ނޭނގި ހިތާ ކުޅެލީ - 40

އިމާދުއްދީން ސަވާނާގެ އަތުގައި ހިފައި ގާތަށް ދަމަން އުޅުނެވެ.

"އައި ކެން ފޮގިވް ހަދާންނައްތާލެވިވެސް ދާނެ. އެކަމަކު ޗޫޒްކުރާނީ ލޫކް...." ސަވާނާ ތުންފިތައިލިއެވެ.

"ކޮންކަހަލަ އަންހެންދަރިއެއް. ބަލާބޮޑުކުރީމަ އެކަމުގެ ބަދަލުދޭން އެނގުނީ ތިގޮތަށް؟ހިލޭ ފިރިހެނަކާއި ހިތާވެ މޮޔަވެގެން އެމީހާއާއިއެކު ފިލައިގެން ގޮސް އެތައް އަހަރެއްވާން ދެން އުޅުނުއިރު ބައްޕަ އުޅޭ ހާލު ބަލައިލާކަށްވެސް ނުކެރުނު. ސަވާނާއަދި މިކަމާ ހިތާމަކުރާނެ. ތިގޮތަށް މައިންބަފައިންނާމެދު ކަންތައްކުރަން ދީނުގައި ހުއްދަތަ......." އިމާދުއްދީން ގެ އަޑުގައި ކޮންމެވެސް ވަރަކަށް މާޔޫސީކަންވިއެވެ. ސަވާނާ އެހެން ހަދާފާނެކަމަށް އޭނަ ފަހަރެއްގައިވެސް ހިޔެއްނުކުރެއެވެ.

"އައިމް ހާ ހަޒްބެންޑް. ދަރިފުޅުގެ ބައްޕަ......"

"ކީކޭ. ސަވާނާގެ ދަރިއެއް ވެސް ހުރީ.............." އިމާދުއްދީންގެ ދެލޯ ބޮޑުވިއެވެ.

"މައިންބަފައިންގެ މައްޗަށް ދަރިންގެ ހައްގުތަކެއްވެސް ވޭ. އެކުދިންގެ ދިރިއުޅުން ހަލާކުކޮށް ޑިޕްރެޝަންއަށް ވައްޓާލާކަށް ނުޖެހޭ. ބައްޕަ އަމިއްލަ ނަފުސާއި ސުވާލުކޮށްބަލަ. ބައްޕަގެ ސަބަބުން ކިހާ ބޮޑު ހިތާމަތަކެއް ލިބިއްޖެ. ކުށްވެރިއަކީ ލޫކްއެއްނޫން. ބައްޕަ. ދެން ދުވަހަކުވެސް ޓްރަސްޓެއް ނުކުރެވޭނެ. ބައްޕަގެ ކައިރީގައި ފައިސާކޮޅެއް ހޯދަން ބުނީމަ އެފައިސާތައް ދިނީ ކާކަށްކަންވެސް މިހާރު އެގިއްޖެ. އެނގުނީ ލިވިއާ އަމިއްލައަށް ކޮށްފައި ހުރި މެއިލްތައް ފެނުމުން. ހުރިހާ ކަމެއް ހާމަކޮށް އޭނަވެސް މާފަށް އެދުނީ............" ސަވާނާ ލުކުމާންގެ މޫނަށް ނަޒަރު ހުއްޓައިލިއެވެ.

"ލޫކް ލެޓްސް ގޯ......ދަރިފުޅު މިހާރު މިސްވެގެން އުޅޭނެ...."

"ކަލޭގެ ސަވާނާގެ ސިކުނޑިއަށް ސަވާރުވެ ބްރެއިންވޮޝްކޮށްފައި ތިހިރީ. އަހަރެން ކަލޭގެ ފުރާނަ ދަމައިގަންނާނަން.........." އިމާދުއްދީން އިންޒާރުކުރިއެވެ.

"ފުރާނަ ގެންދަވަން ހުރި ވަގުތެއްގައި ގެންދަވާނީ. ޔޫ ކާންޓް ޑިސައިޑް..." ލުކުމާން ހީލިގޮތަކުން އިމާދުއްދީން ރުޅިއައިސްގެން ފަޅަފަޅައިގެންދާ ވަރުވިއެވެ. އެކުޑަ ޗަބީ ފިރިހެންކުއްޖާ ބޮޑުވެގެން ހުރިހާ އަންހެންކުދިންގެ ހިތްތަކުގެ ވެރިޔާއަށް ވެގެންފިއެވެ. އެކަމާއި ހިތުގައި އުފެދުނު ހަސަދަވެރިކަން އޭނަގެ ބައްޔަކަށްވެއްޖެއެވެ. ލުކުމާންގެ ނަން މި ދުނިޔެއިން ފޮހެނުލަނީސް އޭނަގެ ހިތުގައި މިވާ ހަމަނުޖެހުމަށް ނިމުމެއް ނާންނާނެއެވެ. އޭނަގެ ދުނިޔެ ފުނޑައިލި މީހަކީ ލުކުމާންއެވެ. ކުރިމަތީގައި ހުރި ގެއަށް ބަލާލުމާއިއެކު ހިތުގައި އެޅި ވޭން ބޮޑުވިއެވެ. އަދިވެސް އޭނަ އެގެ އަތުލަން މަސައްކަތްކުރާނެއެވެ. ޝަރީއަތުން ނުލިބުނިއްޔާ އެހެންމީހުން ބިންތައް އަތުލަން ސިހުރުވެސް ހަދާގޮތަށް އޭނައަށްވެސް އެކަން ކުރެވޭނެއެވެ. ކިތަންމެ ބޮޑު އަގެއްދީގެން ނަމަވެސް އޭނަ ލުކުމާން އިނދަޖައްސާލާނެއެވެ. ކުއްލިއަކަށް އަރައިގަތް ރުޅިއާއިއެކު ސަވާނާގެ މޫނުމައްޗަށް އެތިފަހަރެއް ވީއްލާލަން އިމާދުއްދީން އަތް އުފުލައިލުމާއިއެކު އެއަތުގައި ލުކުމާން ހިފާ އަނބުރާލައިފިއެވެ. އިމާދުއްދީންގެ ދެލޮލުން ފެން އައުމާއިއެކު ހަޅޭއްލަވައިގަނެވުނީ ކޮނޑުކަށިގަނޑުވެސް ލުހިގެން ހިގައިދާނެހެން ހީވެއެވެ.

"ޑޯންޓް ޔޫ ޑެއާ ޓަޗް މައި ވައިފް........"ލުކުމާންގެ އަޑު ނުރައްކާތެރިއެވެ. ކިތަންމެ މަޑުން ބުނިޔަސް އެ އަޑުގައިވި ގޮތަކުން އިމާދުއްދީންގެ ގައިން ހީބިހި ހަލުވާލިއެވެ. ލުކުމާން ސަވާނާ ކާރަށް އަރުވާފައި ދޮރު ލައްޕާލާފައި އައިގޮތަށް އިމާދުއްދީންގެ ކުރިމަތީގައި ހުއްޓުނެވެ.

"އަހަރެންގެ އަންހެނުންނަށް ރައްކާތެރިކަން ދިނުމަކީ މަގޭ ޒިންމާއެއްކަމުގައި ދެކެނީ. އެއްވެސް މީހަކަށް އަހަރެން ހުރެގެން ކޫރުމެއް އެޅިޔަކަ ނުދޭނަން. އެކަހަލަ އެއްޗެއް ހިތަށް އަރުވާލިޔަސް އެމީހެއްގެ އަތް ވަކިކޮށްލާނަން. އިވިއްޖެތަ؟ ކަލޭކަހަލަ ފިރިހެނެއްނޫން މިއީ. ތިމާގެ އަނބިމީހާއަށް ސަލާމަތްކަމާއި ހިމާޔަތް ނުދެވޭނީ ކޮންކަހަލަ ތާކުންތާކު ނުޖެހޭ މީހަކަށް. ކަލޭކަހަލަ މީހެއްގެ ފަރާތުން އަނިޔާ ލިބުނުތަން ފެނި އެކަމުން އިރާދަކުރެއްވީތީ އިބުރަތެއް ލިބުނީ. އަނިޔާ ނުކުރަން ދަސްކުރީ. އަމިއްލަ ނަފުސް ކޮންޓްރޯލްކޮށްގެން އަންހެނުންނާއިމެދު މާތްކޮށް ހިތަން ދަސްކުރީ. ކަލޭ ތީ ފިރިހެނުންގެ ނަމަށް ހުތުރު އަރުވާކަހަލަ ފިރިހެނެއް. ދެންވެސް މައިތިރިވެގެން ލިބޭ އެއްޗަކަށް ޝުކުރުކޮށްގެން ދުނިޔޭގައި އުޅެން ދަސްކުރޭ. ގާނޫނާއި ކިރިޔާ ޚިލާފުވިޔަސް މިހާރު ހުންނެވި ރައީސް ކަލެއަށް ލިބެންޖެހޭ ހައްގު އަދަބުދޭނެ..." ލުކުމާންގެ ވާހަކަތަކަށް ޖަވާބުދޭވަރަށްވުރެ އޭނަގެ ހާލު ބޮޑެވެ. ލުކުމާންގެ ސަބަބުން އަތުގެ ކަށިތަކާއި މަސްތައް އަދި ފަތިތައް ހަލާކުކޮށްލައިފިއެވެ. އަތުގައި ހިފަހައްޓައިގެން ޗޫސްލައްވަން ހުއްޓާ ލުކުމާންގެ ކާރު ގޯޅިން ލަބާލައިފިއެވެ. އިމާދުއްދީން ހުރީ ދަތްކުނޑި ވިކާލަ ވިކާލައެވެ. އެބުނާ ރައީސް ލުކުމާންއާއި ދެބެންގެ ދެދަރިކަން އެނގުނު ހިނދުން ފެށިގެން ރައީސް އަމްރާންގެ ފުރާނަ ދުއްވާލާވަރުގެ ހަމަލާއެއް ދޭން އޭނަދަނީ ރާވަމުންނެވެ.

