ނޭނގި ހިތާ ކުޅެލީ - 38

އިރުއިރުކޮޅާ ޑެއިލީ މެއިލް ހުޅުވައިލެވެނީ ލުކުމާންގެ ނަން ފެނިދާނެކަމަށެވެ. އެ އާއިލާ ޔޫކޭގައި އުޅޭތީ އެތަނަށް ދާހިތުން ކެތްވަނީއެއް ނޫނެވެ. އޭނަ ބޭނުންވަނީ ޓިކެޓެކެވެ. ހަމައެކަނި ޓިކެޓެއް ލިބޭވަރަށް ފައިސާއެވެ. ރިފްރެޝްކުރަން އޮތްވާ ފެނުނު ޚަބަރަކުން ކުއްލިއަކަށް ފުންމައިގެން ތެދުވެވިއްޖެއެވެ.

"ލިމާ.....ލިމާ....." ލިވިއާ އަޑުކޮޅަށް ހަޅޭއްލަވައިގަތެވެ.

"ކިހިނެއްވަނީ ކިހިނެއްވަނީ. ތަނެއްގައި ރޯވީތަ..." އާލިމާ ފެންވަރަން ޝަވާޖެލް ލައިގެން ހުރެފާ ދުވަމުން ދުވަމުން އައެވެ. ތެޅިފޮޅެމުން ބަލާނުލާ ދުވަން ހަދައިގެން ކައްސާލިތަން ފެނުމުން ލިވިއާ ހިފަހައްޓަން މަސައްކަތްކުރިއެވެ. ދެމީހުން އެކީގައި ގުޅައަކަށް ޖެހުނު ގޮތައް ލިވިއާ އޮތީ ނުތެދުވެވިފައެވެ. ލިވިއާ ފޯނު ދިއްކޮށްލުމުން އެ ސަފުހާ ބަލައިލިއިރު އޮތީ އެހާ މީހަކު ހާސްވާފަދަ ޚަބަރެއްނޫނެވެ. އިންގްލެންޑްގެ އެކިހިސާބުތަކަށް ބޯކޮށް ސްނޯ ފައިބާ ވާހަކައެވެ. މެޓުން ލަފާކުރަނީ ކުރިއަށް އޮތް ހަފްތާތެރޭގައި ސްނޯ ތޫފާން އަންނާނެ ކަމުގައެވެ.

"ސާބަހޭ ލިވީ. ތިހާ ސްޓްރެސްވަންޏާ ހެދުނު ތެދުވާއިރު ބޯ އެއްކޮށް ނުރަވެފައިވެސް ހުރެދާނެ. އަލަކަށް ނޫނެއްނު ސަވާނާ ތިބުނާ ފިނި ގައުމަކަށް ދިޔައީ. ލިވީ ބުނަމެއްނު ސަވާނާ ކުޑައިރުއްސުރެން އުޅުނީ ޔޫކޭގައޭ. ވީއިރު ކިތަންމެ ފަހަރަކު ސްނޯތެރޭގައި އުޅެ މަޖާކޮށްފައިވާނީ. އަހަރެމެންނަކާއި ކީއް. ލިވީ ސަވާނާއަށްވުރެ ހާސްބައި ރީތި. ކިތަންމެ މުއްސަދި މީހަކުވެސް ލިބިދާނެ..........." އާލިމާ ފާޚާނާއާއި ދިމާލަށް ހިނގައިގަތީ ޗޮކެއް ކަނޑާލާފައެވެ.

"ސްޓުޕިޑް. ލޫކްއާއި އެއްކޮށޭ މިހާރު އޭނަ އެހެރީ. މަގޭ މީހެކޭ އެއީ. މަގޭ ލޫކް އޭ ސަވާނާ ލޫކްއަށް ފަންޑިތަ ހައްދައިގެން އެ ގެންދިޔައީ. ލޫކް ހުވާކޮށްފައި ބުނި ދުވަހަކު ވަކިނުވާނެކަމަށް..........." ލިވިއާ ބިންމަތީގައި ދެއަތުން ތަޅަންފެށިއެވެ.

"ލިވީ ބޭނުން ނެތީމަ އަމިއްލައަށް ވަކިވީ. ނޮޓް ހިޒް ފޯލްޓް..." އާލިމާ ރުޅިއަންނަގޮތްވިއެވެ. ލިވިއާ އުޅޭ ވައްތަރަކުން ބޮލަށް އުދަގޫވާފަހަރުވެސް އާދެއެވެ.

"އަހަރެން ދެން ކިހިނެއް ހަދާނީ...." ލިވިއާއަށް ކިޔާލެވުނެވެ.

"އަހަރެން ހަދާނީ ކިހިނެއްހެއްޔޭ. މޮޔަވެދާނެ...." ލިވިއާ އަޑުނެތްތަނަށް ހަޅޭއްލަވައިގެންފާ އިސްތަށިގަނޑުގެ ތެރެއަށް އަތްލެއްވިއެވެ. އިސްތަށިތަކަށް ދަމާ ވާންކުރާތަން ބަލަން އާލިމާ އިނީ ފާޑަކަށެވެ. އެންމެފަހުން ލިވިއާ އިގުރައިދޫއަށް ގެންދަން ޖެހިދާނެކަމާއިމެދު ޝައްކެވެ.

ލިވިއާއަށް ރޮވުނީ ކުރެވުނު މޮޔަކަން ރޭކާލާފައެވެ. ރަނުގެ ފުރުސަތެއް އޭނަ ނަގައިލީއެވެ. ބޮޑެތި ކުންފުނިތަކެއްގެ ވާރިސަކު އޭނައަށް ހުށަހެޅި ލޯބި ބޮލާލާ ޖެހުމުން މިއޮތީ ހިތުން ނުފިލާވަރުގެ ލަނޑެއްލިބިފައެވެ. ކޮންމެ މިނިޓަކު އެހެން ހިތަށް އަރަނީއެވެ. އެދުވަސް އަނބުރާ އަންނާނެނަމައެވެ. މިހެންވާންވީ ކީއްވެހެއްޔެވެ؟ އޭނަގެ ނަސީބު މިހާ ދެރައީ ކުރެވުނު ކޮން ކުށަކުންހެއްޔެވެ؟ އޭނަ އެހާ ބޮޑު ފާފައަކަށް އަރައިގަތީއެއް ނޫނެވެ. މިހާވަރުގެ ސަޒާއެއް ލިބެންވީ ސަބަބަކާއިމެދު ވިސްނާލެވުނެވެ.

