ޓެބްލެޓް ބޭނުންކުރެވޭނީ ހަމައެކަނި ކިޔެވުމަށް، ވަދެވޭނީ ވަކި ވެބްސައިޓް ތަކަކަށް

އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ޝަފީއު --- ސަން ފޮޓޯ: މުހައްމަދު އަފްރާހު

މި އަހަރަކީ ރާއްޖޭގެ ތައުލީމީ ނިޒާމަށް ބޮޑު ބަދަލެއް ގެންނާނެ އަހަރެކެވެ. ސްކޫލުތައް ޑިޖިޓަލައިޒްކޮށް ޓެކްސްޓް ފޮތުގެ ބަދަލުގައި ޓެބްލެޓް ބޭނުންކުރަން ފަށާނީ މި އަަހަރުއެވެ.

ޓެބްލެޓްގެ ސަބަބުން ކުދިންގެ ކިޔެވުމަށް ކޮށްފާނެ އަސަރާ ގުޅޭގޮތުން އެކި ފޯރަމްތަކުގައި އަންނަނީ ތަފާތު ގޮތްގޮތަށް ވާހަކަ ދެކެވެމުންނެވެ.

ޕީއެސްއެމްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ޝަފީއު ރޭ ވިދާޅުވީ ޓެބްލެޓް ބޭނުންކުރެވޭނީ ހަމައެކަނި ކިޔެވުމާ ގުޅުންހުރި ކަންކަމުގައި ކަމަށާއި ޓެބްލެޓަށް އިންސްޓޯލް ކުރެވޭނީވެސް މިނިސްޓްރީން ކަނޑައަޅާ ވަކި އެޕްލިކޭޝަން ތަކެއް ކަމަށެވެ. އަދި ޓެބްލެޓް ބޭނުންކޮށްގެން ވަދެވޭނީވެސް ކަނޑައަޅާފައިވާ ވަކި ވެބްސައިޓް ތަކަކަށް ކަމަށްވެސް ޝަފީއު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ޓެބްލެޓް ބެނުންކުރެވޭނީ ކޮންޓްރޯލު ކުރެވިފައިވާ މާހައުލެއްގައި ކަމަށެވެ.

އެބަދަލަށް ދަރިވަރުންގެ އިތުރުންް ޓީޗަރުންނާ ބެލެވިވެރިންވެސް ހޭލުންތެރިކުރާނެކަމަށް ޝަފީއު ވިދާޅުވިއެވެ.

"ޑެބްލެޓް ބޭނުންކުރަން ފުރަތަމަ ފަށާ ދުވަސްވަރު ވަކި ގަޑިތަކެއް ކަނޑައަޅައި އެ ބޭނުންކުރުމަށް ޓީޗަރުންނާއި ދަރިވަރުން އަދި ބެލެނިވެރިން އަހުލުވެރިކުރުމަށް ޕްރޮގްރާމްތަކެއް ހިންގާނެ،" ޝަފީއު ވިދާޅުވިއެވެ.

މީގެ ކުރިން "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި ޝަފީއު ވިދާޅުވީ މި އަހަރުގެ ދިރާސީ އަހަރުގެ ފުރަތަމަ ޓާމް ނިމުމުގެ ކުރިން ރާއްޖޭގެ ހުރިހާ ސްކޫލެއް "ވައިފައި"ކޮށް 71،000 ޓެބްލެޓް ހޯދުމުގެ މަސަކަތް ކުރަމުން އަންނަ ކަމަށެވެ. ސްކޫލުތައް ވައިފައި ކުރުން ދިރާގާ ހަވާލުކޮށްފައިވާ ކަމަށާއި މެއި މަހުގެ ކުރިން އެ މަސައްކަތް ނިންމާލެވޭނެ ކަމަށްވެސް ޝަފީއު ވަނީ ވިދާޅުވެފައެވެ.

ރާއްޖޭގެ ހުރިހާ ސްކޫލްތަކެއް ޑިޖިޓަލައިޒް ކުރުމުގެ މަޝްރޫއާއި އާ މުގައްރަރު ތަންފީޒުކުރުމުގެ މަސައްކަތް ނިންމުމަށް މި އަހަރުގެ ބަޖެޓްގައި ވަނީ 154 މިލިއަން ރުފިޔާ ހިމަނައިފަ އެވެ. ދިރާސީ އައު އަހަރުގެ ކިޔެވުން ފެށޭނީ އަންނަ އާދިއްތަ ދުވަހު އެވެ.

comment ކޮމެންޓް