ލުކުމާންގެ ބައްޕަ ކަމުގައި ހީކުރި މީހާ ކެންސަރަށް ފަރުވާކޮށްގެން ރަގަޅުވެފައި ހުއްޓާ ދެވަނަފަހަރަށް އެބަލީގެ އަސަރު ހަށިގަނޑުން ފެނުނެވެ. މިފަހަރު އިންޑިއާއަށް ދެއްކުމުން ދޭނެ އިތުރު ފަރުވާއެއްނެތް ކަމަށް އެމީހުންވަނީ ބުނެފައެވެ. ކީމޯ ދޭނެހާ ވަރެއް އެ ހަށިގަނޑަކު ނެތެވެ. ކެންސަރު ހުރިހާ ތަނަކަށް ފެތުރި މީހާގެ ހާލު ނާޒުކް ފަތްތަރަކަށް ގެންގޮސްފިއެވެ. އުއްމީދު ކަނޑައިލުމުން މާލެ ގެނެސް ހޮސްޕިޓަލުގައި އެޑްމިޓްކުރިކަން އެނގުމުން ލުކުމާން އިންސާނިއްޔަތަށްޓަކާ އެބައްޕައަށް ޒިޔާރަތްކުރިއެވެ. އަމިއްލަ ބައްޕަ ނޫންކަމުގައި ވިޔަސް އިންސާނަކަށްވީތީއެވެ. އިންސާނެއްގެ ކަށިގަނޑެކޭ ތަފާތެއްނެތެވެ. ދެލޯ ވަޅުވަދެ ހަންކޮޅުތައް ކަށިގަނޑުގައި ތަތްލަވާފައެވެ. އޭނަވެސް އެދުނީ މާފަށެވެ.

"ބައްޕަ ކުރި ކުށުގެ އަދަބު ދުނިޔެ މަތިން ފެނިއްޖެ. ވަރަށް ވޭނުގައި މިއުޅުނީ. ވަރަށް ހާލުގައި. ދަރިފުޅާ މަންމަ....މަންމަ ކައިރީ ބުނައްޗޭ ބައްޕައަށް ހިތްހެޔޮކޮށްދޭށޭ........" ލުކުމާންގެ އަތުގައި ހިފާ ބާރުކޮށްލަން އުޅުނެވެ. އޭރު އެނިކަމެތި ދެލޯ ކަރުނުން ފުރިއްޖެއެވެ.

ލުކުމާންއަށް ބޯ ޖަހައިލެވުނީއެވެ. ބުނާނެ އެއްޗެއް ނޭގިފައެވެ.

ބައްޕަގެ ހާލު މަޑުމަޑުން ދަށަށްގޮސް ނިޔާވީ އިޝާ ގަޑީގައެވެ. ކަށުކަމާކެމީގެ ކަންތައްއޮތީ ޖެހިގެން އައި ދުވަހުއެވެ. ލުކުމާން ބައިވެރިވިއެވެ. ނަމަވެސް އެބައްޕައަށްޓަކާ ލޮލުން އެންމެ ކަރުނަތިއްކެއްވެސް ނައެވެ. އޭނަ ކުޑައިރު މަންމަގެ ލޯބިން މަހުރޫމްކުރުވީ މިއިންސާނާއެވެ. އެންމެ ލޯތްބަށް ބޭނުންވީ ދުވަހު އޭނަ ކުރި ހިތާމަ ދެނެވޮޑިގެންވަނީ ހަމައެކަނި ހެއްދެވި ފަރާތެވެ. ނަމަވެސް ހަމްދަރުދީވިއެވެ.

ލުކުމާން އޮފީލިއާއާއި ހަމަވީއިރު ވާރޭ އޮއްސައިގަތެވެ. ގެއަށް ވަދެވުމުން ވާރޭވެހިގަތްކަމަށްޓަކާ އޭނަ ޝުކުރުކުރިއެވެ. އަރުޖަމަންދު ސިޓިންރޫމްގައި ކޮފީބޯން އިދެފައި ދަރިފުޅަށް ދައުވަތުދިނެވެ. އަރުޖަމަންދުގެ މޫނުމަތިން ކޮންމެވެސް ވަރެއްގެ ނުތަނަވަސްކަމެއް ފެނުނެވެ. ލުކުމާން ފެނުމުން ހީލި

"ހުރިހާކަމެއް ރަގަޅަށްތަ ދިޔައީ؟ " އަރުޖަމަންދު އަހައިލިއެވެ.

"ލައްބަ މަންމާ. މަންމަކައިރިން މާފަށް އެދުނު. ނުވެސް ބުނެވުނު މެސެޖް ޑެލިވާ ކޮށްދޭނަމޭ......."

"ދަރިފުޅު ކަންތައްކުރީ ހަމަ އެންމެ ރަގަޅަށް. އިންސާނިއްޔަތަށްޓަކާ ކޮށްދިންކަމެއްވީމަ ދަރިފުޅުގެ ހިތްހެޔޮކަން ފެނުނީ. މަންމަ އެންމެނަށް ހިތްހެޔޮ. ސަބަބަކީ އެއީ މާޒީ އިޓްސް ނޮޓް އިމްޕޯޓެންޓް އެނީ މޯ. މަންމަހާ އުފާވެރި އިންސާނެއް މި ބިންމަތީގައި ލައްވާފައި މިހާރު ނުވާނެކަމަށް ގަބޫލުކުރެވިއްޖެ. އެންމެ އޯގާތެރި ފިރިމީހާއާއި އަގުހުރި ޖަވާހިރުފަދަ ދެދަރިން ލިބުނީމަ ދެން އިތުރަށް ބޭނުންވާނެ އެއްވެސް އެއްޗެއްނެތް. މަންމައާއި ދޭތެރޭ ނުބައިކޮށް ކަންތައްކުރި އެންމެން. ދޭ އާ އޯލް ފޮގިވެން. ނަމަވެސް މަންމަ މާފު ނުކުރާނީ އެންމެ ކަމަކަށް މަންމަގެ ލުގުމާންއަށް އަނިޔާކުރީތީ. އެކަމެއް ހިތަކުން ނުފިލާނެ.................." އަރުޖަމަންދު ހީލަމުން ބުނެލިއެވެ.

