އެކުއެޓޯރިއަލް ގިނީއަށް ގެންނަން އުޅުނު ބަޣާވާތެއް ނާކާމިޔާބުކޮށްލައިފި

އެކުއެޓޯރިއަލް ގިނީގެ ރައީސް ޓިއޮޑޯރޯ އޮބިއަންގް ނުއެމާ މަބަސޯގޯގެ ސަރުކާރުން ވައްޓާލަން ބަޔަކު މަސައްކަތް ކުރި އެގައުމުން ބުނޭ -- ފޮޓޯ: ރޮއިޓާސް

މަލާބޯ (ޖެނުއަރީ 4): އެކުއެޓޯރިއަލް ގިނީއަށް މިދިޔަ މަހު ގެންނަން މަސައްކަތް ކުރި ބަޣާވާތެއް ނާކާމިޔާބުކޮށްފައިވާ ކަމަށް އެގައުމުގެ ސަރުކާރުން ބުނެފި އެވެ.

އެކުއެޓޯރިއަލް ގިނީގައި އޮތް ޓިއޮޑޯރޯ އޮބިއަންގް ނުއެމާ މަބަސޯގޯގެ ސަރުކާރުން ބުނި ގޮތުގައި ބަޣާވާތް ގެންނަން މަސައްކަތް ކުރީ ޗޭޑް، ސޫދާން އަދި ސެންޓްރަލް އެފްރިކަން ރިޕަބްލިކަށް ނިސްބަތްވާ ހަތިޔާރު އެޅި ބަޔެކެވެ. އަދި އެމީހުންނަށް ހަރަދު ކުރީ ރައީސް މަބަސޯގޯގެ ސަރުކާރާ އިދިކޮޅު ބައެއް ކަމަށާއި ބޭރު ގައުމަކުން ވެސް އެކަމަށް އެއްބާރުލުން ދީފައިވާ ކަމަށް ގިނީން ބުންޏެވެ. ނަމަވެސް އެއީ ކޮން ބައެއް ކަން އެގައުމުން ހާމަ ނުކުރެ އެވެ.

އެކުއެޓޯރިލް ގިނީގެ ނޫސްތަކުން ބުނާ ގޮތުގައި އެބަޣާވާތް ކުރަން މަސައްކަތް ކުރީ މިދިޔަ މަހުގެ 27 އާއި 28އާ ދޭތެރޭގަ އެވެ.

ކެމެރޫންގެ މީޑިއާއަކުން ބުނި ގޮތުގައި މިދިޔަ މަހުގެ ފަހުކޮޅު އެގައުމުގެ ފުލުހުން ވަނީ އެގައުމާއި އެކުއެޓޯރިއަލް ގިނީއާ ދެމެދު އޮންނަ ބޯޑަރު ކައިރިން ޗޭޑްގެ ހަތިޔާރު އެޅި 30 މީހަކު ހައްޔަރުކޮށްފަ އެވެ. އަދި އޭގެ ފަހުން ރައީސް މަބަސޯގޯ ވަނީ އެބޯޑަރު ބަންދު ކުރަން އަމުރު ކުރައްވާފަ އެވެ.

ރައީސް މަބަސޯގޯ އެކުއެޓޯރިއަލް ގިނީގައި ވެރިކަން ކުރައްވަން ފެއްޓެވީ 1979ގަ އެވެ. އޭނާއަކީ އެފްރިކާގެ ގައުމެއްގައި ވެރިކަން ކުރައްވާތާ އެންމެ ގިނަ ދުވަސްވީ ރައީސެވެ.

އުމުރުން 75 އަހަރުގެ މަބަސޯގޯގެ ވެރިކަމުގައި އެގައުމުގައި ވަނީ ކޮރަޕްޝަނާއި، ފަގީރު ކަމާއި، އިންސާނީ ހައްގުތަކަށް އަރައިގަތުމުގެ މައްސަލަތަށް އިތުރުވެފައި ކަމަށް ހިއުމަން ރައިޓްސް ވޮޗްއިން ބުނެ އެވެ.

އަދި މިދިޔަ އޮކްޓޯބަރު މަހު ފްރާންސުގެ ކޯޓަކުން ވަނީ ރައީސް މަބަސޯގޯގެ ދަރިކަލުންގެ މައްޗަށް ސަރުކާރުން ވައްކަން ކުރުމާއި މަނީ ލޯންޑާ ކުރުމުގެ ކުށް ސާބިތުކޮށްފަ އެވެ. އޭގެ ސަބަބުން އޭނާގެ މައްޗަށް ތިން އަހަރުގެ ޖަލު ހުކުމެއް ކުރި ނަމަވެސް އެހުކުމް ވަނީ ބާތިލުކޮށް، 35 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފަ އެވެ. (އަލްޖަޒީރާ)

comment ކޮމެންޓް