ވީޑިއޯ ކޯލް ވެސް ކުރެވޭ އިލެކްޓްރިކް އުދުހޭ ކާރު އެމެރިކާގައި ދައްކާލަނީ

ބެލް ހެލިކޮޕްޓަރުން އުފައްދާ އެއާ ޓެކްސީގެ ކެބިން -- ފޮޓޯ: ބެލް ހެލިކޮޕްޓަރު

އެމެރިކާގެ ލަސް ވޭގަސްގައި ކޮންމެ އަހަރަކު ބާއްވާ ކޮންޒިއުމާ އިލެކްޓްރޯނިކްސް ޝޯ (ސީއީއެސް) އަކީ އާ އިލެކްޓްރިކް އުފެއްދުންތައް ދައްކާލާ މުހިއްމު ހަފްލާއެކެވެ. އާއްމުކޮށް ތަފާތު ޓީވީތަކާއި ފޯނުތައް ތައާރަފް ކުރާ ސީއީއެސްގައި މިއަހަރު އުދުހޭ ކާރެއް ވެސް ފެނިގެންދާނެ ކަމަށް ހެލިކޮޕްޓަރު އުފައްދާ ކުންފުންޏެއް ކަމަށްވާ ބެލް ހެލިކޮޕްޓަރުން ބުނެ އެވެ.

ޓެކްސީ ހިދުމަތްދޭ އޫބާއަށް 2020ގެ އަހަރުތަކުގައި ސަޕްލައި ކުރެވޭނެ ކަމަށް ބެލެވޭ އެ އުދުހޭ ކާރު ދަތުރު ކުރާ ގޮތް ބެލް ހެލިކޮޕްޓަރުން އަދި އޮތީ ސިއްރުކޮށްފަ އެވެ. އަދި މާދަން ސީއީއެސްގައި ދައްކާލާނީ އެކާރުގެ ކެބިން އެކަނި ކަމަށާއި އޭރުން ކާރުގެ ތެރޭގައި ފަސިންޖަރުންނަށް ކުރެވޭނެ ތަޖުރިބާ އެނގިގެންދާނެ ކަމަށް އެކުންފުނިން ބުންޏެވެ.

ބެލް ހެލިކޮޕްޓަރުން އުފައްދާ އެއާ ޓެކްސީގެ ކެބިން -- ފޮޓޯ: ބެލް ހެލިކޮޕްޓަރު

އެގޮތުން ހަތަރެއް ނުވަތަ ފަސް މީހުންނަށް ތިބެވޭ އެއުޅަނދުން އެއް ތަނުން އަނެއް ތަަނަށް ދަތުރު ކުރާ އިރު އެއުޅަނދުން އެހެން ޑިވައިސްތަކާއި ވީޑިއޯ ކޯލް ކުރުން ފަދަ ކަންތައްތައް ކުރެވޭނެ ކަމަށް ބެލްގެ ޑިރެކްޓާ އޮފް އިނޮވޭޝަން ސްކޮޓް ޑްރެނެން ވިދާޅުވި އެވެ.

މިދިޔަ އަހަރު ޑްރެނެން ވަނީ އެކުންފުނީގެ އެއާ ޓެކްސީއަށް އަހަރަކު 2،000 ގަޑި އިރަށް އުދުހެވޭނެ ކަމަށާއި އޭގައި އާއްމުންނަށާއި އަސްކަރިއްޔާއަށް ބޭނުން ކުރެވޭ ފަދަ އެޕްލިކޭޝަންތައް ހިމަނާނެ ކަމަށް ވިދާޅުވެފަ އެވެ.

އޫބާއިން ލަފާ ކުރާ ގޮތުގައި އުދުހޭ ކާރުން ޓެކްސީގެ ހިދުމަތް ދޭން ފެށުމުން އެހިދުމަތުގެ އަގު އުޅޭނީ މޭލަކަށް 1.32 ޑޮލަރުގަ އެވެ.

comment ކޮމެންޓް