"ދަރިފުޅަށް އެނގޭތަ؟ މައިންބަފައިންގެ ބަސް ނޭހުމުގެ ނަތީޖާ ދުނިޔެއިން ވަރަށް ހިތިކޮށް މަންމައަށް ފެނުނީ. މީހަކު ފެންނައިރަށް އެއީ ކޮންކަހަލަ މީހެއްކަން ނުބަލާ ލޯބީގެ މޮޔަކަން ސިކުނޑިއަށް ސަވާރުވީ. އެހެން އެއްޗެއް ނުވިސްނުނީ. އެކަމާ ކިހާ ހިތާމަކުރަން ޖެހުނު. މައިންބަފައިންވެސް ވިސްނާނެ. އެމީހުންގެ ދަރިއަކަށް ދެރަގޮތެއް ވާކަށް ނޭދޭނެ. މާމަމެން ކުރި ކުށަކީ ދަރިފުޅު ދޫކޮށްލުން. އަލުން އަނބުރާ ގެންނަން ނޫޅުނުކަން. ހާލު ނުބެލިކަން. ކިތަންމެ ބަސްނޭހިޔަސް ދަރިފުޅުގެ ހާލު ބަލަން ޖެހޭނެއޭ މަންމަގެ ހިތް ބުނަނީ. ކޮންމެގޮތެއްވިޔަސް މަންމައަށް ފިލާވަޅެއްލިބުނީ. އެހެންމީހުންނަށްވެސް އިބުރަތަކަށްވާން މަންމަ އެދެނީ. ތަނަކުން މީހަކު ފެންނައިރަށް ލޯބިވެއޭ ކިޔާފައި ވަގުތުން އެމީހަކާއިއެކު ދާކަށް ނުޖެހޭނެ. ކާކުކަން ކޮންމެވެސް ވަރަކަށް އެގެންވާނެ..." އަރުޖަމަންދު ވާހަކަދައްކަން އިންދާ ސަވާނާ ދަރިފުޅު އުރާލައިގެން ހުރެ ސިޑިން ތިރިއަށް ފޭބިއެވެ. އަދީއަށް ލުކުމާން ފެނުމާއިއެކު ބައްޕައާއިހެދި މޮޔަވާވަރުވިއެވެ. ސަވާނާގެ އުރުން ފުންމާލާފައި ހަޅޭއްލަވަމުން ބައްޕައަށް ގޮވަމުން އަންނަތަން ފެނި ލުކުމާން އެދަރިފުޅު އުރާލާ މޭގައި ޖައްސާ ބާރުކޮށްލިއެވެ. އެމޫނުގައި ތަކުރާރުކޮށް އެތައް ފަހަރު ބޮސްދިނެވެ.

އައިސްގޭޓް ހޮސްޕިޓަލުގެ އާއިމާރާތް ހުޅުވުމުގެ ރަސްމިއްޔާތަށް އެތަން ތައްޔާރުކުރެވިފައިވާލެއް ފުރިހަމައެވެ. ޑޮކްޓަރ މައުމޫންއާއި ފަރުޒާނާ އިސްނަގައިގެން ހުޅުވި ހޮސްޕިޓަލް މަދު އަހަރުތަކެއްގެ ތެރޭގައި ފާހަގަކޮށްލެވޭ އެތައް ކާމިޔާބެއް ހޯދައިފިއެވެ. ޚާންދާނުގެ ގިނަ އާއިލާތައް ރާއްޖެއިން ބޭރަށް ހިޖުރަކުރިކަމުގައި ވިޔަސް އެފަދަ ހަފުލާތަކުގައި ބައިވެރިވުމަށް އާދެއެވެ. އަދި ފަންޑުކުރެއެވެ. ބިލިއަނަރުންނަށް ވުމުން އެހެން ގައުމުތަކުގައި އުޅުނަސް ކާބަފައިންގެ ތެރެއިން ބަޔެއްމީހުން އުޅުނު ގައުމުކަމަށްވުމުން ޚާއްސަ ލޯތްބެއް ޖެހިފައިވަނީކަން ނޭގެއެވެ. އެ ހަފުލާއަށް ލުކުމާންގެ އާއިލާއަށްވެސް ދައުވަތު ލިބިފައިވިއެވެ. އޭނައާއިއެކު ޔޫކޭ އަދި އެމެރިކާގައި އުޅޭ ދެބެންގެ ދެދަރި ޒުވާނުންނާއި ސެކަންޑް ކަޒިންސް އިންވެސް ހިމެނެއެވެ. އޭގެ ތެރޭގައި މައުމޫންގެ ތިންބެއިން ކަމަށްވާ ޑޮކްޓަރ ދާނިޔަލް ދާނިޝް އަދި ޝާހާންވެސް ހިމެނެއެވެ. އެހެންނޫންނަމަ އެ އާއިލާތައްވެސް އެމެރިކާގައި އުޅޭތާ ކިތަންމެ ޒަމާނެކެވެ.

ހޮސްޕިޓަލުގެ މުވައްޒަފުންތަކަށް ލިބިފައިވަނީ އާދަޔާ ޚިލާފު ޖޯޝަކާއި ފޯރިއެކެވެ. ޚާއްސަކޮށް ލިވިއާ އެތަން ޒީނަތްތެރިކުރުމުގެ ގޮތުން އަވަދިނެތި އުޅުނީ ވަރަށް ގަޔާވެގެންނެވެ. އޭނައަށް ރިސެޕްޝަނިސްޓެއްގެ މަގާމު ލިބުނީ ޖިލްއަށް އެތައް އާދޭހެއްކޮށްގެންނެވެ. އެތަނަކީ ލުކުމާން މެންގެ ޚާންދާނާއި ގުޅުން ހުރި ތަނެއްކަމުން އެއާއިލާގެ ރީތި ޒުވާން ޑޮކްޓަރުން ދޭތެރެއަކުން ނަމަވެސް "ވިޒިޓް" ކުރާކަން އޭނަ ދަނެއެވެ. އެއިން ޒުވާނެއްގެ ހިތް އަތުލުމަކީ އޭނަގެ އަޒުމްއެވެ. ލުކުމާން ނޫނީ ކައިދަން ގެ ލޯބި ލިބުމަކީ އެކަށީގެންވާކަމެއް ނޫންކަމަށް ހިތް ބުނާވަރުންނެވެ.

"މަގޭ ބަކެޓްލިސްޓްގެ އެންމެ ކުރީގައި އޮންނަނީ އެ ޚާންދާންގެ ރޯޔަލް ޕްރިންސަކާއި ކައިވެނިކުރުން. ހެޔޮ މުސްކުޅިއަކާއި އިންނަންވިޔަސް. ލައިކް ޑޮކްޓަރ ތައިމޫރު. އޭނަވެސް ކިހާ ސްމާޓް......." ލިވިއާ އާލިމާ ކައިރި ބުނުމުން އާލިމާ ހީހީ ހަލާކުވާވަރުވިއެވެ.

"އަހަންނަށް ޖޯކު ޖަހަނީތަ؟ ކީއްވެ ނުވާންވީ؟ ސަވާނާވެސް މާ މޮޅުމީހެއް ނޫނޭ ނަސީބު ލައްވައިލީ. އޭނަގެ މަންމައަކީ ރާއްޖެތެރޭ މީހެއް. އޭނަގެ ބައްޕައަތުގައި ފައިސާ ހުއްޓަސް އެ ރޯޔަލް ފެމިލީމީހެއް ނޫންކަން އެނގޭ. އެހެންވެ ފޫހިވޭ ވައި ހާ؟ ވައި ނޮޓް މީ. ހުވާ މިބުނީ އަހަރެން އެއްގޮތުން ނުވިއްޔާ އަނެއްގޮތުން ނަމަވެސް ކާމިޔާބުކުރާނަން......" ލިވިއާ އެހާ ޔަގީންކަން އޮތެވެ. ވާނީ އެހެންނޫންހެއްޔެވެ. އޭނައަކީ ފިރިހެނުންގެ ލޯތައް ހުއްޓޭހާ ރީތި އަންހެނެކެވެ. ކޮންމެވެސް އެކެއްގެ ލޮލުގައި އަޅައިގެންފިއްޔާ އޭނަ ފުރާނަ ހުރެގެން ދުލެއް ނުކުރާނެއެވެ.

ލިވިއާ ގަޔަށް ބާރުމިޑީއެއް ލައިގެން ރޫބީ ކުލައިގެ ގަހަނާތަކުން ޒީނަތްތެރިވެލައިގެން ހުރިއިރު ލޯތައް ހުއްޓޭހާ ފުރިހަމައެވެ. އެ ލޫޅާފަތި ހަށިގަނޑުގެ ވަނާތައް ފުރިހަމަކާއިއެކު ފެންނަން ހުއްޓެވެ. އަރާފައި ހުރި ހީލްގެ ސަބަބުން ދެތިން އިންޗު ދިގުކަމަށް ދައްކައެވެ. ރިސެޕްޝަނުން ކުއްޖަކު ގޮވައިލުމުން އެތާ މަޑުކޮށްލިއިރު އޭނަގެ ދެލޯ ހުރީ ދޮރާއި ދިމާލަށެވެ. ތަނަށް ވަންނަހާ މީހުން އޭނައަށް މޮޔަވާ މިންވަރު އެނގެން ބޭނުންވެފައެވެ. ކުއްލިއަކަށް ކެހިގެން ދިޔަ ދޮރުން ވަން ހަޔެއްކަ ޒުވާނުންގެ ސަބަބުން ލިވިއާގެ ހިތް ހަމަ ހުއްޓުނެވެ. ޔަގީނުންވެސް ނޭވާލާކަށް ހަދާނެއްނުވިއެވެ. އެތާ ތިބި އެހެން އަންހެންކުދިންނަށްވެސް ވީ ހަމަ އެވަރެވެ. ޕޮޕްސްޓާރުންތަކެއް ފެނުމުންވާހެން ކުޑަކޮށް ހަޅޭއްލަވައިގަނެވި އަނގަމަތީ އަތް އަޅައިލެވުނެވެ.

