ރާއްޖޭގައި މިހުންނެވީ އިނގިރޭސިވިލާތުގެ ރާނީއަށް ވުރެ އޯގާތެރި ރާނީއެއް ކަމަށް ވިދާޅުވެ، ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ އަނބިކަނބަލުން ފާތިމަތު އިބްރާހިމް ދަރުމައަށް ކުރައްވަމުން ގެންދަވާ މަސައްކަތަށް އެމްޑީއޭގެ ލީޑަރު އަހްމަދު ސިޔާމް މުހައްމަދު ވަރަށް ބޮޑަށް ތައުރީފް ކުރައްވައިފި އެވެ.
މެޑަމް ފާތިމަތުންގެ އަމިއްލަފުޅު ފައުންޑޭޝަން ސަދަގާތު ފައުންޑޭޝަންގެ ހިތާނީ ފެސްޓިވަލް ނިންމުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައި ސިޔާމް ވިދާޅުވީ އެކަމަނާ އަކީ ދިވެހިން ފަޚުރުވެރިވާ "ރާނީ"އެއް ކަމަށާއި އެކަމަނާއަކީ އިނގިރޭސި ރާނީއަށް ވުރެ އޯގާތެރި "ރާނީއެއް" ކަމަށެވެ.
"އޯގާތެރިކަމާއި ލޯބި އެއީ ކޯންއެއްޗެއްކަން ދަސްކޮށްދެއްވީ މި އިންނެވި ރާނީ. އަޅުގަނޑުމެން ރާއްޖޭގައި މިހުރީ އިނގިރޭސިވިލާތުގެ ރާނީއަށް ވުރެ މާ އޯގާތެރި ރާނީއެއް. މާ މުހިންމު، މާގިނަ މަސައްކަތްތައް ކޮށްދެއްވާ ރާނީއެއް،" ސިޔާމް ވިދާޅުވި އެވެ.
ސަދަގާތު ފައުންޑޭޝަނުން ބޭއްވި ހިތާނީ ފެސްޓިވަލް ނިންމުމުގެ ރަސްމިއްޔާތުގައި ސިޔާމް ވާހަކަފުޅު ދައްކަވަނީ --- ސަން ފޮޓޯ: މުހައްމަދު އަފްރާހު
ސިޔާމް ވިދާޅުވީ މެޑަމް ފާތުން ކޮށްދެއްވާ ޚިދުމަތަކީ މީގެ ކުރިން ދިވެހިން ދުވަހަކު ވެސް ދެކެފައިނުވާ ޚިދުމަތްތަކެއް ކަމަށާއި އެކަމަނާ އަށް ޝުކުރު ހައްގުކަމަށެވެ. އަދި މެޑަމް ފާތުން އިސްނަންގަވައިގެން ނުކުޅެދޭ މީހުންނަށް އެހީތެރިވުމަށް ކުރިއަށް ގެންދަވާ މަސައްކަތަށް އަޅިއަޅުވާލައްވައި ވެސް ސިޔާމް ވާހަކަފުޅުދެއްކެވި އެވެ.
އަންހެނުންގެ ހައްގުތައް ހިމާޔަތްކުރުމަށް މެޑަމް ފާތުން ކުރައްވަމުން ގެންދަވާ މަސައްކަތަށް އަލިއަޅުއްވާލައްވައި ސިޔާމް ވިދާޅުވީ އަންހެނުންގެ ހައްގުތައް ހޯއްދަވައިދެއްވުމަށާއި އަންހެނުން ބާރުވެރި ކުރުވުމަށް މަސައްކަތް ކުރެއްވީ މެޑަމް ފާތުން ކަމަށެވެ.
ސަދަގާތު ފައުންޑޭޝަނުން ބޭއްވި ހިތާނީ ފެސްޓިވަލް ނިންމުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެން ހިތަނު ކުރި ކުއްޖަކަށް ސިޔާމް ހަދިޔާ ދެއްވަނީ --- ސަން ފޮޓޯ: މުހައްމަދު އަފްރާހު
ހިތާނީ ފެސްޓިވަލަށް އަލިއަޅުއްވާލައްވަމުން ސިޔާމް ވިދާޅުވީ އެއީ މެޑަމް ފާތުން ރައްޔިތުންނަށްޓަކައި ކުރައްވަމުން ގެންދާވާ މުހިންމު މަސައްކަތްތަކުގެ ތެރެއިން ބޮޅެއް ކަމަށެވެ. އަދި އެކަމަނާގެ އެ މަސައްކަތުން ރައްޔިތުންގެ މެދުގައި އެއްބައިވަންތަކަން އާލާ ވަމުންދާ ކަމަށް ވެސް ސިޔާމް ވިދާޅުވި އެވެ.
ސަދަގާތު ފައުންޑޭޝަނުން ބޭއްވި ހިތާނީ ފެސްޓިވަލް ނިންމުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެން ސިޔާމް ވަނީ ހިތާނުކުރި ކުދިންނާ ބައްދަލުކުރައްވާފައި --- ސަން ފޮޓޯ: މުހައްމަދު އަފްރާހު
ޖުމުލަ 500 އަށް ވުރެ ގިނަ ކުދިން ހިތާނު ކުރި ޚާއްސަ ހިތާނީ ފެސްޓިވަލްގެ ނިންމުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެން ސިޔާމް ވަނީ އެ ފެސްޓިވަލްގައި ބައިވެރިވި ކޮންމެ ކުއްޖަކަށް ވެސް ހަދިޔާއެއް ދެއްވާފަ އެވެ.
ގިނަ ދުވަސް ތަކަކަށް ދެމިގެންދިޔަ ހިތާނީ ފެސްޓިވަލަށް ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ވެސް ވަނީ ޒިޔާރަތް ކުރައްވާފަ އެވެ. އެ ޒިޔާރަތުގައި އެމަނިކުފާނު ވަނީ ފެސްޓިވަލްގެ ކޮންމެ ބައިވެރިއަކަށް ޓެބްލެޓެއް ދެއްވާފަ އެވެ.