އަބްދުލް ފައްތާޙުގެ 21 އަހަރުގެ ފިލްމު ކެރިއަރުގައި ޑައިރެކްޓްކޮށް، އުފެއްދި އެންމެ ވަރުގަދަ އެއް ފިލްމު "ހައްދު"ގެ އާ ޝޯތަކުގެ ޓިކެޓް އޮލިމްޕަހުގައި ވިއްކަން ފަށައިފިއެވެ.
"ހައްދު" އާ މިހާރު ހަވާލުވެ ހުރި އަދި ފިލްމުގެ ކެމެރާމަން އިބްރާހީމް ވިޝާން (ކަނޑި) ބުނީ، މެންދުރުފަހު 2:00 އިން ފެށިގެން އިރުއޮއްސި 6:00 އާ ހަމައަށް އޮލިމްޕަހުން ޓިކެޓް ލިބެން ހުންނާނެ ކަމަށާއި ޓިކެޓް 7710088 އަށް ގުޅާލުމުން ބުކް ވެސް ކުރެވޭނެ ކަމަށެވެ.
މިމަހުގެ ފަހަކުން ފެށިގެން އޮލިމްޕަހުން ޓިކެޓް ވިއްކަން ފަށާފައިވާ އިރު ފިލްމުގެ އާ ޝޯތައް އޮލިމްޕަހުގައި އެޅުވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 25 ގައެވެ.
"ޓިކެޓް ވިއްކަން އޮތް ފުރަތަމަ ދުވަހު އޮލިމްޕަހުގެ ޓިކެޓް ކައުންޓަރުން ކަރަންޓްގެ މައްސަލައެއް ޖެހުނީ. ހީވަނީ މިއަދު ނޫނީ މާދަމާއަށް ކަރަންޓްގެ މައްސަލަ އެއްކޮށް ހައްލުވާނެ ކަމަށް. އޭރުން އޮލިމްޕަހުން ޓިކެޓް ލިބޭނެ ރޭގަނޑު 10:00 އާ ހަމައަށް،" އޭނާ ބުންޏެވެ.
"ހައްދު" ފިލްމުގެ ދިހަ ޝޯއެއް އޮލިމްޕަހުގައި ދެއްކުމަށް ހަމަޖެހިފައިވާ އިރު އެ ފިލްމަކީ ފައްތާހުގެ 12 ވަނަ ފީޗަރ ފިލްމެވެ.
ފިލްމުގެ ލީޑް ރޯލުން ފެނިގެން ގޮސްފައިވަނީ މިހާރު ފިލްމީ ދާއިރާގައި އެންމެ ނަން ހިނގާ މަރިޔަމް އައްޒައާއި އައިމިނަތު ރިޝްފާ އަދި ފިލްމީ ދާއިރާއަށް އަލަށް ތައާރަފްވި ބަތަލު އަހުމަދު ޝިބާންއެވެ.
ފިލްމުން ދިވެހީންގެ އާދަކާދައާއި ސަގާފަތް ވަރަށް ފުރިހަމައަށް ދައްކުވައިދީފައިވެއެވެ. ރާއްޖޭގެ ރީތިކަންވެސް އެހާމެ ފުރިހަމައަށް ދައްކުވައިދޭ އެ ފިލްމަކީ "އަ މޫވީ އަބައުޓް ލިމިޓް"ގެ ގޮތުގައި ފެނިގެންދިޔަ ހިތްގައިމު ފިލްމެކެވެ. މުހިންމު އިބްރަތެއް އެ ފިލްމުން ލިބެއެވެ.
މިދިޔަ ސެޕްޓެމްބަރު ހަވަނަ ދުވަހުގެ ރޭ އެޅުވި "ހައްދު" އަކީ މަހުދީ އަހުމަދުގެ ސްކްރީން ޕްލޭއަކަށް ހަދާފައިވާ ލޯބީގެ ފިލްމެކެވެ.