މިސީޒަނުގައި ރެކޯޑު އަގެއްގައި ބާސެލޯނާއާ ގުޅުނު އޮސްމާނޭ ޑެމްބެލޭ، އަނިޔާއަށްފަހު މެޗުތައް ފަށަން އަދި ތައްޔާރު ނޫން ކަމަށް ބާސާގެ ކޯޗު އާނެސްޓޯ ވަލްވާޑޭ ބުނެފި އެވެ.
ކޮޕާ ޑެލްރޭގައި ސެލްޓާ ވިގޯއާ ދެކޮޅަށް ކުޅުނު މެޗުގެ ފަހު 20 މިނެޓުގެ ތެރޭގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ޑެމްބެލޭ ރޭ ފެނިގެންދިޔަ އެވެ. އެއީ 110 ދުވަސްތެރޭ ބާސާ އިން އޭނާ ފެނިގެންދިޔަ ފުރަތަމަ ފަހަރެވެ. އެ މެޗު ނިމިގެންދިޔައީ 1-1 ގެ ނަތީޖާއަކުން ދެ ޓީމު އެއްވަރުވެގެންނެވެ.
ރޭގެ މެޗުގައި އާންމުކޮށް ވިންގަށް ކުޅޭ ޑެމްބެލޭ ފެނިގެންދިޔައީ ބާސާގެ މެދުތެރެއިންނެވެ. އެ މެޗުގައި ބާސާގެ ކޯޗު ވަލްވާޑޭ ވަނީ ބާސާގެ ބައެއް މުހިންމު ކުޅުންތެރިންނަށް ރެސްޓު ދީފަ އެވެ. އޭގެ ތެރޭގައި އުރުގުއާއީ ފޯވަޑް ލުއިސް ސުއަރޭޒް އަދި އާޖެންޓީނާ ތަރި ލިއޮނެލް މެސީ ފާހަގަކޮށްލެވެ އެވެ.
"އަހަރެމެންނަށް އެނގޭ މިއީ ހަތަރު މަސްތެރޭ ޑެމްބެލޭ ކުޅޭ ފުރަތަމަ މެޗުކަން. އެހެންވެގެން މެޗުގައި އަހަރެމެން އޭނާ ބޭނުންކުރީ ސެންޓްރަލް މަގާމެއްގައި. ފުރަތަމަ ޑިވިޝަންގެ ޓީމަކާ ދެކޮޅަށް ކުޅުނު މެޗެއްވީމާ، އޭނާއަށް އުނދަގޫތަކަކާ ކުރިމަތިލާން ޖެހުނު. މެޗުތައް ފަށަން އަދި އޭނާ ތައްޔާރެއް ނޫން،" އުމުރުން 20 އަހަރުގެ ޑެމްބެލޭއާ ގުޅޭގޮތުން ބާސާގެ ކޯޗު ބުންޏެވެ.