އާސެނަލަށް ކުޅެމުންދާ އެޓީމުގެ ތަރި، އެލެކްސިސް ސަންޗޭޒް ގެންދިއުމަށް އަނެއްކާވެސް މެންޗެސްޓާ ސިޓީން ވާހަކަތައް ފަށާފައިވާ ކަމަށް އީއެސްޕީއެންއިން ބުނެފިއެވެ.
އީއެސްޕީއެންގެ މެންޗެސްޓާ ސިޓީ ކަރެސްޕޮންޑެންޓް ޖޮނަތަން ސުމިތު ބުނެފައިވަނީ ސަންޗޭޒްގެ ޓްރާންސްފާއާ ގުޅިގެން ސިޓީއާއި އާސެނަލްއާ ދެމެދު އަނެއްކާވެސް ވާހަކަތައް ފަށާފައިވާ ކަމަށާއި މި ހަފްތާ ނިމުމުގެ ކުރިން ސަންޗޭޒް ސިޓީއަށް ދިއުން ގާތް ކަމަށެވެ.
އާސެނަލްއާއެކު އުމުރުން 29 އަހަރުގެ ސަންޗޭޒް ހަދާފައިވާ ކޮންޓްރެކްޓް މިސީޒަނަށްފަހު ނިމުމަކަށް އަންނަ އިރު، މިދިޔަ ހޫނު މޫސުމުގެ ޓްރާންސްފާގައިވެސް އޭނާ ހޯދުމަށް ސިޓީން ވަނީ ބޮޑެތި މަސައްކަތްތަކެއް ކޮށްފައެވެ. ހޫނު މޫސުމުގެ ޓްރާންސްފާގައި އާސެނަލް ދޫކޮށްލަން ސަންޗޭޒް އެދުނު ނަމަވެސް މީޑިއާ ރިޕޯޓުތައް ބުނާގޮތުން އާސެނަލްއިން ސިޓީގެ 60 މިލިއަން ޕައުންޑުގެ އަގަށް ފަހުވަގުތު ހިތްހަމަ ނުޖެހުނީއެވެ.
އީއެސްޕީއެންއިން ބުނެފައިވަނީ ސިޓީން މިފަހަރު ހުށަހަޅާފައިވާ 35 މިލިއަން ޕައުންޑަށް އާސެނަލްއިން އާނއެކޭ ބުނަން ތައްޔާރު ކަމަށެވެ. ސަބަބަކީ ސަންޗޭޒް އާސެނަލްގެ ކޮންޓްރެކްޓް އައު ކުރުމަށް އިންކާރު ކޮށްފާނެ ކަމަށްވުމާއެކު، އަގެއް ބޭނުންވާނަމަ އާސެނަލަށް މި ޓްރާންސްފާ ސީޒަންގައި ސަންޗޭޒް ވިއްކާލަން ޖެހޭތީ ކަމަށްވެސް އީއެސްޕީއެންއިން ބުނެފައިވެއެވެ.
ކުރިން ބެލެވިފައި އޮތީ ސަންޗޭޒް ގަތުމަށް އަންނަ ހޫނު މޫސުމުގެ ޓްރާންސްފާ ސީޒަނަށް ސިޓީން މަޑު ކުރާނެ ކަމަށެވެ. ނަމަވެސް ގެބްރިއަލް ޖީސަސްއަށް ކުރިމަތިވި ބޮޑު އަނިޔާއާއެކު އޭނާ ހަ ހަފްތާއަށް ކުޅުމާ ދުރަށް ދާން ޖެހުމުން ސިޓީއަށް ފޯވާޑަކަށް މިވަގުތު ބޭނުން ކުރެވެން ހުރީ ސާޖިއޯ އަގުއޭރޯ އެކަނި ކަމަށްވުމުން ސަންޒޭޒް ގެނައުމުގެ ކަންތައް އަވަސް ކޮށްފާނެއެވެ.
ސަންޗޭޒްގެ އިތުރުން ވެސްޓް ބްރޮމްގެ ޖޯނީ އިވަންސްއަށްވެސް ސިޓީން ދަނީ ލޯ އަޅަމުންނެވެ. ޕެޕް ގާޑިއޯލާގެ އިރުޝާދުގެ ދަށުން މިސީޒަންގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ސިޓީ، މިސީޒަންގައި ބަލިވެފައިވަނީ ހަމައެކަނި ޗެމްޕިއަންސް ލީގުގައި އެންމެ މެޗަކުންނެވެ.