ސަރުކާރުގެ މައި ހޮސްޕިޓަލް، އައިޖީއެމްއެޗަކީ އެ ތަނަކުން އެންމެ ގިނަ ދިވެހިން ހިދުމަތް ހޯދާ އެއް މަރުކަޒެވެ. ޑޮކްޓަރު ގެއިން ފެށިގެން މިއަދާ ހަމައަށް ވެސް ރައްޔިތުންގެ ސިއްހަތަށް އެންމެ ބޮޑަށް އަޅާލާ އެއްތަނަކީ އެއީ އެވެ. ހާއްސަ ގޮތެއްގައި އެބަޔަކަށް އެންމެ އަޅާލުމާއި އޯގާތެރިކަން ބޭނުންވާ ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް އަޅާލުމުގައި އެއީ ނަމޫނާ ބައެކެވެ.
މިއަދު އައިޖީއެމްއެޗަށް 70 އަހަރު ފުރި އެކަން ފާހަގަކުރަމުންދާއިރު އެންމެ ހާއްސަ ކަމެއް ދޭން ނިންމާފައިވާ ބަޔަކީ ވެސް ހާއްސަ އެހީއަށް ބޭނުންވާ މީހުންނެވެ. ހޮސްޕިޓަލުގެ އެންމެ އާދައިގެ މުވައްޒަފުން ފެށިގެން އެންމެ އިސްވެރިޔާ ވެސް މުޅި އަހަރު ވެސް ހާއްސަ ކުރަން ނިންމާފައި ވަނީ ހާއްސަ އެހީތެރިކަމަށް ބޭނުންވާ މީހުނަށެވެ.
އައިޖީއެމްއެޗުގެ އަހަރީ ދުވަހާ ގުޅިގެން ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ހަރަކާތްތަކާ ގުޅޭ ގޮތުން 'ސަން' އަށް ދެއްވި އިންޓަވިއުއެއްގައި އެ ހޮސްޕިޓަލްގެ މީޑިއާ އޮފިޝަލް ޒީނަތު އަލީ ހަބީބް ވިދާޅުވީ އަހަރީ ދުވަހުގެ ހަރަކާތްތައް އެއް ދުވަހުން ނިންމާލުމުގެ ބަދަލުގައި މި އަހަރުގެ އަހަރީ ދުވަސް ކުރިއަށް ގެންދާނީ މުޅި އަހަރަށް ބަހާލައިގެން ކަމަށެވެ.
އެގޮތުން ހިންގާ އެންމެ ބޮޑު ހަރަކާތަކީ އައީޖީއެމްއެޗުގެ ކޮންމެ މުއްޒަފަކު ވެސް އަހަރު ދުވަހުގެ ތެރޭގައި އެއް ގަޑިއިރު، ހާއްސަ އެހީ އަށް ބޭނުންވާ މީހުންގެ މަރުކަޒަކަށް ހިދުމަތް ކުރުން ކަމަށް ވިދާޅުވި އެވެ.
"އައިޖޭއެމްއެޗުގެ ކޮންމެ މުއައްޒަފަކު އެއް އަހަރުތެރޭ އެއްގަޑިއިރު ހާއްސައެހީއަށް ބޭނުންވާ މީހުނަށް މަރުކަޒަކަށް ހިދުމަތްކޮށްދިނުން، އެމީހެއްގެ ފެންވަރުގައި. އެއީ އައިޖީއެމްއެޗުގެ ޓެކްނީޝަކަށް ވިޔަސް ޑޮކްޓަރަކަށް ވިޔަސް، ނަރުހަކަށް ވިޔަސް، ނޫނީ އާންމު މުއައްޒަފަކަށް ވިޔަސް، ސަޕޯޓް ސައިޑްގެ ސްޓާފަކަށް ވިޔަސް،" ޒީނަތު ވިދާޅުވި އެވެ.
ކޮންމެ މުވައްޒަފަކު އަހަރު ތެރޭގައި އެއް ގަޑިއިރު ހިދުމަތް ކޮށްދިނުމަށް ހިންގާ ޕްރޮގްރާމުގެ ދަށުން، މަސައްކަތް ކުރާނީ، ކ. ގުރައިދޫގައި ހުންނަ ހާއްސަ އެހީއަށް ބޭނުންވާ މަރުކަޒުގަ އާއި ހުޅުމާލެ އާއި ވިލިމާލޭގައި ހުންނަ ކުޑަކުދިންގެ ހިޔާގައި ނުވަތަ އެތަނުގެ ކޮންމެވެސް ބަލި މީހަކަށް ހިދުމަތް ކުރުމަށް ކަމަށް އޭނާ ވިދާޅުވި އެވެ.
