އާޓް ސްޓޫޑިއޯއެއްގެ ތެރޭގައި އަންހެން ކުއްޖަކު ރޭޕްކޮށް އެ އަމަލު ހިންގި ކަމަށް ތުހުމަތުވާ މީހާ މިހާރުން މިހާރަށް ހައްޔަރުކުރުމަށް ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ގޮވާލައްވައިފިއެވެ.
އާޓް ސުޓޫޑިއޯއެއްގައި 19 އަހަރުގެ ޒުވާން އަންހެން ކުއްޖަކު ރޭޕް ކުރި މައްސަލައެއް ފުލުހުންނަށް ވަނީ ހުށަހަޅައިފައެވެ. ފުލުހުން ބުނީ މީހަކު ހައްޔަރުކުރި ކަމެއް ނުވަތަ ނޫން ކަމެއްވެސް ބުނެވެން ނެތް ކަމަށެވެ.
"ހަމައެކަނި ބުނެވެން އޮތީ އެ މައްސަލަ ބަލަމުން އަންނަކަން،" ފުލުހުން ބުންޏެވެ.
ރޭޕްގެ ޝިކާރައަކަށްވި އަންހެން ކުއްޖާ މީޑިއާގައި ބުނެފައި ވަނީ އޭނާ ރޭޕްކުރީ ސިޔާސީ އިސް މީހެއްގެ އާއިލާ ބޭފުޅެއް ކަމަށެވެ.
އެކަމާ ގުޅޭގޮތުން މައުމޫން މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އެމަނިކުފާނު އެ ހަބަރު އެއްސެވީ ކުއްލި ސިހުމަކާއެކު ކަމަށާއި އެކަމުގެ ޒިންމާވާން ޖެހޭ ފަރާތް ވީހާވެސް އަވަހަކަށް ހައްޔަރުކުރުމަށް ގޮވާލާ ކަމަށެވެ.
އަންހެން ކުއްޖާ ރޭޕްކުރި މީހާ ހައްޔަރުކުރުމަށް ޕީޕީއެމް ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަހުމަދު ނިހާން އަދި ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒު ވެސް ވަނީ ގޮވާލައްވައިފައެވެ.