ރާއްޖޭގައި ވިޔަފާރި މުއާމަލާތްތަކާއި ފައިސާ ދެއްކުމުގެ ނިޒާމުތަކުގައި ފައިސާ ބޭނުންކުރާ ގޮތާ ބެހޭގޮތުން ދިރާސާއެއް ކުރުމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން ނިންމައިފިއެވެ.
މަރުކަޒީ ބޭންކުން ބުނީ، އެ ދިރާސާގެ ފުރަތަމަ ބައި، އަންނަ ހޮނިހިރު ދުވަހުން ފެށިގެން މި މަހުގެ 11 ވަނަ ދުވަހުގެ ނިޔަލަށް ކުރިޔަށް ދާނެ ކަމަށެވެ.
ރާއްޖޭގެ ޕޭމެންޓް ސިސްޓަމް، ނުވަތަ ފައިސާ ދެއްކުމުގެ ނިޒާމާ ބެހޭގޮތުން ކުރާ އެ ދިރާސާގެ މަގުސަދަކީ އެކި މުއާމަލާތްތަކުގައި ފައިސާ ދެއްކުމުގައި ދިމާވާ ދަތިތަކާއި މައްސަލަތައް ދެނެގަތުމާއި، ނަގުދު ފައިސާ ބޭނުންކުރުން މަދުކޮށް ވީހާވެސް ފަސޭހަ ނިޒާމަކުން ފައިސާ ދެއްކޭނެ އިންތިޒާމެއް ހަމަޖެއްސުމެވެ.
އެމްއެމްއޭއިން ބުނީ، އެ ސާރވޭގައި މައުލޫމާތު ނަގާނީ ފަތުރުވެރިކަމާއި، މަސްވެރިކަމާއި، އިމާރާތްކުރުމާއި، ވިޔަފާރިއާއި މާލީ ޚިދުމަތުގެ އިތުރުން މުއާސަލާތީ ޚިދުމަތާއި ދަތުރުފަތުރު ފަދަ ޚިދުމަތްތަކުން ކަމަށެވެ. އަދި ދިރާސާގައި މައުލޫމާތު އެއްކުރުން ފުރަތަމަ ކުރިޔަށްދާނީ މާލެ، ވިލިމާލެ އަދި ހުޅުމާލޭގައި ކަމަށްވެސް އެމްއެމްއޭއިން ބުންޏެވެ.
އެގޮތުން، ދިރާސާ ކުރިޔަށްދާ މުއްދަތުގައި ކޮންމެ ދުވަހަކުވެސް ހެނދުނު 9:00 އިން ފެށިގެން ހަވީރު 6:00 ގެ ނިޔަލަށް އެމްއެމްއޭގެ ޓީމުތައް މައުލޫމާތު ހޯދުމުގައި ހަރަކާތްތެރިވާން ކަމަށް އެ އޮތޯރިޓީން ބުނެއެވެ.