އެލެކްޓްރޯނިކްސް ސާމާނުގެ އެންމެ ބޮޑު މައުރަޒުން ކަރަންޓު ކެނޑިއްޖެ!

އެމެރިކާގައި މިހާރު ކުރިޔަށްދާ ކޮންސިއުމާ އިލެކްޓްރޯނިކްސް ޝޯ --- ފޮޓޯ/ ގެޓީ

ދުނިޔޭގެ އެންމެ ބޮޑު އިލެކްޓްރޯނިކްސް ފެއާ ކުރިޔަށް ދިޔަ ތަނުން ކަރަންޓު ކެނޑިއްޖެ އެވެ.

އިލެކްޓްރޯނިކްސް ސާމާނު އުފައްދާ ބައިނަލްއަގުވާމީ ކުންފުނިތަކުގެ އެންމެ ބޮޑު މައުރަޒަކީ ކޮންސިއުމާ އިލެކްޓްރޯނިކްސް ޝޯ (ސީއީއެސް) އެވެ.

އެމެރިކާގެ ލަސް ވޭގަސްގައި އެ މައުރަޒު މިހާރު ކުރިޔަށްދާ އިރު، އިއްޔެ އެ މައުރަޒުން ވަނީ ކަރަންޓު ކެނޑިފަ އެވެ.

ލަސް ވޭގަސް ކޮންވެންޝަން ސެންޓަރުން ކަރަންޓު ކެނޑުނީ އިއްޔެ ހެނދުނުގެ ވަގުތެއްގަ އެވެ. ކަރަންޓު އަނބުރާ އިޔާދަ ކުރެވުނީ ދެ ގަޑިއެއްހާ އިރު ފަހުންނެވެ.

ކަރަންޓު ކެނޑުމާ އެކު، ސީއީއެސް އިންތިޒާމުކުރާ ކޮންސިއުމާ ޓެކްނޮލޮޖީ އެސޯސިއޭޝަނުން ވަނީ މައުރަޒުގެ ބައިވެރިން ވަގުތުން ކޮންވެންޝަން ސެންޓަރުން ބޭރަށް ނެރެ، އިވެކުއޭޓް ކޮށްފަ އެވެ.

މައުރަޒު އިންތިޒާމުކުރި ފަރާތުން ބުނީ، ކަރަންޓު ކެނޑެން މެދުވެރިވީ އެދުވަހު ވިއްސާރަ ކުރުމުން ކަމަށެވެ.

"މިހާތަނަށް ބެލި ބެލުމުން ފާހަގަވީ، ބޯ ވިއްސާރައިގެ ސަބަބުން ވައިގެ ތެތްކަން އިތުރުވެ، ކަރަންޓު އުފައްދާ ނިޒާމުގެ ޓްރާންސްފޯމަރަކަށް އޭގެ އަސަރުކުރީ ކަމަށް،"

ކަރަންޓު ކެނޑި، މައުރަޒު މެދުކެނޑުމުން ބައެއް އިވެންޓްތަކާއި މީޓިންގްތައް ވަނީ ބޭއްވޭގޮތް ނުވެފަ އެވެ. މައުރަޒުގެ ބައެއް ބައިވެރިން އެކަމާ ހިތްހަމަނުޖެހުން ވެސް ފާޅުކޮށްފައިވެ އެވެ.

އެހެން ނަމަވެސް ދެ ގަޑިއެއްހާ އިރު ފަހުން ކޮންވެންޝަން ސެންޓަރަށް ކަރަންޓު އަލުން އިޔާދަކޮށްފައިވެ އެވެ.

ކޮންސިއުމާ އިލެކްޓްރޯނިކްސް ޝޯ އެމެރިކާގައި މާދަމާގެ ނިޔަލަށް ކުރިޔަށްދާ އިރު، ދުނިޔޭގެ ނަން މަޝްހޫރު ބްރޭންޑްތަކުން އެ ޝޯގައި ބައިވެރިވެ އެވެ. އޭގެ ތެރޭގައި އެލްޖީ، ސެމްސަންގް، ސޮނީ، ކެސިއޯ ފަދަ ކުންފުނިތަކުގެ އިތުރުން، ޓޮޔޯޓާ، ނިސާން އަދި ފޯޑް ފަދަ ކާރު އުފައްދާ ކުންފުނިތަކުން ވެސް ދަނީ މައުރަޒުގައި ބައިވެރިވަމުންނެވެ.

comment ކޮމެންޓް