ފުޅާ ދިގުކުޑަދޮރުތަކުގެ ބޯ ފަރުދާތައްކަހާލާފައި ހުރިއިރު އެކި ބޯކޮށް ސްނޯވެހެމުންދާ މަންޒަރުން ހިތްތަކަށް އުފާވެރިކަން ގެނެސްދިނެވެ. ހުދު ހުދު ސްނޯއިން މުޅި ސިޓީ ތާޒާކޮށް ޗާލުކޮށްލީ މަދު މިނިޓުކޮޅެއްގެ ތެރޭގައެވެ. އެގޭގެ ތަނަވަސް ސިޓިންރޫމްތެރެއަށް އަނގުރު އަލިފާން ކުލައެއް ވެރިވެފައިވާއިރު ލެވެންޑާގެ މީރުވަސް ހިފާލާފައެވެ. ބޮޑެތި ސޯފާސެޓްތައް މަތީ ކުޝަންތަކާއި ރަޖާތައް މި ފިނިން ހީފިލުވާން ދައުވަތުދޭފަދައެވެ. އަލިފާން އަންދާ ތަނުގެ ކުރިމަތީގައި ހުރި ކައުޗެއްގައި ސަވާނާ އޮށޯވެލައިގެން އޮތެވެ. ވާހަކަފޮތެއް ހިފާލައިގެން އޮތަސް އެއިން އެންމެ އަކުރެއް ކިޔޭކަމަކަށްވެސް ނުވިއެވެ. އެހެންވާނެ ނޫންހެއްޔެވެ؟ އެންމެ ހިތް އެދޭ ލޯބިވެރިޔާ ލުކުމާން އެއިނީ ދޫލަމަތީގަ ކޮފީތަށްޓެއް ހިފައިގެންނެވެ. ފްލަފީ އޭނަގެ ފައިމަތީގަ ނިދާލާފައި އޮތުމުން އެ މަންޒަރު ފޮޓޯއެއް ނަގާހިތުން ކެތެއް ނުކުރެވުނެވެ. ކިތަންމެ ފަހަރަކު ސިއްރު ނަޒަރުން ބަލައިލިޔަސް ހިތެއް ނުފުރެއެވެ. ލުކުމާންއަށް އެނގުނަސް ހެޔޮކަމަށް ނިންމާފައި އޭނަ ފޯނުނެގިއެވެ. އެންމެ ކްލިކަކުން އެތައް ފޮޓޯތަކެއް ފޯނަށް ނެގިގެން ދިޔުމާއިއެކު އިންސްޓަގްރާމް ހުޅުވާލައިފިއެވެ.

"ސަވާނާ...." ލޫކް ކުއްލިއަކަށް އޭނައާއި ހަތަރުކަޅި ހަމަކުރިއިރު ލުއި ހިނިތުންވުމެއް ފޮރުވައިގެން އިންފަދައެވެ. ބޭޒާރުވުމުން ލަދުންގޮސް ތުންފަތުގައި ދަތްއަޅައިލެވިއްޖެއެވެ.

"ހޫމް......" ސަވާނާގެ ހިތް ވެސް ހުއްޓުނުފަދައެވެ. ލުކުމާން ގޮވާލާއިރަށް ހިތަށް އެވާގޮތްގޮތް ބުނަން އުޅުނަސް އެހާ ފަސޭހަކަމަކަށްނުވާނެއެވެ. ހުއްޓިފައި ތެޅިގަންނައިރު ބައެއްފަހަރު ހަމައިން ނައްޓާލަފާނެފަދައެވެ. ހިތް ފުންމާލަފާނެހެން ހީވާފަހަރުވެސް އާދެއެވެ.

"އަހަންނަށްވެސް އިވޭ ވަރަށް ރީޑްކޮށްބަލަ. ދެމީހުން އެކަނި ގޭގައި އުޅޭއިރު ދެން ތިހެން ވާހަކަ ކިޔަން އޮތީމަ ފޫހިވާނެއްނު. ފްލަފީވެސް ފައިމައްޗަށް އަރާ ނިދިގަނޑެއް ޖަހައިލަނީ........" ލުކުމާންގެ ތޫނު ނަޒަރު އޭނައަށް ހުއްޓުނެވެ. ސަވާނާ ލަދުގަތް ނަމަވެސް އޭނަ ކިޔަން އޮތް ހިސާބުން ވާހަކަ ކިޔާދޭން އަނގަ ހުޅުވިއެވެ. އަޑެއް ނުނިކުތެވެ.

"އައި ތިންކް......ފިނިވީމަ ކަރުތެރެ ސަކަރާތްވެފައި." ސަވާނާ ކަރުކެހިލިއެވެ.

"އޯކޭ އަދިވެސް އިންސްޓާ ކުރަން ބޭނުންވަރަކަށް ފޮޓޯ ނަގާ. މޮޑެލްކޮށްދީފާނަން..." ނިދާފައި އޮތް ފްލަފީ އުރާލަމުން ފަޔާޕްލޭސްކައިރީ ލުކުމާން މޮޑެލްކޮށް އިށީންދެލިއިރު އެމޫނަށް އަނގުރު އަލިފާންކުލަ އަރާތީ މަންޒަރު ފުރިހަމަކަމުން ސަވާނާގެ އަނގަހުޅުވުނެވެ. ލުކުމާން މޮޑެލްކޮށްދޭން އެއްބަސްވުމުން ލިބިފައިވާ ކަންނެތްކަން ފިލާ ތެދުވެވިއްޖެއެވެ. އޭނަ ބޭނުންވާހާ ގޮތްގޮތަށް ސްނޯތެރޭގައި ފޮޓޯނަގަންވެސް ހުއްދަލިބުނެވެ. އެންމެފަހުން ލުކުމާން ބުނީ ހަނދާނަކަށް އޭނަވެސް ސެލްފީ ނަގާލަން ބޭނުންކަމުގައެވެ. ފްލަފީ އުރާލައިގެން ހުރެ ސަވާނާއާއި މޫނު ޖައްސާލައިގެން ހުރެ ނެގި ސެލްފީ އެހާ ނަލައެވެ. މިއިން ޒަމާނެއްގައި އުފާނުވާވަރަށް ސަވާނާ ހުރީ އުފާވެ ހިތްހަމަޖެހިފައެވެ.

"ހެޕީ؟ " ލުކުމާން ސަވާނާގެ ދެކޮލުގައި ބާރަކަށް ހިފާ ކުޑަކޮށް ދަމައިލަމުން ހީލިއެވެ.

"ނައު އިނަފް.....ފިނިވެފައި ތިހިރީ. ދެން ހިނގާ ހޫނު ޗޮކްލެޓެއް ނަމަވެސް ބޯލަން....." ލުކުމާން ކާކޮޓަރިއަށްވަދެ އަމިއްލައަށް ހޫނު ޗޮކްލެޓް ޑްރިންކަކާއި އެޕްލް ޕައި ގެނެސް ކާންދިނެވެ. ލުކުމާން އެހާ ހެޔޮވެ ހުރިހާކަމެއް ކޮށްދެނީ ދަރިފުޅަށްޓަކާކަން ސަވާނާއަށް އެނގެއެވެ. އޭނައަށްޓަކާ އެހިތުގައި އެކައްޗެއްވެސް ނުވާނެއެވެ. ލުކުމާން ކުޑަކުދިންނާއިހެދި އުޅޭކަމީ ނަސީބެކެވެ. އެންމެކުޑަވެގެން އޭނައަށް ހަމްދަރުދީވެ އެހީވާން އެބަހުރި ނޫންހެއްޔެވެ.

ގަޑިއެއްހާއިރު ފަހުން ކޮންމެވެސް މީހަކު ބެލްޖެހުމުން ލުކުމާން ދޮރު ހުޅުވަން ދާންވެގެން ތެދުވުނެވެ. ލުކުމާން ސަވާނާއަށް ގޮވައިލިއެވެ. ދޮރުމައްޗަށް އެރުމާއިއެކު ދެލޮލުގެ ވިދުންގަދަވިއެވެ. ޔޫކޭއަށް އައުމަށްފަހުވެސް މާ ފޮނުވާ މީހާ ގަވައިދުން މާ ފޮނުވުން ހުއްޓައެއްނުލިއެވެ. މިފަހަރުވެސް އެއޮތީ ފިނިފެންމަލުގެ ބުކޭއެއް ފޮނުވާފައެވެ. އެމީހާ އެމާ ތައް ފޮނުވަނީ ކޮން ނިޔަތެއްގައި ކަމެއްވެސް ނޭގެއެވެ. އޭނަ މަލާއިހެދި އުޅޭތީބާވައެވެ. ސަވާނާގެ މޫނަށް އެރި ކުލަތައް ލުކުމާން ހުރީ ބަލާށެވެ. އެކަން އެނގުމުން ސަވާނާ ގަސްތުގައި މާތަކުގައި ބޮސްދިނެވެ.