"އައިމް ލިޓެރަލީ ޑްރޫލިން އޯވާ ދެމް. ސޯ ހޮޓް......." އެއްކުއްޖަކު ބުނެލި އަޑު އިވުނެވެ. ދާނިޝްއާއި ރިވާ އަދި ޒެވިޔަންކަހަލަ ޒުވާނުން ލިވިއާއަށް ވަކިކުރަން ނޭގުނެވެ. ދާނިޝްއާއި ޝާހާން ޓްވިންސްއިން ކަމުން އެކަން ފާހަގަކުރެވި ހައިރާންވިއެވެ. ސޫޓުގައި ތިބިއިރު ސްމާޓްކަމާއެވެ. ލިވިއާ ކުޅު ދިރުވާލާފައި ލުކުމާނުގެ މޫނުން ނަޒަރު ވަކިކޮށެއް ނުލެވުނެވެ. ލުކުމާންގެ އުރުގައި ހުރި ރީތި ކުޑަކުއްޖާވެސް ދުނިޔެމަތީގެ ކަމެއްހެން ހިޔެއްނުވިއެވެ. ލިވިއާއަށް އެދިމާލަށް ހިނގައިގަނެވުނެވެ.

"ލޫކް....ލޫކް...." ފިނިވެ ގަނޑުފެންކޮޅަކަށް ވެފައި ވި ދެއަތްތިލައިން ގޮސް ލުކުމާންގެ އަތުގައި ހިފާލެވިއްޖެއެވެ. އޭރު އެއްކޮށް އައި އެހެން ޒުވާނުންތައް މަޑުކޮށްނުލާ ކުރިއަށް ދިޔައިރު ފަހަތުން އައި އަންހެންކުދިންކޮޅުވެސް އެކުދިންނާއި އަރާހަމަކޮށްފިއެވެ. މަޑުކުރީ ސަވާނާއެވެ. ލިވިއާ ފެނުމުން ހައިރާންކަމެއްލިބި ގޮސް ލުކުމާންއާއި ކައިރީގައި ހުއްޓެވުނީއެވެ.

"ނަންނި........އިޒް އިޓް ޔޫ. ހާދަ ހިކިއްޖެއޭ......މިއީ ދަރިފުޅުތަ.........." ލިވިއާއަށް އަހާލެވުނެވެ. ސަވާނާ އާއެކޭ ބުނުމުގެ ގޮތުން ބޯ ޖަހައިލިއެވެ.

"ކެން އައި ހޯލްޑް ހިމް؟ މައި ގޯޑް ހީޒް ދަ މޯސްޓް ބިއުޓިފުލް ބޯއި އެވާ.....ކޮންކަހަލަ ކްރީމެއް މި އިސްތަށިގަނޑުގައި ލާފައި މިހިރީ......" ލިވިއާ ކުއްލިއަކަށް އަދީ އުރާލަން އުޅުމުން އަދީ އިނީ ރަކިކުރާކަހަލަ ގޮތަކަށް ބަލާށެވެ. އެކަމަކު ފަސޭހައިން މީހުންނާއި އެކުވެރިކުއްޖެއްކަމުން ލިވިއާއާއި ދިމާލަށް އަތްދިއްކޮށްލިއެވެ. ލިވިއާ ވަގުތުން އަދީ އުރާލަމުން ގަޔާލާ ފިތާލިއެވެ. ދުވާ މީރުވަހުން ބަނޑުފުރޭހާވެއެވެ.

"މީ ދޮންމަންމަ...ދޮންމަންމަ ކިޔަސް ހެވޭ ސްވީޓްހާޓް.." ލިވިއާ އަދީ މޫނުކޮޅުގައި ބޮސްދިނެވެ. އެއަޑު އިވި ވީ ފޫއްސެއްގެ ބޮޑުކަމުން ތަންކޮޅެއް ދުރަށް ޖެހިލާފައި ލުކުމާން ހުރީ ފޯނާއި ކުޅޭށެވެ.

"އަދިވެސް ޗޭންޖެއް ނުވޭތަ ލިވިއާ. ޕްލީޒް ދެންވެސް ތިގޮތްގަނޑު ބަދަލުކުރޭ. އެހެން މީހުންގެ ފިރިންނާއި އަޅައިގެން އުޅުމުގެ ބަދަލުގާ މީހަކު ހޯދާ........އަހަރެން ކިން ލިވިއާ ފޮނުވި މެއިލް. ހުރިހާ އިންޓެންޝަންއަކާއި ސިއްރުތައްވެސް ކިޔައިދީފިން. އެކުވެރިކަން އަލުން ބޭނުންވިޔަސް އެކަމަށް ލޫކް ހުއްދައެއް ނުދިން. ލޫކްއަށް ކިޔަމަންތެރި އަންބެއްގެ ގޮތުގައި ހުންނަން ބޭނުންވާތީ ނުރުހުމުގައި އެއްވެސް ކަމެއްކުރާކަށް ނެތިން. އައިމް ސޮރީ ލިވިއާ. އެކަމަކު މިއަދު އެންމެ ވާހަކައެއް ބުނެފާނަން. އެންމެ ކަމަކާއި ޝުކުރު އަދާކުރަން ބޭނުންވެފައި ހުންނަތާ ވަރަށް ދުވަސްވެއްޖެ. އެއީ ކޮންމެ ނިޔަތެއްގައި ނަމަވެސް ލޫކް އަހަންނާއި މެރީކުރަން ލިވިއާ ބާރު އެޅީތީ. އެއީ ދުވަހަކު މީހަކު ކޮށްނުދޭހާ ބޮޑު އިހުސާންތެރިކަމެއް. ލިވިއާގެ ސަބަބުން އަހަރެންގެ ދުނިޔެ ފުރިހަމަވީ. ލޫކްއާއި އަދީ އަކީ އަހަރެންގެ މުޅި ދުނިޔެ.. ތޭންކްސް ލިވިއާ އެންޑް ގުޑްބައި..............." ސަވާނާ ކުޑަކޮށް ހީލާފައި އަދީ އުރާލިއިރު ލިވިއާ ހުރީ ފާޑަކަށް ރަކިވެފައެވެ. ލިވިއާގެ ލޮލަށް ކަރުނަ ޖަމާވާން އުޅުނަސް އޭނަ ގަދަކަމުން ދިރުވައިލިއެވެ. މިރޭ އޭނަ މިހާވަރަށް ރީތިވެގެންހުއްޓާ އަނދުން ފޭދި މޭކަޕް ހަޑިވާފަދަ ކަމެއް އޭނަ ނުކުރާނެއެވެ. ލިވިއާ ހުއްޓުން އަރާފައި ހުއްޓާ ސަވާނާ ލުކުމާންއާއި އަރާ ހަމަކުރިއެވެ.

"ބިޗް......." ލިވިއާ ގެ ހިތާމަ ރުޅިވެރިކަން ޚިޔާރުކޮށް ދަތްތަކުގެ ތެރެއިން ކިޔާލައިފިއެވެ.