އަދި އައިޖީއެމްއެޗަކީ އެކި ދާއިރާތަކުގެ 1600 އަށް ވުރެ ގިނަ މުވައްޒަފުން މަސައްކަތް ކުރާ ހޮސްޕިޓަލަކަށްވާ އިރު ކޮންމެ މުވައްޒަފަކު ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް އެހީވާނީ ދަރުމައަށް ކަމަށް ޒީނަތު ފާހަގަކުރެއްވި އެވެ.
މިވަރަކުން މި އަހަރުގެ އަހަރީ ދުވަސް އައިޖީއެމްއެޗަކުން ނިންމާލީ އެއް ނޫނެވެ. ހާއްސައެހީއަށް ބޭނުންވާ މީހުންނަށް އެއް ގަޑިއިރު ހިދުމަތް ކޮށްދިނުމުގެ އިތުރުން އައިޖީއެމްއެޗުގެ ކޮންމެ މުވައްޒަފަކު ކޮންމެ މަހަކު އެއް ރުފިޔާ ގުރައިދޫ މަރުކަޒަށް ހަދިޔާ ކުރަން ވަނީ ނިންމައިފަ އެވެ.
ޒީނަތު ވިދާޅުވީ އެކަމަކީ އެއްވެސް މުއައްޒަފެއްގެ ޖީބަށް ބަރުނުވެ ކުޑަކުޑަ ކަމެއް ކޮށްލައިގެން ބޮޑު ތަފާތެއް ފެނިގެން ދާނެ ކަމެއް ކަމަށެވެ.
މުވައްޒަފުންގެ އެހީތެރިކަމާ އެކު ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް އެހީވާން އައިޖީއެމްއެޗުން އަތުކުރި އޮޅާލައި ހަރަކާތްތަކެއް ހިންގަން ފަށާއިރު އެ ހޮސްޕިޓަލުން މި އަހަރުގެ ތެރޭގައި ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ހިދުމަތްކޮށްދޭނެ މީހުން ވެސް ތަމްރީން ކުރަން ވަނީ އިސްނަގައިފަ އެވެ.
ޒީނަތު ވިދާޅުވި ގޮތުގައި، އައިޖީއެމްއެޗުގެ ޒަމާނީ އާލާތްތަކާއި ހުނަރުވެރި މީހުން ބޭނުންކޮށްގެން ދަރުމަށް މަސަތްކަތް ކުރަން ބޭނުންވާ މީހުން ތަމްރީން ކުރާނީ އެ ހޮސްޕިޓަލުގައި އުފައްދާފައިވާ ނެޝަނަލް ހެލްތު އެކަޑަމީން ކަމަށެވެ.
"އެކަޑަމީއާ ގުޅިގެން ހަމަ ރަނގަޅު ސެޓިފައިޑް ތަމްރީންތަކެއް މިދެވެނީ. އެ ތަމްރީން ކުރާ ބޭފުޅުން އެބަޖެހޭ ތަމްރީންތައް ނިންމާފައި އެއް އަހަރު ދުވަހުގެ ތެރޭގައި އަނެއްކާ ވެސް އެއް ގަޑިއިރު ހާއްސައެހީއަށް ބޭނުންވާ މަރުކަޒަކަށް ހިދުމަތް ކޮށްދޭން،" ޒީނަތު ވިދާޅުވި އެވެ.
ނުކުޅެދުންތެރިކަން ނުވަތަ ހާއްސަ އެހީއަށް ބޭނުންވާ މީހުންނަކީ އެބަޔަކަށް ކުޅެދުންތެރިންގެ އެހީ އިންތިހާއަށް ބޭނުން ވާނެ ބަޔަކެވެ. އެކަމަށް ނަމޫނާ ދެއްކުމުގެ ގޮތުން ދައުލަތުގެ އެންމެ ބޮޑު ހޮސްޕިޓަލް، އައިޖީއެމްއެޗުން އިސްނެގުމަކީ ބަލައިގަންނަން ޖެހޭ ކަމެކެވެ.