ކެތަލޯނިޔާ މިނިވަންވި ނަމަވެސް މެސީއަށް ބާސާ ދޫކޮށްލެވޭނެ ފަދަ މާއްދާއެއް ކޮންޓްރެކްޓަކު ނެތް!

ބާސެލޯނާގެ ތަރި ލިއޮނަލް މެސީ -- ފޮޓޯ/ އޭޕީ

ވަކި ގައުމެއްގެ ގޮތުގައި ކެތަލޯނިޔާ ކަނޑައަޅައިފި ނަމަ ބާސެލޯނާގެ ތަރި ލިއޮނަލް މެސީ، އެ ކްލަބު ދޫކޮށްލަން ޖެހޭ ފަދަ މާއްދާއެއް އޭނާގެ ކޮންޓްރެކްޓުގައި ހިމެނިފައިވާ ކަމަށް ބުނާ ވާހަކަތައް މެސީގެ ބައްޕަ ޖޯޖް މެސީ ދޮގުކޮށްފިއެވެ.

ދެހާސް އެކާވީސް ވަނަ އަހަރާ ހަމައަށް ބާސާގައި މަޑުކުރުމަށް މެސީގެ ކޮންޓްރެކްޓް އައުކޮށްފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގައެވެ. އަންނަ އަހަރުގެ ޖުލައި މަހުގައި ކޮންޓުރެކްޓް އައުކުރާނެ ކަމަށް ބުނެ މެސީގެ ކޮންޓްރެކްޓް އާކުރުން ލަސްވުމާއެކު މީޑިއާގައި އެކިއެކި ގޮތްގޮތުން ވަނީ ވާހަކަތައް ފެތުރިފައެވެ. ނަމަވެސް ނޮވެމްބަރު މަހު މެސީގެ ކޮންޓްރެކްޓް އައުކުރުމާއެކު ބާސާގެ ރައީސް ޖޯސެފް ބާޓެމެއޫ ބުނެފައިވަނީ މެސީގެ ކޮންޓްރެކްޓް ލަސްވީ އޭނާގެ ރިލީސް ފީ ބޮޑުކުރަން ޖެހުމުން ކަމަށެވެ.

މެސީ އެންމެފަހުން އައުކުރި ކޮންޓުރެކްޓާ ގުޅިގެން ސުޕެއިންގެ ނޫހެއް ކަމަށްވާ އެލް މުންޑޯއިން ރިޕޯޓު ކޮށްފައިވަނީ، ސްޕެއިންއިން ކެތަލޯނިޔާ ވަކިވެ މިނިވަން ގައުމެއްގެ ގޮތުގައި ވެއްޖެނަމަ މެސީއަށް ބާސާ ދޫކޮށްލެވޭ ފަދަ މާއްދާއެއް އޭނާގެ ކޮންޓްރެކްޓުގައި ހިމެނޭ ކަމަށެވެ. އެގޮތުން އެ މާއްދާގެ ސަބަބުން، ޔޫރަޕުގެ އެންމެ ބޮޑެތި ލީގުތައް ކަމަށް ކޮންޓްރެކްޓުގައި ހިމެނިފައިވާ ސްޕެނިޝް ލީގު، އިނގިރޭސި ލީގުގެ އިތުރުން ފްރާންސް އަދި ޖަރުމަން ލީގު ފިޔަވައި އެހެން ލީގެއްގައި ބާސާ ކުޅޭނަމަ މެސީގެ ކޮންޓްރެކްޓް ބާތިލުވާނެ ކަމަށާއި، މެސީއަށް ބާސާ ދޫކޮށްލުމުގެ ފުރުސަތު ލިބެނޭ ކަމަށް މުންޑޯއިން ބުނެފައިވެއެވެ. އެ ލިސްޓުގައި އިޓަލީ ލީގު ހިމެނިފައެއް ނުވެއެވެ.