ރަސްމިއްޔާތު ފެށިގެން ކުރިއަށް ދިޔައިރު އަރުޖަމަންދުވެސް ވާހަކަދެއްކިއެވެ. މި ހޮސްޕިޓަލްކަހަލަ އެތައް ތަނެއް އެ ޚާންދާނުގެ މީހުން ދުނިޔޭގެ އެތަން މިތާގައި ހުޅުވާފައިވާކަމަށާއި އާއިލާގައި ޑޮކްޓަރުން ގިނަވުމަކީ ލިބޭ ހިތްހަމަޖެހުމެއްކަމުގައި ބުނެލިއެވެ. އަމިއްލަ ދެދަރިން ތިބިއިރު އިޒިކް އޮޕަރޭޝަން ޑޮކްޓަރަކަށްވެފައި ކުޑަ ދަރިފުޅު ލުކުމާން ފިޒިޝަނެއްކަމަށާއި އިރާދަކުރެއްވިއްޔާ މުސްތަގުބަލެއްގައި ހިތުގެ ޚާއްސަ ޑޮކްޓަރަކަށްވާނެކަމަށް ބުނުމުން ލިވިއާގެ ހެޔަށް ގޮތެއްވިއެވެ. ލުކުމާންއަކީ ޑޮކްޓަރެއްހެއްޔެވެ. އަދި ނޭގި ކިތައް ސިއްރު ވޭ ހެއްޔެވެ. ލުކުމާންދެއްކި ވާހަކަތައް ސިކުނޑީގައި ޖެހިގަތެވެ. ލުކުމާންގެ ވާހަކަތައް ހަނދާންވިއެވެ. ލިވިއާ ބޭނުންހާ އެއްޗެއް ހޯދަދޭނެކަމަށާއި ސަޕްރައިޒްދޭނެކަމަށް ބުނުމުން ލިވިއާ އޭރު އަންނަނީ ރުޅިއެވެ. ކެތްތެރިވާން ކިތަންމެ ފަހަރަކު ލުކުމާން އެދުނެވެ. ނަމަވެސް އޭނައަށް އެންމެ ލޯބިވި ލުކުމާންގެ ބަސްގަބޫލު ނުކުރެވުނީއެވެ.

ލިވިއާ މޮޅިވެރިވެ އަސަރުކޮށްފައި ހުރިތަން ސަވާނާއަށް ފެނިފައި ހަމްދަރުދީވަނީ ކަން ނޭގެއެވެ. ސަވާނާ ވަގުތެއް ހޯދައިގެން ލިވިއާއާއި ކައިރިއަށް ޖެހިލިއެވެ.

"ލިވީ. އައިމް ސޮރީ މިހެންވީމަ. އެކަމަކު އަދިވެސް އިރާދަކުރެއްވިއްޔާ ލިވީއަށް ޗާންސް އެބައޮތް. ދަ ކްލޯޒާ ޔޫ ގެޓް ޓު ﷲ ދަ ހެޕިއާ ޔޫ ވިލް ބީ. އެފަރާތުން ކިތަންމެ ކުޑަ މިންވަރެއް ދެއްވިޔަސް ޝުކުރުވެރިވޭ. ޑްރާމާތަކުގެ ބަދަލުގައި ލެޗްކާސްތައް ބަލަން ފަށާ. ނަމާދުކޮށް ގުރުއާނުން ހިތްވަރު ހޯދާ. ދުނިޔެއަކީ ކުޅިވަރުކުޅެން ނޫނީ އަބަދަށް ތިބޭނެ ތަނެއްނޫން. ލިވީގެ ފުރާނައިގެ ބައިވެރިޔާ ދުނިޔޭގައި ހުންނާނެ. އިރާދަކުރެއްވިއްޔާ ކޮންމެވެސް ދުވަހަކުން އެމީހަކު އަންނާނެ. ހުރިހާވެސް ކަމަކީ ދުޢާ. އަހަރެންވެސް ވަރަށް މާޔޫސްވި ދުވަސްތަކެއް އައި. ސުއިސައިޑާއި ހަމަޔަށްވެސް ދިޔަ. ނަމަވެސް ހިތްވަރުލިބުނީ އަޅުކަމުން. ރިމެމްބާ. ހިތްތަކުގެ ހަމަޖެހުމަކީ މާތް ﷲ ހަދާންކުރުން....." ސަވާނާ ކިތަންމެ ޅަ ނަމަވެސް ލިވިއާއަށް ހާމަކުރީ ހަގީގަތެވެ. އޭނައަށް އުފާވެރިކަން ލިބުނީ އެގޮތުންނެވެ.

އެ ޚާންދާނުގެ ބޮޑާ ޒުވާނުންނާއި އެކަށީގެންވާ އަންހެންކުއްޖެއް ނޫންކަމަށް އޭނަގެ ހިތް ބުނަން ފެށުމުން މާޔޫސްކަން އޭނަ ވަށައިލިއެވެ. އެމީހުންގެ ސަމާލުކަން ހޯދަން ކުރި މަސައްކަތް ނާކާމިޔާބުވުމުން ހިތް ހަލާކުވާވަރުވިއެވެ. ކައިދަން އަދި އެ ހަފްލާގައި ބައިވެރިނުވެސް ވެއެވެ. ސަވާނާ ކައިރިން އެހުމުން އެނގުނީ ރާއްޖެ ނާންނަކަމުގައެވެ. ކައިވެނިކޮށްފިހެއްޔޭ އެހުމުން ބުނީ އަދި ނުކުރާކަމުގައެވެ. ކުޑަ ކުޑަ އުއްމީދެއް ލިބުނަސް އެހާ ދުރުގައި ހުރެގެން ގުޅުމެއް ކުރިއަށް ގެންދާނީ ކިހިނެއްހެއްޔެވެ. ލުކުމާން ކައިދަން އަދި ސަވާނާ ސޯޝަލް މީޑިއާ ބޭނުންނުކުރާތާ ކިތަންމެ ދުވަހެކެވެ. އެމީހުން އެހުރިހާކަމެއް ކުރީ އޭނަގެ ސަބަބުންނޭ ހިތަށް އަރާފައި ނުބައި އަސަރުތަކެއްކުރިއެވެ. އޭނައާއި ދުރުވާންވެގެން އޭނަ އެންމެ ގާތް ބަޔެއްގެ ގޮތުގައި ދެކުނު އެންމެން ހުރިހާ އެއްޗެއް ޑީއެކްޓިވޭޓްކޮށްލީއެވެ. އެއްވެސް ސިފައެއްގައި އޭނައާއި ގުޅުމެއް ބާއްވަން ނޭދުނީއެވެ. ސަވާނާ ލިވިއާއަށް އެހެން ސިއްރެއްކިޔައިދިނެވެ. ލުކުމާން އޭނައާއި ކައިވެނިކުރި ހަގީގީ ސަބަބެވެ. ގެވެސް އަތުލާ އޭނައާއި ކައިވެނިކުރީ ބައްޕަގެ ފަރާތުން ބަދަލު ހިފުމަށެވެ. ނަމަވެސް މިހާރު ލުކުމާން އޭނައަށް އެގެ އަނބުރާދީފިއެވެ. އެހުރިހާކަމެއް ހައްލުވެއްޖެއެވެ.

ކައިގެން ގެއަށް އައުމަށްފަހު ލިވިއާ ވަރަށް ވިސްނިއެވެ. ޑިޕްރެޝަންއަށް ގޮސް ހުސްވުމުގެ ކުރިން ސަވާނާ ބުނިހެން ދީނީ ކަންތައްތަކަށް ފަރުވާ ބަހައްޓަން އަޒުމް ކަނޑައެޅިއެވެ. އާލިމާގެ އިތުރުން އޮފީސް ދެ އަންހެންކުދިންނާއެކު ކޮޓަރި ހިއްސާކުރަން ފެށިފަހުން މިނިވަންކަމެއް ނޯވެއެވެ. އުޅެން ފަސޭހައެއްނޫނެވެ. ނަމަވެސް އެންމެނާއިއެކު ހިއްސާކޮށްގެންނޫނީ އަތުގައި އެންމެ ފައިސާފޮތްޗެއްވެސް ރައްކާކުރެވޭނެ އެއްވެސް ގޮތެއްނެތެވެ.

އަރުޖަމަންދުއާއި ނަބީލާ އޮފީލިއާ ރެސްޓޯރެންޓުން ކައިގެން ހިގާލާފައި އަންނަނިކޮށް ފަހަތުން މީހަކު ގޮވައިލުމުން ދެމީހުންވެސް ސިހިފާ ބަލައިލިއެވެ. އިމާދުއްދީން ފެނުމުން ފުރަތަމަ ވަކިކުރާކަށްވެސް ނޭގުނެވެ. އެހާ ހިއްކެވެ. އިސްތަށިގަނޑު ތުނިވެ ތަލަވާން ފަށައިފިއެވެ. ދެލޮލާއި ކޯތާފަތް ވަޅުވަދެ މީހާގެ ރީތި ސިފަތައް އެއްކޮށް ހިގައްޖެއެވެ.

"އަރުޖަމަންދު. ވަރަށް ދުވަސްކޮށްލާފައި މިދިމާވީ. އަހަންނަށް ކަމެއްކޮށްދީ...."

