އިންޑިއާގެ ގައުމީ ޓީމަށް މިވަގުތު ބޭނުންވަނީ އުނދަގޫ އަވޭ މެޗުތަކެއް ކުޅެން ކަމަށް އެ ގައުމުގެ ގައުމީ ޓީމުގެ ކެޕްޓަން ސުނިލް ޗެތުރީ ބުނެފިއެވެ.
ދެހާސް އެގާރަ ވަނަ އަހަރަށްފަހު ފުރަތަމަ ފަހަރަށް 2019 ވަނަ އަހަރުގެ އޭއެފްސީ އޭޝިއަން ކަޕަށް ތައްޔާރުވަމުންދާ އިންޑިއާގެ ގައުމީ ޓީމުގެ ކެޕްޓަން ޗެތުރީ ބުނީ އިންޑިއާ ގައުމީ ޓީމަށް އުނދަގޫ މެޗުތަކެއް ބޭނުންވާ ކަމަށެވެ.
"އިންޑިއާ އާންމުކޮށް ހޯމް މެޗުތަކުގައި ރަނގަޅަށް ކުޅޭނެ. އެހެން ނަމަވެސް ގައުމުން ބޭރުގައި ކުޅޭ މެޗުތަކުގައި މުޅިން ރަނގަޅު ނަތީޖާތަކެއް ނޫން ނެރެވެނީ. އިންޑިއާއިން މެޗުތައް ރާވަންވީ ރަށުން ބޭރުގައި އޭޝިއާ ސަރަހައްދުގެ ރޭންކިންގައި އިންޑިއާއަށްވުރެ މަތިން ރޭންކް ކުރެވިފައިވާ ގައުމުތަކާ ދެކޮޅަށް،" އުމުރުން 33 އަހަރުގެ ޗެތުރީ ބުނެފައިވެއެވެ.
ޗެތުރީ ބުނީ ޖަޕާނާއި ސައުތު ކޮރެއާ ފަދަ ގައުމުތަކާއެކު މެޗުތައް ހޯދަން އުނދަގޫވި ނަމަވެސް، އިންޑިއާއަށްވުރެ މަތިން ރޭންކު ކުރެވިފައިވާ ގައުމުތައް ކަމަށްވާ އޮމާން، ޔޫއޭއީ އަދި ފަލަސްތީނާއި ލުބުނާން ފަދަ ގައުމުތަކާ ދެކޮޅަށް ކުޅުމަކީ މުހިންމު ކަމެއް ކަމަށެވެ.
މިދިޔަ އަހަރު އިންޑިއާގެ ގައުމީ ޓީމުން ބަލިނުވެ ނުވަ މެޗު ކުޅުނު ނަމަވެސް، އޭގެ ތެރެއިން ގިނަ މެޗުތައް ކުޅެފައިވަނީ އިންޑިއާއަށްވުރެ ރޭންކިން ދަށް ޓީމުތަކާއެކު ހޯމް ގައެވެ. ޗެތުރީ ބުނެފައިވަނީ 2011 ވަނަ އަހަރު އޭޝިއަން ޗެމްޕިއަންޝިޕަށް ވިސްނާލުމުންވެސް ބޮޑެތި ޓީމުތަކާއެކު މެޗު ކުޅުމުގެ މުހިންމުކަން އެނގޭ ކަމަށެވެ.
"2011 ވަނަ އަހަރު އޭޝިއަން ކަޕުގައި އިންޑިއާ ލައްވާލީ އޮސްޓްރޭލިއާ، ސައުތު ކޮރެއާ އަދި ބަހުރެއިންއާ އެއް ގްރޫޕެއްގައި. އެއީ މުބާރާތުގެ މަރުގެ ގްރޫޕް،" ޗެތުރީ ބުންޏެވެ.
އިންޑިއާއިން 2011 ވަނަ އަހަރު އޭޝިއަން ކަޕު ނިންމާލީ އެއްވެސް މެޗަކުން މޮޅުނުވެވިއެވެ. ޗެތުރީ ބުނީ އޭޝިއަން ކަޕުގައި އިންޑިއާއަކީ އެންމެ ބަލި ޓީމު ކަމަށާއި، އިދިކޮޅަށް ކުޅެން ޖެހޭ ކޮންމެ ޓީމަކީވެސް އެޓީމަށްވުރެ މޮޅު ޓީމެއް ކަމަށެވެ.
އޭޝިއަން ކަޕުގެ ކޮލިފިކޭޝަންގައި އިންޑިއާ ލައްވާލީ މަކާއު، ކިރިގިސްތާން އަދި މިޔަންމާއާ އެއް ގުރޫޕެއްގައެވެ. އިންޑިއާއިން ގްރޫޕްގެ އެއްވަނައިގައި އޮތީ ކުޅުނު ފަސް މެޗުން 13 ޕޮއިންޓާ އެކުގައެވެ. އިންޑިއާއަށް ބާކީ އެއް މެޗު އޮއްވައި އެޓީމު ވަނީ ކޮލިފިކޭޝަން ޔަގީންކޮށްފައެވެ.
އޭޝިއަން ކަޕް ކޮލިފިކޭޝަންގެ ފައިނަލް ބުރުގައި ރާއްޖެ ލައްވާލީ އޮމާން، ފަލަސްތީނުގެ އިތުރުން ބޫޓާންއާ އެއް ގުރޫޕެއްގައެވެ. ރާއްޖެއަށް ބޫޓާންއާ ދެކޮޅަށް ހޯމްގައި ކުޅޭ މެޗު އެކަނި ބާކީ އޮތް އިރު، މޮޅު ވެވުނީވެސް އަވޭގައި ބޫޓާންއާ ދެކޮޅަށް ކުޅެގެން އެކަންޏެވެ.