މަކުނު ވިދުރި ޖެހިގެން ހަފުތާއެއް ތެރޭގައި 107 މަރު، ޑަބްލިޔުއެޗްއޯގެ ޚާއްސަ ޕްލޭނެއް

މަކުނު ވިދުރި ޖެހިފައިވާ ކުއްޖެއްގެ ގަޔަން ވެކްސިން ޖަހަނީ. ފޮޓޯ/އޭޕީ

މަކުނު ވިދުރި ޖެހިގެން އެފްރިކާގެ ގައުމުތަކުން ހަފުތާއެއްގެ ތެރޭގައި 107 މީހުން މަރުވެފައިވާ ކަމަށް އެފްރިކާ ސެންޓާ ފޯ ޑިސީޒް ކޮންޓްރޯލް އެންޑް ޕްރިވެންޝަން (ސީޑީސީ) އިން ހާމަކޮށްފިއެވެ.

ސީޑީސީގެ ޑިރެކްޓަރު ޖެނެރަލް ޑރ.ޖީން ކަސޭޔާ ވިދާޅުވީ ވޭތުވެދިޔަ ހަފުތާގައި 107 މީހުން މަރުވެ 3،160 މީހުން އެ ބައްޔަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ.

"އެއް ހަފުތާގެ ތެރޭގައި 107 މީހުން ގެއްލުނީ. އެއީ މާ ބޮޑު އަދަދެއް. އެއީ ބަލައިގަނެވޭނެ ކަމެއް ނޫން." ކަސޭޔާ ވިދާޅުވިއެވެ.

ކަސޭޔާ ވިދާޅުވީ ބަލި ކޮންޓްރޯލު ކުރުމަށް އެހީތެރިވުމަށް ބައްޔަށް ޓެސްޓު ކުރުން އިތުރުކުރުމާއި އިތުރު ވަސީލަތްތައް ބޭނުންވާ ކަމަށެވެ. އަދި އެފްރިކާ ބައްރުގައި އެކަށީގެންވާ ވަރަށް ބައްޔަށް ޓެސްޓް ނުކުރެވޭ ކަމަށާއި، އެ ހާލަތުގައި ހަމައެކަނި ކަށަވަރު ކޭސްތަކަށް ބަރޯސާ ނުވެވޭނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މަކުނު ވިދުރި ޖެހޭ މީހުންގެ އަދަދު ހަލުވިކަމާއެކު އިތުރުވަމުން އަންނަ ކަމަށް ޑަބްލިއުއެޗްއޯގެ ޑިރެކްޓަރު ޖެނެރަލް ޓެޑްރޯސް އަދަނޮމް ގެބްރެއިސަސް މިދިޔަ މަހު ވިދާޅުވެފައިވީ ނަމަވެސް އެ ބަލި ޖެހިގެން މަރުވާ މީހުންގެ އަދަދު ނިސްބަތުން އޭރު މަދެވެ. ބަލީގައި މަރުވާ މީހުންގެ އަދަދު އިތުރުވެފައި ވަނީ ބަލި ފެތުރޭތީ އެފްރިކާގެ 12 ގައުމެއްގައި ކުއްލި ނުރައްކަލުގެ ހާލަތު ޑަބްލިޔުއެޗްއޯއިން އިއުލާނުކުރިތާ މަހެއްހާ ދުވަސް ފަހުންނެވެ.

މަރުވާ މީހުންގެ އަދަދު އިތުރުވުމާ ގުޅިގެން ޑަބްލިޔުއެޗްއޯއާއި ސީޑީސީން ވަނީ ހަ މަސް ދުވަހުގެ ޙާއްސަ ރެސްޕޯންސް ޕްލޭނެއް އެކުލަވައިލައިފައެވެ. އެ ޕްލޭނަށް ލަފާކުރެވޭ ބަޖެޓަކީ ގާތްގަނޑަކަށް 600 މިލިއަން ޑޮލަރެވެ.

އެފްރިކަން ޔޫނިއަންގެ ބައެއް މެމްބަރު ގައުމުތަކުން މިހާރު ވެސް ވަނީ ރެސްޕޮންސް ޕްލޭން ބަޖެޓަށް އެހީ ފޯރުކޮށްދީފައެވެ.

ބަލި ކޮންޓްރޯލު ކުރުމަށް އެފްރިކާގައި ވެކްސިން ދިނުމުގެ މަސައްކަތްވެސް މިހާރު އަންނަނީ ކުރަމުންނެވެ. އެ ބަލި އެންމެ ބޮޑަށް ފެތުރޭ އެއް ގައުމު ކަމަށްވާ ކޮންގޯއަށް 250،000 އެއްހާ ޑޯޒް ފޯރުކޮށްދީފައިވީ ނަމަވެސް މިއީ ބޭނުންވާ ވަރަށްވުރެ މަދު އަދަދެއް ކަމަށް ޑަބްލިޔުއެޗްއޯއިން ބުނެއެވެ. ކަމާބެހޭ ފަރާތްތަކުން ލަފާކޮށްފައިވާ ގޮތުން ކޮންގޯއަށް ތިން މިލިއަން ޑޯޒް ވެކްސިން ބޭނުންވެއެވެ.

ވިލާތުގެ އިއްތިހާދުގެ ގައުމުތަކުން 500،000 އަށް ވުރެ ގިނަ ޑޯޒް ހަދިޔާ ކުރާނެ ކަމަށް ބުނެފައިވީ ނަމަވެސް އެ ޑޯޒްތައް ލިބޭނެ ދުވަހެއް އަދި ސާފެއް ނޫނެވެ.

މަކުނު ވިދުރީގެ 5731 ކޭސް އެފްރިކާ ސީޑީސީން މިހާތަނަށް ކަށަވަރުކޮށްފައިވާއިރު، މި އަހަރުގެ މިހާތަނަށް 724 މީހުން އެ ބަލި ޖެހިގެން މަރުވެފައިވާ ކަމަށް ރެކޯޑުކޮށްފައިވެއެވެ.

މަކުނު ވިދުރީގެ ވައިރަސް އިންސާނުންނަށް ވާސިލު ވަނީ ބަލި ޖެހިފައިވާ ޖަނަވާރެއްގެ ފަރާތުންނެވެ. އިންސާނެއްގެ ހަށިގަނޑަށް މި ވައިރަސް ވަދެއްޖެނަމަ އެ ވައިރަސް ހުންނަ މީހެއްގެ ފަރާތުން އެހެން މީހުންނަށް ވެސް މި ވައިރަސް އަރައެވެ.

comment ކޮމެންޓް