"މާ ލިބުނީމަ ކުއްޖަކު މިވާ އުފަލެއް ދޯ. އެކަމަކު މާ ފޮނުވަނީ ކާކުކަން އަހަންނަށް އެހިދާނެތަ؟ " ލުކުމާން ދޮރުލައްޕާލާފައި ދޮރަށް ލެނގިލައިގެން ހުރިއިރު އެލޮލުން ފެންނަ ކުލަ ތަރުޖަމާކުރާކަށް ސަވާނާއަކަށް ނޭގުނެވެ. އޭނައަށް މާ ފޮނުވާ މީހަކާއިމެދު ސުވާލުކުރާނީ ރުޅިއައިސްގެން ބާވައެވެ. ޔަގީނުންވެސް މިއީ އޭނައަށް ހެޔޮއެދޭ ފަރާތެކެވެ. އޭނަ އުފަލުން ބަހައްޓަން އެމީހަކު އެދެނީއެވެ.

"އައި ހޯޕް އިޒިކް އޭ ނުބުނާނެކަމަށް..." ސަވާނާ ކުޑަކޮށް ހީލިއެވެ. ލުކުމާންގެ ކައިރީ ކިތަންމެ ބަސްއަހައިގެން އުޅުނަސް އޭނަގެ ލާނެތް ބައި ފާޅުކުރަން ކެތްނުލަވާފައެވެ. އެ މައުސޫމް ސާދާ އަންހެންކުއްޖާގެ ލަދުރަކި ހީލުމާއި ގަޔާވެވުނަސް ސަވާނާދެކެ ލޯބިވެވިގެން ނުވާނެކަމަށް އޭނަގެ ހިތް ތަކުރާރުކޮށް އިންޒާރުކުރެއެވެ. އިމާދުއްދީންގެ އާއިލާގެ މީހުންނަށްޓަކާ ގަދަކަމުންވެސް އޭނަ ހިތްހަރުކުރާނެއެވެ. ނަމަވެސް ދަރިފުޅަށްޓަކާ އޭނަ ސަވާނާއަށް އެހީތެރިވެދީ އަޅާލާން ޖެހިފައިވާއިރު ދުރުކޮށްލެވޭކަށްވެސް ނެތެވެ. އެނގޭހާ އެއްޗަކީ ސަވާނާއާއިމެދު ގިނަގިނައިން ވިސްނޭކަމެވެ. ސަވާނާ ދެރަކޮށްލާފައި ބެހެއްޓުމުން ދަރިފުޅަށް އަސަރުކޮށްފާނެތީ އޭނަ ކަންބޮޑުވެއެވެ.

"އިޒިކްއާއިމެދު ޝައްކެއްނުކުރަން. ފެންނަހާ އަންހެނުންނާއިހެދި ހިނގާ އުޅޭ ޓައިޕެއްނޫން. އަދި ހަނދާން ނައްތާނުލައްޗޭ. އެއީ އަހަރެންގެ ބޭބެ ކުރިން އެހެން އަޅުވާކީއިރުވެސް އެކަމާއި އިޒިކް ހުރީ ނުރުހުންވެފަ...................." ލުކުމާން ވަގުތުން އިޒިކް ދިފާއުކުރިއެވެ. ސަވާނާ ހިނި އައެވެ. ކުރިން އެހާވަރަށް އިޒިކްއާއި އަޅުވާ ކިޔާފައި ބަދަލުކޮށްލިލެއްވެސް އަވަހެވެ. ސަވާނާ ވާސްގައި މާތައް އަތުރަން ވެގެން ސޯފާގައި އިށީދެ ފަހަރު މަލެއްގައި ވަސް ބަލައިލިއެވެ.

"ތެދަށް ބުނަންޏާ މާ ފޮނުވަނީ މިސްޓީރިއަސް ފަރާތަކުން. ކިތަންމެ ދެރަވެފައި ހުއްޓަސް މާތައް ފެނުމުން އުފާވޭ. ކުޑައިރުއްސުރެ ފްލާވާސްއާއި ހެދި މޮޔަވާތީކަން ނޭގޭ."

"އެކަމަކު ކޮންމެ ކޮންމެ މީހަކު ދޭ މަލެއްގައި ހިފާއިރު އެމީހާގެ ނިޔަތް އެނގެނީ ކިހިނެއް؟ އެމީހަކު މާ ފޮނުވާނީ ކޮންމެވެސް އެއްޗެއް ހިތުގައި އޮތީމައެއްނު. މިހެން ބުނާއިރުވެސް އެޑްމަޔާ ކުރާ މީހަކު ފޮނުވީމަ ދެން މަލުގައި ހިފޭނެކަން އެނގޭ. އެނީވޭސް އިންސްޓާ ކޮށްފައި ހުރި ފޮޓޯތައް ޕާފެކްޓް....." ލުކުމާން ތައުރީފުކުރުމުން ސަވާނާ ރަކިވާގޮތްވިއެވެ. ލުކުމާންއަށް ފާހަގަކުރެވުނީ ސަވާނާ އަށް އޭނަ ދިން ރޫބީ އަނގޮޓިއަށް ސަވާނާ ބަލާވަރެވެ. ފިރުމާލާގޮތެވެ. އަގުހުރި އެއްޗެހި އޭނަގެ އަތުގައިވެސް ހުންނާނެއެވެ. ނަމަވެސް އޭނަދިން އެއްޗަކަށްވުމުން ޚާއްސަވީއެވެ. ލިވިއާއާއި ހާދަ ތަފާތެވެ. ދެކުދިން ލޯބިވާގޮތް ތަފާތެވެ. ލިވިއާ ލޯބިވީކަމަށް ދައުވާކުރި އިރުވެސް އޭނަ އާދައިގެ އެއްޗެއް ދީފިއްޔާ އެކަމާއި ޝަކުވާކޮށް މައްސަލަޖައްސައެވެ. ރޫބީ އެއް ދިނުމުން އެވެސް މަސްނޫއީ އެއްޗެއްކަމަށް ހީކޮށް އެއްލައިލީއެވެ.

ދެވަނަފަހަރަށް ބެލް އެޅުމުން މިފަހަރު ދޮރު ހުޅުވާލީ ސަވާނާއެވެ. އަރުޖަމަންދުއާއި އިޒިކް ކާރުން ފޭބިގޮތަށް ޑިކީއިން ނެރުނީ ފުރޮޅުލީ ގޮނޑިއެކެވެ. ލުކުމާންވެސް ކާރާއި ދިމާލަށް ހިނގައިގަތެވެ. ސަވާނާ ދޮރު ލައްޕާނުލާ ބަލަންހުރިއިރު ފިނިގަދަކަމުން ރޫރޫއަޅަން ފެށިއެވެ. އެހެންވެ ކޮފީތަށީގައި ބާކީހުރި އެތިފޮދު ބޯލަންކަމަށް އެތެރެއަށް ވަނެވެ. ފަހަތުން ލުކުމާން އައިސްފާ އޭނަ ގެނެސްމޭގައި ޖައްސާލުމުން ތަފާތު އިހުސާސެއްކުރެވުނެވެ. އެފަދަ ކުދި ކުދި ބައްދާލުންތައް މިހާރު އާއްމުވާން ފަށައިފިއެވެ.

"އަހަރެން ބޭނުން ވާހަކައެއް ބުނެލަން......" ލުކުމާން ސަވާނާ ކުޑަކޮށް ދުރުކޮށްލާފައި މޫނުގައި އެއް އަތުން ހިފަހައްޓައިލިއެވެ.