"ކޮންކަމެއް ބޭނުންވެގެން ތިއުޅެނީ؟ އަނެއްކާ އެހެންމީހަކު މަރައިލަންވީތަ..." އަރުޖަމަންދުގެ މޫނުގެ ކުލަ ބަދަލުވުމާއިއެކު ދެބުމަ ގޮށްޖެހުނެވެ. އިމާދުއްދީން ހާ ނަފްރަތުކުރާ މޫނެއް ދުނިޔެއަކު ނުވާނެއެވެ. ނަބީލާ އަނެއް ފަރާތަށް އެނބުރުނީ އެ ސޫރަ ނުދެކެންވެގެންނެވެ.

"އަރުޖަމަންދު. ނަބީލާ ދެމީހުންވެސް އަހަންނަށް މާފުކޮށްދީ. ހެޔޮނުވާނެ..." އަރުޖަމަންދު ރުއްސައިގެން ލުކުމާންގެ ހިތް ބަދަލުކުރެވިދާނެކަމުގެ އުއްމީދުގައި އަރުޖަމަންދުގެ ފައިމައްޗަށް ތިރިވިއެވެ.

"މާފުކޮށްދީ ފައިގާ ހިފާ އާދޭސް މިކުރަނީ..." އިމާދުއްދީން އެދުނެވެ.

"އެންމެރަގަޅު. އަހަންނަށް ކުރި އަނިޔާތަކަށް މާފުދީފިން. ނަމަވެސް އަހަރެންގެ ފުރާނަފަދަ ލޯބިވާ ލުގުމާންގެ ގައިގާ އެޅުނު އެންމެ ކޫރުމަކަށްވެސް ގިޔާމަތާއި ހަމަޔަށް ހިތް ހެވެއްނުކުރާނަން. އެބިއުޒްކުރި މީހާ އޮންނަން ޖެހޭނީ ޖަލުގައި. ގިޔާމަތް ދުވަހުންވެސް ދައުވާކުރާނަން. އެކަމެއް ދުވަހަކު ހަދާން ނައްތައެއް ނުލާނަން.........." އަރުޖަމަންދު ގެ ދެލޮލުން ފެނުނީ ނަފްރަތެވެ.

"ކަލޭ އަހަރެންގެ ފަރާތުން ބޭނުމީ ކޮންކަމެއް؟ " އަރުޖަމަންދު ސުވާލުކުރިއެވެ.

"ލުކުމާން އަހަރެންގެ ގެ ފޭރިގަތީ. އެގެ އަނބުރާ އަހަރެން ބޭނުން..." އިމާދުއްދީން ކެތްތެރިކަން އިސްކުރިއެވެ.

"އެ ގެ ވަނީ ސަވާނާގެ ނަމުގައި ރެޖިސްޓްރީކޮށްދީފައެއްނު. އެގެ އަނބުރާ ކަލެއަށް ހޯދަދޭން އެއްވެސް މަސައްކަތެއް ނުކުރާނަން. އެގޭގެ ހައްގުވެރިޔާއަށް އެގެ ލިބުނީ. ތިމާގެ ހުރި އެންމެ އަންހެންދަރިފުޅަށް ނުދީ މުދަލާއި ގެދޮރާއި ފައިސާވެސް ސަންދޯކަށްލައިގެން ގެންދަން ތަ......" އަރުޖަމަންދު ފޫހިވިއެވެ. އިމާދުއްދީންފަދަ ނުބައި ނުލަފާ އިންސާނަކު އޭނަގެ ހަޔާތުގައި ދެކެފައެއް ނުވެއެވެ. އޭނައަށް ވެވޭނެނަމަ އިމާދުއްދީން އުމުރަށް ޖަލަށްލާނެއެވެ. ނަބީލާ އިމާދުއްދީން ގޮވާލުމުން ބަލައިލުމެއްނެތި ބާރުބާރަށް ހިނގާފައިގޮސް ގެއަށްވަދެ ލޯމަތިން ގެއްލުމުން އިމާދުއްދީންގެ ހިތަށް އަސަރުތަކެއްކުރިއެވެ. ނަބީލާއާއިއެކު ރަގަޅަށް އުޅެވުނުނަމޭ ހިތަށް އެރިއެވެ.

ބައެއްފަހަރު އެމީހެއްގެ ނިމުން އަންނަނީ އެމީހަކަށް އުޅެވޭގޮތުންނެވެ. ހައްދުން ބޭރުވުމުންނެވެ. ރައީސް އަމްރާންގެ ސަރުކާރު ވައްޓާލަން މަސައްކަތްކޮށް އޭނަ އަވަހާރަކޮށްލަން ރާވަން އިމާދުއްދީން ފެށީ އަމްރާންއަކީ އަރުޖަމަންދުގެ ބޮޑުދައިތަ ޒުވާނަކަށް ވީމަ އެކަމާ ޖައްސާލާ ހަސަދަވެރިވީ ވަރުންނެވެ. ޓެރަރިޒަމްގެ ކުށް ސާބިތުވުމުން ޖަލަށް ލީ ވިހި އަހަރަށެވެ.

ލިވިއާގެ ދިރިއުޅުމަށްވެސް އުފަލެއް ނުލިބުނެވެ. ކިތަންމެ ޒުވާނުންނެއް ހަޔާތަށް އައިކަމުގައި ވިޔަސް އެކަކުވެސް ލިވިއާއަކާއި އިންނާކަށް ނޫޅުނެވެ. ލިވިއާ ބޭނުންވާހާ ސިފަތައް ހުރި މީހަކާއި ރައްޓެހިވެވޭކަމަކަށް ނުވެވެއެވެ. ކޮންމެ ފަހަރަކު ވަކިވާން މަޖުބޫރުވަނީ ކޮންމެވެސް މައްސަލަތަކެއް ޖެހިފައެވެ. އޭނަ ލޯބިވާ މީހަކު ދުވަހަކު ނުލިބޭނީބާވައެވެ. ލިވިއާއަށް ވިސްނުނުއިރު ވަގުތު ފާއިތުވެ ހިތާމައިގެ ފުން ކަނޑަކަށް ވެއްޓިއްޖެއެވެ. ލިބުނު ނިއުމަތަށް ޝުކުރުވެރިވެ ލޯބިވާ އިންސާނާއާއިއެކީ ހަޔާތެއް އޭރު ފެށުނުނަމަ މިހެނެއްނުވީހެވެ. ލުކުމާން އެތައް ފަހަރު އެދުމުން ބޮލާލާ ޖަހައިލީއެވެ. ހަޔާތުން ބާކީ އޮތް ކޮންމެ ދުވަހެއްގައި އޭނަ އެކަމާއި ކަރުނަ އަޅާނެއެވެ. އޭނަ މަރުވާނީ އެ ހިތާމައިގާ ކަން ނޭގެއެވެ.

އަރުޖަމަންދުއަށް އަދީގެ ކަންފަތް ކައިރީ ހަނދުފަޅިއެއްގެ ސިފައަށް އިން އުފަން ލައް ފެނުނީ މާމަ ދަރިފުޅު ފެންވަރުވަނިކޮށެވެ. ހައިރާންވާވަރުގެ ކަމެކެވެ. އޭނަގެ ފިރިމީހާ މަންސޫރުގެ ކަންފަތުން އެތަންކޮޅު ފާހަގަކުރެވުނީ އިހަށްދުވަހުއެވެ. ތަންކޮޅެއް ކުލަ ފަނޑުކަމުން ކުރިން ލޮލުގައި އަޅައިނުގަތީއެވެ. އޭނަ ވަގުތުން މަންސޫރުއަށް ގޮވައިގެން ގެނެސްދެއްކިއެވެ. މަންސޫރުވެސް ހުރީ ޝޮކެއްގައެވެ. ގަބޫލުނުކުރެވިފައެވެ. އެމީހުންނަކަށް އެއްގޮތަކަށްވެސް އަދީގެ އެ ސިފަ ކުރިއަކުން ފާހަގަކުރެވިފައެއް ނެތެވެ. އިސްތަށިގަނޑު ވަރުގަދަކަމުން ކަންފަތް ފޮރުވިފައިވާއިރު އެތަންކޮޅު ފާހަގަނުވެ އިނީއެވެ.

"ޑަޒް ދިސް މީންސް........... ލޫކް ކުޑް ބީ މައި ސަން؟ " މަންސޫރު އަދީ ގެނެސް މޭގައި ޖައްސާބާރުކޮށްލިއެވެ. އަދީ ކާފަ ކިޔާއިރު ހަގީގަތުގައި އޭނަ މިވީ ކާފައަށް ބާވައެވެ.

"ނޭގޭ. އޯލް އައި ނޯ އިޒް ވަރިއަށްފަހު ތިންމަސްވާން އުޅެނިކޮށް އެއްރޭ........"

