ކަނޑުމަސް ކާނަމަ ކުދިންގެ ވިސްނުން ރަނގަޅުވޭ

މަދުވެގެން ހަފްތާއަކު އެއްފަހަރު ކަނޑުމަސް ކާނަމަ ކުދިންގެ ވިސްނުން ރަނގަޅުވާ ކަމަށް ދިރާސާއަކުން ދައްކައިފި އެވެ.

ޖާނަލް ސައިންޓިފިކް ރިޕޯޓްސްގައި ޝާއިއުކޮށްފައިވާ ރިޕޯޓަކަށް ބިނާކޮށް ސީއެންއެންގައި ބުނީ ކަނޑުމަހުގައި އެކުލެވޭ އޮމެގާ 3ގެ ސަބަބުން ކުޑަކުދިންގެ ވިސްނުމަށް އެދެވޭ އަސަރު ކުރާ ކަމަށެވެ.

މި ރިޕޯޓު ބިނާކޮށްފައި ވަނީ ހަފްތާއަކު މަދުވެގެން އެއްފަހަރު ކަނޑުމަސް ކާ ކުދިންނާއި، އެއްގޮތަކަށް ވެސް މަސް ނުކާކުދިން އަދި މަދުމަދުން ކަނޑުމަހުގެ ބާވަތްތައް ބޭނުން ކުރާ ކުދިން ބައިވެރިކޮށްގެންނެވެ. ދިރާސާގައި އުމުރުން ނުވަ އަހަރާއި 11 އަހަރާ ދެމެދުގެ 500 ކުދިން ބައިވެރިކޮށްފައިވެ އެވެ.

މި ދިރާސާގައި ބައިވެރިވި ކުދިންގެ އައިކިއު ޓެސްޓެއް ކުރިއަށް ގެންގޮސްފައިވާ އިރު ކެއުމުގައި މަސް ބޭނުންކުރާ ކުދިން އެ ޓެސްޓުން ސްކޯ ކުރި މިންވަރު އެނޫން ކުދިންނާ އަޅާ ބަލާއިރު މަތިކަން ވަނީ ފާހަގަ ކުރެވިފަ އެވެ.

އެގޮތުން މަސް ބޭނުންކުރާ ކުދިން އެނޫން ކުދިންނާ އަޅާ ބަލާއިރު އެވްރެޖްކޮށް 4.8 ޕަސެންޓް އިތުރަށް ސްކޯކޮށްފައިވާ ކަމަށާއި ކުދިންގެ މައިންބަފައިންނާ ސުވާލު ކޮށްގެން ކުރިއަށް ގެންދިޔަ ބައިގައި، ކުދިންގެ އުޅުމާ ގުޅޭ ގޮތުން ސުވާލު ކުރި ކަމަށް ބުނެފައިވެ އެވެ.

އެގޮތުން ކެއުމުގައި މަސް ބޭނުންކުރާ ކުދިންނަށް ހަމަ ނިދި ލިބޭ ކަމަށާއި ނިދާފައި އޮންނަ ވަގުތުތަކުގައި ކުއްލިއަކަށް ހޭލެވުމާއި ނިދި މަދުވުން ފަދަ ކަންތައް އެކުދިންގެ ފަރާތުން ނުފެންނަ ކަމަށް ދިރާސާގައި ވަނީ ފާހަގަ ކޮށްފަ އެވެ. އަދި ކުދިންގެ ކެއުމުގައި ކަނޑުމަސް ހިމެނުމުގެ މުހިއްމުކަން ވެސް ވަނީ ފާހަގަކޮށްފަ އެވެ.

(ސީއެންއެން)

comment ކޮމެންޓް