ކޮމްޕިއުޓަރުގެ ވިސްނުން ނުވަތަ އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ޓެކްނޮލޮޖީ އީޖާދުކުރުމުގައި ދުނިޔެ މިހާރު ދެކެމުންދަނީ މީގެ ކުރިން ދުވަހަކުވެސް ނުދެކޭފަދަ ހަލުވި ކުރިއެރުންތަކެއް ކަމަށާއި، މީގެ ސަބަބުން ބޮޑެތި ފުރުސަތުތަކަކާއެކު ބެލެހެއްޓުމުގެ ނުވަތަ ގަވާނަންސްގެ ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވަމުންދާ ކަމަށް ޗައިނާގެ ރައީސް ޝީ ޖިންޕިން ވިދާޅުވެއްޖެއެވެ.
ރައީސް ޝީ މިހެން ވިދާޅުވީ ހުކުރު ދުވަހު ޝަންހާއީގައި ފެށުނު "2026 ވަނަ އަހަރުގެ ވޯލްޑް އޭއައި ކޮންފަރެންސް އެންޑް ހައި-ލެވެލް މީޓިން އޮން ގްލޯބަލް އޭއައި ގަވާނަންސް" ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޗައިނާގެ ރައީސް ވިދާޅުވީ، އޭއައިގެ ސަބަބުން މިހާރުގެ ޖީލަށް ކުރިމަތިވެފައިވާ މުހިންމު ސުވާލުތަކަށް އިންސާނުން ޖަވާބު ހޯދަންޖެހޭ ކަމަށެވެ. އެގޮތުން، ވިސްނުމުގެ ގާބިލުކަން ލިބިގެންވާ މެޝިންތަކާއެކު އިންސާނުން މުއާމަލާތްކޮށް އުޅޭނީ ކިހިނެއްތޯ އާއި، ކަންކަން ނިންމުމުގައި ކޮމްޕިއުޓަރުގެ އަލްގޮރިދަމްތައް ބޭނުންކުރާއިރު ރައްކާތެރިކަން ކަށަވަރުކުރާނީ ކިހިނެއްތޯ އެމަނިކުފާނު ސުވާލު އުފެއްދެވިއެވެ.
މީގެ އިތުރުން، އާ ޓެކްނޮލޮޖީތަކުގެ ސަބަބުން ކުރިމަތިވާ އަޚުލާގީ ގޮންޖެހުންތަކާ ކުރިމަތިލުމަށް އެކަށޭނަ އުސޫލުތަކެއް އެކުލަވައިލާނީ ކިހިނެއްތޯ އާއި، އޭއައިގެ ފަރަގުތައް ބޮޑުވަމުންދާ މި ދަނޑިވަޅުގައި އެންމެންނަށް އޭއައިގެ ފައިދާ ލިބޭނެ ގޮތެއް ހަދާނީ ކިހިނެއްތޯވެސް ރައީސް ޝީ ސުވާލު ކުރެއްވިއެވެ.
އެމަނިކުފާނު ވިދާޅުވި ގޮތުގައި މި ސުވާލުތަކަކީ މުޅި ބައިނަލްއަގުވާމީ މުޖުތަމައުން ފުންކޮށް ވިސްނައި، ސީރިއަސް ޖަވާބުތަކެއް ހޯދަންޖެހިފައިވާ ކަންކަމެވެ.
ޝަންހާއީގައި ކޮންމެ އަހަރަކު ބާއްވާ "ވޯލްޑް އޭއައި ކޮންފަރެންސް" (ޑަބްލިއުއޭއައިސީ) އަކީ އާޓިފިޝަލް އިންޓެލިޖެންސްގެ ދާއިރާއިން ދުނިޔޭގެ އެންމެ ފަހުގެ ކުރިއެރުންތައް ދައްކާލުމަށާއި، އޭގެ ސިޔާސަތުތަކާ މެދު ބައިނަލްއަގުވާމީ ފެންވަރުގައި މަޝްވަރާކުރުމަށް ބާއްވާ އެންމެ ބޮޑު އެއް ބައްދަލުވުމެވެ.
ޗައިނާއިން ދަނީ އޭއައިގެ ރައްކާތެރިކަމާއި ގަވާނަންސްގެ ދާއިރާއިން ބައިނަލްއަގުވާމީ ގޮތުން އިސްނަގައިގެން ވަކާލާތު ކުރަމުންނެވެ. އެގޮތުން، ތަރައްގީވަމުންދާ ގައުމުތަކާއި ތަރައްގީވެފައިވާ ގައުމުތަކުގެ މެދުގައި އޮތް އޭއައިގެ ފަންނީ ފަރަގު ކުޑަކުރުމަށާއި، އޭއައިގެ ސަބަބުން ކުރިމަތިވެދާނެ ނުރައްކާތަކުން ރައްކާތެރިވުމަށްޓަކައި ހުރިހާ ގައުމުތަކަކަށް ހަމަހަމަ ފުރުސަތުތަކެއް ލިބޭނެފަދަ "ގްލޯބަލް އޭއައި ގަވާނަންސް އިނީޝިއޭޓިވް" އެއްވެސް ޗައިނާއިން މީގެ ކުރިން ވަނީ ހުށަހަޅާފައެވެ.