"އަހަންނަށް އެނގޭ ކުއްލިއަކަށް އުފާވެރިކަމެއް ލިބުނީމަ ސަވާނާ މާ ބޮޑަށް އެކްސައިޓް ވެދާނެކަން. މަންމަ ނިޔާވެއްޖެއޭ ބުނެފާނެއްނު ހަމަ އޮޅުވާލަން ނޫނީ ކޮންމެވެސް ކަމެއް ފޮރުވަން ނޫނީ މީހަކު ޝަރީއަތާއި ހަމަޔަށް ގެންދަންވެސް. އެހާ އަވަހަށް މީހުންނަށް ޓްރަސްޓްކުރަންވާނެތަ. މަންމަގެ ފިއުނެރަލްއަކަށްވެސް ނުދަމެއްނު......... " ލުކުމާން ބުނަން ފެށިއެވެ. މަންމަގެ ހަދާންތައް އާވުމާއިއެކު ވަގުތުން ލޮލަށް ކަރުނަ ޖަމާވާން އުޅުނެވެ.

"މަންމަ ދެކެލަން ބޭނުމޭ ބުނުމުން މޫނު ނުދައްކާ ވަޅުލާނީ ހިތެއްވެސް ނެތް ބަޔެއްނު. ފިއުނެރަލްއަށް ނުގެންގޮސް ހުރެދާނެހެން ހީވިތަ؟ އެއްވެސް ބަޔަކު އެހާ ބޮޑު ދެރައެއްދީފާނެތަ. އެންމެ ފަހަރަކުވެސް ހިތަށް އެރިތަ މަންމަ ނިޔާވެއްޖެއޭ. އެގޮތަށް ފީލްވިތަ. މަންމަގެ ޑްރީމްއެއް އެއްޗެއް ފެނޭތަ؟ "ލުކުމާން ސަވާނާގެ އިސްތަށިގަނޑުގައި އިނގިލިތައް ހިންގަމުން ދިޔުމުން ލިބުނު އަރާމުގައި ދެލޯ މެރުނެވެ. އޭރު އިވެނީ ލުކުމާންގެ ހިތުގެ ތެޅުމުގެ އަޑެވެ. އެ ޓީޝާޓުގައި ހިފާފައިވާ ފިނިކަމާއިއެކު ދުވާ މީރުވަހުން ބަނޑު ފުރިއްޖެއެވެ. ނަމަވެސް ހަމަ އެކަނި ލުކުމާންއާއި ދޭތެރޭ ވިސްނާލައިގެން ނިންމާލެވޭކަށް ނެތެވެ. މަންމަގެ ވާހަކަ އެގޮތަށް ފެށުމުން އުއްމީދެއް އާވިއެވެ. ލުކުމާންގެ މަންމަ އެބުނާ އުފާވެރިކަމަކީ މިއީ ބާވައެވެ.

"މަންމަ.......ލޫކް ތިބުނީ މަންމަ......" ސަވާނާ ކުއްލިއަކަށް އިސްއުފުލާލުމަށްފަހު ދޮރާއި ދިމާލަށް ފިޔަވަޅެއްއެޅިއެވެ. އަނެއްކާ މަންމަ ދުނިޔޭގައި ހުރީބާވައެވެ.

"މަންމަ އޭރު ވަރަށް ސީރިޔަސްވިކަން އެނގޭނެ. ބޭރަށް ގެންގޮސްގެން ކޯމާއެއްގައި އެތައް ދުވަހެއްވާންދެން މަންމަ އޮތް. ހިތާމައަކީ އެހާ ދުވަހަށް ކޯމާއެއްގައި އޮވެފާ ހޭއަރާއިރު ސިކުނޑިއަށް ކޮންމެވެސް ވަރެއްގެ ގެއްލުމެއް ލިބިފައި ވާނީ. އައިމް ސޮރީ............"

"މައި މަމް އިޒް އެލައިވް؟" ސަވާނާ ވައިއަޑަކުން ސުވާލުކުރީ ލުކުމާންގެ އަތުގައި ހިފާ ބާރުކޮށްލާފައެވެ. އޭރު ސަވާނާގެ އުޖާލާ ދެލޮލުގައި ކަރުނަތިކިތައް ބަބުޅަންފެށިއެވެ. ލުކުމާން އާއެކޭ ބުނުމުގެ ގޮތުން ބޯ ޖަހައިލުމާއިއެކު ސަވާނާ އުފަލުން ފުރާނަވެސް އުދުހިގެން ދިޔަފަދައެވެ. ހެއްދެވި ފަރާތަށް އެތައް ފަހަރު ޝުކުރުވެރިވިއެވެ. މަންމަ ދެކޭހިތުން ބާރުބާރަށްގޮސް ދޮރު ހުޅުވާލައިފިއެވެ. އޭރު އިޒިކް މަންމަ އިން ގޮނޑި ދުއްވަމުން އައިސް ދޮރާއި ހަމަވީއެވެ. މަންމަގެ މޫނުމަތިން ވަރުބަލިވެ އަނގަ އެއްފަރާތަކަށް ދެމިފައި ހުއްޓަސް އިނީ ދެލޯ ހުޅުވާލައިގެން ބަލާށެވެ. ސަވާނާ ފެނުމުން އަތް ދިއްކޮށްލިގޮތަށް ނަބީލާގެ ދެލޯ ފުރިގެން ކަރުނަ ފައިބައިގަތެވެ. އުދަގުލުން ދޫ ހަރަކާތްކުރިއެވެ. ސަވާނާގެ ނަމުން ގޮވައިލިއެވެ. ސަވާނާ މަންމަގެ ގައިގާ ބައްދައިގަތްގޮތަށް ދުރުކޮށްލާކަށްވެސް ނޫޅުނެވެ. އެތައް ޝަކުވާއެއް ހިތުގައިވިއެވެ. އަރުޖަމަންދުމެން ހާދަ ދުވަހަކަށް އޭނައަށް މަންމަގެ ހާލަތު ސިއްރުކޮށްފިއެވެ.

"މަންމާ. އާ ޔޫ އޯކޭ މިހުރިހާ ދުވަހު މަންމަ ކޮންތާކު. މަންމައަށް އަދިވެސް ރަގަޅުނުވެއެއްނު. ކީއްވެ މަންމައަށް ނުހިގެނީ........." ސަވާނާ މަންމަގެ ކޮނޑުގައި ބޯއަޅާލައިގެން އޮތްއިރު ދެލޮލުން ކަރުނަ ފައިބަމުން ދިޔައެވެ. "މިހުރިހާ ދުވަހު ހީކުރީ މަންމަ އަބަދަށްޓަކާ ވަކިވެގެން ދިޔައީމަކަށް. މަންމަގެ މޫނު ދެކެލަން ނުދެވިގެން ހާދަ ދެރައެއްވިއޭ. ހީކުރީ މިހާ ބަދުނަސީބުވެރިޔަކު ދުނިޔޭގައި ނުވާކަމަށް"

"ނޫން ދަރިފުޅާ. ހެއްދެވިފަރާތުގެ ރަހުމަތާއި މެދު އުއްމީދު ކަނޑާލާކަށް ނުވާނެ. އިންސާނުން ދުނިޔެއަށް ފޮނުއްވީ އަޅުކަން ކުރަން. މިއީ އަބަދަށް ތިބޭނެ ދާއިމީ ގެއެއް ނޫން. ވީއިރު އެންމެ ބަދުނަސީބުކުއްޖާ ކަމަށް ހިތަށް ނާރުވާ. އެފަރާތުން އެތައް އެތައް ނިއުމަތެއް ދެއްވާފައިވާތީ ޝުކުރުކުރަންޖެހޭ. މަންމަ އަދިވެސް ފިޒިއޯ ހަދަން ޖެހޭ. އެއްފަޅީގައި އެއްކޮށް ވާގި ގޮސްފަ. މަންމަ މިއަދު ވަރަށް އުފާވެއްޖެ. މަންމަގެ ދެ ދަރިން........" ނަބީލާ އުދަގުލުން ކެނޑި ކެނޑިފާ ވާހަކަދެއްކިއިރު އެންމެ ކުރިން ދިނީ ނަސޭހަތެވެ.

