ސަރުކާރުން ހިންގާ އެއްވެސް މަޝްރޫއެއްގައި ކޮރަޕްޝަން ހިމެނިފައެއް ނުވާނެ: ޣައްސާން

ޕީއެސްއެމްގެ "އުންމީދާއި ކުރިއެރުން" ޕްރޮގްރާމްގައި ޣައްސާން މައުމޫން ވާހަކަފުޅުދައްކަވަނީ --- ފޮޓޯ/ ޕީއެސްއެމް

ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމުގެ ސަރުކާރުން ހިންގާ އެއްވެސް މަޝްރޫއެއްގައި ކޮރަޕްޝަން އެކުލެވިގެން ނުވާނެ ކަމަށާއި، ސަރުކާރުން ހުރިހާ މަޝްރޫއެއް ވެސް ގެންދަވަނީ "ޗެކް އެންޑް ބެލެންސް" ގާއިމް ކޮށްގެން ކަމަށް ރައީސް އޮފީހުގެ ސްޓޭޓް މިނިސްޓަރު ޣައްސާން މައުމޫން ވިދާޅުވެއްޖެ އެވެ.

ޕީއެސްއެމްގެ އުންމީދާއި ކުރިއެރުން ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ދަރިކަލުން ޣައްސާން ރޭ ވިދާޅުވީ މި ސަރުކާރުން ބޮޑެތި މަޝްރޫއުތައް ހިންގަނީ ވަރަށް ފަރުވާތެރިކަމާ އެކު ކަމަށެވެ.

"މަސައްކަތް ކުރީމަ، މަސައްކަތް ކުރޭތޯ ބަލަން ދިވެހި ސަރުކާރުން އައްޔަނު ކުރާ އިންޓަނޭޝަނަލް ކޮންސަލްޓެންޓުން ތިބޭނެ. އައިޖީއެމްއެޗު މަޝްރޫއުގައި ވެސް ބްރިޖު މަޝްރޫއުގައި ވެސް މިގޮތަށް ކޮންސަލްޓެންޓުން ތިބޭނެ. ކޮންޓްރެކްޓަރުންނަށް ފައިސާ ދޫކުރަނީ ވެސް ކޮންސަލްޓެންޓުން ސޮއިކޮށްފައި އެބުނާ މަސައްކަތްކުރި ކަމަށް ކަށަވަރު ކުރެވުނީމާ. މިކަހަލަ ޗެކް އެންޑް ބެލެންސެސް ހުރިހާ މަޝްރޫއެއްގައި ވެސް ގާއިމު ކުރައްވާފައި ރައީސް ޔާމިން މިހުރީ،" އޭނާ ވިދާޅުވި އެވެ.

ޣައްސާން މިމޭރުމުން ވާހަކަފުޅުދައްކަވާފައި މިވަނީ ދަރުމަވަންތަ ހޮސްޕިޓަލުގެ 25 ބުރީގެ އިމާރާތް ކޮންޓްރެކްޓަރަށް ދިނުމުގައި ކޮރަޕްޝަންގެ އަމަލު ހިންގި ކަމުގެ ތުހުމަތު އިދިކޮޅު އެމްޑީޕީ އަށް ނިސްބަތްވާ ބައެއް ފަރާތްތަކުން އޭނާ އަށް އަމާޒުކުރަމުންދާ ދަނޑިވަޅެއްގަ އެވެ.

ނަމަވެސް އެ ތުހުމަތުތައް ޣައްސާނުގެ މައްޗަށް ސާބިތު ނުވާކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަނުން ވަނީ ނިންމައިފަ އެވެ.

ޣައްސާން ވިދާޅުވީ ދަރުމަވަންތަ ހޮސްޕިޓަލް އިމާރާތްކުރަން ކޮންޓްރެކްޓަރަކު ހޯދައި، އެ މަސައްކަތް އެވޯޑު ކުރީ ގާނޫނާ ގަވައިދުގެ ތެރެއިން ކަމަށެވެ. އެ އިމާރާތް އެޅުމަށް އެވޯޑްކޮށްފައިވާ އަގަކީ އެކަށޭނަ އަގެއް ކަމަށް ވެސް ޣައްސާނު ވިދާޅުވި އެވެ.

"އެއްވެސް ގޮތަކަށް ބައްލަވާ ނުލައްވާ މިވެނި ކަމެއް އެވެނި އަގަކަށް ކުރެވޭނެއޭ ވިދާޅުވުމަކީ ވަރަށް ފަސޭހަ ކަމެއް. އެކަމަކު މިހާތަނަށް އެވަރުގެ ކުޑަ އަގަކަށް ވެސް ނެތް ދެއްތޯ އެވަރުގެ އިމާރާތެއް އެޅިފައެއް،" ޣައްސާނު ވިދާޅުވި އެވެ.

މި ހަތަރު އަހަރު ތެރޭ ރައީސް ޔާމީން ވަރަށް ގިނަ ކަންތައް ކޮށްދެއްވާފައިވާ ކަމަށާއި ސިވިލް ސާވެންޓުންގެ މުސާރަ ބޮޑުކުރަން ސަރުކާރުން ނިންމީ ބޮޑެތި މަޝްރޫއުތަކެއް ރައްޔިތުންނަށްޓަކައި ހިންގުމަށްފަހު، މެނިފެސްޓޯގެ ތެރެއިން ލިބުނު ފުރުސަތެއްގައި ކަމަށް ޣައްސާނު ވިދާޅުވި އެވެ. އަދި އެއީ ރިޔާސީ އިންތިޚާބާ ދިމާކޮށް ސަރުކާރުން ކުރި ކަމެއް ކަމަށް ގަބޫލު ނުކުރައްވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ރޭގެ ޕްރޮގްރާމްގައި ޣައްސާނު ވަނީ ރައީސް ޔާމީނަށް ތާއީދު ކުރައްވަނީ އެއްވެސް މަޖުބޫރުކަމެއް އޮވެގެން ނޫންކަމަށް ވިދާޅުވެފަ އެވެ. އަދި ރައީސް ޔާމީނާއެކު ދެމިހުންނެވީ އެމަނިކުފާނުގެ މަސައްކަތްޕުޅުތައް ކައިރިން ފެނިގެން ކަމަށް ވެސް ވިދާޅުވި އެވެ. އަދި ރައީސް ޔާމީނާއެކު މަސައްކަތް ކުރެއްވުމަކީ ބައްޕާފުޅާއި އާއިލާގެ އެހެން މެމްބަރުންނާ އޮންނަ ގުޅުމަށް އެއްވެސް އަސަރެއް ކުރާނެ ކަމެއް ނޫން ކަމަށް އޭނާ ވަނީ ރޭ ވިދާޅުވެފަ އެވެ.

comment ކޮމެންޓް