"އައި ފޯސްޑް މައި ސެލްފް އޮން ޔޫ.....ކައިވެނި ރުޖޫއަކޮށްފައި އަނބުރާ ގެންދަން ބޭނުންވީ. ޖެމް އަހަންނާއިއެކު އަންނާނެކަމަށް އުއްމީދުކުރިވަރު ދެނެވޮޑިގެންވަނީ މާތް ﷲ.. އިޒިކްއަށްޓަކާ. ދަރިފުޅު ރޯވަރުން ކެތްނުކުރެވިގެން. ކިހާވަރަށް އާދޭސްކުރިން. ޖެމް ކުރަން އުޅުނީ ކިހާވަރެއްގެ މޮޔަކަމެއްކަން ވިސްނާދިނިން. އެކަމަކު ޖެމް ގެ ބޯ ހަރުކަމުން އެފަހުން ފިލީ. ހޫމް.....ލޫކްގެ ޑީއެންއޭ ހަދަންދެން އޭނައަށް ނާންގާ ބަހައްޓާ. ޑީއެންއޭ ދިމާވެއްޖެއްޔާ އަހަރެންގެ ހަލާލު ދަރިފުޅަށް އެ ވާނީ..އޯ ގޯޑް. ބައެއްފަހަރު ހިތަށް ނާރާފަދަ ގޮތްގޮތަށް ދިރިއުޅުން އެނބުރިގެން ހިގައިދޭ. އެގޮތަށް ވެއްޖެއްޔާ ކިހިނެއް އަހަރެން ޖެމްއަށް މާފުކުރާނީ. ކީއްވެ އަހަރެންގެ ދަރިފުޅާއި ދުރުކުރުވަންވީ.........ސުބުހާނަﷲ. މިވާން އުޅެނީ ކިހިނެއްތަ. އަހަރެން ކެތްކުރާނަން. ޖެމްއަށް މާފުވެސް ދޭނަން. ސަބަބަކީ މާފުކުރުމަކީ ރީތި ސިފައެއް. އަހަރެމެންގެ ރަސޫލާ ސައްލައްﷲ އަލައިހި ވަސައްލަމް ދަސްކޮށްދެއްވި ރީތި ސިފަތަކަށް ބޯލަބާންޖެހޭނެ. އެކަމަކު....ކޮބާ ލޫކް........." މަންސޫރުގެ ދެލޯ ފެންކަޅިވެގެން ދިޔުމާއިއެކު ކުއްލިއަކަށް ތެދުވެވިއްޖެއެވެ. އަރުޖަމަންދުގެ ލޮލުންވެސް ކަރުނަ ފައިބައިގަތެވެ.

"އެޓްލީސްޓް އަހަރެމެންގެ ދަރިފުޅު ބައްޕަ ނޭގިގެން އުޅޭކަށް ނުޖެހޭނެ" އަރުޖަމަންދު ހެއްދެވި ފަރާތަށް ޝުކުރުވެރިވިއެވެ.

ޑީއެންއޭ ޓެސްޓްހެދިއިރު ލުކުމާންގެ ބައްޕައަކީ މަންސޫރުކަން ޔަގީންވުމުން މަންސޫރުއާއި އަރުޖަމަންދު ލުކުމާންއާއި އިޒިކް ގެންގޮސްގެން އެވާހަކަދެއްކިއެވެ. ލުކުމާން އިނީ ބުނާނެ އެއްޗެއް ނޭގިފައެވެ. ބައްޕައާއި މަންމަ އޭނަގެ ގައިގާ އޮޅުލާފައި ބޮސްދީ މާފަށް އެދުނެވެ. ލުކުމާންގެ ސިކުނޑިއަށް ތާއަބަދު އުދަގޫކުރަމުން އައި ސުވާލުގެ ޖަވާބު ލިބިއްޖެއެވެ. މަންމަދެއްކި ވާހަކަތަކަށްފަހު އޭނަ އެކަމާއި ކިތަންމެ ވަރަކަށްވެސް ވިސްނިއެވެ. އޭނަގެ ބައްޕައަކީ ކާކުކަން އެނގުމަށްވުރެ ބޭނުންވިކަމެއް ނެތެވެ. ނަހަލާލުދަރިއެއްގެ ގޮތުގައި ދުނިޔެއަށް އައިސް ނަސްލު އޮޅިފައިވާކަން ހިތަށް އަރާ ކޮންމެފަހަރަކު އުދަގޫވެއެވެ. މަންމައަށްވެސް އެ ސުވާލުގެ ޖަވާބުދޭން ނޭގުނުއިރު އޭނަ ވަކި ކީއްކުރާނީ ހެއްޔެވެ؟ ކޮންމެވެސް ދުވަހަކުން އޭނަގެ އަސްލު އޮޅުން ފިލުވަން އޭނަ ހުރީ ނިންމައިގެންނެވެ. އެ މަސައްކަތް ފަސްޖައްސާލައިގެން ހުރީ އެހެން ކަންތައް ތަކާއި އަވަދިނެތި އުޅެން ޖެހުމުންނެވެ. ނަމަވެސް ތަގުދީރުގެ ސަމާސާ ދެކެ ބަލާށެވެ. ކައިރިން ލިބެން ހުރި ޖަވާބު ހޯދަން މާ ދުރަށް ދާން އޭނަ އުޅުނީއެވެ.

ހޫނު މޫސުމްގެ ހިތްގައިމު ދުވަހެކެވެ. ފްލަފީ ވިނަގަނޑުމަތީގައި ދެ އަތް ދަމާލައިގެން އަރާމު ނިންޖެއްގައެވެ. މެދުގޯތީގައި ބައިސްކަލް ދުއްވުމުގާ ފޯރިހިފާފައި އަދީ ހުރިއިރު މަންސޫރުއާއި އަރުޖަމަންދުވެސް އެކަމާއި ބައިވެރިވިއެވެ. އަދީއާއިއެކު ވަގުތުހޭދަކުރުމުން އެދެމަފިރިންނަށް ލިބޭ ހިތްހަމަޖެހުމާއި ފިނިކަން ބަޔާންކޮށްދޭކަށް ނޭގެއެވެ. އެތުއްތު ދަރިފުޅުގެ ހުނުމަކީ ހިތުގެ ކާނާފަދައެވެ. ކިރިޔާ ކަމެއްވިޔަސް ފުރާނައިން ގުރުބާންވާން އެމީހުން ތިބެނީ ތައްޔާރަށެވެ. ބެލްކަންޏަށް ނުކުތް ލުކުމާންއަށް އެ މަންޒަރުފެނުމުން ހިނިތުންވެލެވުނެވެ. ސަވާނާ ކޮޓަރިއަށްވަދެ އެންމެ ކުރިން ޝުކުރުގެ ސަޖިދައެއްޖެހިއެވެ. އިރުކޮޅެއްފަހުން ފަހަތުން ބައްދާލުމުން ލުކުމާން އެ ނާޒުކް އަތުގައި ހިފަހައްޓައިލިއެވެ.

"އަލްހަމްދުލިﷲ. އައި ސްޓިލް ކާންޓް ބިލީވް. ޓްވިންސް އިންނޯ. ޓޫ ހާޓް ބީޓްސް.......ހެހެ............." ސަވާނާ މޫނުގެ އެއްފަޅި ލުކުމާންގެ ބުރަކަށީގައި ޖައްސާބާރުކޮށްލައިގެން ހުރެ ހުވަފެނީގޮތަކަށް ދެލޯ މަރައިލިއެވެ. ކުރީފަހަރު އޭނައާއި އެހާ ގުޅުމެއް ނެތްއިރުވެސް ލުކުމާން އޭނަ ފެންވަރުވާ މަސާޖުކޮށްދީ ކާ އެއްޗެހި ގެނެސްކާންދިނެވެ. ދަރިފުޅު ލިބުމުން ނެޕީބަދަލުކޮށް ފެންވަރުވާ ހަދަން ބައިވެރިވާނެއެވެ. ވީއިރު އަދި މިހާ ލޯބިން އުޅޭއިރު ހާދަ އެހީއެއްވާނެއެވެ. ލުކުމާންގެ ދެލޮލުގައިވެސް ބަބުޅަނީ އުފާވެރިކަމެވެ. އޭނަހާ ނަސީބުރަގަޅު އެއްވެސް އިންސާނެއް މިކައުނުގައިވާނެ ބާވައޭ ހިތަށް އެރިއެވެ. އުފާވެރި ކުޑަ އާއިލާއެއް ފުރިހަމަވަނީއެވެ. އޭނަގެ ބައްޕައާއި މަންމަ އަދި ބޭބެއާއި މައިދައިތަގެ ފަރާތުންވެސް ފުދޭވަރަށްވުރެ އިތުރުން ލޯތްބާއި އަޅައިލުން ލިބެއެވެ. އިޒިކްއާއި ކައިދަން އަދި އެ ޚާންދާނުގެ އެހެން ޒުވާނުންގެ ސަބަބުން އަދީއަށް އެތައް ބައިވަރު "އަންކަލް"އިން ލިބިފައިވާއިރު އެދަރިފުޅަށް އުނިވާ އެއްވެސް ކަމެއް ނެތެވެ. ލުކުމާން ސަވާނާގެ އަތުގައި ހިފާ އޭނައާއި ދިމާލަށް އަނބުރުވައިލިއެވެ. ނިތްކުރީގައި ބޮސްދިނެވެ.

