މައުމޫނު ބޭނުންފުޅު ވަނީ އަމިއްލައަށް މެންބަރުން ލައިގެން މަޖިލިސް ހިންގަން: މޫސަ

ރީކޯ މޫސަ ސަންޓީވީގެ 'ސިޔާސީ ވެށި' ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަނީ --- ސަން ފައިލް ފޮޓޯ/ މުހައްމަދު އަފްރާހް

ރައީސް މައުމޫނު ބޭނުންފުޅުވަނީ އެމަނިކުފާނުގެ ވެރިކަމުގެ ދުވަސްވަރު ރައްޔިތުންގެ މަޖިލިސް ހިންގި ގޮތަށް އަމިއްލައަށް މެންބަރުން މަޖިލީހަށް ލައިގެން މަސައްކަތްކުރައްވަން ކަމަށާއި މިހާރު އެއީ ނުވާނެ ކަމެއްކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް ރީކޯ މޫސާ މަނިކު ވިދާޅުވެއްޖެއެވެ.

ޕީއެސްއެމްގެ "އުއްމީދާއި ކުރިއެރުން" ޕްރޮގްރާމްގައި ރޭ ވާހަކަފުޅުދައްކަވަމުން މޫސަ ވިދާޅުވީ މައުމޫނު ބޭނުންފުޅުވަނީ އަމިއްލަފުޅުއަށް މެންބަރުން އެތާ ބައިތިއްބައިގެން އެމަނިކުފާނު ބޭނުންފުޅުވާގޮތަށް "30 އަހަރު މަސައްކަތް ކުރި ގޮތަށް އެކަން ކުރަން" ކަމަށެވެ.

މޫސަ ވިދާޅުވީ ރާއްޖޭގެ ގާނޫނު ހަދާ މަޖިލީހަކީ މިނިވަންތަނެއް ކަމަށާއި އެތަނުގައި އިދިކޮޅު ފަރާތްތަކާ އެއްކޮޅު މެންބަރުން މަސައްކަތް ކުރާ ކަމަށެވެ. އަދި މައުމޫނުގެ ވެރިކަމުގައި އިދިކޮޅު ފިކުރު މީހުންނަށް ބަހެއް ބުނުމުގެ ފުރުސަތު ނުދީ މަޖިލިސް ހިންގިނަމަވެސް މިހާރު އެކަން އެގޮތަށް ނުދާނެ ކަމަށް މޫސަ ވިދާޅުވިއެވެ.

މޫސަ މިމޭރުމުން ވަހަކަފުޅުދައްކަވާފައިމިވަނީ މި ފެށުނު އާ އަހަރުގެ މުނާސަބަތުގައި ކުރީގެ ރައީސް މައުމޫނު ދެއްވި ޚިތާބުގައި "އާ އަހަރުގެ އަމާޒަކީ މަޖިލިސް މިނިވަންކުރުން" ކަމަށް ވިދާޅުވެފައިވާތީ އެކަމަށް ރައްދު ދެއްވުމުގެ ގޮތުންނެވެ. މައުމޫންގެ ހިތާބުގައި އެމަނިކުފާނު ވިދާޅުވެފައިވަނީ 2018 ވަނަ އަހަރު އެންމެ އިސްކަން ދެއްވާނީ ރައްޔިތުންގެ މަޖިލިސް މިނިވަންކޮށް މަޖިލީހަށް އިންތިޚާބުވެފައިވާ އެންމެހައި އިއްޒަތްތެރި މެންބަރުންގެ މެންބަރުކަން ކަށަވަރުކޮށްދީ، އެބޭފުޅުންގެ ގޮނޑިކޮޅުތައް ހިިމާޔަތްކުރުމަށް ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމާއެކު މަސައްކަތް ކުރެއްވުމަށް މޫސަ ވަނީ މައުނޫނަށް ގޮވާލައްވައިފައެވެ. މޫސަ ވިދާޅުވީ "އެއްބަފާ ދެބެއިންނަކީ ދުރުވާނެ ބައެއް ނޫން" ކަމަށާއި ރީއްޗަށް ވާހަކަ ދައްކައިގެން ރައީސް ޔާމީނާއެކު ރައީސް މައުމޫނަށް އަދިވެސް މަސައްކަތް ކުރެއްވޭނެ ކަމަށެވެ.

comment ކޮމެންޓް