ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިންނާ ފޮސްޓާ ނިޒާމުގެ ތެރެއިން ހަވާލުވާ ސިވިލް ސާވިސްގެ މުވައްޒަފުންނަށް، މުސާރައާއި އިނާޔަތްތައް ލިބޭ ގޮތަށް ޚާއްޞަ ޗުއްޓީއެއް ދިނުމަށް ސިވިލް ސާވިސް ކޮމިޝަނުން ނިންމައިފިއެވެ.
ސީއެސްސީއިން އިއްޔެ ވަނީ މި ގޮތަށް ނިންމައި, ދިވެހި ސިވިލް ސާވިސްގެ ގަވާއިދު އިސްލާހުކޮށް, ގެޒެޓް ކޮށްފައެވެ.
އާ ގަވާއިދު ބުނާ ގޮތުން، މި ޚާއްސަ ޗުއްޓީ ދިނުމަށް ހަމަޖެހިފައިވަނީ ފޮސްޓާ އުސޫލުން ކުދިންނާ ހަވާލުވާ ސިވިލް ސާވިސްގެ މުވައްޒަފުންނާއި މައިންބަފައިން ނުވަތަ ޝަރުޢީ ބަލަދުވެރިން ކުއްޖާއާމެދު އިހުމާލުވުމުގެ ސަބަބުން ދައުލަތުގެ ބެލުމުގެ ދަށަށް ނަގާފައިވާ ކުދިންނާ ހަވާލުވާ މުވައްޒަފުންނަށެވެ.
އަލަށް ގެނެވުނު އިޞްލާޙުގައި ބަޔާންކޮށްފައިވާ ގޮތުން، ޗުއްޓީ ލިބޭ މުއްދަތު ބިނާވެފައިވަނީ ހަވާލުވާ ކުއްޖާގެ އުމުރުގެ މައްޗަށެވެ. އެގޮތުން، މުވައްޒަފަކު ކުއްޖާއާ ހަވާލުވާއިރު އެ ކުއްޖާގެ އުމުރުން ހަ މަސްދުވަސް ނުފުރޭ ނަމަ، އެ ކުއްޖާއަށް ހަ މަސް ފުރެންދެން މުވައްޒަފަށް މުސާރައާއި އިނާޔަތްތަކާއެކު ޚާއްޞަ ޗުއްޓީއެއް ލިބޭނެއެވެ. މިއީ ތުއްތު ކުދިންނަށް ބޭނުންވާ ޚާއްސަ އަޅައިލުމާއި ލޯބި ދިނުމަށް މުވައްޒަފުންނަށް މަގުފަހިކޮށްދިނުމުގެ ގޮތުން ދެވޭ ޗުއްޓީއެކެވެ.
މީގެ އިތުރުން، ކުއްޖާއާ ހަވާލުވާއިރު އެ ކުއްޖާގެ އުމުރުން ހަ މަސްދުވަސް ފުރިފައިވާ ނަމަ، ނުވަތަ ހަ މަސް ފުރެން ބާކީ އޮތީ 30 ދުވަހަށްވުރެ ކުރު މުއްދަތެއް ނަމަ، އެ މުވައްޒަފަކަށް 30 ދުވަހުގެ ޗުއްޓީއެއް ލިބޭނެކަމަށް ގަވާއިދުގައި ބަޔާންކޮށްފައިވެއެވެ. މި ޗުއްޓީގެ މުއްދަތުގައި ވެސް މުވައްޒަފަށް މުސާރައާއި އެހެނިހެން އިނާޔަތްތައް އުނިކުރުމެއްނެތި ލިބޭނެއެވެ.
މި ބަދަލަކީ ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިންނަށް އާއިލީ މާހައުލެއް ހޯދައިދިނުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް ލިބިގެންދާނެ ބޮޑު ކުރިއެރުމެކެވެ. އަދި ފޮސްޓާ ނިޒާމުގެ ތެރެއިން ކުދިންނާ ހަވާލުވާން ބޭނުންވާ ސިވިލް ސާވިސްގެ މުވައްޒަފުންނަށް މާލީ ގޮތުންނާއި ވަޒީފާގެ ގޮތުން ލިބޭ ވަރަށް ބޮޑު ލުޔަކަށް މިކަން ވެގެންދާނެއެވެ.