ނަބީލާ އަތްދިއްކޮށްލީ ލުކުމާންއާއި ދިމާލަށެވެ. ލުކުމާން ގޮނޑިކައިރިއަށް ތިރިވިގޮތަށް ނަބީލާގެ އަތުގައި ހިފަހައްޓާލުމުން ނަބީލާގެ ހަދާނަށް އައީ މާޒީއެވެ. އެދެކުދިން ކުޑައިރުގެ ހަދާންތަކެވެ. އެއްކޮށް ނަގާފައި ހުރި ފޮޓޯތަކެވެ. ނަބީލާ ދެކެމުން އައި ހުވަފެން މިއަދު މިވަނީ ހަގީގަތަކަށްވެފައެވެ. އޭނަ ނަފްރަތުކުރި ލުކުމާން އެންމެފަހުން މިވީ އަމިއްލަ ދަރިއަކު ފަދައިން ލޯބިވި އެކުޑަ ކުޑަ ކުއްޖާއަށެވެ. އެންމެން އެކީގައި ކާކޮޓަރީގައި ކާއެއްޗެއްސަށް އިންސާފުކުރަމުން ދިޔައިރު އެމާހައުލުގައި ހިތާމައިގެ އެއްވެސް ކުލައެއް ނެތެވެ. ސަވާނާ އިނީ މަންމަމެން ދެއްކި ވާހަކަތަކުން އަޖައިބުވެ ގަނޑުވާގޮތްވެފައެވެ. އޭނައާއި ލުކުމާން ކުޑައިރު އެކީ އުޅެ ކުރާ މަޖާ ކަންތައް ކިޔާދިނުމުން އިޒިކްއާއި ލުކުމާންވެސް ތިބީ މަޖާވެގެން ހީހީއެވެ. ސަވާނާއާއި ލުކުމާން ކުޑައިރު ބުޅަލެއް ގެންގުޅުނުކަމަށްވެސް އަރުޖަމަންދު ބުނެލިއެވެ. މާޒީގެ އުފާވެރި ސަފުހާތައް ހުޅުވައިލިޔަސް ބައެއް ސަފުހާތައް ކަޅުކަމުން ހުޅުވާލާކަށް އެކަކުވެސް ބޭނުމެއްނުވިއެވެ. އިމާދުއްދީންގެ އަނިޔާވެރިކަމާއި އަރުޖަމަންދުގެ ހިތާމަވެރި ދިރިއުޅުމުގެ އެއްވެސް ވާހަކައެއް ނުދެކެވުނެވެ.

ރޭގަނޑު އަށެއްޖަހާ ބޮޑުވެއްޖެއެވެ. ރޭގަނޑުވިޔަސް ސްނޯގެ ސަބަބުން ބޭރު ފެންނަނީ އަލިކޮށެވެ. ޖަވާހިރު ދަޅަ އަޅާ ފަދައިން ވިދާ ސްނޯގެ ފުނިތައް ދުރުދުރަށްދާން ދެން ފެންނަން ހުއްޓެވެ. ފަޒާތެރޭގައި ސްނޯގެ އެތިކޮޅުތައް ކުދި ޕަރީއިންތަކެއްހެން ނަށަމުން ބިމަށް ތިރިކުރާއިރު ދުނިޔެމަތީގެ ކަމެއްހެނެއް ހިޔެއްނުވެއެވެ. ލޯތަކަށް ފިނިކަންދޭ ހިތްގައިމު އެ މަންޒަރުން ދައްކުވައިދެނީ ކުޅަދުންވަންތަކަމެވެ. އަރުޖަމަންދުގެ އާއިލާގެ އެންމެން ރޭގަނޑު ކެއުމަށްފަހު ސިޓިން ރޫމްގައި ވާހަކަދައްކާލަން އިރުކޮޅެއްވާންދެން ތިއްބެވެ. ނަބީލާއަށް ޚާއްސަކޮށްފައިވާ ނަރުސް އަންހެންކުއްޖާވެސް އެގަޑީގައި އައެވެ. މަންމަ ބެލުމަކީ ސަވާނާ ކުރަން ޖެހޭނެކަމަކަށް ވިޔަސް އަދި ސަވާނާގެ ހާލަތު ހުރިގޮތުން އެކަން ކުރުވާކަށް އަރުޖަމަންދު ބޭނުމެއްނުވެއެވެ. ބޭސްދީ ފެންވަރުވާ ކާންދީ ހުރިހާކަމެއްކޮށްދޭން އަންހެންކުއްޖަކު ގެނައީ އެހެންވެއެވެ. ސަވާނާ އޭނަގެ މަންމަގެ ކޮޓަރިއަށް ލާފައި އަންނާމޭ ކިޔާފައި ނަރުސްކުއްޖާއާއިއެކު ހިނގައިގަތެވެ.

"ލޫކް. ސޯ އަދިވެސް ނަންނިއާއި ދެމީހުންގެ ގުޅުން އޯކޭއެއް ނޫންތަ؟ އެކަހަލަ ގޮތެއް ހީވޭ. އެކަމަކު ބުނަން ލޫކް. އެކަހަލަ އަންހެންކުއްޖެއް މި ޒަމާނުގައި ލިބުން ފަސޭހައެއްނުވާނެ. ހަމައެކަނި ބަލައިލަން ރީތިވުން މުހިއްމެއްނޫނެއްނު. ޖިލް ގެ ނެތީ ކޮންކަމެއް؟ ރަގަޅު އާއިލާއަކުން އައިސްފާ ހުރި ތައުލީމީ ރީތި އަންހެންކުއްޖެއް. އެކަމަކު ޝައްކުކުރަންފެށީ. އެންމެ ފަހުން ދެމީހުން ބްރޭކްއަޕްވާން ޖެހުނީ މެރިޖްއާއި ހަމަޔަށްވެސް ނުގޮސް. ލޫކް އެމީހަކާއިހެދި އުޅުނު ލިވިއާގެ ހަގީގަތް އަހަންނަށްވެސް އެނގުނު. އޭނަ އިމާދުއްދީންއާއިއެކު ޗައިނާއަށް ދިޔަ ވާހަކަ ކޮންމެވެސް ބަޔަކު ދެއްކިއޭ ކިޔައިގެން އުޅުނުއިރު ގަބޫލުކުރާކަށް ބޭނުމެއްނުވި. ފަހުން އެ އަންހެންމީހާގެ ދަރިފުޅު އޭނަގެ މަންމަގެ ފޯނުން ފޮޓޯތަކެއް ނަގައިގެންގޮސް ފްރެންޑެއްގެ ފޯނަށް ވައިބާކުރީ. އޭނަ އަހަންނަށް ދެއްކީ. ބަލާބަލަ ލޫކް....." އިޒިކް ފޯނު ހުޅުވާލާފައި ފޮޓޯއެއްދެއްކުމުން ލުކުމާންގެ ބުމަ ގޮށްޖެހުނެވެ.

