އިދިކޮޅު އިއްތިހާދުން ކުރިއަށްގެންދާ މަޝްވަރާގެ ޗެއާމަނަކަށް އިބޫ

އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހު --- ސަން ފޮޓޯ/ ފަޔާޒު މޫސާ

މި އަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަކުރާނެ ކެނޑިޑޭޓެއް ހޯދުމަށް އިދިކޮޅު ޕާޓީތަކުން ކުރަމުންދާ މަޝްވަރާއަށް އެކުލަވާލާފައިވާ ކޮމިޓީގެ ޗެއާމަނަކަށް ރައްޔިތުންގެ މަޖިލީހުގެ ހިންނަވަރު ދާއިރާގެ މެމްބަރު އިބްރާހީމް މުހައްމަދު ސޯލިހު (އިބޫ) އަދި ނައިބު ޗެއާމަނަކަށް ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒު ހަމަޖައްސައިފިއެވެ.

އިދިކޮޅު ޕާޓީތައް ގުޅިގެން އެއް ކެނޑިޑޭޓަކު ނެރުމުގެ ވިސްނުން އިދިކޮޅު ލީޑަރުން ފާޅުކޮށްފައިވީ ނަމަވެސް އެކަމުގެ މަޝްވަރާ އޮތީ ނުފެށިއެވެ. އެ މަޝްވަރާތަކަށް މަންދޫބުން ހަމަޖައްސައި މަޝްވަރާތައް ފަށަން ނިންމާފައިވަނީ މިދިޔަ ޑިސެމްބަރު މަހުގެ 31 ވަނަ ދުވަހުއެވެ.

އެ މަޝްވަރާތަކަށް އެމްޑީޕީން ހަމަޖައްސާފައިވާ ދެ މަންދޫބުންނަކީ އެ ޕާޓީގެ ޗެއާޕާސަން ހަސަން ލަތީފާއި އެމްޑީޕީގެ ޕީޖީ ގުރޫޕް ލީޑަރު (އިބޫ) އެވެ.

ޖުމުހޫރީ ޕާޓީގެ ފަރާތުން އެ މަޝްވަރާތަކުގައި ބައިވެރިވާނެ ކަމަށް ބުނެފައިވަނީ އެ ޕާޓީގެ ޑެޕިއުޓީ ލީޑަރު އަދި ކިނބިދޫ ދާއިރާގެ މެމްބަރު ރިޔާޒާއި ޑރ. ހުސެއިން ރަޝީދު ހަސަނެވެ.

އަދާލަތު ޕާޓީގެ ފަރާތުން މަޝްވަރާތަކުގައި ބައިވެރިވާނެ ކަމަށް ބުނެފައިވަނީ ޚާރިޖީ ގުޅުންތަކާ ބެހޭ ކޮމެޓީގެ މުގައްރިރު އަދި ޖެންޑާ މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު ޝިދާތާ ޝަރީފާއި ސެކްރެޓަރީ ޖެނެރަލް އަހުމަދު ޝަރީފެވެ.

ރައީސް މައުމޫން ތަމްސީލުކުރައްވާނެ ދެ މަންދޫބުންނަކީ ޔުމްނާ މައުމޫނާއި އައިމިނަތު ނާދިރާއެވެ.

comment ކޮމެންޓް