"ޔޫ ހޭވް މޭޑް މީ ދަ ހެޕިއެސްޓް މޭން އެލައިވް . ދުވަހަކުވެސް ހިތަކަށް ނާރާ މި ކުޑަކުޑަ އަންހެންކުއްޖާއަށް އަހަރެންގެ ހިތާއި ހަމަޔަށް ފޯރާނެއޭ. އެކަމަކު ނޭގިހުއްޓާ ހިތާއި ކުޅެލީ. ކޮންމެ ދުވަހެއް ފެށޭއިރު އަދި ނިމޭއިރު ހެއްދެވިފަރާތަށް ޝުކުރުކުރަން. މިހާ ހިތްއެދޭފަދަ ހަޔާތުގެ ބައިވެރިޔެއް ދެއްވީތީ. އައި ލަވް ޔޫ.........ލަވް ޔޫ ސޯ މަޗް ބޭބީގާލް. މީހަކަށް މީހަކު ދެކެ ލޯބިވެވޭނީ މިވަރަށް. މޮޔަވާވަރަށް ލޯބިވޭ މަގޭ ފުރާނަޔާ. ބޭބީ ކޮންމެ ދުވަހަކު އެތައް ފަހަރު ލޯބިވާ ވާހަކަ ބުނަމެއްނު ދޯ. އަހަރެން އެހެން ނުބުނިކަމުގައި ވިޔަސް ކޮންމެ ދުވަހަކު ލޯބިވާވަރު އަމަލުން ދައްކައިދެން. އެކަމަކު މިހާރު ވިސްނިއްޖެ އަމަލުން އެކަނިނޫންކަން. ބުނާބަހުންވެސް އެކަން އަންގަންވާނެ. އަހަރެން އެހާ އަނިޔާވެރިކޮށް ކަންތައް ކުރިއިރު ބޭބީ އަހަރެންދެކެ ވީ ލޯތްބަށް ބަދަލެއްނައި. ތޭންކްސް ބޭބީ........." ލުކުމާން ސަވާނާގެ މޫނުގައި ދެއަތުން ހިފަހައްޓާލަމުން ލޮލާއި ލޯ ސީދާކުރިއެވެ. ސަވާނާގެ ދެލޮލުގައި ވިދަންފެށީ އުފާވެރިކަމުގެ ކަރުނަތަކެވެ. އެންމެފަހުން ލުކުމާން އޭނަ އަޑުއަހަން ބޭނުންވީ ލަފުޒުތައް ބުނެފިއެވެ. ސަވާނާ ވަގުތުން ގަޑިއަށް ބެލިއެވެ. ތާރީޚުވެސްމެއެވެ. ލޯބިވެޔޭ ދުލުން ބުނުން ލާޒިމް ނުވިޔަސް އެކީ އުޅޭއިރު ލޯބިވަންޏާ އެކަން ސާބިތުކޮށްދެވޭ ކިތަންމެ ގޮތްގޮތް ހުންނާނެއެވެ. ދުލުން ނުބުނި ކަމުގައިވިޔަސް މެއެވެ. ނަމަވެސް އެ ލަފުޒުތައް ބުނުމުން ހިތަށް އިތުރު އުފަލެއް ލިބި ލޯބި ފުރިހަމަވާނެއެވެ. ދެމީހުންނަށް އަނގައިން ބުނުމެއްނެތި އެތައް އިރެއްވާންދެން އެކަކު އަނެކަކުގެ ލޮލަށް ބަލަން ތިބިގޮތުން އެކަނިވެސް އެދޭތެރޭގައިވާ ލޯބި ހާމަކޮށްދިނެވެ. ލުކުމާން އެދުވަހުގެ އުފަލުގާ ސަވާނާއަށް ދިން ޖަވާހިރު އަނގޮޓީގެ އަގު ލައްކައިން އަގުނުކުރެވޭނެއެވެ. އެކި މުނާސަބާގައި ދޭ އެފަދަ އަގުބޮޑު ހަދިޔާތަކުން ކްލޯޒެޓްގެ ގަހަނާ ބައި ފުރެމުން ދިޔައެވެ.

"ލެޓްސް ސެލެބްރޭޓް. ފުރަތަމަ އައިސްކްރީމުން ސަދަގާތްކުރާނީ. ސަބަބަކީ ބޭބީއަށް އެންމެ މީރު އެއްޗަކީ އެއީނު......." ލުކުމާން ސަވާނާގަޔާއި ފިއްތާލަމުން ބުނެލިއެވެ. މަންސޫރުއާއި އަރުޖަމަންދު އަދި އިޒިކްއަށް އެޚަބަރު ލިބުމުން އުފަލުން މޮޔަވާވަރުވިއެވެ. ލުކުމާންއާއި ސަވާނާއަށް މަރުހަބާކީއިރު އަރުޖަމަންދުގެ ލޮލުގައި އުފާވެރިކަމުގެ ކަރުނައެވެ. ސަވާނާ ވަގުތުން އޭނަގެ މަންމައަށް ގުޅާފައިވެސް އެ ޚަބަރުދިނެވެ.

ލުކުމާންއާއި ސަވާނާ ވިނަގަނޑުމަތީ ކުއިލްޓް އަޅާލާފައި ކުޑަކޮށް ތައްޔާރުކޮށްލައިފިއެވެ. ޕިއްޒާއާއި އައިސްކްރީމަށް އޯޑަރުކުރިއެވެ. އައިސްކްރީމް ޕާޓީގައި ބައިވެރިވީމީހުންގެ ތެރޭގައި ކައިޒަންއާއި ކެމީލާ އަދި ކައިދަންގެ އިތުރުން އެމެރިކާގައި އުޅޭ އެ ޚާންދާނުގެ އެހެން އާއިލާތައްވެސް ބައިވެރިވިއެވެ. ޕާޓީ ނިންމާލާފައި އެންމެން ދިޔުމުން ކުއިލްޓް މަތީ އަތުގެ އިނގިލިތައް ގުޅުވާލައިގެން އޮށޯވެލައިގެން ތިބެވުނީ އެކަކު އަނެކަކަށް ބަލަހައްޓައިގެންނެވެ. ހިނިތުންވެލާފައެވެ. ލުކުމާން ސަވާނާއަށް ލަވައެއްކިޔައިދިނެވެ. ގައިން ހީބިހިހަލުވާލާހާ ފުރިހަމައެވެ. ސަވާނާއަށް އިހުސާސްކުރެވުނީ ދުނިޔޭގެ ހުރިހާ އުފަލެއްލިބި އާސްމާނުގައި އުދުހެވޭހެންނެވެ. އުދަގޫ ދިރިއުޅުމަކަށްފަހު އަލުން އުފާވެރިކަމާއި ރަހުމަތް ވަށާލައިފިއެވެ. އުފާވެރިކަމުގެ ކަރުނުން ތެމުނު ރީތި ދެ ލޮލުން ސަވާނާ އުޑާއިދިމާލަށް ބަލައިލިއެވެ. ހެއްދެވިފަރާތަށް ޝުކުރުކުރިއެވެ. ދެދުނިޔޭގައި ލުކުމާންއާއިއެކު ވުމަށާއި ދެދުނިޔޭގެ ނަސީބާއި ރަހުމަތްލެއްވުމަށް އެދި ދުޢާކުރިއެވެ. މާތް ﷲގެ ރަހުމަތާއިއެކު އޭނަގެ މަންޒިލަށް ފޯރާ ބަޔާންނުކުރެވޭފަދަ އުފާވެރި އަރާމު ދިރިއުޅުމެއް ލިބިއްޖެއެވެ. އެންމެ ލޯބިވާ މީހުންނާއިއެކުގައެވެ.

(ނިމުނީ)

comment ކޮމެންޓް