"ލިވިއާގެ ޕާސްޕޯޓުން އޭނަ ޗައިނާއަށް ދިޔަކަންވެސް އެނގުނު ޕާސްޕޯޓް ފޮރުވައިގެން ގެންގުޅުނީ. ލިވިއާ ފޯނުގައި ޕާސްވޯޑެއްޖަހައިގެން ގެންގުޅުނީ އެކަމަކު ޗެކްކުރިން. ޗެޓްލޮގްވެސް ފެނުނު. އަންހެނުންނަށް ޓްރަސްޓްކުރާކަށް ނުވާނެ. ދޭ އާ އޯލް ސޭމް........." ލުކުމާން ހިތިގޮތަކަށް ހިނިތުންވެލިއެވެ.

"ސަވާނާ ކިހާ ތަފާތު..." އިޒިކް ބުނެލިއެވެ.

"ލެޓްސް ސީ......"

"އެކީގައި އުޅެންފެށީމަ އަދި ލޯބިވެސް ވެވޭނެ. އެހާ ރަގަޅު އަންހެންކުއްޖެއް އެއީ. ސަވާނާ ދެރަނުކުރައްޗޭ. މިހެން ބުނީމަ ދެން ލޫކް އަހަންނާއި އަޅުވާކިޔާނީއެއްނޫން. މަންމަ މާ ކުރީއްސުރެން އަހަންނަށް އިންޑިރެކްޓްކޮށް އަންގައިފި ސަވާނާ އަކީ ފަހަރިކަން. ފަހަރިއެއްގެ ގޮތުގައި ކަންތައްކޮށްދޭން. އެހެންވެ އޭރުއްސުރެ ޝީޒް ލައިކް އެ ކިޑް ސިސްޓާ. ވަން މޯ ތިންގް. ކައި އުޅެނީ ސްޕެޝަލައިޒްވާން ދޯ. މިހުރިހާ ދުވަހު އެމްބީބީއެސް ހަދާ ނިންމާފައި ބިޒިނަސް ތެރޭ އުޅުނީ. އަންކަލް މަޖުބޫރުކުރަން ފެށީމަ އެންމެފަހުން ސިއްރުން ޔުނިވާސިޓީއަށް އެޕްލައިކޮށްގެން ޖާގަ ލިބިފައި އޮތް ވާހަކަ ބުނީ...އެހެންވެތަ ލޫކްވެސް ޔޫކޭގައި މަޑުކުރަން ނިންމީ؟ " އިޒިކް އަހާލުމުން ލުކުމާން ހީލިއެވެ. އޭނަ ދެން ބުނި ވާހަކައަކުން އިޒިކްވެސް ސިހޭގޮތްވިއެވެ.

"ދެމީހުން ކިޔެވީ އެކީ. އެހެންވެ އެހާ ފްރެންޑްވީ. ހީ ވޯޒް މައި ރޫމްމޭޓް. ޑޮކްޓަރުކަން ކިޔެވީ ލިވިއާއަށްޓަކާ. ލިވިއާ ބޭނުންވީ ޑޮކްޓަރަކާއި މެރީކުރަން. ގަދަރުވެރި މީހުން އިހުތިރާމްކުރާ ވަޒީފާއެއްގައި ހުންނަން. އެންމެ މުސާރަ ބޮޑު ވަޒީފާއަށް ދާން އޭނަ އެދުނީ. ދުނިޔޭގައި ނެތް އެހާ ފޫހިވި ކަމެއް. އެކަމަކު ލިވިއާ އެހާވަރުން މަޖުބޫރުކުރީމަ ކިޔަވަން ދިޔައީ. އެމްބީބީއެސް ނިންމާފައި މާލެ އައިސްފާ ލިވިއާ ކައިރީ ބުނިން ލިވިއާއަށްޓަކާ ކިޔެވީއޭ. އަދި ޖޮބެއް ހަމަނުޖެހިގެންނޭ. ފަހުން އެކަމާއިވެސް ޝައްކުކުރަންފެށީ. ހަގީގަތުގައި ލައިސަންސް އެގްޒޭމް ނަހަދާ އޮތީމަ ޖޮބް ނުލިބުނީ. އެންމެފަހުން ދިރިއުޅުމަށް އައި ޗޭންޖަކުން ވިޔަފާރީގެ ކަންތައްތަކުގައި އުޅެވުނީ. ކައި ބޭނުންވީމަ ސްޕެޝަލައިޒްވާން އެޕްލައިކޮށްގެން ދެމީހުންނަށް ޖާގަ ލިބުނީ އެހެންވެ ޔޫކޭގައި މަޑުކުރަން ނިންމީ................." ލުކުމާން ގެ ވާހަކަ އިވިފާ އިޒިކް ހުރީ ހުއްޓުން އަރާފައެވެ. ދެވަނަ ސިކުންތުކޮޅުގައި ލުކުމާންގެ ގައިގާ ބާރަކަށް ބައްދައިލިއެވެ. އިޒިކްއަށް މަތިވެރި އުފަލެއްލިބުނެވެ. މަންމައަށް މި ޚަބަރު އިވިއްޖެއްޔާ އުފަލުން ސަދަގާތްކުރާނެއެވެ. މި ޚާންދާނުގައި ގިނައީ ޑޮކްޓަރުންނެވެ. ވަކި ހިސާބަކުން ރިޓަޔާވެގެން ވިޔަފާރީގައި އުޅުނަސް ހުރިހާ ޒުވާނުންވެސް ޑޮކްޓަރުންނަށްވާން މައިންބަފައިން ބާރު އަޅާ ސަބަބަކީ ރިކޯޑެއް ހަދަންބާވައޭވެސް އިޒިކްހިތަށް އަރައެވެ. އެއީ ޑޮކްޓަރީ ޚާންދާނެކެވެ.

ލުކުމާން ކޮޓަރިއަށް ވަންއިރު ސަވާނާ ނިދަން ތައްޔާރުވަނީއެވެ. ހަނދުވަރުފަދަ ލޮލަށް ފަސޭހަ ހިތްގައިމު އައްޔެއް މުޅިތަނަށް ފެތުރިފާވެއެވެ. މިއަދު އެހާ މަޖާކޮށް ހީހީފައި އުޅުނު ސަވާނާގެ މޫނު މިލާފައިވާ ތަން ފެނުމުން ލުކުމާންގެ ހިތުގައި ސުވާލު އުފެދުނެވެ. ސަވާނާ ކްލޯޒެޓްގައި ހެދުންތައް އަޅުވާފައި ނުކުތްގޮތަށް އެނދާއި ދިމާލަށް މިސްރާބުޖެހިއެވެ. ލުކުމާންއާއި ދިމާލަށް ނުބަލަން މަސައްކަތްކުރާފަދައެވެ.

"ވަޓް ހެޕެންޑް........" ލުކުމާން ސަވާނާގެ ފައި އުނގަށް ލައިގެން އިށީނެވެ. މަޑުމަޑުން ފައިތިލަ މަސާޖުކޮށްލަދޭން ފަށައިފިއެވެ.

"ރަށަށް ނުދެވިގެން...." ސަވާނާގެ މުޅިގަޔަށް ހީލި އަރާގޮތްވިއެވެ.

"ވީ އާ ނޮޓް ގޮއިން ބެކް. ވިސާ ހަދައިގެން މިކޮޅަށްއައީ އެނބުރިދާގޮތަކަށް ނޫން. އަހަރެމެންގެ ފެމިލީ މިހާރު މިވީ މިތާ ދެން ކީއްކުރަން މާލެ ދާންވީ. އައިމް ހިއަ. އަހަންނަކީ ސަވާނާގެ ފެމިލީއެއްނު............" ލުކުމާން އެއްބުމަ އަރުވައިލިއެވެ.

