމުށްޓެއްގައި ފައިން ޖެހިގޮތަށް ފެންޑާއަށް އެ ވިއްސާލާފައެވެ.

"ވަޓްސް ގޮއިން އޮން...." އިމާދުއްދީންއަށް އާދެވުނީ އެންމެ ހީނުކުރި ދަނޑިވަޅުގައެވެ.

"މަންމަ ކައިރިން އަހާބަލަ ބައްޕާ. ޝީ ހޭޓްސް ލުކުމާން މިއަދު ލުކުމާން އައީމަވެސް މަންމަ ކަޅި އަޅާލާފައި ނުކުމެގެން ދިޔައީ.. އެއްޗެކޭ ނުބުނަން ހުންނަނީ އެކަމަކު. މަންމަ މިގެއަށް ނުގެނައި ނަމަ........." ސަވާނާ މަންމަ ކުށްވެރިކޮށްލާފައި އެތެރެއަށް ވަދެގެން ދިޔައި އިމާދުއްދީންގެ ހިތުގައި އޭނަގެ މަންމައާއިމެދު އޮތް ނަފްރަތާއި ރުޅިވެރިކަމުގެ ހިލަމެއްވެސް ނުވެ ހުރެއެވެ. ސަވާނާ ދެކޭގޮތުން ކޮންމެ ދެމަފިރިއަކުވެސް ކައިވެނިކޮށްގެން ދަރިން ހޯދާނީ ލޯބިންނެވެ. ހަމަނުޖެހުމެއްގެ ސަބަބުން ވަރިވެގެން ދިޔަސް އަލުން ގުޅޭނީ ހިތުގައި އެއްޗެއް ވާތީއެވެ. ލޯތްބާއި ކުލުން ހުރީމައެވެ. ބައްޕަ މަންމަދެކެ ވަރަށް ލޯބިވާކަމުގައި އޭނަހީކުރިއެވެ. އިމާދުއްދީން އެއައިގޮތަށް ނަބީލާގެ މޫނަށް ވީއްލާލި ބާރި އެތިފަހަރާއިއެކު ނަބީލާގެ މޫނަށް އަނދިރިވާގޮތްވެ ތަބެއްގައި ހިފަހައްޓާލެވުނެވެ. ނަބީލާގެ ހިތް އެތާ އޮތް މުށިފަދައިން އެތިކޮޅުތަކަށްވެ ބުރައިގެން ހިނގައްޖެއެވެ. ތިމާގެ ފިރިމީހާގެ ދެލޮލުން ނަފްރަތުގެ އާވި އަރައަރާހުރި ތަން ފެނުމުން ކޮންމެ އަންހެނެއްގެ ހިތަށްވެސް ކުރާނީ އެފަދަ ނުބައި އިހުސާސްއެކެވެ. ކައިވެނީގައި ލީ ރެނދު ހައްތަހާ ފުންވެ އަލުން ބައްދާނުލެވޭވަރުވީއެވެ. ނަބީލާއަށް އެވަގުތުކޮޅު ޔަގީންވިއެވެ. މި ކައިވެނި ދެވަނަފަހަރަށްވެސް ރޫޅުނީއެވެ.

އިމާދުއްދީން ނަބީލާއާއި ދިމާލަށް އާދައިގެ މަތިން އެތިވަރު ގޮވާލާފައި ފޫހިވާވާހަކަ ތަކުރާރުކުރިއެވެ. ދެވަނަފަހަރަށް އިނދެވުނު ކަމުގެ މޮޔަ ހީވާކަމުގައި ބުނެލިއިރު އެހިތުގައި އެއްވެސް ކުލުނެއް ނެތްފަދައެވެ. ނަބީލާ ބިތްގަނޑެއްހެން ގުޑާލަންވެސް ނުކެރިފާ ހުއްޓާ ބޫޓު ބޭލުމެއްނެތި އެތެރެއަށް ވަތްތަން ފެނުނެވެ. އޭނަ އެހާވަރުން މޮޕްކޮށްލި ތަޅުންމަތި ހިރަފުހުގެ ޝިކާރައަކަށް ހަދާފައެވެ.

ކިތަންމެވަރަށް ހިތްދަތިވިކަމުގައިވިޔަސް އަމިއްލަ ދަރިފުޅަށްޓަކާ ތިމާގެ ހުރިހާ އެއްޗެއް ނަބީލާފަދަ މައިން ގުރުބާންކޮށްފާނެއެވެ. ލުކުމާންއަށްވުރެ އަރުޖަމަންދުގެ ފިރިހެންދަރިފުޅު ސަވާނާއާއި މާ އެކަށީގެންވާކަމަށް ދެކެ އެކައިވެނި ކުރުވަން ނަބީލާއަށް ކުރެވުނުހާ މަސައްކަތެއްކުރާނެއެވެ. ސަވާނާއަށް ބޭނުންވަނީ އަޚުލާގު ރަގަޅު ދީނީ ބައިވެރިއެކެވެ. ނަބީލާ އެކޮޓަރީގެ ދޮރު ހުޅުވައިލިއިރު ސަވާނާ އޮތީ ބިންމަތީގައި ހަށިގަނޑު ދަމާލައިގެންނެވެ. ދެފައި އެނދަށް ނަގައިގެން އޮތްއިރު އެ ދޮންފައިތިލައިގެ އިނގިލިތައް ހުރީ ކަޅުކުލައިން ޕެއިންޓްކޮށްލާފައެވެ. ނަބީލާ ފެނުމާއިއެކު ސަވާނާ ރުޅި މޫނުހެދިއެވެ. އެއްގޮތަކަށްވެސް މަންމައަށް މާފުދޭކަށް އޭނަ ބޭނުމެއްނޫނެވެ.

"ސަވާނާ......" ނަބީލާ ގޮވައިލީ މަޑުމައިތިރިކަމާއި އެކުގައެވެ.

(ނުނިމޭ)

comment ކޮމެންޓް