ޓެކްސީ ދުއްވާ މީހުންގެ ގައުމީ ދަފްތަރުގައި ރަޖިސްޓާ ވާން ހުޅުވައިލައިފި

މަޖީދީމަގުން ޓެކްސީ އެށް ދަތުރުކުރަނީ--- ސަން ފޮޓޯ/ ފަޔާޒު މޫސާ

ޓެކްސީ ދުއްވާ މީހުންގެ ގައުމީ ދަފްތަރެއް އެކުލަވައިލާ އެ ދަފްތަރުގައި ރެޖިސްޓާ ވާން މިއަދު ހުޅުވައިލައިފިއެވެ.

ޓެކްސީ ދުއްވާ މީހުންގެ ދަފްތަރެއް އެކުލަވައިލުމަކީ، ރައީސުލްޖުމްހޫރިއްޔާގެ ހަފުތާ 14ގެ ވައުދުތަކުގެ ތެރޭގައި ހިމެނޭ ވައުދުފުޅެކެވެ.

މިކަމާ ގުޅިގެން ޓްރާންސްޕޯޓު މިނިސްޓްރީން ބުނީ ރައީސްގެ ވަޢުދުފުޅާއި އެއްގޮތަށް ޓެކްސީ ޑްރައިވަރުންގެ ޤައުމީ ދަފްތަރެއް އެ މިނިސްޓްރީގެ ފަރާތުން އެކުލަވާލައި އެ ދަފްތަރުގައި ޓެކްސީ ޑްރައިވަރުން ރަޖިސްޓަރީވާން މިހާރު ހުޅުވައިލައިފައިވާ ކަމަށެވެ.

އަދި އެ ދަފްތަރުގައި ރެޖިސްޓާ ވާން ބޭނުންވާ މީހުން ސިމްސް ޕޯޓަލް މެދުވެރިކޮށް އެކަމަށް ޚާއްސަ ކުރެވިފައިވާ ފޯމުމެދުވެރިކޮށް އެކަމަށް އެޕްލިކޭޝަން ހުށަހެޅުމަށް އެ މިނިސްޓްރީން ވަނީ ގޮވައިލައިފައެވެ.

ޑްރައިވަރުންގެ ދަފްތަރެއް އެކުލަވައިލުމުން އެ ފަރާތްތަކަކީ ރަސްމީ ސިފައެއްގައި އާމްދަނީ ހޯދުމަށް މަސައްކަތް ކުރާ ބައެއްގެ ގޮތުގައި ބަލައިގަންނާނެ ކަމަށް ސަރުކާރުން ބުނެއެވެ.

އެގޮތުން، މި ދަފްތަރު އެކުލަވާލާއިރު ޑިޖިޓަލް ޕޭމަންޓްގެ ނިޒާމް ގާއިމްކުރުމަށާއި، ބޭންކްތަކާ މަޝްވަރާކޮށްގެން މި ފަދަ ނިޒާމެއްގެ ދަށުން ނަގާ ފީގެ ނިސްބަތް އުވައިލައިގެން ޓެކްސީގެ ޚިދުމަތް ދެވޭނެ ގޮތުގެ ނިޒާމެއް ހަމަޖެއްސުމަށް ވެސް މަޝްވަރާކުރެވިފައިވާކަމަށް ސަރުކާރުން ބުނެއެވެ.

ވެރިރަށް މާލޭ ސަރަހައްދުގައި ގިނަ ޓެކްސީ ސެންޓަރުތަކެއްގައި ރަޖިސްޓްރީކޮށްގެން، ގިނަ ޓެކްސީތަކެއް ދުއްވައެވެ.

comment ކޮމެންޓް