"އައި މިސް ޑޭޑް...." ސަވާނާ ކުއްލިއަކަށް ހީވީ ރޮއިގެންފާނެހެންނެވެ.

"ލުކް ސަވާނާ. ހީ ކޮމިޓެޑް އެ ކްރައިމް. އެހެންވީމަ އެކަމުގެ ޕެނަލްޓީ އޮންނާނެ ދޯ. އެއަށްފަހު ބައްޕައާއި މީޓްކުރެވޭނެ ދުނިޔޭގައި ތިބެއްޖެއްޔާ...."

"އިންސާފަކުން ނޫނެއްނު ލޫކް ބައްޕަ ޖަލަށްލީ. މަންމަ މަރައިލީއޭ ކިޔާފަ. މަންމަ މަރެއްނުވޭ. ދެން އެކަހަލަ މޮޔަ ޝަރީއަތްވެސް ކުރަނީތަ؟ މަންމަ ދުނިޔޭގައި ހުރިކަން ބަލާވެސް ނުލާ އެމީހުން ބައްޕަ ޖަލަށްލާން ޖެހުނީ. އިޓްސް ނޮޓް ފެއާ. ކީއްވެ އިންސާފުވެރި ޝަރީއަތެއް ނުބޭއްވެންވީ. ކުށެއްނެތް ކިތައް މީހުން އެގޮތަށް ބަންދުކޮށްފައި ތިބޭނެތަ. ބޭނުން އެމީހުންނަށް ހަގީގަތް އަންގާ މިހާރުވެސް ބައްޕަ ދޫކޮށްލާށޭ ބުނަން. ލޫކް ދޮގުހަދައިގެން ބައްޕަ ޖަލަށްލީ. ޕްލީޒް ޓެލް ދެމް ދަ ޓްރުތް......" ސަވާނާ ހިންދިރުވައިލިއެވެ.

"ބައްޕަ ޖަލަށްލާފައި ހުރީ ލޯމަރާލައިގެން ތިބެ ޝަރީއަތްކޮށްގެނެއް ނޫނޭ. މަސްތުވާތަކެތީގެ ވިޔަފާރިކުރުމުގެ ސަބަބުން. އޭނަ އަތުލައިގަތީވެސް އެތައް ކިލޯގެ ހިރޮއިންއާއިއެކު އެހެންވެ ބައްޕަ ޖަލުގައި އޮތީ....މަންމައަށް ތަންކޮޅެއް ރަގަޅުވީމަ އަދި މަންމަ ބުނާނެ އެދުވަހު ކަން ހިނގިގޮތް. އޭރުންވެސް ސަވާނާ ބުނާނެ ދޯ އަހަންނަކީ ދޮގުވެރިޔެކޭ..............." ލުކުމާންގެ ވާހަކަތަކުގައި ހަގީގަތްވާކަމަށް ގަބޫލުކުރެވުމުން ހުރިހާ އުއްމީދުތަކެއް ފެނަށްވިއެވެ. ވީއިރު ލުކުމާން މިހުރީ ރާއްޖެ ނުދާގޮތަށް ނިންމައިގެން ހެއްޔެވެ؟

"އޯ ގޯޑް........" ސަވާނާގެ ލޮލުގައި ރިއްސައިލިއެވެ. ބައްޕަ މަސްތުވާ އެއްޗެހީގެ ވިޔަފާރިކުރާކަމަށް ގަބޫލުކުރާކަށް ހިތް ތައްޔާރެއްނޫނެވެ. ނަމަވެސް ބައްޕައާއި ރިޒާ ގެންދިޔަ ދަބަހާއި އެމީހުން އުޅުނުގޮތް ހަދާންވެ ރޮވޭގޮތްވިއެވެ.

"ޑޯންޓް ވޮރީ. ހުރިހާކަމެއް ދާނީ އިންސާފުން. އަނިޔާލިބިފައިވާ މީހުންނަށް އިންސާފު ލިބޭނެ. އަދި މި ސްޓުޕިޑް ކުއްޖާއަކަށް ނޭގެނީ ބައްޕަ ތި ކިޔާ މީހާގެ އަނިޔާވެރިކަން. އޭނަ އަނިޔާކޮށްފައިވާ މީހުންނަށްޓަކާ އިންސާފު ހޯދާކަށް ނުޖެހޭތަ. އައިމް ސޮރީ މިވާހަކަދައްކައިގެން ހާޓްކުރެވޭތީ. އެކަމަކު................"

"އޯކޭ. އެކަމަކު އިހަށް އެވާހަކަ ނުދައްކަފާނަންތަ ޕްލީޒް. ކީއްވެ ލޫކް ރަށަށް ނުދާން ނިންމީ....ރާއްޖެ ދެކެ ފޫހިވީތަ؟

"ރާއްޖެދެކެއެއް ނޫން ފޫހިވީ. އެކަމަކު ރާއްޖެ ދާން ބޭނުންނުވާ ސަބަބެއް އޮވެދާނެ ދޯ. އެނީވޭސް އަހަރެން މިއުޅެނީ އިތުރަށް ކިޔަވަން. ޔުނިވަސިޓީއިން ޖާގަލިބިފައި އޮތީ. ރާއްޖެ ދެވުނަސް ހަތަރު ފަސް އަހަރު ނަގާފާނެ.............." ލުކުމާންގެ އެ ޖަވާބުން ސަވާނާ ދެލޯބޮޑުކޮށްލިއެވެ. ހުރިހާވެސް މައްސަލައަކީ އޭނަގެ ބައްޕައެވެ. އޭނަގެ ބައްޕައުޅޭނެ ހާލު ހިތަށް އަރާފައި ދެރަވަނީއެވެ. ބައްޕައަށް ސަލާމް ނުކޮށް އާދެވުނީމަ އެކަމާ ވިސްނެނީއެވެ. ނަމަވެސް ލުކުމާންއަކީ އޭނަގެ އާއިލާއެވެ. ފިރިމީހާއެވެ. ދަރިފުޅުގެ ބައްޕައެވެ. އޭނަގެ ހިތުގެ ވެރިޔާއެވެ. ލުކުމާންއަށްޓަކާ އޭނަ ކޮންމެފަދަ ގުރުބާނީއެއްވެސް ވެދާނެއެވެ. އެކަން ލުކުމާންއަށް އެނގޭނެނަމައެވެ. އެކަން ދަންނާނެނަމައެވެ.

