ބާސެލޯނާއަށް ރެކޯޑުފީ އަކަށް ބަދަލުވި ޒުވާން ހުނަރުވެރި ފޯވާޑު ވިންގާ އޮސްމާން ޑެމްބެލޭ އަނިޔާއަށްފަހު އެނބުރި ބާސާގެ ފަރިތަކުރުންތަކުގައި ބައިވެރިވާން ފަށައިފިއެވެ.
މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ގެތާފޭ އަތުން 1-2 އިން މޮޅުވި މެޗުގައި އުމުރުން 20 އަހަރުގެ ޑެމްބެލޭގެ ފަލަމަސްގަނޑަށް ސީރިއަސް އަނިޔާއެއްވެ، ހަތަރު މަހަށް ދަނޑުމަތިން ނުފެންނާނެ ކަމަށް ބާސާއިން ވަނީ ޔަގީން ކޮށްދީފައެވެ.
ޑެމްބެލޭ އެނބުރި ފަރިތަކުރުންތަކުގައި ބައިވެރިވާން ފެށީ މިދިޔަ މަހުގެ 30 ވަނަ ދުވަހުއެވެ. ބާސާގެ މެޑިކަލް ސްޓާފުން ވަނީ މާދަމާރޭ ސްޕެނިޝް ކަޕްގައި ބާސާ ކުޅޭ މެޗުގައި ޑެމްބެލޭއަށް ކުޅެވޭނެ ކަމަށް ބުނެފައެވެ.
ޑެމްބެލޭގެ އިތުރުން ލިއޮނަލް މެސީ އާއި ލުއިސް ސުއަރޭޒް އާއި ހަވިއަ މެޝަރާނޯ ވެސް ވަނީ މެދުކެނޑުމަކަށްފަހު ފަރިތަކުރުންތަކުގައި ބައިވެރިވާ ފަށާފައެވެ.
ޑޯޓްމަންޑުން 105 މިލިއަން ޔޫރޯ އަށް ބާސާ އަށް ބަދަލުވި ޑެމްބެލޭ ބާސާގެ ޖޯޒީގައި އެންމެ ފުރަތަމަ ފެނިގެން ދިޔައީ ސްޕެނިޝް ލީގުގައި އެސްޕަނިޔޯލް އާ ދެކޮޅަސް ކުޅުނު މެޗުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައެވެ. އޭގެ ފަހުން އޭނާ ވަނީ ޗެމްޕިއަންސް ލީގުގައި ޔުވެންޓަސް އާ ދެކޮޅަށް ކުޅުނު މެޗުގެ ފުރަތަމަ އެގާރައިގައި ހިމެނިފައެވެ.