މިނިވަންކަން ހޯދުމަށް މަސައްކަތްކުރާ ކެތަލޯނިޔާއިން ވަނީ ދާދިފަހުން އާންމުންގެ ހިޔާލު ހޯދުމުގެ ވޯޓެއް ވެސް ނަގައިފައެވެ. އެ ވޯޓުގައި ގިނަ ބަޔަކު ކެތަލޯނިޔާގެ މިނިވަން ކަމަށް ވޯޓުދިން ނަމަވެސް، ސްޕެއިންގެ ސަރުކާރުން ވަނީ އެ ވޯޓު ހުއްޓުވައި އެ ވޯޓަކީ ބާތިލު ވޯޓެއްގެ ގޮތުގައި ކަނޑައަޅައިފައެވެ. ބާސެލޯނާއަކީ ސްޕެއިންގެ ކެތަލޯނިޔާ ނިސްބަތްވާ ކްލަބެކެވެ.

މެސީ އޭނާގެ ބައްޕައާއެކު --- ފޮޓޯ/ ސޮކާމާނިއާ އިންފޯ

މެސީގެ ބައްޕަ ޖޯޖު މެސީ ބުނެފައިވަނީ މެސީގެ ކޮންޓްރެކްޓުގައި ހިމެނިފައިވާ މާއްދާއެއްގެ މާނަ ބައެއް މީޑިއާތަކުން ނުބައިކޮށް މާނަކުރަމުންދާ ކަމަށެވެ. އެގޮތުން ކޮންޓްރެކްޓުގައި ބުނެފައިވަނީ އެންމެ މަތީ ޑިވިޝަންގެ ލީގަކަށް ބާސާ ކުޅޭ ކަމަށްވާ ނަމަ މެސީ ކުޅެން ޖެހޭނީ އެ ކްލަބަށެވެ.

ޖޯޖު މެސީ އިތުރަށް ބުނެފައިވަނީ މެސީ ހުރީ ބާސާގައި ދިގު މުއްދަތަކަށް މަޑުކުރަން އެއްބަސްވެގެން ކަމަށާއި، ކަތަލޯނިޔާއަކީ މިނިވަން ގައުމެއް ކަމުގައިވެ، ބާސާ އެހެން ލީގަކަށް ދިޔަޔަސް މެސީ ބާސާގައި މަޑުކުރާނެ ކަމަށެވެ. އަދި ކޮންޓްރެކްޓް ކޮންމެ ގޮތަކަށް އޮތަސް، ބާސާ ދޫކޮށްލަން މެސީ ބޭނުން ނުވާ ކަމަށްވެސް ޖޯޖު މެސީ ބުނެފައިވެއެވެ.

މެސީގެ ކޮންޓްރެކްޓާ ގުޅިގެން ބާސާގެ ކޯޗު އާނެސްޓޯ ވަލްވާޑޭއާ ވެސް ނޫސްވެރިން ވަނީ ސުވާލުތަކެއް ކުރިމަތި ކުރުވައިފައެވެ. ޖަވާބެއްގެ ގޮތުން ވަލްވާޑޭ ބުނެފައިވަނީ މެސީއާއި ބާސާއާ ދެމެދު ހެދިފައިވާ ކޮންޓްރެކްޓަކީ މެސީގެ އަމިއްލަ ކަމެއް ކަމަށާއި، އޭނާގެ ޒާތީ ކަންތަކަށް ޖާގަ ދިނުމަށް އެދޭ ކަމަށެވެ.

ބާސާގެ އެކަޑެމީއާ މެސީ ގުޅުނީ އުމުރުން 13 އަހަރުގައެވެ. މެސީ ވަނީ އެކި ލެވެލްގައި ބާސެލޯނާއަށް 640 މެޗު ކުޅެދީ 537 ގޯލް ޖަހައިދީފައެވެ. މީގެ އިތުރުން މެސީ ވަނީ ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ފަސް ފަހަރު މަތިން ހޯދައިފައެވެ. ގިނަ ބަޔަކު ދެކޭ ގޮތުގައި މެސީއަކީ މިހާތަނަށް ފުޓުބޯޅަ ދުށް އެންމެ މޮޅު ކުޅުންތެރިޔާއެވެ.

comment ކޮމެންޓް