ގަވާއިދާ އެއްގޮތަށް ރުއްގަހުގެ ވިޔަފާރި ކުރުމަށް އެންވާރަމެންޓް މިނިސްޓްރީން އިލްތިމާސްކޮށްފި

ރަށެއްގެ ގޮނޑުދޮށުގައި ހުރި ރުއް ތަކެއް --- ސަން ފައިލް ފޮޓޯ

ގަވާއިދާ އެއްގޮތަށް ރުއްގަހުގެ ވިޔަފާރިކުރުމަށް އެންވާރަމެންޓް މިނިސްޓްރީން އިލްތިމާސްކޮށްފިއެވެ.

އެ މިނިސްޓްރީން ނެރުނު ނޫސް ބަޔާނެއްގައި ބުނެފައި ވަނީ މިހާރަކަށް އައިސް ރުއްގަސް ކެނޑުމާއި ރުއްގަސް ކަނޑައިގެން އެއްރަށުން އަނެއް ރަށަށް ގެންދިއުން ވަރަށް ބޮޑަށް އާންމުވެފައިވާ ކަމަށާއި ގަވާއިދާއެއްގޮތަށް އެކަންކުރުމަށް އިލްތިމާސްކުރާ ކަމަށެވެ.

އެމިނިސްޓްރިން ބުނީ މިގޮތަށް އެއްރަށުން އަނެއްރަށަށް ގަސްގަހާއިގެހި ގެންދިއުމަކީ އިއާދަ ނުކުރެވޭފަދަ ގެއްލުންތައް ތިމާވެއްޓަށް ލިބޭނެ ކަންކަންް ކަމަށެވެ. ރަށްރަށުގެ ފެހިކަން ދެމެހެއްޓުމަކީ އެރަށެއްގެ ރައްޔިތުންގެ ޒިންމާއެއް ކަމަށާއި މާލީ ގޮތުން ލިބޭ ފައިދާ އަކަށް ރަށުގައި ހުންނަ ރުއްގަސް ކަނޑައިގެން އެހެން ރަށްރަށަށް ވިއްކައި، ހޭޅިފަށުގައި ހުންނަ މަގޫގަސްތައް އުފުރައިގެން ވިއްކުމަކީ މުސްތަގުބަލުގައި އޭގެ އަސަރު ކުރާނެ ކަމެއް ކަމަށްވެސް އެ ބަޔާނުގައި ވެއެވެ.

އެފަދަ އަމަލުތަކުގެ ސަބަބުން ރަށް ގިރުމާއި ވިއްސާރަ މޫސުމުގައި ފެން ބޮޑުވުން ފަދަ ކަންތައް ދިމާވާނެ ކަމަށް މިނިސްޓްރީގެ ބަޔާނުގައި ވެއެވެ. އެ ބަޔާނުގައި ބުނެފައި ވަނީ އެއްރަށުން އަނެއް ރަށަށް ގެންދެވޭ ގަސްތަކުގެ ސަބަބުން ބަލިފެތުރުން ފަދަ ކަންތައްވެސް ދިމާވެދާނެ ކަމަށެވެ.

"ގަސްގަހާގެހި އެއްރަށުން އަނެއް ރަށަށް ގެންދިއުމާއި މިފަދަ ގަސް ވިއްކުމުގެ ވިިޔަފާރިއަށް މަގުފަހި ކުރުމުގެ ގޮތުން ގަވައިދާ އެއްގޮތަށް ނާސަރީ ހަދައިގެން މިކަން ކުރުމަށް އިލްތިމާސް ކުރަމެވެ." އެންވަޔަރަމެންޓް މިނިސްޓްރީގެ ބަޔާނުގައި ބުނެފައިވެއެވެ.

އެ ބަޔާނުގައި ބުނީ ގަވައިދާ ހިލާފަށް އެއްރަށުން އަނެއްރަށަށް ރުއްގަސް ގެންގޮސް އޭގެ ވިޔަފާރި ކުރާނަމަ ފިޔަވަޅު އަޅާނެ ކަމަށެވެ.

comment ކޮމެންޓް