ލިވިއާ ސަވާނާގެ އިންސްޓަގްރާމް ހާވާލާހިތުން ނުހުރެވިގެން ހުޅުވައިލުމުން ހިތުގެ ޒަޚަމްތަކަށް ލޮނުމިރުސްލުންފަދަ ވިއެވެ. ސަވާނާ އާއްމުކޮށް ފޮޓޯތައް ލާ ކުއްޖަކަށް ނުވިޔަސް ޔޫކޭގައި ނަގާފައި ހުރި ތަފާތު ރީތި ފޮޓޯތަކެއް ހުއްޓެވެ. ހުދު އީޓުތަކުން ހަދާފައިވާ ރީތި ގެއެއްގެ ގޯތީގައި ހިނގަން ހަދާފައި އޮތް މަގުގެ ދެފަރާތުގައި ސްނޯގެ ފުނިތަކެވެ. އެއްކައިރިން ސަވާނާ ރަތްކުލައިގެ މާބޮނޑިއެއް ސްނޯމަތީގައި ބާއްވައިގެން އިންއިރު ފެންނަނީ ހަމައެކަނި އޭނަގެ ދޮން އަތްތިލައެވެ. ލިވިއާ އެންމެ ބޮޑަށް ސިހުނީ އެ އަތުގައި އޮތް ރޫބީ އަނގޮޓި ފެނިފައެވެ. އޭނައަށް ލުކުމާން ހަދިޔާކުރި އޭނަގެ އަނގޮޓީ ސަވާނާގެ އިނގިލި ފަޅުފިލުވާލާފައިވިއެވެ. ޒޫމްކޮށްގެން ބެލުމުން އެކަން ޔަގީންވިއެވެ. " ސޯ ލޫކް މާތައް ގަންނަނީ ނަންނިއަށް ދޭން ދޯ. އަދި ކިރިޔާ އެނގުނީ" ކައިދަން ކުރި ކޮމެންޓަކަށް ލުކުމާން އިނީ ހިނިތުންވެލާފައި އިމޯއެއް ފޮނުވާފައެވެ. ލިވިއާގެ ހިތް ކުދިކުދިވެގެން ފައިބައިގަތެވެ. ލޮލުގައި ގިނަވެގަތް ކަރުނަތައް ދަތްދޮޅިން ތިކިތަޅަންފެށީ ފޯނަށެވެ. ދެން ހުރިފޮޓޯގައި ފްލަފީ އޮތީ ސްނޯއާއި ކުޅޭށެވެ. އެފޮޓޯވެސް ބަލާ ބަލާ ފޫހިނުވާހާ ލޯތްބެވެ. ލޯބި ހުސްކޮށްލާފައެވެ. ފްލަފީ އެރަށަށް ގެންދިޔަގޮތެއްވެސް ނޭގެއެވެ. މުއްސަދިންނަށް ނުވާނެ ކަމެއް ދުނިޔެމަތީގައި ހަމަ ނުވަނީބާވައެވެ. އަދި ސަވާނާ ލުކުމާންގެ ފޮޓޯތަކެއް އިންސްޓަކޮށްފައި ހުރުމުން ބަޔާން ނުކުރެވޭފަދަ އަސަރުތަކެއް ހިތަށް ކުރިއެވެ. ބަލާބަލާ ފޫހިނުވާފަދަ ހިތްގައިމު ފޮޓޯތަކެވެ. ލުކުމާން މިހާ ހަމަޖެހި އުފާވެފައި ހުއްޓާ އޭނަ ދުވަހަކުވެސް ދެކެފައެއްނުވެއެވެ. ދުނިޔޭގެ ހުރިހާ އުފަލެއް އެ ދެލޮލުގައިވާފަދައެވެ. އެހިނިތުންވުން ރަމްޒުކޮށްދެނީ ލޯތްބެވެ. އޯގާތެރިކަމެވެ. އެހާ ފުރިހަމަ އިންސާނަކު އޭނަގެ ދިރިއުޅުމަށް އައުމުން ކުނިކޮޅެއްހެން ނަގާ އެއްލާލެވުނީއެވެ. އެއްޗެއްގެ އަގު ވަޒަން ކުރެވޭނީ އެއެއްޗެއް އަތުން ބީވެ ދިޔުމުންނޭ ބުނާއުޅޭ އަޑު އޭނަ އަހައެވެ. މިއީ އޭގެ މިސާލެކެވެ. ލުކުމާން އެދިޔައީ އޭނަގެ ހިތް ހަލާކުކޮށްލާފައެވެ. އެހާ ދުރުގައި ހުރެ ތަސްވީރަކުންވެސް އޭނަގެ ހިތް ފޫ އަޅުވާލައިފިއެވެ. ލިވިއާ އާލިމާއަށް އެފޮޓޯތައް ދައްކާފައި ރުޔެވެ. ސަވާނާގެ އިނގިލި ކަޑާލާފައިވެސް އެ އަނގޮޓި އަތުލާނެކަމަށް ރޮއިރޮއިފާ ކިޔަންފެށިއެވެ.

"ޑޯންޓް ކްރައި. ރޮއިގެން ކާމިޔާބެއްނުވާނެ. ރަށުގައި ހުރެއެއްނު ތައްޚާނުބެ. އޭނަ ސިހުރު ހަދާލައިގެން މީހުން މަރާލާކަމަށްވެސް ވޭ. ލޫކް ދީވާނާވެގެން ފަހަތުން އަންނަވަރުގެ އެތިފަހަރެއް ހެދިދާނެ. ކައިދަން ބޮލަށް އެރިގެން ފައިސާގަނޑެއް ހޯދައިގެން ރަށަށް ދަތުރެއް އަޅާލަމާ........." އާލިމާ ހީހީފައި ކިޔައިލިއެވެ. އާލިމާގެ ވާހަކަ ގަބޫލުކުރާކަށް ފަސޭހައެއްނޫނެވެ. ލުކުމާން ފަންޑިތައާއިވެސް ހަގުރާމަކޮށްފާނެއެވެ. ސިހުރުވެރިންނާއި ކުރިމަތިލައިގެންވެސް ގޮތްދޫނުކުރާފަދަ ޒުވާނެކެވެ. އެލޮލުން ފެނުނު ބީރައްޓެހިކަމާއި ފިނިކަން ލިވިއާގެ ލޮލުގައި ރައްކާކުރެވިފައިވެއެވެ. ކުރިން އޭނައަށް ޚާއްސަކުރެވުނު އެ ކަތި ނަޒަރު ދެން ދުވަހަކު ނުފެންނާނެއޭ ހިތަށް އަރާފައި މޭގައި އަތްއަޅާ ބާރުކޮށްލެވުނެވެ. އަމިއްލަ ނަފުސަށް މަލާމާތްކޮށްފައި އިރުއިރުކޮޅާ އޭނައަށް އިންސްޓަގްރާމް ހުޅުވައިލެވުނެވެ. އޭރު އާލިމާ ފެންވަރާލައިގެން ގޮސް ޓީވީ ހުޅުވާލައިގެން ޑްރާމާއެއް ބަލަންފެށިއެވެ. ދުނިޔޭގައި އުޅޭ ކުރު ކުރު މުއްދަތުގައި ހިތާމަނުކޮށް އުފަލުގައި އުޅެން ދަސްކުރަންވާނެކަމުގައި ބުނެ އޭނަ އިނީ ހީހީއެވެ. ހަގީގަތަކީ އޭނަ ރަށުގައި ދިރިއުޅުނު އުޅުމާއި ބަލާފައި މާލެ ދުނިޔެމަތީގެ ސުވަރުގެކަމުގައި ބެލިފައިވާތީއެވެ. މާޔޫސްވެ ތަފާތު ވައްތަރުގެ ގޯނާތަކުގެ ޝިކާރައަކަށްވެ ދިރިއުޅުމުން އަތް ދޮވެލާ ހިސާބަށް ގޮސްފައިވާ އަންހެންކުއްޖަކަށް މި ތިން އަހަރު ތެރޭގައި ލިބުނީ އުފަލާއި ހިތްހަމަޖެހުމެވެ. ސަވާނާއާއި ރުޅިވެވުނުކަމަށްޓަކާ ކޮންމެވެސް ވަރަކަށް ހިތާމަކުރިޔަސް އެކަމާއި ވިސްނައިގެން ދެން ލިބޭނެ މޮޅެއްނެތްކަން އޭނައަށް އެނގެއެވެ.

ނަބީލާއާއި އަރުޖަމަންދު ދެއްކި ވާހަކަތައް އިވުމުން ސަވާނާ އަނބުރައިނުގަތީ ހަމަކިރިޔާއެވެ.

"ނޫން ނޫން ތިއީ ތެދަކަށް ނުވާނެ..." ސަވާނާ ހުއްޓުން އަރާފައި ހުރިއިރު ދެލޯ ފެންކަޅިވެއްޖެއެވެ.

(ނުނިމޭ)

comment ކޮމެންޓް